އަނެއްކާ އަނެއް ވައުދު! މިފަހަރު ފަތުރުވެރިކަމުގެ ވިޔަފާރި ތެރެއަށް ވަންނަންވީ؟
ސަރުކާރުން ތަރައްގީކުރާ 10 ރިސޯޓުގެ މިލްކުވެރިކަން ރައްޔިތުންނަށް ދިނުމަށް ރިޔާސީ ބަޔާނުގައި ވީ ވައުދަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންނާއި އިދިކޮޅު ފަރާތްތަކުން ފާޑުކިޔުން އަމާޒުކޮށްފައިވޭ. މިހެން ނުބަލާ ކޮންމެ ކަމަކުން ގެއްލުން ވަނީ އާއްމު ރައްޔިތު މީހާ އަށް.


ރައީސް ޑރ މުޙައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މުމްބާއީގައި ބޭއްވި އިވެންޓެއްގައި އިންޑިއާގެ ބައެއް ފިލްމީ ތަރިންނާ އެކު - 9 އޮކްޓޯބަރު 2024 | ރައީސް އޮފީސް
ފަތުރުވެރިކަމަށް ހެޔޮ އަސަރު ކުރާނެ ކަމަށް މި ސަރުކާރުން ބުނި ލައްކަ ގިނަ ކަންކަން ދެކެފީމެވެ. ބޭރުގެ ތަރިން ރާއްޖެ އަށް ގެނެސްގެން ރާއްޖެ ޕްރޮމޯޓް ކުރުމުގެ ވާހަކަ އެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ލިވަޕޫލް އެފް.ސީއާއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތެވެ. އަދި ޑޮލަރުގެ ސިޔާސަތަށް ގެނައި ބަދަލެވެ. އެއިން އެއްވެސް ކަމަކުން ލިބުނު ރާހަތެއް ހަރާމެވެ. ވިއްޔާ ވީ ކަންތައްތައް ގޯހެވެ.
އެކަން އެހެން އޮތްވާ ރިޔާސީ ބަޔާނުގައި ނިކަން ފޮނި ހާސަރުތަކެއް އަނެއްކާވެސް ދަމައިފި އެވެ. މި ދާއިރާ އަށް އިތުރު ވައުދެކެވެ. ލަގްޒަރީ 10 ރިސޯޓު ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކަށް އެތަނުގެ މިލްކުރެވިކަން ދެނީޔޯލަ އެވެ. އެކަމަކު މި ވާހަކަ ވެގެން ދިޔައީ އުންމީދީ ވާހަކަ އަކަށް ވުރެ ބޮޑަށް ޖޯކަކަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވާ ބޭފުޅުން ވިދާޅުވަނީ މިއީ އޮއްޓަރެއް ނެތް ދެކޮޅު ނުޖެހޭ ހާސަރުތަކެއް ކަމަށެވެ. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2030 ވަނަ އަހަރަށް ރާއްޖޭގެ އާބާދީ 5 ލައްކައަށް ވުރެ މަތިވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، އާބާދީގެ ބޮލަކަށް 400 ޑޮލަރު ބަހަން ބޭނުންވާ 200 މިލިއަން ޑޮލަރު، 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރޭނެ ގޮތެއް އެއްވެސް ހިސާބަކުން ނުފެންނަ ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް އުޅުއްވި ގިނަ ބޭފުޅުންގެ ޚިޔާލު ފައިސަލްގެ ޚިޔާލާއި އެއްގޮތެވެ. އެހެނީ 10 ރިސޯޓަށް 800 މިލިއަން ޑޮލަރު ހޯދަން ޖެހޭނެތީ އެވެ. މިހާރު ވެސް ސަރުކާރުން އުޅެނީ ލޯނު ދައްކަން ވެސް ފައިސާ ނެތިގެންނެވެ. މަޝްރޫޢުތައް ހުއްޓިފަ އެވެ. ބޭހެއް ނުލިބެ އެވެ. ކޮންމެ ކަމަކަށް ދައްކާ ބަހަނާ އަކީ މާލީ ދަތިކަމެވެ. އެހެންވީމަ ލަގްޒަރީ ރިސޯޓްތައް ތަރައްޤީ ކުރަން އެބުނާހާ ފަސޭހައިން ފައިސާ ލިބިދާނެ ކަަމަށް ޓްރެކް ރެކޯޑަށް ބަލާ އިރު ޤަބޫލެއް ނުކުރެވެ އެވެ.
ދެން އޮތް ކަމަކީ އަމިއްލަ މީހުންގެ މަސައްކަތުން ނަގަހައްޓާ ސިނާއަތްތައް މި މޭރުމުން ފުނޑާލުމެވެ. ސާފު ކުރަން ވެސް ސަރުކާރުން މަސައްކަތް ކުރަންވީ އެވެ. ޓެކްސީ ވިޔަފާރި އަށް ވަންނަންވީ އެވެ. ދެން އެންމެ ފަހުން ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ފަޅާލާ، ފަތުރުވެރިކަމުގެ ދާއިރާ އަށް ވެސް ވަންނަންވީ އެވެ. އެހެންނަމަވެސް މި ވަރު ނިންމުމެއް ނިންމީ ކޮން ދިރާސާ އަކަށް ބަލާފައިތޯ ބަލާލުން މުހިންމެވެ. އެ ނޫނީ އަނެއްކާ ވެސް ވައުދު ފުއްދުމުގެ ނަމުގައި މި ސިނާއަތް ވިއްކާލާ، ދާއިރާ ވިއްސި ވިހާލި ކޮށްލުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ. މިހެން ނުބަލާ ކޮންމެ ކަމަކުން ގެއްލުން ވަނީ އާއްމު ރައްޔިތު މީހާ އަށެވެ.






