ޖަރުމަނުގައި ފަރުތައް ހިމާޔަތް ކުރުމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި
މާލެ އަތޮޅުގެ ފަޅުތައް ހިއްކުމަށް ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ތިމާވެށީގެ ތަޖުރިބާކާރުންނާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. ރަސްމާލެ އާއި ގިރާވަރުފަޅު ހިއްކުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާތީ ފަރުތަކަށް ކިސަޑު ފެތުރި، މަޝްހޫރު ޑައިވް ސައިޓްތަކަށާއި އެންވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވޭ.

ގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ 2 ޑްރެޖަރާއެކު ކުރިޔަށް ދާ މަންޒަރު. | އެކްސް
ޖަރުމަނު ވިލާތައް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ފަރުތައް ހިމާޔަތް ކުރުމުގެ މުހިންމު ކަމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި އެވެ.
ހުކުރު ދުވަހު ހަވީރު ރައީސް މުހައްމަދު މުއިއްޒު ވަނީ ދެ ޑްރެޖަރު ބޭނުން ކޮށްގެން ގިރާވަރުފަޅު ބިންހިއްކާ ކަމަށް ވިދާޅުވެ ޑްރެޖަރުތައް ބޭނުން ކޮށްގެން ބިން ހިއްކާ މަންޒަރު ފެންނަ ފޮޓޯ ތައް ޕޯސްޓް ކުރައްވާފަ އެވެ.
މުއިއްޒުގެ މި ޕޯސްޓަށް ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
އެކްސް ގައި ކޮމެންޓް ކުރި ފަރާތަކުން ބުނީ "2 ޑްރެޖަރާއެކު ހިއްކާއިރު މުޅި މާލެ އަތޮޅުތެރޭގެ ފަރުތަށް ތި ފުނޑާލަނީ" ކަމަށާއި "ތަންތަނަށް ގޮސް ތިމާވެއްޓޭ ކިޔައިގެން މޮޅުވާހަކަ ދައްކާފަ ކަންކުރަނީ ދިމާ އިދިކޮޅަށް" ކަމުގަ އެވެ.
ޖަރުމަނު ވިލާތައް ހުސްވި ހަފްތާގައި ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އެތަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ފަރުތަކާއި، ކަނޑޫފާތަކާއި ގުދުރަތީ އެހެނިހެން ވަސީލަތްތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމުގައި ސިފަކުރެއްވިއެވެ. މީގެ އިތުރުން، މޫސުމީ ކަންކަމަށް އަހުލުވެރިވުމުގެ މަސައްކަތްތަކާއި ޤައުމީ ތަރައްގީއަކީ އެކުއެކީގައި ކުރިއަށްދާންޖެހޭ ދެ ކަންތައްކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.
އަނެއްކޮޅުން މުޅި މާލެ އަތޮޅަށް ކިސަޑު ފަތުރަމުން ރަސްމާލެ ސައިޓް އޭގެ 84 އިންސައްތަ ބިން ހިއްކާ ނިމިއްޖެ ކަމަށް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ވަނީ ހާމަކޮށްފަ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކޮށްފައިވާ ގޮތުގައި، ރަސްމާލެ ސައިޓް އޭ އިން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ބިމުގެ ތެރެއިން މިހާތަނަށް ޖުމްލަ 116 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފަ އެވެ. މިއީ އެ ސަރަހައްދުން ހިއްކުމަށް ކަނޑައަޅާފައިވާ ބިމުގެ 84 އިންސައްތަ އެވެ. މި ސަރަހައްދު ހިއްކުމަށް ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުގެ ގޮތުގައި ބެލޭ މި ބޯޓު ފުށި ދިއްގަރު ފަޅު ހިއްކަމުން ގެންދަނީ ތިމާވެށީގެ ގޮތުން އަޅަން ޖެހޭ ރައްކައުތެރިކަމުގެ އެއްވެސް ފިޔަވަޅެއް އަޅައިގެން ނޫންކަން ޑައިވް ކުރާ ފަރާތްތަކުންނާއި، ތިމާވެށީގެ ތަޖުރިބާކާރުންގެ އިތުރުން މަސްވެރިން ވެސް ގެންދަނީ ބުނަމުންނެވެ.
ރަސްމާލެ ސައިޓް އޭ ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ޔަން ޑަ ނޫލް ކުންފުނީގެ "ޓްރެއިލާ ސަކްޝަން ހޮޕަރް ޑްރެޖަރ" (ޓީ.އެސް.އެޗް.ޑީ) ކްރިސްޓޯބަލް ކޮލޯން ބޭނުންކޮށްގެންނެވެ.
