ނަތަންޔާހޫ ކުއްލި ގޮތަކަށް އެމެރިކާ އަށް މި ވަޑައިގަތީ ކޮން ކަމަކު؟
އީރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމާ މެދު އެމެރިކާ އިން ހަރުކަށި ސިޔާސަތެއް ގެންގުޅުމަށް ބާރުއެޅުއްވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާނެ. މި ބައްދަލުވުމުގެ ކުރިން ޓްރަމްޕް ވަނީ ތެހެރާނަށް ފިއްތުންތައް ކުރިމަތިކުރުވުމަށް މެދުއިރުމައްޗަށް އިތުރު އަސްކަރީ މަނަވަރުތަކެއް ފޮނުވުމުގެ އިންޒާރު ދެއްވާފައި. ނަތަންޔާހޫގެ މި ދަތުރުފުޅަކީ އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އިޒްރޭލުގެ މަސްލަހަތު ހިމެނުމަށް ބާރުއެޅުއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ބެލޭ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމައްޗާ ބެހޭ ޚާއްޞަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރާ އެމެރިކާގައި ބައްދަލުކުރައްވަނީ. | އެކްސް
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އީރާނާއެކު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކުގައި އެމެރިކާއިން ހަރުކަށި ސިޔާސަތެއް ގެންގުޅުމަށް ބާރުއެޅުމުގެ ގޮތުން، ބުދަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާނެ އެވެ. ނަތަންޔާހޫ ވޮޝިންޓަނަށް މި ވަޑައިގަތީ އެމެރިކާގެ ރައީސްގެ ނިންމުންތައް ހަރުކަށި ކުރުމަށް ބާރުއެޅުމުގެ މަގްސަދުގަ އެވެ.
ކުއްލި ގޮތަކަށް ވައިޓް ހައުސްގައި ބޭއްވުމަށް ހަމަޖެހުނު މި ބައްދަލުވުމުގެ ކުރިން ޓްރަމްޕް ވިދާޅުވީ، ނިއުކްލިއާ އެއްބަސްވުމަކަށް އައުމަށް ތެހެރާނަށް ބާރުއެޅުމުގެ ގޮތުން އެމެރިކާގެ ދެވަނަ އަސްކަރީ މަނަވަރުތަކުގެ ފައުޖެއް ނުވަތަ "އާމާޑާ" އެއް މެދުއިރުމައްޗަށް ފޮނުވުމާ މެދު ވިސްނަވަމުންދާ ކަމަށެވެ.
ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އެމެރިކާއަށް ކުރައްވާ ހަވަނަ ދަތުރުފުޅުގައި ނަތަންޔާހޫ ބާރުއަޅުއްވާނީ، އިޒްރޭލުގެ ދާއިމީ ދުޝްމަނެއް ކަމަށްވާ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ މެދު އެމެރިކާއިން މިހާރަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށެވެ.
މިދިޔަ ހަފުތާގައި އޮމާންގައި އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށި ތެހެރާނުން ހޯމަ ދުވަހު އިންޒާރު ދީފައިވަނީ، އިޒްރޭލުގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް "ނޭދެވޭ ނުފޫޒުތަކެއް" ފޯރާފާނެ ކަމަށެވެ.
