ޓްރަމްޕް މައާފަށް ނޭދުނު، ވިދާޅުވީ އޮބާމާގެ މަންޒަރު ވީޑިއޯގައި ހިމަނާފައި ހުރި ކަމެއް ނޭނގޭ ކަމަށް
އެގޮތުން އެކަމުގައި މައާފަށް އެދިވަޑައި ގަންނަވާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަމުގައި ގޯހެއް ނެތް ކަމަށް. އެއާ އެކު މައާފަށް އެދިވަޑައި ނުގެން ޓްރަމްޕް ވަނީ އެކަން ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައި. އެގޮތުން، އެ ވީޑިއޯގައި އޮބާމާގެ ދެމަފިރިންގެ ފޮޓޯ ހިމަނާފައި ހުރިކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެ ވީޑިއޯ އިން ބެއްލެވީ ހަމައެކަނި ކުރީ ކޮޅު ކަމަށް ޓްރަމްޕް ވިދާޅުވި.


އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާގެ ޖަނާޒާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ކުރީގެ ރައީސް ބަރަކް އޮބާމާ | ރޮއިޓާސް
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި، އޭނާގެ އަނބިކަނބަލުން މިޝެލް އޮބާމާ އަށް ނަސްލީ ގޮތުން ފުރައްސާރަ ކުރި މައްސަަލައިގައި ފާޑު ކިޔުން އަމާޒުވި ނަމަވެސް، އެކަމާ މައާފަށް އެދިވަޑައިގަންނަވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންކާރު ކުރައްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޓްރަމްޕް ޓްރުތު ސޯޝަލް އެކައުންޓުން ޕޯސްޓު ކޮށްފައިވާ ވީޑިއޯ އަކީ މިނެޓެއްގެ ވީޑިއޯގައި ވަނީ އޮބާމާ އާއި، އޭނާގެ އަނބިކަނބަލުންނަށް ނަސްލީ ގޮތުން ފުރައްސާރަ ކޮށްފަ އެވެ. އެގޮތުން 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޭނާ އަށް ކާމިޔާބު ނުކުރެވުނީ ބަޔަކު އޮޅުވާލުމުން ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން، އެ ވީޑިއޯ ގައި ތަކުރާރު ކުރައްވައި، ޓްރަމްޕް އޮބާމާ އާއި އޭނާގެ އަނބިކަނބަލުންނަށް ނިސްބަތްކޮށް ކާާޓޫނު ކުރަހައިފަ އެވެ.
އެ ޕޯސްޓާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން ވަނީ ޓްރަމްޕް އަށް އަމާޒުވެފަ އެވެ. އެގޮތުން ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ އާންމު މެމްބަރުންނާއި، ބައެއް އިސް ފަރާާތްތަކުން ވެސް ވަނީ އެކަމަށް ނުރުހުން އަމާޒު ކޮށްފަ އެވެ. އެގޮތުން ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ސެނެޓަރު ޓިމް ސްކޮޓް ވެސް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ޓްރަމްޕް އަށް ތާއީދު ކުރައްވައި، އޭނާގެ ވަރަށް ބޮޑު ސަޕޯޓަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އެތައް ބައެއްގެ ފާޑު ކިޔުންތަކާ ގުޅިގެން ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ވަނީ ފަހުން އެ ޕޯސްޓި ޑިލީޓު ކޮށްލައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ވަނީ ޓްރަމްޕްއާ ސުވާލު ކޮށްފަ އެވެ. އެގޮތުން އެކަމުގައި މައާފަށް އެދިވަޑައި ގަންނަވާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަމުގައި ގޯހެއް ނެތް ކަމަށެވެ. އެއާ އެކު މައާފަށް އެދިވަޑައި ނުގެން ޓްރަމްޕް ވަނީ އެކަން ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން، އެ ވީޑިއޯގައި އޮބާމާގެ ދެމަފިރިންގެ ފޮޓޯ ހިމަނާފައި ހުރިކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެ ވީޑިއޯ އިން ބެއްލެވީ ހަމައެކަނި ކުރީ ކޮޅު ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ އެއީ މުވައްޒަފަކަށް ހެދުނު ގޯހެއް ކަމަށެވެ.
އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވަމުން އަންނައިރު، މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އޮބާމާ އަށް ފުރައްސާރަކޮށް ޕޯސްޓު ކުރައްވައިފަ އެވެ. އޮބާމާގެ އިތުރުން، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އާއި، ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސްގެ އިތުރުން، އެހެން ޤައުމު ތަކުގެ ލީޑަރުންނަށް ވެސް ޓްރަމްޕް ވަނީ ފުރައްސާރަ ކުރައްވައިފަ އެވެ. ޓްރަމްޕް އަކީ ޤައުމު ތަކާއި، ޤައުމު ތަކުގެ ލީޑަރުންނަށް މަލާމަތްކޮށް، ފުރައްސާރަ ކުރުމުގެ ރެކޯޑެއް އޮންނެވި ބޭފުޅެކެވެ.
މަސްދަރު: ރޮއިޓާސް






