އިޒްރޭލުން ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އިންތިޒާމު ފައިނަލްކޮށްފި
އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް އިޒްރޭލުން ތައްޔާރުވަމުންދާއިރު، މިކަމަށް ބޭނުންވާ ޚާއްސަ މަރުކަޒުތަކާއި ޓީމުތައް އެކުލަވައިލުމުގެ އިންތިޒާމުތައް މިހާރު ވަނީ ފައިނަލްކޮށްފައި. ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރުމަށް ހުށަހަޅާފައިވާ މި ބިލާ ގުޅިގެން އދ. އާއި ފަލަސްތީނުގެ ޖަމާއަތްތަކުން ދަނީ މިއީ އިންސާނީ ހައްގުތަކާ ޚިލާފު، ނަސްލީ ތަފާތުކުރުން ބޮޑު ނުރައްކާތެރި ފިޔަވަޅެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުން.

އިޒްރޭލުގެ ކެޓްޒިއޮޓް ޖަލުގައި، އިޒްރޭލުގެ ޖަލު އޮފިސަރުން ފަލަސްތީނުގެ އަސީރުން ކަނު ބަނދެ އަނިޔާވެރިކަމާ އެކު ގެންދަނީ - ފެބްރުއަރީ 2025. | ފްލޭޝް90
އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމުގެ ބިލުގެ ފުރަތަމަ ކިޔުން ފާސްވުމާ ގުޅިގެން، އެ މީހުން މެރުމުގެ އިންތިޒާމުތައް އެ ގައުމުގެ ޖަލުތަކާ ބެހޭ އިދާރާތަކުން ފައިނަލްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އިޒްރޭލުގެ ޗެނަލް 13 އިން ހާމަކޮށް، އާދީއްތަ ދުވަހު އެކި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ މި ރޭވުންތަކުގެ ތެރޭގައި، މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ މަރުކަޒެއް ގާއިމުކުރުމާއި، އެކަމަށް ޚާއްސަ ޓީމުތަކެއް އެކުލަވައިލުމުގެ އިތުރުން، މަރުގެ ހުކުމް އިއްވާފައިވާ މީހުން އެކަހެރިކޮށް ބޭތިއްބުމުގެ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ އިންތިޒާމުތައް ކުރުން ހިމެނެ އެވެ.
މި ރޭވުންތަކުގައިވާ ގޮތުން، މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެންނެވެ. މިގޮތުން ތިން ޖަލު ގާޑަކު އެއްވަގުތެއްގައި މަރުގެ އަދަބު ތަންފީޒުކުރާ ބަޓަންތަކަށް ފިއްތަން ޖެހޭއިރު، މަރަން ކަނޑައަޅާފައިވާ އަސީރުން ތިބެން ޖެހޭނީ އެހެން ގައިދީންނާ މުޅިން އެކަހެރިކޮށްފަ އެވެ.
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ތަމްރީނު ލިބިފައިވާ ވޮލަންޓިއަރުން ހިމެނޭ ޓީމުތައް ނެގުމަށް ހަމަޖެހިފައިވާއިރު، މިކަމުގެ ތައްޔާރީތައް މާ ދުރާލާ މިހާރު ދަނީ ކުރެވެމުންނެވެ. އަދި މަރުގެ ފައިނަލް ހުކުމް އިއްވާތާ 90 ދުވަހުގެ ތެރޭގައި އެ އަދަބު ތަންފީޒުކުރުމަށް ވެސް އިޒްރޭލުން ވަނީ ނިންމާފަ އެވެ.
މި ގާނޫނުގެ ދަށުން އެންމެ އިސްކަމެއް ދެނީ އިޒްރޭލުން "އެލީޓް ޕްރިޒަނާސް" ނުވަތަ ޚާއްސަ ގައިދީންގެ ގޮތުގައި ސިފަކުރާ، ޣައްޒާ އިން ހައްޔަރުކޮށްފައިވާ ސަތޭކަ އަށް ވުރެ ގިނަ އަސީރުންނަށެވެ. އޭގެ ފަހުން، ހިފާފައިވާ ހުޅަނގު އައްސޭރިން "ނުރައްކާތެރި އޮޕަރޭޝަންތައް" ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުންނަށް މި ގާނޫނު ހިނގާނެ އެވެ.
ޗެނަލް 13 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ޖަލުތަކާ ބެހޭ އިދާރާގެ ވަފުދެއް، މިފަދަ ގޮތަކަށް މަރުގެ އަދަބު ތަންފީޒުކުރާ އިރުމަތީ އޭޝިއާގެ ގައުމަކަށް ދަތުރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ފަލަސްތީނުގެ ރައްދު
ފަލަސްތީނުގެ އެކި ޖަމާއަތްތަކުން ވަނީ މި ގާނޫނު ފާސްކުރުމާއި، މަރުގެ އަދަބު ތަންފީޒުކުރުމަށް ރާވާފައިވާ ރޭވުންތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ޣައްޒާގެ ހަމާސް ޖަމާއަތުން ބުނެފައިވަނީ، މި ގާނޫނަކީ އިޒްރޭލުގެ "ނަސްލީ ތަފާތުކުރުމާއި ޖަރީމާގެ ސިޔާސަތުތަކުގެ" ކުރިއަށް އެޅި ފިޔަވަޅެއް ކަމަށާއި، މިއީ ރޭވުންތެރިކަމާ އެކު ގިނަ ބަޔަކު މެރުމަށް ގާނޫނީ ސިފަ ޖެއްސުން ކަމަށެވެ. އެ ޖަމާއަތުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައު އާއި، އދ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މިކަން ކުށްވެރިކޮށް، ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި، އިޒްރޭލުގެ ޖަލުތަކުގައި ހިންގާ އަނިޔާވެރި އަމަލުތައް ބެލުމަށް ތަހުގީގީ ކޮމިޓީތައް އުފެއްދުމަށް ގޮވާލާފަ އެވެ. އިޒްރޭލުގެ ޖަލުތަކުގައި ދެމުންދާ އަނިޔާތަކުގެ ސަބަބުން މިހާތަނަށް އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.
