ވެރިކަން ހޯދަން 14 އަހަރު ނެގި، ބޮޑު ވަޒީރު އިސްތިއުފާ ދޭކަށް ނުޖެހޭ: ބޮޑު ވަޒީރުގެ ނައިބު
ސްޓާމާގެ ސަރުކާރުގައި އެންމެ ފުރަތަމަ ފޮރިން ސެކްރެޓަރީގެ ގޮތުގައި ހުންނެވުމަށް ފަހު، ބޮޑު ވަޒީރުގެ ނައިބު ކަމަށް ވަޑައިގެންނެވި ލެމީ އާއި ސްޓާމާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅާ.


އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ ނައިބު ޑޭވިޑް ލެމީ، ޑައުނިން ސްޓްރީޓް އަށް ވަޑައިގެންނެވި ވަގުތު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ރޮއިޓާސް
ލޭބާ ޕާޓީ އިން އިނގިރޭސިވިލާތުގެ ވެރިކަމަށް އައުމަށް 14 އަހަރު ނެގި ކަމަށާއި، ބޮޑު ވަޒީރު ކިއާ ސްޓާމާ އިސްތިއުފާ ދެއްވަން ނުޖެހޭ ކަމަށް، ބޮޑު ވަޒީރުގެ ނައިބު ޑޭވިޑް ލެމީ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް ޕީޓާ މެންޑެލްސަން ސަފީރު ކަމަށް އައްޔަން ކުރެއްވި މައްސަލައިގައި ސްޓާމާ ވަނީ ޕްރެޝަރަށް ވެއްޓިފަ އެވެ. އެއާ އެކު، އެތައް ބަޔަކު އަންނަނީ އޭނާ އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލަމުންނެވެ. ނަމަވެސް، ސްޓާމާ ވަނީ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ނުދޭން ނިންމަވައިފަ އެވެ. އަދި ސަރުކާރުގެ ހުރިހާ ވަޒީރުން ވަނީ ބޮޑު ވަޒީރު ދިފާއު ކުރައްވައިފަ އެވެ.
ހޯމަ ދުވަހު ބޮޑު ވަޒީރުގެ ރަސްމީ އޮފީސް، ޑައުނިން ސްޓްރީޓް އަށް ލެމީ ވަޑައިގެންނެވި ވަގުތު، ނޫސްވެރިން ވަނީ އޭނާއާ ސުވާލު ކޮށްފަ އެވެ. އެގޮތުން ބޮޑު ވަޒީރު އިސްތިއުފާ ދެއްވާނެތޯ އާއި، ބޮޑު ވަޒީރަށް ތާއީދު އޮތްތޯ ނޫސްވެރިން ވަނީ ސުވާލު ކޮށްފަ އެވެ. އަދި އެކަމުގައި ވިދާޅުވާނެ ވަކި ވާހަކައެއް އޮތްތޯ ވެސް ސުވާލު ކޮށްފައިވެ އެވެ.
އެއާ އެކު ލެމީ ވިދާޅުވީ، އިނގިރޭސިވިލާތުގެ ވެރިކަަމަށް ލޭބާ ޕާޓީ އައުމަށް 14 އަހަރު ނެގި ކަމަށެވެ. އަދި ބޮޑު ވަަޒީރު އިސްތިއުފާ ދެއްވާނެތޯ ކުރެވޭ ސުވާލު ތަކަށް އޭނާ ވަނީ ސާފުކޮށް ނޫނެކޭ ވިދާޅުވެފަ އެވެ. ސްޓާމާގެ ސަރުކާރުގައި އެންމެ ފުރަތަމަ ފޮރިން ސެކްރެޓަރީގެ ގޮތުގައި ހުންނެވުމަށް ފަހު، ބޮޑު ވަޒީރުގެ ނައިބު ކަމަށް ވަޑައިގެންނެވި ލެމީ އާއި ސްޓާމާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
2024 ވަނަ އަހަރު އިނގިރޭސިވިލާތުގައި އޮތް އިންތިޚާބު ކާމިޔާބުކޮށް، ލޭބާ ޕާޓީ އިން ވަނީ ތާރީޚީ ކާމިޔާބެއް ހޯދައިފަ އެވެ. އިންތިޚާބުގައި ލޭބާ ޕާޓީ އަށް ބޮޑު މެޖޯރިޓީއެއް ލިބުނުއިރު، ވެރިކަަމަށް އެ ޕާޓީ އަށް އާދެވުނީ 14 އަހަރު ފަހުންނެވެ. އެ އިންތިޚާބުގައި ލޭބާ ޕާޓީ އިން ވަނީ 411 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އެއާ އެކު ސްޓާމާގެ ސަރުކާރު އުފެދުނުއިރު، އަހަރު ދުވަސް ފަހުން ސްޓާމާ އަށް ވަނީ ވެރިކަން ދިފާއު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.
މަސްދަރު: ސްކައި ނިއުސް






