އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެޕްސްޓީންގެ މައްސަލަ އަކީ މާޒީގެ ކަމެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް. އަދި ޞިއްޙީ ނިޒާމު ފަދަ، ރައްޔިތުންނަށް މުހިންމު ކަންކަމަށް ޤައުމުގެ ސަމާލުކަން އަނބުރާލަން ވަގުތު ޖެހިފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާ ވިދާޅުވީ އެޕްސްޓީންގެ މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ ކަމަށް | ރޮއިޓާސް
އެމެރިކާގެ ޖިންސީ ކުށްވެރިޔާ އެޕްސްޓީންގެ މައްސަލައިގައި ދާދި ފަހުން އާންމު ކުރި ލިޔެކިޔުންތަކާ އެކު، ސިޔާސީ ބޮޑެތި ފަރާތްތަކަށް ތުހުމަތު ތަކެއް އަމާޒުވެފައި ވަނިކޮށް، އެ މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެޕްސްޓީންގެ މައްސަލަ އަކީ މާޒީގެ ކަމެއްގެ ގޮތުގައި ބަލަން ެޖހޭ ކަމަށެވެ. އަދި ޞިއްޙީ ނިޒާމު ފަދަ، ރައްޔިތުންނަށް މުހިންމު ކަންކަމަށް ޤައުމުގެ ސަމާލުކަން އަނބުރާލަން ވަގުތު ޖެހިފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގެ ނުފޫޒު ވަނީ އިނގިރޭސިވިލާތާއި، ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ގޮސްފަ އެވެ. އެގޮތުން އެމެރިކާގައި މީގެ ކުރިން ހުންނެވި އިނގިރޭސި ސަފީރު ޕީޓާ މެންޑެލްސަން ވަނީ، އެޕްސްޓީން އާއެކު ސިއްރު މުއާމަލާތް ތަކެއްކޮށް، ގުޅުން ބާއްވައިފަ އެވެ. އެ މައްސަލައިގައި އޭނާ ވަނީ އިނގިރޭސިވިލާތުގައި ވެރިކަން ކުރާ ލޭބާާ ޕާޓީ އިން އިސްތިއުފާ ދެއްވައިފަ އެވެ.
މެންޑެލްސަންގެ އިސްތިއުފާއާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ، އޭނާ އަކީ ކާކުކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް ކަމަށެވެ. މެންޑެލްސަން އަކީ 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ވައިޓް ހައުސްގައި ޓްރަމްޕް އާއެކު ބައްދަލު ކުރައްވައި، ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެއްވި ބޭފުޅާ އެވެ،
އެޕްސްޓީންގެ މައްސަލައިގަައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި، އެމަނިކުފާނުގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން އަށް ވެސް ވަނީ ޕްރެޝަރާ ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ. އެ މައްސަލައިގައި ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހާއި، 27 ވަނަ ދުވަހު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަހުގީގަށް ވަޑައިގެން، ކްލިންޓަންގެ ދެމަފިރިން ބަޔާން ދެއްވަން ޖެހޭނެ އެވެ.
އެކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެޕްސްޓީންގެ މައްސަލަ އަކީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މައްސަލައެއް ނޫން ކަމަށާއި، އެ މައްސަލަ އަކީ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީއާ ގުޅުން ހުރި މައްސަލައެއް ކަމަށެވެ. ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ކްލިންޓަންގެ ދެމަފިރިންނަށް މިފަދަ ކަމަކާ ކުރިމަތިލާން ޖެހުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ.
ޓްރަމްޕް އާއި އެޕްސްޓީންއާ ދެމެދު ވެސް ގާތް ގުޅުމެއް އޮތްއިރު، އެޕްސްޓީންގެ މައްސަލައިގައި ހިމެނޭ އެތައް މިލިއަން ލިޔެ ކިޔުމެއް އާންމު ކުރުން ހުއްޓުވުމަށް ޓްރަމްޕް ވަނީ މަސް ތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފަހު ކޮޅުގެ ތެރޭގައި ވަނީ އެ މައްސަލައިގެ ލިޔުން ތަކުގެ ފުރަތަމަ ބައި އާންމު ކޮށްފަ އެވެ. އަދި މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އިން ވަނީ އިތުރު ލިޔުން ތަކެއް އާންމު ކޮށްފަ އެވެ.
މި މައްސަލައިގައި ޓްރަމްޕްގެ އަރިސް ބޭފުޅުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ ކޮމާސް ސެކްރެޓަރީ ހޮވާޑް ލުޓްނިކް އާއި، ޓްރަމްޕްއާ ގާތް ގުޅުމެއް އޮންނަ މަހުޖަނު އީލޮން މަސްކް ހިމެނިފައި ވީ ނަމަވެސް، ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އެ މީހުންގެ މައްޗަށް ކުށެއް ސާބިތުވެފައި ނެތް ކަމަށެވެ.
މަސްދަރު: އޭއެފްޕީ






