ތަރައްގީގެ މަޝްރޫއުތައް ހިނގާނީ ކައުންސިލަށް އެމްޑީޕީ ކެންޑިޑޭޓުން ހޮވައިގެން، ނޫނީ ކުރިއަށް އޮތް 3 އަހަރު ވެސް މަޝްރޫއުތައް ނުހިނގާނެ: ފައިސަލް
ރަށްރަށުގެ ތަރައްގީއަށްޓަކައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން އެދޭގޮތަށް ކަންކަން ކުރެވޭނީ ކައުންސިލްތަކަށް އެމްޑީޕީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްގެން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި. އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާތީ، ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދީފިނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމަށް. އެހެންކަމުން، ރަށްރަށުގައި ތަރައްގީގެ މަސައްކަތްތައް އަލުން ފެށުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައި، ސަރުކާރަށް ވަރުގަދަ މެސެޖެއް ދިނުމަށް އޭނާ ވަނީ ގޮވާލައްވާފަ.


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | އެމްޑީޕީ ސެކްރިޓޭރިއެޓް
ރާއްޖޭގެ ރަށްތަކާ ސިޓީތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިނގާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބު ގައި އެމްޑީޕީ ކެންޑިޑޭޓުން ހޮވައިގެން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން އައްޑޫ ސިޓީ ގައި ބޭއްވި "އައްޑޫ ބޮޑު ޖަލްސާ" ގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ރަށްރަށަށް ތަރައްގީ ގެނެވޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްގެން ކަމަށެވެ. ލާމަރުކަޒީ ނިޒާމު ތައާރަފު ވުމަށްފަހު ފާއިތުވި އަހަރުތަކުގައި ވެސް ތަރައްގީ ގެނެވިފައި އޮތީ އެގޮތަށް ކަމަށާ އެކަން ކޮށްފައި ވަނީ ކައުންސިލް ތަކުގައި އެމްޑީޕީ މެންބަރު ތިބެގެން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އައްޑޫ ސިޓީ އަށް ވެސް ތަރައްގީ ގެނެވިފައިވަނީ އެމްޑީޕީ ގެ ސަރުކާރުގެ އިތުރުން އެމްޑީޕީ ގެ ސިޓީ ކައުންސިލެއް އޮވެގެން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ސިޓީގައި އެމްޑީޕީ ސަރުކާރުގައި ކުރިއަށް ގެންގޮސްފައިވާ ތަރައްގީގެ މަޝްރޫއުތައް ރައްޔިތުންނަށް މިހާރު ވެސް ފެންނާނެ ކަމަށެވެ.
މި ސިޓީ ގެ އެންމެ ބޮޑު، ދަތި އުނދަގޫ ކަންތައްތަކެއް ކުރިމަތިވެފަ އޮތީ ފެންބޮޑުވުމާ މަގުގެ ކަންތައްތަކުގަ. ކިހާ ވަރަކަށް އެ މަސައްކަތްތައް ކުރެވިފަ އޮތްތޯ. އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައްޔިތުން ވިސްނަވާށޭ. އިންތިޚާބުތަކާ ދިމާކޮށް ވާހަކަތައް މި ދައްކަނީ ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގަ. އެއްވެސް އިތުރު ކަމެއް ނެތް. ވޭތުވެދިއަ 2 އަހަރު ނިމިގެން ދިޔައިރު ކޮންކަމެއް ތޯ ވެފަ އޮތީ. އައްޑޫގެ ހުރިހާ ރަށްތަކަށް އަޅުގަނޑަށް އާދެވިއްޖެ މިދިޔަ 2 އަހަރު ވެސް. ހަމަ އެއްވެސް ކަމެއް އަޅުގަނޑަކަށް ނުފެނޭ ކުރީ 5 އަހަރުގަ ކުރެވުނު ކަމެއް ފިޔަވާ،ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ފައިސަލް ވިދާޅުވީ މިއީ މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ވިސްނަން ޖެހޭ ކަންކަން ކަމަށެވެ. އެއްވެސް ރަށެއް ނުވަތަ ސިޓީ އެއްގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާ އިރު ސަރުކާރު ހިންގާ ޕީއެންސީ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިޚާބު ކޮށްފިނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
މިކަމާ މެދު ވިސްނާނުލާ ކަންތައް ކޮށްފިނަމަ ކުރިއަށް އޮތް 3 އަހަރު ވެސް ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރައްގީގެ މަޝްރޫއެއް ނުހިނގާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެެހެން ކަމުން އެމްޑީޕީ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިޚާބު ކޮށް މި ސަރުކާރަށް ވަރުގަދަ މެސެޖެއް ދޭން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.







