ދެ އިންތިޚާބު އެއްކުރަން މަޖިލީހުން ފާސް ކޮށްފި
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު 72 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި. މި ބަދަލާއެކު 20 ވަނަ މަޖިލީހުގެ ދައުރު ހަ މަސްދުވަހަށް ކުރުވެ، 2028 ވަނަ އަހަރުން ފެށިގެން ދެ އިންތިޚާބު ބާއްވާނީ އެކުއެކީގަ. މި އިސްލާހަކީ އިންތިޚާބީ ނިޒާމަށް ގެނައި ބޮޑު ބަދަލެއް.


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ | ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސް ކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ އެއް މެންބަރެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ދިރާސާ ކުރި މި ބިލަކީ މުއިއްޒު ވެރިކަން ކުރައްވާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ ބިލެކެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ ދެ އިންތިޚާބު އެއްކޮށްލުމުގެ އިތުރުން މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު ކުރު ކުރުމަށެވެ. އެ ބަދަލުތައް ނެގެސް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް އިސްލާހެއް ވެސް ގެނައުމަކާއި ނުލަ އެވެ.
މާފުށީ ދާއިރާގެ މެންބަރު އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ހުސެއިން ރިޟާ އާދަމް ރިޔާސަތު ބެލެހެއްޓެވި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެ ބިލު ފާސް ކުރީ ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަލީ އިބްރާހިމް، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން އެވެ. ބިލު ފާސްކުރީ އެމްޑީޕީ އަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ފިޔަވާ ދެން ތިއްބެވި ހުރިހާ މެމްބަރުންގެ ވޯޓާއި އެކުގަ އެވެ.
ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައި ކަަމަށެވެ.
މި ބަދަލު ފާސްވުމުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އޭގެ ނަތީޖާ އެއް ގެ ގޮތުން ހިނގަމުންދާ 20 ވަނަ މަޖިލިހުގެ އުމުރުން 6 މަސް ދުަވަސް އުނިވާނެ އެވެ.
ކުރިން އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ މަޖިލިސް އިންތިޚާބު ކުރުަމަށްފަހު ފުރަތަމަ ޖަލްސާ ބާއްވާ ތާރީޚުން ފެށިގެން ފަސް އަހަރު ދުވަހެވެ. އެހެން ނަމަވެސް ހުށަހެޅިފައިވާ ބަދަލާ އެކު އުމުރު ބަލާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހެވެ.
މިހާ އަވަހަށް މި ބިލުގެ މަސައްކަތް ކުރަމުންދާ ސަބަބެއް ކަމަށް ބެލެވެނީ އެޕްރީލް މަހަށް ތާވަލްކޮށްފައިވާ ކައުންސިލް އިންތިޚާބާއި އެކުއެކީގައި ދެ އިންތިޚާބު އެއްކޮށްލުމާއި މެދު ފެންނަ ނުފެންނަ ވޯޓު ނެގުމަށް މަގުފަހިކޮށްދިނުމެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕްރީލް މަހުގެ އިންތިޚާބާއި އެކު ރެފަރެންޑަމްގެ ވޯޓު ނެގޭނީ ފެބްރުއަރީ 18އިގެ ކުރިން ޤާނޫނު އިސްލާހުކޮށްގެން ކަމަށް ވެސް ބުނެފަ އެވެ. މިހާރު ކޮމިޓީ އިން ފާސްކުރި ގޮތަށް އިތުރު އިސްލާހެއް ގެނައުމަކާއި ނުލާ ބިލު ފާސްކޮށްފި ނަމަ 2028 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު ބާއްވާނީ އެކުގަ އެވެ.







