އެމްޑީޕީ އަށް ޕީއެންސީގެ ފަލާހު އަވަލައިގެން މި އުޅުއްވަނީ ކީއްވެ؟
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ބަހުސްތަކާއި ކެމްޕެއިން ޖަލްސާތަކުގައި ސަރުކާރުގެ ސިޔާސަތުތަކަށްވުރެ ބޮޑަށް އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. ގައުމީ މުހިންމު މައްސަލަތަކުގައި ބިނާކުރަނިވި ވާހަކަދެއްކުމުގެ ބަދަލުގައި، ހުރިހާ ކަމެއް އެމްޑީޕީއާ ގުޅުވައިގެން ވާހަކަދެއްކެވުމަކީ އޭނާގެ ގާބިލުކަމާމެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވޭ. މިކަމުގެ ސަބަބުން ސަރުކާރުގެ ތަސައްވުރު ހާމަކޮށްދިނުމަށްވުރެ ބޮޑަށް، ފަލާހުގެ ސިޔާސީ ވުޖޫދު ބިނާވެފައިވަނީ ހަމައެކަނި އިދިކޮޅު ޕާޓީއާ ދެކޮޅުވެރިވުމުގެ މައްޗަށްކަން ހާމަވޭ.


މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު | ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ އިބްރާހީމް ފަލާހު އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް މާ ބޮޑަށް ކަމުދާ އަދި އިތުބާރު ވެސް ކުރައްވާ، ބައެއް ފަހަރު މަޖިލީހުގެ ރައީސް ގެ މައްޗަށް ވެސް ބަސް ކިޔާ އުޅުއްވާ އެއް ބޭފުޅަކީ ވެސް ހަމަ ފަލާހު އެވެ. ނަމަވެސް ހައިރާން ވާ ކަމަކީ ބޮޑު އަޣުލަބިއްޔަތެއް އޮތް ސަރުކާރު ޕާޓީގެ ޕީޖީ ލީޑަރުގެ މަގާމުގައި ހުންނަވައިގެން، ގައުމުގެ މުހިންމު ބިލްތަކާއި އިގްތިސާދީ ކަންކަމާ ބެހޭގޮތުން ވާހަކަދައްކަވަން ޖެހޭ ވަގުތުތަކުގައި ވެސް، ފަލާހުގެ ދުލުން އެންމެ ގިނައިން އިވޭ ލަފުޒަކީ "އެމްޑީޕީ" އަށް ވުމެވެ. މިއީ މިއަދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމެކެވެ. ސަރުކާރު ހިންގާ ޕީއެންސީގެ އެންމެ އިސް އެއް ބޭފުޅަކު އިދިކޮޅު ޕާޓީއަކަށް މިހާ ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވަނީ ކީއްވެގެން ބާވައެވެ؟
ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާތަކަށް ބަލާލުމުން ފެންނަނީ ހައިރާންކުރުވަނިވި މަންޒަރެކެވެ. ކޮންމެ ބިލަކަށް ބަހުސް ކުރެއްވިޔަސް، އެއީ މަސްވެރިކަމުގެ ބިލެއް ކަމުގައި ވިޔަސް ނުވަތަ މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލެއް ކަމުގައި ވިޔަސް، ފަލާހުގެ ބަހުސްގެ 90 އިންސައްތަ އޮންނަނީ އެމްޑީޕީގެ ފަސް އަހަރަށް ބަސް ބުނުމުގަ އެވެ. ދާދި ފަހުން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަތަކާއި ބިލްތަކަށް ބަލާއިރު، ސަރުކާރުގެ ސިޔާސަތުތައް ދިފާއުކުރެއްވުމުގެ ބަދަލުގައި ފަލާހު ގިނައިން ފެންނަނީ އެމްޑީޕީ އެވަނި ކަމެއް، އެމްޑީޕީ މިވަނި ކަމެކޭ ވިދާޅުވެ ހަޅޭއްލަވާ މަންޒަރެވެ.
އެމްޑީޕީ އެމްޑީޕީ ކިޔަމުން ގޮސް އެންމެ ފަހުން އިޒްރޭލާއި އިރާންއާ ދެމެދު ކުރާ ހަނގުރާމައަށްވުރެ އެމްޑީޕީގެ ފުށުން ލިބޭ ގެއްލުން ބޮޑުކަމަށް ވެސް ވިދާޅުވެއްޖެ އެވެ. ބަޔަކާ އަވަލިއަސް މިވަރު ވީމާ ދެން ފުކެއް ބޮޑުވަރެވެ. ކޮންމެ މައުޟޫއެއްގެ ތެރެއަށް ވެސް އެމްޑީޕީ ވައްދަން ފަލާހު ހަމަ ކުޅަދާނައީ އެވެ.
