އެޕްސްޓީން ބައިވެރިކޮށްގެން ރާއްޖޭ ގައި ރިސޯޓް ތަރައްގީ ކުރަން ޑރ. ވަހީދު އުޅުއްވި
އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު 2014 ވަނަ އަހަރު ފޮނުއްވި އީމެއިލްތަކެއްގައި، ރާއްޖޭގައި ރިސޯޓު ތަރައްގީކުރުމުގެ ދެ މަޝްރޫއަކަށް އިންވެސްޓްކުރުމުގެ ފުރުސަތު އޮތްކަން ހާމަކުރައްވާފައިވޭ. މީގެ ތެރޭގައި 25 މިލިއަން ޑޮލަރުގެ ފުއްގިރި މަޝްރޫއާއި 400 މިލިއަން ޑޮލަރުގެ އިންނަހެރާ މަޝްރޫއު ހިމެނޭއިރު، އެޕްސްޓީން ރާއްޖެ އަށް ޒިޔާރަތްކުރުމަށް ވެސް ވަހީދު ދައުވަތު ދެއްވާފައިވޭ.

ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން އަދި ޖެފްރީ އެޕްސްޓީން. | ރާއްޖެއެމްވީ ގްރެފިކްސް
އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން އާ ގުޅިގެން ރާއްޖޭގައި ރިސޯޓް ތަރައްގީ ކުރަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަސައްކަތް ކުރެއްވިކަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމު ކުރި ލިޔުންތަކުން ހާމަވެއްޖެ އެވެ.
2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެޕްސްޓީން އަށް ޑރ. ވަހީދު ފޮނުއްވި އީމެއިލް އެއްގައި ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެކަމަށް އެޕްސްޓީންގެ ޝައުގުވެރިކަން ހުރިތޯ ޑރ. ވަހީދު އައްސަވާފައިވެ އެވެ.
ވަހީދުގެ މެއިލް ގައި ކުރިން ފާހަގަކުރި ދެ މަޝްރޫޢާ މެދު ވިސްނާލުމަށް ފުރުޞަތެއް ލިބުނުތޯ އެޕްސްޓީން ގާތު އައްސަވާފައިވެ އެވެ. އަދި މި މަޝްރޫޢުތަކަށް އިންވެސްޓަރުން ހޯދުމުގައި އެހީތެރިވެދެވިދާނެ އެއްވެސް މަގެއް ފެނިފައިވޭތޯ އައްސަވާފައިވެ އެވެ.
ވަހީދު އެޕްސްޓީން އަށް ރިސޯޓު ތަރައްގީ ކުރުމަށް ދެ މަޝްރޫއެއް ހުށަހެޅުއްވި އިރު އޭގެ ތެރޭގައި ހިމެނޭ ފުރަތަމަ މަޝްރޫއަކީ ފުއްގިރި ޕްރައިވެޓް އައިލެންޑް ރިޓްރީޓް މަޝްރޫއު އެވެ. މަޝްރޫޢަށް ކަނޑައެޅިފައިވާ ބަޖެޓަކީ 25 މިލިއަން ޑޮލަރު ކަމަށް ވަހީދު ލިޔުއްވާފައިވެ އެވެ. ބޮޑަށް އެދެވިގެންވަނީ އެކަކު އިންވެސްޓް ކުރުން ކަމަށާއި މި ރަށަކީ ހިތްގައިމު ކުޑަ ރަށެއް ކަމަށާއި، މިތަނުގައި ތަރައްޤީ ކުރެވޭނީ ގާތްގަނޑަކަށް 10 ވިލާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ވަހީދުގެ ވިސްނުމަކީ މި ކުޑަ ރަށް ވީ.ވީ.އައި.ޕީ އަށް ޚާއްޞަ 'ޕްރައިވެޓް ރިޓްރީޓް' އެއްގެ ގޮތުގައި ތަރައްޤީ ކުރުން ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި މަދު ވިލާތަކެއް ބިނާކޮށް، ވަކިވަކި ކޮޓަރިތަކުގެ ބަދަލުގައި މުޅި ރަށް އެކީގައި މާކެޓް ކުރެވިދާނެ ކަމަށް ވެސް ވަހީދު ވިދާޅުވެފައިވެ އެވެ. މިހާރު ވެސް ރާއްޖޭގައި މިފަދަ އެއް ރަށް އެބައޮތް ކަމަށާއި އެތަނުގައި ރޭގަނޑަކަށް 35،000 ޑޮލަރު ނަގާ ކަމަށާއި، ވަހީދު ގަބޫލު ކުރައްވާ ގޮތުގައި މެދުއިރުމަތީގެ ޝާހީ އާއިލާތަކާއި ރަޝިޔާގެ މުއްސަނދި ކްލައިންޓުންނަށް އަމާޒުކޮށްގެން ރަނގަޅު ނަތީޖާއެއް ހޯދިދާނެ ކަމަށް ވިދާޅުވެފައިވެ އެވެ. މިފަދަ ރަށެއް ފަރުމާކޮށް، ބިނާކޮށް، އަދި ހިންގުމުގެ ފުރިހަމަ ޤާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށް ވެސް ވަހީދުގެ އީމެއިލް ގައިވެ އެވެ.
