ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް ޕީއެންސީ އިން 1.5 މިލިއަން ރުފިޔާ އިން ފެށިގެން 3 ލައްކަ ޑޮލަރާ ހަމައަށް ހުށަހަޅައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު އަދި އަމިއްލަ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ޝަރުތުކޮށް، ސަރުކާރު ހިންގާ ޕީއެންސީން ބޮޑެތި އަދަދުތަކުން ފައިސާގެ ރިޝްވަތާއި ވަޒީފާގެ އޮފާތައް ހުށަހަޅަމުންދާ ކަމުގެ ހެކިތަކެއް ރާއްޖެޓީވީ އަށް ލިބިއްޖެ. ކުޅުދުއްފުށި ސިޓީގެ ކެންޑިޑޭޓުންނަށް 1.5 މިލިއަން ރުފިޔާއިން ފެށިގެން 3 ލައްކަ ޑޮލަރާ ހަމައަށް ފައިސާ ހުށަހަޅައި، ބިރުދެއްކުމާއި އޮޅުވާލުމުގެ އަމަލުތައް ހިންގާފައިވާކަން ރާއްޖެޓީވީ އަށް ވަނީ ކަށަވަރުވެފަ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކެންޑިޑޭޓުންނަށް ސަރުކާރުގެ މަތީ މަގާމުތަކާއި، ވިޔަފާރި ލޯނު އަދި ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތުތައް ދޭނެ ކަމުގެ ވައުދުވެސް އެ ޕާޓީން ވަމުންދޭ.


ރައީސް ޑރ މުހައްމަދު މުއިއްޒު - ސަރުކާރު ހިންގާ ޕީއެންސީން ބޮޑެތި އަދަދުތަކުން ފައިސާގެ ރިޝްވަތު ހުށަހަޅަމުންދިޔަ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެފައި ވަނިކޮށް މިކަން ކަށަވަރުވާ ހެކިތަކެއް "ރާއްޖެޓީވީ" އަށް ވަނީ ލިބިފަ | ރާއްޖެއެމްވީ ގްރެފިކްސް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ އިދިކޮޅު އަދި އަމިއްލަ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ސަރުކާރު ހިންގާ ޕީއެންސީން ބޮޑެތި އަދަދުތަކުން ފައިސާގެ ރިޝްވަތު ހުށަހަޅަމުންދިޔަ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެފައި ވަނިކޮށް މިކަން ކަށަވަރުވާ ހެކިތަކެއް "ރާއްޖެޓީވީ" އަށް ލިބިއްޖެ އެވެ.
ރާއްޖެޓީވީ އަށް ކަށަވަރު ވެފައިވާ ގޮތުގައި، މި އިންތިޚާބުގައި ޕީއެންސީއަށް މެޖޯރިޓީ ކަށަވަރު ކުރުމަށްޓަކައި އެންމެ ވަރުގަދައަށް މަސައްކަތް ކުރަމުންދާ އެއް ސިޓީއަކީ ކުޅުދުއްފުށި ސިޓީ އެވެ. އެ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ގުޅައި، ނަން އަނބުރާ ގެންދިއުމަށް ޝަރުތުކޮށް ބޮޑެތި އަދަދުތަކުން ފައިސާގެ "އޮފަރ" ތައް ޕީއެންސީގެ އިސް ފަރާތްތަކުން ވަނީ ހުށަހަޅާފަ އެވެ.
ރާއްޖެޓީވީ އަށް ލިބިފައިވާ ހެކިތަކުން ކަށަވަރުވެފައިވާ ގޮތުގައި ކުޅުދުއްފުށި ސިޓީގެ ބައެއް ކެނޑިޑޭޓުންނަށް 1.5 މިލިއަން ރުފިޔާ އިން ފެށިގެން ގޮސް 3 ލައްކަ ޑޮލަރު ނަގުދު ފައިސާ އިން ދިނުމާ ހަމައަށް މި "އޮފަރ" ހުށަހަޅާފައިވެ އެވެ. އެގޮތުން 1.5 މިލިއަން ރުފިޔާ އިން ފެށި އޮފަރ ތައް ބޮޑު ކުރަމުން ކުރަމުން ގޮސް 3 ލައްކަ ޑޮލަރު ވެސް ނަގުދު ފައިސާ އިން ބައެއް ކެންޑިޑޭޓުންނަށް ހުށަޅާފައި ވެ އެވެ. މިއީ ބޭންކް ރޭޓުން ބަލާނަމަ 4.6 މިލިއަން ރުފިޔާ އެވެ.
