ބޮޑު ވަޒީރު ސްޓާމާ ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް، ޗީފް އޮފް ސްޓާފް އިސްތިއުފާާ ދެއްވައިފި
އެކަމާ ގުޅޭ ގޮތުން މެކްސްވީނީ ވިދާޅުވީ، މެންޑެލްސަން މަގާމަށް އައްޔަން ކުރުމުގެ ވެޓިން މަރުހަލާ އާއި، ދިރާސާގެ ކަންކަން ކުރިއަށް ގެންދިޔައީ އޭނާގެ ބެއްލެވުމުގެ ދަށުން ނޫން ކަމަށް ވިޔަސް، މެންޑެލްސަން މަގާމަށް އައްޔަން ކުރެއްވުމަށް ބޮޑު ވަޒީރު ސްޓާމާ އަށް ލަފާ އެރުވީ އޭނާ ކަމަށް. އެހެންކަމުން އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ބޭނުންވާ ކަމަށް ވެސް މެކްސްވީނީ ވަނީ ވިދާޅުވެފައި.


އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، އޭނާގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި މޯގަން މެކްސްވީނީ | ރޮއިޓާސް
އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން އާއި، ޕީޓާ މެންޑެލްސަންއާ ދެެމެދު ގުޅުމެއް އޮތްކަން އެނގިހުރެ، އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އޭނާ އައްޔަން ކުރުމުން ބޮޑު ވަޒީރު ކިއާ ސްޓާމާ އަށް ނުރުހުން އަމާޒުވެ، ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް ބޮޑު ވަޒީރުގެ ޗީފް އޮފް ސްޓާފް މޯގަން މެކްސްވީނީ އިސްތިއުފާ ދެއްވައިފި އެވެ.
އާދީއްތަ ދުވަހު މެކްސްވީނީ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އެޕްސްޓީން އާއި މެންޑެލްސަންއާ ދެމެދު ގުޅުމެއް އޮތްކަން އެނގިހުރެ، ސަފީރު ކަމުގެ މަގާމަށް މެންޑެލްސަން އައްޔަން ކުރުމަށް ބާރު އެޅުއްވީ މެކްސްވީނީ އެވެ. އެކަމާ ގުޅިގެން އޭނާ އަށް ވެސް ވަނީ އެތައް ބައެއްގެ ފާޑު ކިޔުމާއި، ޕްރެޝަރު އަމާޒުވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން މެކްސްވީނީ ވިދާޅުވީ، މެންޑެލްސަން މަގާމަށް އައްޔަން ކުރުމުގެ ވެޓިން މަރުހަލާ އާއި، ދިރާސާގެ ކަންކަން ކުރިއަށް ގެންދިޔައީ އޭނާގެ ބެއްލެވުމުގެ ދަށުން ނޫން ކަމަށް ވިޔަސް، މެންޑެލްސަން މަގާމަށް އައްޔަން ކުރެއްވުމަށް ބޮޑު ވަޒީރު ސްޓާމާ އަށް ލަފާ އެރުވީ އޭނާ ކަމަށެވެ. އެހެންކަމުން އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ބޭނުންވާ ކަމަށް ވެސް މެކްސްވީނީ ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލައިގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އާއި، އޭނާގެ ސަރުކާރަށް ވެސް އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު، ޗީފް އޮފް ސްޓާފްގެ މަގާމުން އިސްތިއުފާ ދެއްވަމުން މެކްސްވީނީ ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވުމަކީ އޭނާ އަށް ޤަބޫލު ކުރެވުނު އެންމެ ރަނގަޅު އަދި ޝަރަފުވެރި ގޮތް ކަމަށެވެ.
2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޮޑު ވަޒީރު ސްޓާމާ ވަނީ، އިނގިރޭސިވިލާތުން އެމެރިކާ އަށް ކަނޑަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުން މެންޑެލްސަން ވަކި ކުރައްވައިފަ އެވެ. އެއީ އޭރު އާންމުވި ލިޔުން ތަކުގައި މެންޑެލްސަން އާއި، އެޕްސްޓީންއާ ދެމެދު ގުޅުން ތަކެއް އޮތް ކަމަށް ހާމަވުމުންނެވެ. އޭގެ ފަހުން މިދިޔަ ޖަނަވަރީ މަހުގެ ފަހު ކޮޅު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އިން ނެރުނު އިތުރު ލިޔުން ތަކުގައި އެޕްސްޓީން އާއި މެންޑެލްސަންއާ ދެމެދު އިންތިހާ ގާތް ގުޅުމެއް އޮތް ކަމަށް ހާމަވުމުން، މެންޑެެލްސަން ވަނީ ވެރިކަން ކުރާ ލޭބާ ޕާޓީ އިން އިސްތިއުފާ ދެއްވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ، މަގާމަށް އައްޔަން ކުރުމުގެ ކުރިން ވެސް އެޕްސްޓީންއާ ދެމެދު ގުޅުމެއް އޮތް ކަމަށް މެންޑެލްސަން ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެކަމުގައި މެންޑެލްސަން ދޮގު ހަދާފައިވާ ކަމަށާއި، އެ ދޮގު ތަކުގައި އެމަނިކުފާނަށް ޖެހިވަޑައިގެންފައިވާ ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ. އެޕްސްޓީން އާއި މެންޑެލްސަންއާ ދެމެދު އޮތް ގުޅުމުގެ ފުން މިނާއި، އެ ގުޅުމުގެ ނުރައްކާތެރިކަން އޭރު އެނގިވަޑައި ނުގަންނަވާ ކަމަށް ފާހަގަ ކުރައްވައި، އެޕްސްޓީންގެ ޝިކާއަރަކަށްވީ މީހުންގެ ކިބައިން ބޮޑު ވަޒީރު ސްޓާމާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.
މި މައްސަލައިގައި ބޮޑު ވަޒީރު ސްޓާމާ ގޯސް ތަކެއް ހައްދަވާފައިވާ ކަމަށް ބުނެ، އޭނާގެ އިސްތިއުފާ އަށް ވެސް އަންނަނީ ގޮވާލުންނެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ލޭބާ ޕާޓީގެ މެމްބަރުންނާއި، އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުން ވެސް ހިމެނެ އެވެ.
މަސްދަރު: ބީބީސީ