އަސްލު ތާވަލު ކުރެވިފައި އޮތީ ފެބްރުއަރީ 19 ވަނަ ދުވަހު ޣައްޒާގެ ސުލްހައާ ގުޅޭގޮތުން ޓްރަމްޕް އެކުލަވާލާފައިވާ "ބޯޑް އޮފް ޕީސް" ގެ ބައްދަލުވުމަކަށް ނަތަންޔާހޫ ވޮޝިންޓަނަށް ވަޑައިގަތުމަށެވެ. ނަމަވެސް އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ކުރިއަށްދާތީ، އޭނާގެ ދަތުރުފުޅު އަވަސްކުރެއްވީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓްރަމްޕްގެ ވިސްނުންފުޅަކީ ކޮބައިތޯ؟
އަންގާރަ ދުވަހުގެ ރޭ ވޮޝިންޓަނަށް ވަޑައިގެން ނަތަންޔާހޫ ވަނީ ޓްރަމްޕްގެ މެދުއިރުމަތީގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނާއާ ބައްދަލުކުރައްވާފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ އެކްސް އެކައުންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބައްދަލުވުމުގައި ސަރަހައްދީ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި، މިދިޔަ ހުކުރު ދުވަހު އީރާނާއެކު ބޭއްވި ފުރަތަމަ ބުރުގެ މަޝްވަރާތަކުގެ އެންމެ ފަހުގެ މައުލޫމާތު ބޮޑުވަޒީރާ ހިއްސާކުރެވުނު ކަމަށެވެ.
ނިއުކްލިއާ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު އޮތް ނަމަވެސް، އަންގާރަ ދުވަހު "އެކްސިއޯސް" ނިއުސް އައުޓްލެޓަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ، އެ ސަރަހައްދަށް އެމެރިކާގެ ދެވަނަ އެއާކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕެއް ފޮނުވުމާ މެދު ވިސްނަވަމުންދާ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ޓްރަމްޕް ވިދާޅުވީ، "އަހަރެމެން އެއްބަސްވުމަކަށް އަންނާނަން، ނޫނީ ކުރީ ފަހަރެކޭވެސް އެއްގޮތަށް ވަރަށް ހަރުކަށި ފިޔަވަޅެއް އަޅަން ޖެހޭނެ" ކަމަށެވެ. އަދި މިހާރުވެސް އެމެރިކާގެ އަސްކަރީ މަނަވަރުތަކުގެ ފައުޖެއް އެ ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށާއި، އިތުރު ފައުޖެއް ފޮނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖޫން މަހު އިޒްރޭލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ތެހެރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމަށް އަމުރުކުރެއްވި ޓްރަމްޕް، "ފޮކްސް ބިޒްނަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެއްބަސްވުމެއްގައި "ނިއުކްލިއާ ހަތިޔާރާއި މިސައިލް" ހިމެނެން ވާނެ ކަމަށެވެ.
އީރާނުގެ ލީޑަރުން އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށާއި، ނަމަވެސް އެއީ "ރަނގަޅު އެއްބަސްވުމަކަށް" ވާންޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ފާއިތުވި އަހަރުތަކުގައި ތެހެރާނުން އެމެރިކާއާ މެދު އަމަލުކޮށްފައިވަނީ ވަރަށް ބޮޑަށް އޮޅުވާލުންތަކުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަތަންޔާހޫގެ މަގްސަދުތަކަކީ ކޮބާ؟
ވޮޝިންޓަނަށް ފުރާވަޑައިގަންނަވަމުން ނަތަންޔާހޫ ވިދާޅުވީ، އޭނާގެ މަޝްވަރާތަކުގެ "އެންމެ އިސް" ކަމަކީ އީރާނުގެ ނިއުކްލިއާ މައްސަލަ ކަމަށެވެ. އަދި މީގެ އިތުރުން ޣައްޒާގެ މައްސަލައާއި ސަރަހައްދީ އެހެނިހެން ކަންކަމާ މެދުވެސް ވާހަކަދެކެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވީޑިއޯ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ނަތަންޔާހޫ ވިދާޅުވީ، މަޝްވަރާތައް ކުރިއަށް ގެންދަންޖެހޭ އުސޫލުތަކާ މެދު އިޒްރޭލުން ދެކޭގޮތް ރައީސް ޓްރަމްޕަށް ހުށަހަޅުއްވާނެ ކަމަށެވެ. ބޮޑުވަޒީރުގެ އޮފީހުން ބުނިގޮތުގައި، އީރާނުގެ މިސައިލް ގާބިލުކަމާ މެދު ހުރި ކަންބޮޑުވުންތަކަށް އޭނާ ބާރުއަޅުއްވާނެ އެވެ.