ޕީއެންސީ އަށް ނިސްބަތްވާ ފަރާތްތަކުން ކެނޑިޑޭޓުންނަށް ގުޅައި، ބޮޑެތި މަގާމްތަކާ ވަޒީފާ ދޭނެ ކަމަށް ބުނެފައިވާއިރު ބައެއް ކެންޑިޑޭޓުން ދިރިއުޅޭ ގެ ތަކަށް ވެސް އެ ޕާޓީގެ ފަރާތުން ބޮޑެތި އަދަދުތަކުން ނަގުދު ފައިސާ ގެ ދަބަސްތައް ހިފައިގެން ގޮސްފައި ވެ އެވެ. އަދި ނަގުދު ފައިސާ އެ ކެންޑިޑޭޓުންގެ ކުރިމަތީގައި ބެހެއްޓުމަށްފަހު ނަން އަނބުރާ ނެގުމަށް ޕްރެޝަރު ކޮށް ބިރު ދައްކާފައިވާ ކަން ވެސް ރާއްޖެޓީވީ އަށް ވަނީ ކަށަވަރު ވެފަ އެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާއިރު ލިބިފައިވާ ހެކިތަކުން އެނގޭ ގޮތުގައި ބުދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ޕީއެންސީ އިން ވަނީ ކެންޑިޑޭޓުންނަށް ގުޅައި، ރިޝްވަތުދީ ފައިސާގެ ދަބަސްތައް ހިފައިގެން ކެންޑިޑޭޓުން ދިރިއުޅޭ ގެތަކަށް ގޮސްފަ އެވެ. އަދި ބައެއް ކެންޑިޑޭޓުންނަށް އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަން ވެސް ރާއްޖެޓީވީ އަށް ވަނީ ކަށަވަރުވެފަ އެވެ.
އެގޮތުން ދެން ތިބި ކެންޑިޑޭޓުން ޕީއެންސީ ގެ އެ "އޮފަރ" ތައް ގަބޫލު ކޮށްފައިވާ ކަމަށް ބުނެ އޮޅުވާލުމުގެ މަސައްކަތް ވެސް އެ ޕާޓީ އިން ކޮށްފައި ވެ އެވެ. އަދި ނަން އަނބުރާ ނެގުމަށްފަހު ގުރުއަތުލުން ކުރިއަށް ދާ މަރުކަޒަށް ބަލިވެގެން ނުދެވޭނެ ކަމަށް ބުނެ ހޮސްޕިޓަލަށް ދިއުމަށް އިރުޝާދު ދީ ފައިވާއިރު ހޮސްޕިޓަލާ ހަމައަށް ދެވުމުން "އެކަން މިކޮޅުން ހަމަޖައްސާނެ" ކަމަށް ވެސް ބައެއް ކެންޑިޑޭޓުން ގާތު ބުނެފައިވާއިރު ބޭނުން ނަމަ އެހެން ރަށަކަށް ގެންދިއުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް ބުނެފައިވާ ކަން ލިބިފައިވާ ހެކިތަކުން ވަނީ ހާމަވެފަ އެވެ.
މިފަދަ ހުށަހެޅުންތައް ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގިނަ ކެންޑިޑޭޓުންތަކަކަށް ހުށަހަޅާފައިވާ ކަން ވެސް ރާއްޖެޓީވީ އަށް ވަނީ ކަށަވަރު ވެފަ އެވެ. އެގޮތުން ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅުމުގެ އިތުރުން ސަރުކާރުގެ މަތީ މަގާމުތަކާއި، ބިޒްނަސް ލޯންތަކާ، ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ވެސް ހަމަޖައްސައިދޭނެ ކަމުގެ ވައުދު ޕީއެންސީގެ ފަރާތުން ދަނީ ވަމުންނެވެ.
ރާއްޖެޓީވީ އަށް މިކަން ކަށަވަރުވެފައި ވާއިރު ކެންޕޭންތަކުގައި ޕީއެންސީގެ ޓީމުތައް ގޭތަކަށް ގޮސް، ވަޒީފާ ބޭނުންވަނީ ކިތައް މީހުންނަށްތޯ އާއި، ޕްރޮމޯޝަން ބޭނުންވޭތޯ ބަލައި ސުވާލު ކުރާ ކަމަށް އިދިކޮޅުން ވެސް ބުނެފައިވެ އެވެ. އަދި ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަނީ ރިޝްވަތުގެ ކަޅު ފައިސާ ހިފައިގެން ކަމަށާއި، ފަސާދައިގެ އަމަލު ހިންގަމުންދަނީ ފާޅުގައި ކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.