އެޕްސްޓީން އަށް ވަހީދު ހުށަހެޅުއްވި ދެވަނަ މަޝްރޫޢަކީ އިންނަހެރާ 5 ރަށުގެ ކްލަސްޓަރ ތަރައްގީ ކުރުމެވެ. މި މަޝްރޫޢުގެ ބަޖެޓަކީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ކަމަށާއި، މިއީ ރާއްޖޭގައި ދެން ކުރިއަށްދާނެ އެންމެ ބޮޑު އަދި ފާހަގަކޮށްލެވޭނެ މަޝްރޫޢު ކަމަށް ވަހީދު ވިދާޅުވެފައިވެ އެވެ. މިއީ މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދެކެވޭނެ ބޮޑު ވާހަކައަކަށް ވާނެ ކަމަށާއި، މިވަގުތު ސިންގަޕޫރުގެ ފަރާތަކާއެކު މަޝްވަރާތައް ކުރިއަށްދާއިރު، އެފަރާތުން ހުށަހަޅަނީ ރާއްޖޭގެ ޕާޓީ އަށް 10 އިންސައްތަ ހިއްސާ އަދި އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 10 މިލިއަން ޑޮލަރު ކަން ވަހީދު ފާހަގަ ކުރައްވާފައިވެ އެވެ. ނަމަވެސް ވަހީދު އެދިވަޑައިގަންނަވަނީ ދިވެހި ޕާޓީ އަށް 40 އިންސައްތަ އިކުއިޓީ އަދި އިންވެސްޓަރުގެ އަތުން އެކުއިޒިޝަން ކޮސްޓެއް ނުނެގުމަށް ކަމަށާއި މިކަމުގައި ދެފަރާތަށް އެއްބަސްވެވޭ މެދުމިނުގެ ގޮތަކަށް މަޝްވަރާ ކުރެވިދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
އަދި އުފާވެރި ޚަބަރަކީ، ކައިރި މުސްތަޤުބަލެއްގައި ހުރިހާ ރަށެއްގެ ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރެވޭނެ ކަން ވެސް ވަހީދު އެޕްސްޓީން އަށް ފޮނުއްވި އީމެއިލް ގައިވެ އެވެ.
ވަހީދު ވަނީ މި އީމެއިލް ގައި ވެސް އެޕްސްޓީން ރާއްޖެ އައުމަށް ވަގުތުކޮޅެއް ހުސްކޮށްލައި ދިނުމަށް އެދިފަ އެވެ. އަދި އެ ދަތުރަކީ އެޕްސްޓީން އުފާވާނެ ދަތުރަކަށް ވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ވަހީދު ލިޔުއްވާފައިވެ އެވެ. އެޕްސްޓީންގެ ދަތުރުގެ މެހުމާންދާރީގެ ކަންކަން ބަލަހައްޓާނީ ވަހީދު އާއި ޑީޑީ ކަމަށާއި، ޑީޑީ އަކީ ވަހީދުގެ ބައިވެރިއެއްގެ އިތުރުން ސޯލް އަދި ސުލްޠާންގެ ގާތް އެކުވެރިއެއް ކަަމަށް ވަހީދު ވިދާޅުވެފައިވެ އެވެ. އޭނާއާ ބައްދަލުވެ، އެކުގައި ވަގުތު ހޭދަކޮށްލުމަކީ އެޕްސްޓީން އަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށް ވެސް ވަހީދު ލިޔުއްވާފައިވެ އެވެ.
މިކަންކަމުގައި ކުރިއަށްދާނެ ގޮތެއް އަންގާލަ ދިނުމަށް އެޕްސްޓީން ގެ ކިބައިން ވަހީދު އެދިވަޑައިގެންފައިވެ އެވެ.
ވަހީދުގެ އީމެއިލް ނިންމަވާލައްވަމުން އެޕްސްޓީން އާއި އޭނާގެ ރީތި ދަރިވަރުންނަށް ހެޔޮ އެދުންތައް ފޮނުވާފައިވެ އެވެ.