މަޖިލިސް އެކަންޏެއް ނޫނެވެ. އެމްޑީޕީގެ ވާހަކަ އަމިއްލަ ކެމްޕެއިން ޖަލްސާތަކުގައި ވެސް ދައްކަވަނީ އެވެ. މިފަހުން ކުުޅުދުއްފުށްޓާއި އައްޑޫ ސިޓީގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޖަލްސާތަކުގައި ވެސް ފަލާހުގެ މުޅި ސްޕީޗު އޮތީ އެމްޑީޕީގެ މައްޗަށެވެ. އަނެއްކާ ވެސް ހަމަ އެއްކަލަ އެމްޑީޕީ އެވަނި ކަމެއް، އެމްޑީޕީ މިވަނި ކަމެކޭ ވިދާޅުވެ އެ ކިއުއްވާ ބަނދިވަރު ތަކުރާރު ކުރައްވައިފި އެވެ. ފަލާހު އަށް ހަމަ އަމިއްލަ ޕާޓީގެ ތަސައްވުރެއް ރައްޔިތުންނަށް ދައްކައިދޭން ނޭނގޭތީ ބާވައެވެ؟
ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ހޯއްދަވައިދެއްވަން އުޅުއްވާއިރު، ސަރުކާރުން ކުރަން ރާވާފައިވާ ކަންކަމުގެ ވާހަކައަށްވުރެ ބޮޑަށް އެމްޑީޕީގެ ނުބައި ވާހަކަ ދެއްކެވުމުން ދޭހަވަނީ އެންމެ ކަމެކެވެ. އެއީ، ފަލާހުގެ ސިޔާސީ މުޅި ވުޖޫދު ބިނާވެފައި އޮތީ އެމްޑީޕީއާ ދެކޮޅުވެރިވުމުގެ މައްޗަށް ކަމެވެ.
އިބްރާހީމް ފަލާޙަކީ އިނގުރައިދޫ ދާއިރާގެ ރައްޔިތުން އެ ދާއިރާގެ ތަރައްގީއަށް ވާހަކަދައްކަން ފޮނުވި މެންބަރެކެވެ. އަދި ޕީއެންސީގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށްގެންދަން ހުރި އިސް ފަރާތެވެ. ނަމަވެސް، މިއަދު ފަލާހު މި ފެންނަނީ މަގާމުގެ މަސްއޫލިއްޔަތު ހަނދުމަފުޅު ނެތި، 24 ގަޑިއިރު އެމްޑީޕީގެ ފަހަތުން އުޅުއްވާ މަންޒަރެވެ.
އިބްރާހީމް ފަލާހު އަކީ މިއަދު ސަރުކާރުގެ އެންމެ ވަރުގަދަ އެއް "ހަތިޔާރު" ކަމަށް ޕީއެންސީ އިން ދުށް ކަމުގައި ވިޔަސް، ހަގީގަތަކީ އޭނާ ގެ ބަސްމަގުގެ ސަބަބުން ސަރުކާރުގެ މީހުންގެ ބުރަދަނެއް ނެތް ކަމާއި ނާގާބިލުކަން ރައްޔިތުންނަށް ހާމަވަމުންދާ ކަމެވެ. ކިތަންމެ އިސް ސަފުގައި ބެހެއްޓި އެއް ކަމަކު އޭނާ އަކީ ބިނާކުރަނިވި ވާހަކައެއް ދައްކަން އެނގޭ މީހެއް ނޫން ކަމާއި، އަދި އަމުދުން ތައުލީމީ މިފަދަ ޒަމާނެއްގައި ވެރިކަން ކުރާ ޕާޓީ ސިޔާސީ ގޮތުން ތަމްސީލު ކުރުމަށް ގާބިލު ފަރާތެއް ނޫން ކަން އާންމުންނަށް އިތުރަށް ސާފުވުމެވެ. ގައުމުގައި އިސްވެ ބަސް ކިޔާނެ ގާބިލު މީހުން ވެރިކަން ކުރާ ޕާޓީ އަށް ނުލިބެނީތޯ އަހާ މީހުން ވެސް މިހާރު މަދެއް ނޫނެވެ. އެމްޑީޕީ އަށް އޮތް ބިރެއްގެ ބޮޑުކަމުން، ގައުމީ މައްސަލަތަކުގައި އައު ބަހެއް ބުނަން ނޭނގި، "އެމްޑީޕީ އެމްޑީޕީ" ކިޔަަ ކިޔާ ހުންނެވުމަކީ ފަލާހު މެން ފަދަ ބޭފުޅުންގެ ފެންވަރު ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަންކަމެވެ.