އިޒްރޭލުގެ ކަންބޮޑުވުންތައް އިތުރުވެގެންދިޔައީ މިދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގަ އެވެ. އެ ހަނގުރާމައިގައި އީރާނުން ވަނީ އިޒްރޭލުގެ އަސްކަރީ އަދި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި އެހެނިހެން ހަމަލާތައް ފޮނުވާފަ އެވެ.
މިހާތަނަށް އީރާނުން ބުނަމުންދަނީ އެމެރިކާ އާ އެކު ކުރާ މަޝްވަރާތައް ނިއުކްލިއާ ޕްރޮގްރާމުން ބޭރަށް ފުޅާކުރަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ވޮޝިންޓަނުން ބޭނުންވަނީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް އެ ގައުމުން ދޭ އެހީތެރިކަމުގެ މައްސަލަވެސް މަޝްވަރާގެ މޭޒަށް ގެނައުމަށެވެ.
އޮސްޓްރޭލިއާ އަށް ކުރައްވާ ދަތުރުފުޅެއްގައި ވާހަކަދައްކަވަމުން އިޒްރޭލުގެ ރައީސް އިސާކް ހަރްޒޮގް ވިދާޅުވީ، މި މަޝްވަރާތަކުގެ ސަބަބުން އީރާނުގެ "ނުބައި ޚާންދާން" އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ހުޅަނގު އައްސޭރީގެ މައްސަލަ
ޓްރަމްޕް އާއި ނަތަންޔާހޫގެ ބައްދަލުވުން ބޭއްވެނީ، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ކޮންޓްރޯލް ވަރުގަދަކުރުމަށްޓަކައި، ފަލަސްތީނުގެ މިލްކުވެރިންގެ އަތުން އިޒްރޭލުގެ ވަޒަންވެރިންނަށް ސީދާ ބިން ގަނެވޭ ގޮތަށް ހެދުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ނަތަންޔާހޫ ވޮޝިންޓަނަށް ވަޑައިގަތުމުގެ ކުރިން އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ މި ނިންމުން ފާސްކޮށްފަ އެވެ. ނަމަވެސް މި މައްސަލައާ މެދު ޓްރަމްޕް ވާހަކަދައްކަވާނެ ކަމެއް އަދި ސާފެއް ނުވެ އެވެ.
އެމެރިކާގެ އޮފިޝަލަކު ހޯމަ ދުވަހު ވިދާޅުވީ، އިޒްރޭލުން ހުޅަނގު އައްސޭރި އެ ގައުމުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް (އެނެކްސޭޝަން) ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށާއި، އޭނާ ބޭނުންވަނީ ހަމަޖެހުން ކަމަށެވެ. ނަމަވެސް އިޒްރޭލު ސަރުކާރުގެ މި ނިންމުމަށް އެމެރިކާ އިން ސީދާ ފާޑުކިޔާފައެއް ނުވެ އެވެ.
ހަވަނަ ބައްދަލުވުން
ބުދަ ދުވަހުގެ ބައްދަލުވުމަކީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، އެމެރިކާގެ ފަސްގަނޑުގައި މި ދެ ލީޑަރުން ބައްދަލުކުރައްވާ ހަވަނަ ފަހަރެވެ. މީގެ ތެރެއިން ފަސް ބައްދަލުވުން ވައިޓް ހައުސްގައި ބޭއްވިއިރު، އެއް ބައްދަލުވުން ބޭއްވީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ މާ-އަ-ލާގޯ ރިސޯޓުގަ އެވެ.
މީގެ އިތުރުން، މިދިޔަ އޮކްޓޫބަރު މަހު ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޓްރަމްޕް އިއުލާންކުރެއްވި ދަނޑިވަޅުގައި، ގުދުސްގައި ވެސް ޓްރަމްޕް އާއި ނަތަންޔާހޫ ވަނީ ބައްދަލުކުރައްވާފަ އެވެ.
މަސްދަރު: އޭއެފްޕީ





