ހުޅަނގު އައްސޭރީގައި އިޒްރޭލުން ގެންދަނީ "ހިމޭން ހަނގުރާމަ އެއް" ކުރަމުން: އަންރުވާ
އަންރުވާ އިން ބުނީ، މުޅި ދުނިޔޭގެ ސަމާލުކަން ޣައްޒާ އަށް ހުއްޓިފައިވާއިރު، ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަނިޔާވެރިކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް. 2023 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން 1000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 250 ކުޑަކުދިން ހިމެނޭ.

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރަމް ސިޓީ ކައިރީގައި އޮންނަ ނޫރު ޝަމްސް ކޭމްޕުގައި 2024 އޮގަސްޓް 28 ވީ ބުދަ ދުވަހު އިޒްރޭލު ސިފައިން ފަލަސްތީނުގެ ދެ ފިރިހެނަކު ހައްޔަރުކުރަނީ. | ގެޓީ އިމޭޖަސް
އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި "ހިމޭން ހަނގުރާމައެއް" ކުރަމުންދާ ކަމަށް ބުނެ، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ (އަންރުވާ) އިން ވަރުގަދަ އިންޒާރެއް ނެރެފިއެވެ. އެ އެޖެންސީން ބުނި ގޮތުގައި މުޅި ދުނިޔޭގެ ސަމާލުކަން ޣައްޒާއަށް ހުއްޓިފައިވާ ދަނޑިވަޅެއްގައި، ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އަންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒާރިނީ ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުން 1,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރާލާފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 250 މީހުންނަކީ ކުޑަކުދިންނެވެ. މިއީ މަރުވި މީހުންގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައެވެ.
އިޒްރޭލުގެ ސިފައިންނާއި ވަޒަންވެރިން ހިންގާ މި އަނިޔާވެރިކަން ކުރިން ދުވަހަކުވެސް ނުދެކޭ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، ލަޒާރިނީ އާދީއްތަ ދުވަހު ވިދާޅުވީ މީހުން މެރުމާއި، ގެދޮރު ސުންނާފަތިކުރުމާއި، މަޖުބޫރުން މީހުން ބޭރުކުރުމުގެ އިތުރުން ޔަހޫދީން ވަޒަންވެރިކުރުވާ ސަރަހައްދުތައް ފުޅާކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ފަލަސްތީނުގެ މުޖުތަމައުތަކަށް ކޮންމެ ދުވަހަކު ބިރުދައްކައި، އެމީހުންގެ ދިރިއުޅުމުގެ ވަސީލަތްތައް ހަލާކުކުރަމުންދާއިރު، އެކަންކަން ކުރާ ފަރާތްތަކަށް އެއްވެސް އަދަބެއް ނުލިބޭ ކަމުގެ އިންޒާރު ލަޒާރިނީ ދެއްވިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ލަޒާރިނީ ވިދާޅުވީ، އިޒްރޭލުގެ ވަޒަންވެރިން ދެމުންދާ ހަމަލާތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އަބަދުވެސް ބިރުދައްކައި، އެމީހުންގެ ވަޒަނުން ބޭރުކޮށް، އާމްދަނީ ހޯދާނެ މަގުތައް ބަންދުކުރަމުންދާ ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ މީހުންނަށް އަދަބެއް ނުލިބޭނެ ކަމުގެ ޔަގީންކަން އޮތުމަކީ މިކަންކަން ތަކުރާރުވުމަށް ލިބޭ ހިތްވަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިޒްރޭލުން ހިންގާ "އަޔަން ވޯލް" ނުވަތަ ދަގަނޑު ފާރުގެ އޮޕަރޭޝަނާ ގުޅިގެން އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ. މިއީ 1967 ވަނަ އަހަރަށްފަހު މިހާ ގިނަ އަދަދެއްގެ ބަޔަކު ގެދޮރުން ބޭރުކޮށްލި ފުރަތަމަ ފަހަރެވެ. އަދި އެ އާއިލާތަކަށް އަނބުރާ ގެއަށް ނާދެވޭނެ ގޮތް ހެދުމަށްޓަކައި، އިސްރާއީލުން ދަނީ ސިސްޓަމެޓިކްކޮށް ގެދޮރު ތަޅައި ސުންނާފަތި ކުރަމުންނެވެ.
ދުނިޔޭގެ ސަމާލުކަން ޣައްޒާއަށް ހުއްޓިފައި އޮތް ނަމަވެސް، ހުޅަނގު އައްސޭރީގައި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށް ބޯނުލެނބުމަކީ މިހާރު އާންމު ކަމަކަށް ވެފައިވާ ކަމަށް ލަޒާރިނީ ފާހަގަކުރެއްވިއެވެ.
ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުންނަ އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2023 އޮކްޓޫބަރު 7 އިން ފެށިގެން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ހުޅަނގު އައްސޭރީގައި 1,001 ފަލަސްތީނު ރައްޔިތުން ވަނީ މަރާލާފައެވެ. މީގެ ތެރޭގައި 213 ކުޑަކުދިން ހިމެނޭއިރު، މިއީ މަރުވި މީހުންގެ ކޮންމެ ފަސް މީހަކުން އެކަކެވެ.
މި އަދަދަކީ ވޭތުވެދިޔަ ވިހި އަހަރު ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރީގައި މަރާލި ފަލަސްތީނު މީހުންގެ 43 އިންސައްތައެވެ. ގިނަ މީހުން މަރުވެފައިވަނީ އިޒްރޭލު ސިފައިން މީހުން ގިނަ ސަރަހައްދުތަކުގައި ބަޑިޖެހުމާއި، ވައިގެ ހަމަލާތަކާއި މިސައިލް ހަމަލާތައް ބޭނުންކޮށްގެން ދިން ނުރައްކާތެރި ހަމަލާތަކުގައެވެ.
ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން އަންދާޒާކުރާ ގޮތުގައި، އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަންތަކާއި ވަޒަންވެރިންގެ ހަމަލާތައް ވަރުގަދަވުމުގެ ސަބަބުން، 2025 ވަނަ އަހަރު ނިމުނުއިރު ހުޅަނގު އައްސޭރީގައި މަރުވި މީހުންގެ އަދަދު 1,102 އަށް އަރާފައިވާއިރު، 9,034 މީހުން ވަނީ ޒަޚަމްވެފައެވެ.
މި އަނިޔާވެރިކަން އިތުރުވެފައިވަނީ 2023 އޮކްޓޫބަރު 7 ގައި ފެށުނު ޣައްޒާ ހަނގުރާމައާ އެކުއެކީގައެވެ.
ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ވަޒަންވެރިން ދޭ ހަމަލާތައް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާއިރު، އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯޗާ) އިން ވަނީ ހަމައެކަނި 2024 ވަނަ އަހަރުގެ ތެރޭގައިވެސް މިފަދަ 1,420 ހާދިސާއެއް ރިޕޯޓްކޮށްފައެވެ. މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
މި ހާދިސާތަކުގެ ތެރޭގައި މީހުންގެ ފުރާނައަށް ގެއްލުންދިނުމާއި މުދަލަށް ގެއްލުންދިނުން ހިމެނޭއިރު، ގިނަ ފަހަރަށް މިކަންކަން ކުރަނީ އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީތެރިކަމާއެކު ނުވަތަ އެމީހުން ބަލަން ތިއްބައެވެ.






