ހުޅަނގު އައްސޭރީގައި ބާރު ގަދަ ކުރަން އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތައް އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި
ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ ޣައިރު ގާނޫނީ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތަކާ ކަނޑައެޅިގެން ޚިލާފު ކަންތައްތަކެއް ކަމަށް ބުނެ އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެކަން ކުށްވެރިކުރައްވައިފި. މި ފިޔަވަޅުތަކުގެ ސަބަބުން ސަރަހައްދީ ސުލްހައަށް ހުރަސްއެޅި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ހައްގަށް އުނިކަން ލިބޭތީ، އިޒްރޭލުގެ އިސްތިއުމާރު ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅު އެޅުމަށް ވަޒީރުން ވަނީ ގޮވާލައްވާފައި.

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޮންގައި، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ގާނޫނާ ޚިލާފް އިޒްރޭލުގެ ވަޒަންވެރިން ކުރިއަށްގެންދިޔަ ހަރަކާތެއްގައި އިޒްރޭލު ސިފައިން ފޯރިމަރަނީ. | ރޮއިޓާސް
ހުޅަނގު އައްސޭރީގެ މައްޗަށް އިޒްރޭލުން ބާރުގަދަކުރުމަށް ނިންމި ނިންމުން، ސައުދީ އަރަބިއްޔާ އާއި އަރަބި އަދި އިސްލާމީ ގައުމުތަކަކުން ހޯމަ ދުވަހު ކުށްވެރިކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ނެރުނު ގުޅިފައިވާ ބަޔާނެއްގައި، ސައުދީ އަރަބިއްޔާ، އުރުދުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، އިންޑޮނޭޝިއާ، ޕާކިސްތާން، މިސްރު އަދި ތުރުކީގެ ޚާރިޖީ ވަޒީރުން ވިދާޅުވީ، އިޒްރޭލުން ހުޅަނގު އައްސޭރީގައި ޣައިރު ގާނޫނީ ސިޔާދަތު ގާއިމުކުރުމަށާއި، ވަޒަންވެރިވުން އިތުރުކުރުމަށާއި، އަދި އިސްތިއުމާރުކޮށްފައިވާ އެ ސަރަހައްދުގައި ގާނޫނީ އަދި އިދާރީ އާ ކަންތައްތަކެއް މަޖުބޫރުން ކުރިމަތިކުރުވުމަށް ނިންމާފައިވާ ނިންމުންތަކާއި އަޅަމުންދާ ފިޔަވަޅުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އިޒްރޭލުން އަޅަމުންދާ މި ފިޔަވަޅުތަކުގެ ސަބަބުން، ހުޅަނގު އައްސޭރި ޣައިރު ގާނޫނީ ގޮތެއްގައި އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމާއި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުން އަވަސްވަމުންދާ ކަމަށް ވަޒީރުން ވިދާޅުވި އެވެ. އަދި އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގެ މައްޗަށް އިޒްރޭލުގެ އެއްވެސް ސިޔާދަތީ ބާރެއް ނެތްކަން އެ ބޭފުޅުން ވަނީ އަލުން ކަށަވަރުކޮށްދެއްވާފަ އެވެ.
އިޒްރޭލު ސަރުކާރުން ހުޅަނގު އައްސޭރީގައި ކުރިއަށްގެންދާ ފުޅާކުރުމުގެ ސިޔާސަތުތަކާއި ޣައިރު ގާނޫނީ ފިޔަވަޅުތަކުގެ ސަބަބުން މުޅި ސަރަހައްދުގައި އަނިޔާވެރިކަމާއި ހަމަނުޖެހުންތަކަށް މަގުފަހިވަމުންދާ ކަމަށް އެ ބަޔާނުގައި އިންޒާރު ދީފައިވެ އެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި ދެ ދައުލަތުގެ ހައްލަށް ހުރަސްއެޅޭ ފަދަ މި ޣައިރު ގާނޫނީ އަމަލުތައް އެއްވެސް ހާލެއްގައި ބަލައިނުގަންނާނެ ކަމަށް ވަޒީރުން ވިދާޅުވި އެވެ. އަދި މިއީ 1967 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ އުނިނުކުރެވޭނެ ހައްގަށް އަރައިގަތުން ކަމަށްވެސް ވަޒީރުން ސިފަކުރެއްވި އެވެ.
މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ހުޅަނގު އައްސޭރީގައި އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކަކީ އެއްވެސް ބުރަދަނެއް ނެތް ބާތިލު ފިޔަވަޅުތަކެއް ކަމަށާއި، އެއީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ، ޚާއްސަކޮށް 1967 އިން ފެށިގެން އިސްތިއުމާރުކޮށްފައިވާ އިރުމަތީ ގުދުސް ހިމެނޭހެން ފަލަސްތީނުގެ ބިންތަކުގެ އާބާދީގެ އޮނިގަނޑާއި ހާލަތު ބަދަލުކުރުމަށް ކުރާ މަސައްކަތްތައް ކުށްވެރިކުރާ ގަރާރު 2334 އާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްކަން ޚާރިޖީ ވަޒީރުން ފާހަގަކުރެއްވި އެވެ.
އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ގެންގުޅޭ ސިޔާސަތުތަކާއި އަމަލުތަކަކީ ޣައިރު ގާނޫނީ ކަންތައްތަކެއް ކަމަށް ކަނޑައަޅައި، ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓު (އައިސީޖޭ) އިން 2024 ވަނަ އަހަރު ނެރުނު އިސްތިޝާރީ ލަފަޔަށްވެސް މި ބަޔާނުގައި ރިއާޔަތްކޮށްފައިވެ އެވެ. އެ ލަފާގައި އިޒްރޭލުގެ އިސްތިއުމާރު ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި، ފަލަސްތީނުގެ ބިންތައް އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމަކީ ބާތިލު ކަމެއްކަން ކަށަވަރުކޮށްދީފައިވެ އެވެ.
ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގަމުންދާ ނުރައްކާތެރި އަމަލުތަކާއި، އިޒްރޭލުގެ އޮފިޝަލުން ދެމުންދާ ފިތުނަވެރި ބަޔާންތައް ހުއްޓުވުމަށްޓަކައި، ބައިނަލްއަގުވާމީ މުޖުތަމައުން ގާނޫނީ އަދި އަޚުލާގީ ޒިންމާ އަދާކުރުމަށް ވަޒީރުން ވަނީ އަނެއްކާ ވެސް ގޮވާލައްވާފަ އެވެ.
ދެ ދައުލަތުގެ ހައްލުގެ މައްޗަށް ބިނާކޮށް، ބައިނަލްއަގުވާމީ ގަރާރުތަކާއި އަރަބި ސުލްހައިގެ އިސްނެގުމާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ އިޚުތިޔާރުގައި ދައުލަތެއް ގާއިމުކުރުމުގެ ގާނޫނީ ހައްގު ފުރިހަމައަށް ހޯދައިދިނުމަކީ، ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ކަށަވަރުކޮށްދޭނެ އިންސާފުވެރި އަދި ފުރިހަމަ ސުލްހައެއް ގާއިމުކުރެވޭނެ ހަމައެކަނި މަގުކަމަށްވެސް ވަޒީރުން ބަޔާންކުރެއްވި އެވެ.