ޣައްޒާ ގެ އިސްލާމިކް ޖިހާދު ޖަމާއަތުން ބުނި ގޮތުގައި، މި ގާނޫނަކީ ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށާއި ނަސްލު ސާފުކުރުމަށް ހިންގާ އަމަލުތަކުގެ ތެރެއިން ކުރިމަތިވި ނުރައްކާތެރި އައު ކަމެކެވެ. އަދި އިޒްރޭލުގެ ދެފުށްދެގޮތް ގާނޫނީ ނިޒާމުގެ ދަށުން ފަލަސްތީނު މީހުންނަށް އަދަބު ދޭއިރު، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އުޅޭ އިޒްރޭލުގެ ވަޒަންވެރިންނާއި ސިފައިންނަށް ރައްކާތެރިކަން ދޭކަން އެ ޖަމާއަތުން ފާހަގަކުރި އެވެ.
މި ކަންތައްތައް ހިނގާފައި މިވަނީ، ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމަށް ހުށަހަޅާފައިވާ ބިލު ކުށްވެރިކޮށް، އެ ބިލު ވަގުތުން އަނބުރާ ގެންދިއުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މާހިރުން ގޮވާލާފައިވަނިކޮށެވެ.
ފެބްރުއަރީ 4 ވަނަ ދުވަހު އދ. ގެ 12 މިނިވަން މާހިރަކު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މި ބިލުގެ ސަބަބުން ދިރިހުރުމުގެ ހައްގަށް އުނިކަން އަންނާނެ ކަމަށާއި، މިއީ ފަލަސްތީނު މީހުންނާ މެދު ހިންގާ ތަފާތުކުރުމެއް ކަމަށެވެ.
"މަރުގެ އަދަބު ދިނުން މަޖުބޫރުކުރުމަކީ ދިރިހުރުމުގެ ހައްގާ ޚިލާފު ކަމެއް،" އެ ބަޔާނުގައިވެ އެވެ. އަދި ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނަށް އޮންނަ އިޚުތިޔާރުތައް އުނިކުރުމުން، ކުށް ކުރި ހާލަތާއި ލުއި ދެވިދާނެ ކަންކަމަށް ބެލުމެއް ނެތި، ކުށާ ނުބައްދަލު އަދަބުތައް ދިނުމަށް މަގުފަހިވާނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އިޒްރޭލުގެ ހަރުކަށި ފިކުރުގެ މިނިސްޓަރު އިތަމާރު ބެން-ގްވީރު އިސްވެ ހުށަހެޅި މި ބިލު، މިދިޔަ ނޮވެމްބަރު މަހު އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް - ކްނެސެޓް ގައި ފުރަތަމަ ކިޔުމުން ވަނީ ފާސްވެފަ އެވެ. ނަމަވެސް ގާނޫނަކަށް ވުމަށްޓަކައި އަދި ދެވަނަ އަދި ތިންވަނަ ކިޔުމުން ފާސްވާން ޖެހެއެވެ.
އދ. ގެ މާހިރުން ވިދާޅުވާ ގޮތުގައި، މި ބިލުގެ ދަށުން ހިފާފައިވާ ބިންތަކުގައި މަރުގެ އަދަބު ދިނުމަށް ދެ ގޮތެއް ކަނޑައަޅާފައިވެ އެވެ.
އިރުމަތީ ގުދުސް ފިޔަވައި ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުގައި، އަސްކަރީ ގާނޫނުގެ ދަށުން ހިންގާ އަސްކަރީ ކޯޓުތަކަށް، މީހަކު މަރުވާ ފަދަ "ޓެރަރިސްޓް" އަމަލެއް ހިންގައިފި ނަމަ، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ނަމަވެސް މަރުގެ އަދަބު ދެވިދާނެ އެވެ.
ހިފާފައިވާ އެހެން ސަރަހައްދުތަކާއި އިރުމަތީ ގުދުސްގައި، އިޒްރޭލުގެ ޖިނާއީ ގާނޫނުގެ ދަށުން މަރުގެ އަދަބު ދެވޭނީ ހަމައެކަނި "އިޒްރޭލުގެ ރައްޔިތަކު ނުވަތަ އެ ގައުމުގައި ދިރިއުޅޭ މީހަކު ގަސްތުގައި މަރާލުމުންނެވެ."
މި ދެ ގޮތުގައި ވެސް، އިޒްރޭލުގެ ގާނޫނުގައި "ޓެރަރިސްޓް ކުށްތައް" މާނަކޮށްފައިވަނީ ވަރަށް ފުޅާކޮށް އަދި ސާފުނުވާ ގޮތަށް ކަމަށް މާހިރުން އިންޒާރު ދެއްވި އެވެ. މީގެ ސަބަބުން ހަގީގީ ޓެރަރިޒަމްގެ އަމަލަކަށް ނުވާ ކަންކަމުގައި ވެސް މަރުގެ އަދަބު ދިނުން މަޖުބޫރުވެގެންދާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.






