އެޕްސްޓީންގެ ޝިކާރަކަށްވީ މީހުންނަަށް ހަމްދަރުދީވާ ކަމަށް ވިލިއަމް އާއި ކެތަރިން ވިދާޅުވެއްޖެ
ޝާހީ ގަނޑުވަރުން ނެރެފައިވާ ބަޔާނެއްގައި ވިލިއަމް އާއި ކެތަރިން ވިދާޅުވެފައި ވަނީ، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން މިދިޔަ ޖަނަވަރީ މަހުގެ ފަހު ކޮޅު އާންމު ކުރި ތިން މިލިއަނަށް ވުރެ ގިނަ ޞަފުހާގެ ލިޔެކިޔުން ތަކުން ފެންމަތިވި މައުލޫމާތު ތަކުގެ ސަބަބުން ވަރަށް ބޮޑު ސިހުމެއް ލިބިވަޑައިގެންނެވި ކަމަށް.


ޕްރިންސް ވިލިއަމް އާއި، އޭނާގެ އަނބިކަނބަލުން ޕްރިންސަސް ކެތެރިން | ރޮއިޓާސް
އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް ހަމްދަރުދީ ފޮނުވައި، އެ ފަރާތްތަކާ މެދު ކަންބޮޑުވާ ކަމަށް އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް އާއި، އޭނާގެ އަނބިކަނބަލުން ޕްރިންސަސް ކެތެރިން ވިދާޅުވެއްޖެ އެވެ.
ވިލިއަމް އާއި ކެތަރިން ނެރުއްވި ބަޔާނަކީ، އެޕްސްޓީންގެ މައްސަލަ އާއި، އިނގިރޭސި ޝާހީ އާއިލާ ދުރު ކުރުމަށް ކޮށްފައިވާ ކަމެކެވެ. އެ މައްސަލައިގެ ސަބަބުން އިނގިރޭސި ޝާހީ އާއިލާ އަށް ވެސް އަންނަނީ ނުރުހުން އަމާޒުވަމުންނެވެ.
ޝާހީ ގަނޑުވަރުން ނެރެފައިވާ ބަޔާނެއްގައި ވިލިއަމް އާއި ކެތަރިން ވިދާޅުވެފައި ވަނީ، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން މިދިޔަ ޖަނަވަރީ މަހުގެ ފަހު ކޮޅު އާންމު ކުރި ތިން މިލިއަނަށް ވުރެ ގިނަ ޞަފުހާގެ ލިޔެކިޔުން ތަކުން ފެންމަތިވި މައުލޫމާތު ތަކުގެ ސަބަބުން ވަރަށް ބޮޑު ސިހުމެއް ލިބިވަޑައިގެންނެވި ކަމަށެވެ.
އެ މައްސަލައިގައި އާންމު ކޮށްފައިވާ މައުލޫމާތާއި، އެޕްސްޓީންގެ ފަރާތުން އަނިޔާ ލިބުނު ފަރާތްތަކާ މެދު ވިލިއަމް އާއި ކެތަރިން ހަމްދަރުދީ ވެވަޑައިގަންނަވާ ކަމަަށް ވެސް ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ. ޝާހީ އާއިލާގެ ނަން ކިލަނބުވިޔަ ނުދިނުމަށް މަސައްކަތް ކުރަމުން އަންނައިރު، މި ދެ ބޭފުޅުންނަކީ ޝާހީ އާއިލާގެ އެންމެ މަޤުބޫލު ދެ ބޭފުޅުންނެވެ.
ޝާހީ އާއިލާ އިން މި ބަޔާން ނެރުއްވާފައި ވަނީ ޕްރިންސް ވިލިއަމް ހޯމަ ދުވަހު ސައުދީ އަރަބިއްޔާ އަށް ފުރައި ވަޑައިގެންނެވުމުގެ ކުޑަ ވަގުތު ކޮޅެއްގެ ކުރިންނެވެ. މިއީ އެޕްސްޓީން އާއި ޕްރިންސް އެންޑްރޫއާ ދެމެދު އޮތް ގުޅުން ތަކުގެ ސަބަބުން ޝާހީ އާއިލާ އަށް ފާޑު ކިޔުމާއި، ނުރުހުން ވެސް އަމާޒުވަމުން އަންނަ ދުވަސް ކޮޅެކެވެ. އެ މައްސަލަ ފެންމަތިވުމާ އެކު، ޝާހީ އާއިލާ އިން ވަނީ އެންޑްރޫ އަށް ދީފައިވާ ލަޤަބުތައް އަތުލައިފަ އެވެ.
އިނގިރޭސި ރަސްގެފާނު ތިން ވަނަގެ ކޮއްކޯފުޅު، އުމުރުން 65 އަހަރުގެ އެންޑްރޫ މިހާރު ބޭނުން ކުރާ ނަމަކީ އެންޑްރޫ މައުންޓްބެޓަން ވިންޑްސަރ އެވެ. އޭނާގެ ލަޤަބުތައް ޝާހީ އާއިލާ އިން އަތުލާފައިވާއިރު، އޭނާ ވަނީ ޝަހީ ގަނޑުވަރުން ވެސް ބޭރުކޮށްލައިފަ އެވެ.
އެޕްސްޓީންއާ ދެމެދު ގުޅުން ތަކެއް އޮތް ނަަމަވެސް، އެންޑްރޫ ވަނީ އޭނާގެ މައްޗަށް ކުރެވޭ އެންމެހާ ތުހުމަތު ތަކަށް އިންކާރު ކޮށްފަ އެވެ. އޭނާ އެކަން ދޮގު ކޮށްފައި ވީ ނަމަވެސް، ޝާހީ އާއިލާ އަށް އަމާޒުވަމުން އަންނަ ފާޑު ކިޔުން ތަކަށް ބަދަލެއް ނާދެ އެވެ.
މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް






