އެންމެ ފަހުން ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި ހުރިހާ ވަޒީރުން ނިކުންނަވައިފި
ސާވާގެ ނޫސްވެރިންގެ ބައްދަލުވުން ނުނިމެނީސް، އިނގިރޭސިވިލާތުގެ ސަރުކާރުގެ ވަޒީރުން ވަނީ ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި ނިކުންނަވައި، ސޯޝަލް މީޑިއާގައި ޕޯސްޓު ކުރައްވާފައި. ހޯމަ ދުވަހުގެ ވަގުތެއްގައި ސްޓާމާ ވަނީ ލޭބާ ޕާޓީގެ މެމްބަރުންނާ ސިއްރުން ބައްދަލު ކުރައްވައި މަޝްވަރާ ވެސް ކުރައްވާފައި.


ޑައުނިން ސްޓްރީޓް އިން ނިކުމެ ވަޑައިގެން ބޮޑު ވަޒީރު ސްޓާމާ ކާރު ކޮޅަށް އަރައި ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަށް އޮތް ޕްރެޝަރު ބޮޑުވެ، އޭނާ އިސްތިއުފާ ދެއްވުމަށް ސްކޮޓްލެންޑުގެ ލޭބާ ލީޑަރު އަނަސް ސާވާ ގޮވާލައްވާފައި ވަނިކޮށް، ބޮޑު ވަޒީރުގެ ދިފާއުގައި ސަރުކާރުގެ ހުރިހާ ވަޒީރުން ނިކުންނަވައިފި އެވެ.
ހޯމަ ދުވަހުގެ ވަގުތެއްގައި ސާވާ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ، ސަރުކާރުގެ އެންމެ މަތީ ފަންތީގައި ގޯސް ތަކެއް ހިނގާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ބޮޑު ވަޒީރުގެ ރަސްމީ އޮފީސް، ޑައުނިން ސްޓްރީޓް އަށް ނިސްބަތް ކުރައްވައި އޭނާ ވިދާޅުވީ، ޙާލަތު އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.
ސާވާގެ ނޫސްވެރިންގެ ބައްދަލުވުން ނުނިމެނީސް، އިނގިރޭސިވިލާތުގެ ސަރުކާރުގެ ވަޒީރުން ވަނީ ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި ނިކުންނަވައި، ސޯޝަލް މީޑިއާގައި ޕޯސްޓު ކުރައްވައިފަ އެވެ. ހޯމަ ދުވަހުގެ ވަގުތެއްގައި ސްޓާމާ ވަނީ ލޭބާ ޕާޓީގެ މެމްބަރުންނާ ސިއްރުން ބައްދަލު ކުރައްވައި މަޝްވަރާ ވެސް ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ސްޓާމާ ވިދާޅުވެފައި ވަނީ މިހާތަނަށް ކުރި ކޮންމެ ހަނގުރާމައެއް ވެސް އެމަނިކުފާނު ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ކުރިމަތި ވަމުން އަންނަ ކަންތައްތަކުން ވެސް އަރައި ގަނެވޭނެ ކަމަށް އޭނާ ވަނީ މެމްބަރުންނަށް ވިދާޅުވެފަ އެވެ. އެގޮތުން ޤައުމު ބަދަލު ކުރުމަށް ލިބުނު ފުރުސަތުގައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަން ހުރި ކަމަށް ސްޓާމާ ފާހަގަ ކުރެއްވި އެވެ. އެއާ އެކު އޭނާ ވިދާޅުވީ، ހަވާލު ކޮށްފައި އޮތް މެންޑޭޓުން ބޭރުވެ، އެހެން މީހުން ހެދި ކަހަލަ ގޯހެއް ނުހައްދަވާނެ ކަމަށެވެ.
މީޑިއާ ތަކުގައި ބުނެފައި ވަނީ، އެ ބައްދަލުވުމުގައި މެމްބަރުން ބޮޑު ވަޒީރު ސްޓާމާއާ ވަރަށް ގިނަ ސުވާލު ކޮށްފައިވާ ކަމަށެވެ. އެގޮތުން ކަންކަން އެންމެ ބޮޑަށް ސާފު ކުރަން މެމްބަރުން ބޭނުންވި ކަމަށާއި، ބޮޑު ވަޒީރު ގެންދެވީ މެމްބަރުންނާ "އެކުވެރިކޮށް" ވާހަކަ ދައްކަވަމުން ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުން ވެސް ވަނީ ބޮޑު ވަޒީރު ދިފާއު ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ ޕޯސްޓު ކުރެއްވި ބޭފުޅުންގެ ތެރޭގައި ނައިބު ބޮޑު ވަޒީރު ޑޭވިޑް ލެމީ އާއި، ޗާންސެލަރު ރޭޗަލް ރީވްސް އަދި ފޮރިން ސެކްރެޓަރީ ވައިވެޓް ކޫޕާ ފަދަ ބޭފުޅުން ހިމެނެ އެވެ. ނަމަވެސް، އެންމެ ފުރަތަމަ ޕޯސްޓު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހޯމް ސެކްރެޓަރީ ޝަބާނާ މަހުމޫދު އާއި، އެނާޖީ އެންޑް ސެކިއުރިޓީ ސެކްރެޓަރީ އެޑްވާޑް މިލިބޭންޑް އަދި ކަލްޗާ، މީޑިއާ އެންޑް ސްޕޯޓް ސެކްރެޓަރީ ލިސާ ނެންޑީ ހިމެނެ އެވެ.
ނަމަވެސް، އޭގެ ފަހުން މި ތިން ބޭފުޅުން ވެސް ވަނީ ބޮޑު ވަޒީރުގެ ދިފާއުގައި ޕޯސްޓު ކުރައްވައިފަ އެވެ. އެގޮތުން ހޯމް ސެކްރެޓަރީ ޝަބާނާ ވިދާޅުވީ، މީގެ 18 މަސް ދުވަސް ކުރިން އިނގިރޭސިވިލާތުގެ ރައްޔިތުން ބޮޑު ވަޒީރަށް ދިނީ ފަސް އަހަރު ދުވަހުގެ މެންޑޭޓެއް ކަމަށެވެ. ލޭބާ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށާއި، އެކަމުގައި އެންމެ ސިކުންތެއް ވެސް ބޭކާރު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ޗާންސެލަރު ރީވްސް ވިދާޅުވެފައި ވަނީ، ރައްޔިތުން ބޮޑު ވަޒީރު ސްޓާމާ އަށް ދީފައި ވަނީ ވަރަށް ބޮޑު މެންޑޭޓެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ ވަރަށް ބޮޑު އުންމީދު ތަކެއް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބޮޑު ވަޒީރު ސްޓާމާ އާއެކު، ޤައުމު އައު މިސްރާބަކަށް ގެންދެވޭ ކަމަށް ވެސް ރީވްސް ވަނީ ވިދާޅުވެފަ އެވެ.
ވަޒީރުންގެ އިތުރުން ކުރީގެ ނައިބު ބޮ ޑުވަޒީރު އެންޖެލާ ރޭނާ ވެސް ވަނީ ބޮޑު ވަޒީރު ސްޓާމާ ދިފާއު ކުރައްވައިފަ އެވެ. ސްޓާމާ އަށް އޭނާގެ ފުރިހަމަ އިތުބާރު އަދި ތާއީދު އޮތް ކަމަށާއި، އެކަމުގައި ހުރިހާ މެމްބަރުން އެއްބައިވެ، އެކުވެރި ވުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. ޤައުމު ބަދަލު ކުރުމުގެ ފުރުސަތު ލޭބާ ޕާޓީ އަށް ލިބި، މަސައްކަތް ފަށައިގަނެވިފައިވާއިރު، އެކަން ބޭކާރު ނުކުރުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
ބޮޑު ވަޒީރު ސްޓާމާ އަށް ޕްރެޝަރު ބޮޑުވެ، އޭނާގެ އިސްތިއުފާ އަށް ގިނަ ބަޔަކު ގޮވާލަން ފެށީ، އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް އޮތްކަން އެނގިހުރެ، ސަފީރު ކަމުގެ މަގާމަށް ޕީޓާ މެންޑެލްސަން އައްޔަން ކުރައްވާފައިވާތީ އެވެ. ސްޓާމާ ވަނީ އެ ގުޅުމުގެ ފުން މިނާއި، ނުރައްކާތެރިކަން ކުރިން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ، މައާފަށް އެދިވަޑައިގެންފަ އެވެ. އަދި ސަފީރު ކަމަށް މެންޑެލްސަން އައްޔަން ކުރެވުން އެއީ، ހިތާމަ ކުރާ ވަރުގެ ނިންމުމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މަސްދަރު: ބީބީސީ