"މޯލްޑިވްސް އިކޯ ސިޓީ" ގެ ނަމުން ވެސް ނަންދެވިފައިވާ ރަސްމާލެ އަކީ، މާލެއާ މާ ދުރުނޫން ހިސާބެއްގައި އޮތް ފުށިދިއްގަރު ފަޅުގައި ހިންގާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއެކެވެ. އިކޯ ސިޓީގެ ނަން ދެވިފައި އޮތް ނަމަވެސް ތިމާވެއްޓަށް އެއްވެސް ބެލުމެއް ނެތި ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ފަތުތަކަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން ކަންބޮޑުވާ ފަރާތްތަކުން މިއީ ތިމާވެށީގެ ޖަރީމާ އެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފަ އެވެ.
ސަރުކާރުން މި މަޝްރޫއު ހިންގަމުން ގެންދާއިރު، ތިމާވެށީގެ މައްސަލަ ތަކުގެ އިތުރުން މަޝްރޫއުގެ އަގާ ބެހޭ ގޮތުން ވެސް އެއްޗެއް ހާމަ ކޮށްފަ އެއް ނުވެ އެވެ.
އަޑި ނޭނގޭ މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން ލިބޭ ބިމުގެ ބޮޑުމިނަށްވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު، 1,150 ހެކްޓަރުގެ ބިން ހިއްކައިގެން ހިންގާ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ 65,000 ހައުސިންގް ޔުނިޓް ގާއިމުކޮށް، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ސަރުކާރުން ބުނެ އެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ބުނެފައިވާ ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއު އެވެ.
ބިން ހިއްކުން ކުރިއަށް ގެންދަނީ އަތޮޅު ތެރޭގެ ސަރަހައްދު ތަކުން ވެލި ނަގައި، ހޮޅިތައް މެދުވެރިކޮށް ފަޅުތަކުގެ ތެރެއަށް އަޅައިގެން ބިން އުފައްދައިގެންނެވެ. މި ގޮތަށް ވެލި އަޅަމުން ގެންދާއިރު އުފެދޭ ކިސަޑު މަތަ ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާ ތަން ފެންނަން ނުހުންނަކަން ގިނަ ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން ހިއްކާ ސަރަހަދުގެ މާ ބޭރުން ފަރުތަކުގެ މައްޗަށް ކިސަޑުތައް ފެތުރި ފަރުތަކަށާއި ކަނޑުގެ ނާޒުކު ދިރުންތަކަށް ލިބޭ ގެއްލުންތަކާ މެދުގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މީސް މީޑިއާ ގައި އަދި އޮންލައިން ނޫސްތަކުގައި މިކަމުގެ ކަންބޮޑުވުމާ ބެހޭ ގޮތުން ފޮޓޯ އާއި ވީޑިއޯ ހިމޭނޭ ގޮތުން ލިބެމުންދާ ގެއްލުންތައް އާންމު ކުރަމުން ދިޔަ ނަމަވެސް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށުގައި ހިނގަމުންދާ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވެސް އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ވެސް އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ. އެއާ ޚިލާފަށް މީގެ ކުރިން މިފަދަ ގެއްލުން ބޮޑު ކޮންމެ ކަމަކާ ގުޅިގެން އޭރުގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަ ކުރެވެ އެވެ.
ޑައިވިންގްގެ ޚިދުމަތް ދޭ ފަރާތްތަކުން ބުނާ ގޮތުގައި، ބިން ހިއްކުމުގެ މަސައްކަތުގެ ސަބަބުން މާލެ އަތޮޅުގެ މަޝްހޫރު ބައެއް ޑައިވް ސައިޓްތައް މިހާރު ވަނީ ބޭނުން ނުކުރެވޭ ފަދަ ހާލަތަކަށް ގޮސްފައެވެ. ފެތުރެމުންދާ ކިސަޑުތައް ހަރުލާފައި ހުންނަ ކަމަށާއި، ޑައިވް ކުރެވޭ ވަރަށް ވުރެ ހާލަތު ދަށްވުމުގެ ސަބަބުން ޑައިވް ކުރާ މީހުންގެ އަދަދު މަދުވެ ޑައިވިން ސެންޓަރުތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ. ބައެއް ޑައިވަރުން ބުނެފައިވާ ގޮތުގައި ބައެއް ސައިޓްތަކަށް ޑައިވް ކުރުން ވެސް މިހާރު ވަނީ ހުއްޓާލާފަ އެވެ.
ރަސްމާލޭގެ އިތުރުން، ހުޅުމާލެ ހިއްކުމުގެ އިތުރުން ސަރުކާރުން ދަނީ މާލެ އަތޮޅުގެ އެކި ސަރަހައްދުތަކުގައި އެއްފަހަރާ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ. މިއިން އެއްވެސް މަޝްރޫއެއް ހިންގުމުގައި ކިސަޑު ކޮންޓްރޯލު ކުރުމަށް ފިޔަވަޅު އަޅާފައި ނުވާ އިރު، ހުޅުމާލެ ފޭސް 3 ހިއްކި އިރު މޫދަށް ކުނި އަޅައިގެން ހިއްކަމުން ދިޔަ މައްސަލަ އެއް ވެސް ވަނީ ކުރިމަތިވެފައެވެ. އެކަމުގައި ވެސް ސަރުކާރުގެ ކަމާ ބެހޭ އިދާރާއިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ އިރު، މީގެ ކުރިން މޫދަށް ކުނި އެޅުމުން ބޮޑެތި އަދަދުތަކުން ޖުރިމަނާ ކޮށްފައިވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ 'ކްރިސްޓޯބަލް ކޮލޮން' ބޭނުންކޮށްގެން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، ހުޅުމާލެ ހިއްކުަމަށް 'ޕްރިންސް ޑެލް ނެދަލަންޑަން' އަދި 'އޮރާންޖީ' ނަމަކަށް ކިޔާ އިތުރު ދެ ޑްރެޖަރެއް ވެސް ވަނީ ބޭނުން ކޮށްފަ އެވެ.
ތިމާވެށީގެ ތަޖުރިބާކާރަކު ނަން ނުޖެހުމަށް ޝަރުތު ކޮށް ބުނީ، މާލެ އަތޮޅުގެ ފަރުތަކަށް ދިން ބޮޑެތި ގެއްލުމުގެ ޒިންމާ ޔޫރަޕަށް ނިސްބަތްވާ މިކަމުގައި ބައިވެރިވި ޑްރެޖިންގ ކުންފުނިތަކުން ނަަގަން ޖެހޭނެ ކަމަށެވެ.
"އެމީހުންގެ އަމިއްލަ ގައުމުގައި އެފަދަ ބޮޑެތި ގެއްލުންތަކެއް ނުދެވޭނެ، މިތަނުގައި އެންފޯސްމަންޓް ސަރުކާރުން ހުއްޓުވާފައި އޮތުމުގެ ނާޖާއިޒް ފައިދާ އެމީހުން ނަގަމުން އެ ގެންދަނީ،" އޭނާ ވިދާޅުވި އެވެ.
ޑައިވް ކުރާ ފަރާތްތަކުންނާއި، ސެޓެލައިޓް ފޮޓޯ ތަކުން ފެނިފައިވާ ގޮތުގައި ކިސަޑުގެ އަސަރު ހުޅުމާލެއަށް ވުރެ ބޭރަށް ވެސް ވަނީ ފެތުރިފަ އެވެ. އެއަރޕޯޓް ކައިރީގައި އޮންނަ ކުރުނބާ މޯލްޑިވްސްގެ ހައުސް ރީފަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި، މަޝްހޫރު 'ބަނާނާ ރީފް' އަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.
ފަތުރުވެރި ކަމުގެ އިތުރުން މަސްވެރިކަމަށް ވެސް ސަރުކާރުގެ އިހުމާލުގެ ސަބަބުން ގެއްލުންވަމުންދާ ކަމަށް ބުނެ މަސްވެރިން ވެސް ވަނީ ޝަކުވާ ކޮށްފަ އެވެ. އެ ގޮތުން ކިސަޑުގެ ސަބަބުން އެތެރެވަރީގެ އެންވެރިކަން ވެސް ހީނަރުވެފައިވާ ކަމަށް މަސްވެރިން ބުނެފައިވެ އެވެ.
ސެންޓިނަލް 2 ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މި ކިސަޑު ފެތުރި މާލެ އަތޮޅުގެ ބޮޑު ސަރަހައްދަކަށް ފެތުރި، މުޅި ސަރަހައްދު ވަނީ ކިލަނބުވެފަ އެވެ.






