ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: މޭޔަރު ނިޒާރު
އައްޑޫ ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމު ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައިވާއިރު، ސަރުކާރުން ކައުންސިލްތަކަށް ދޭ ބަޖެޓު ކުޑަކުރުމުގެ ސަބަބުން އިދާރީ ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވި. މީގެ އިތުރުން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ބަދަލުގައި ސަރުކާރުން ވަގުތީ ފަރުވާ ދެމުންދާތީ، ރައްޔިތުން ތިބީ ކޮންމެ ވަގުތަކު ވެސް ކަރަންޓު ކެނޑިދާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ނިޒާރު ފާހަގަކުރެއްވި. މި ސަރުކާރުން އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަށް އިހުމާލުވަމުންދާކަން ފާހަގަކުރައްވައި، މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ.


އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު | ރާއްޖެ އެމްވީ
ކުރިއަށް އޮތް ރަމަޟާން މަހު އައްޑޫ ސިޓީ އަށް ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް އައްޑޫގެ މޭޔަރު އަދި އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން އައްޑޫ ސިޓީ ގައި ބޭއްވި "އައްޑޫ ބޮޑު ޖަލްސާ" ގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަނީ ނަމެއްގައި ކަމަށެވެ. ހަގީގަތުގައި އެއްވެސް މަޝްރޫއެއް ނުހިންގާއިރު މި ސަރުކާރުން އައްޑޫގައި ބެހެއްޓި އޭޓީއެމް ފިޔަވައި ކޮށްދިން ކަމެއް ނެތް ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
މޭޔަރު ނިޒާރު ވިދާޅުވީ ފެނާ ނަރުދަމާ ވެސް އެޅީ ނަމެއްގައި ކަމަށެވެ. އެގޮތުން މިހާރު ވެސް މުޅި ހިތަދޫ އޮތީ ނަޖިސް ފެނުގައި ކަމަށާ ސާފު، ރައްކާތެރި ބޯފެން ނުލިބޭތާ ވެސް ބަރާބަރު 1 އަހަރު ވެފައިވާ ކަމަށެވެ.
ފެނާ ނަރުދަމާ އެޅީ ނަމެއްގައި، މުޅި ހިތަދޫގައި ނަޖިސް. ފެން ނުލިބޭތާ ބަރާބަރު 1 އަހަރު. ސާފު ބޯފެން ހިތަދޫ ރައްޔިތުން ކީއްކުރަން މުޅި އަތޮޅުގެ ރައްޔިތުންނަށް ނުލިބޭތާ އެއް 1 އަހަރު. ކަރަންޓު ކެނޑިދާނެ ވަގުތެއް އަޅުގަނޑުމެން އެކަކަށް ވެސް އިހުސާސެއް ނުވޭ. ކުރިއަށް މިއޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް. މިއީ އަޅުގަނޑުމެންނަށް ހެޔޮވާ މިންވަރުތޯ. ފާއިތުވި ތިން އަހަރު 180 ބިލިއަން ރުފިޔާ ޚަރަދު ކުރެވުނީ ކޮން ކަމަކަށް ތޯ.އައްޑޫގެ މޭޔަރު އަދި އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އަލީ ނިޒާރު
ނިޒާރު ވިދާޅުވީ މި ސަރުކާރުން ބަޖެޓު ފާސް ކުރާއިރު ވެސް އަތޮޅުތަކަށް ޚާއްސަ ކޮށް އައްޑޫ ފަދަ ބޮޑެތި ސިޓީ ތަކަށް އެއްވެސް އިސްކަމެއް ނުދޭ ކަމަށެވެ. އެންމެ ބޮޑަށް އިހުމާލު ވެފައިވަނީ ކައުންސިލްތަކަށް ކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ އަތޮޅުތަކުގެ އިދާރީ ހިންގުމަށް މުޅި ދައުލަތުގެ ބަޖެޓުން ކަނޑައެޅީ 5 ޕަސެންޓް ކަމަށެވެ. އެއަށްވުރެ އިތުރަށް ކައުންސިލްތަކަށް ބައި ރުފިޔާ ވެސް ނުދޭ ކަމަށާ އެއީ ބޮޑު ބޭއިންސާފެއް ކަމަށެވެ.
ނިޒާރު ވަނީ އައްޑޫ ސިޓީ އަށް މި ސަރުކާރުގެ އިހުމާލުން ދިމާވެފައިވާ އެކި މައްސަލަތަކުގެ ތެރެއިން ވެސް އެ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ވަކިން ޚާއްސަކޮށް ފާހަގަކުރައްވާފަ އެވެ.
އައްޑޫ އިން ކަރަންޓު ކެނޑޭ މައްސަލަ އަކީ މި ފަހުން ވަރަށް ބޮޑަށް އެ ސިޓީގެ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުންދާ މައްސަލައެކެވެ. ޚާއްސަކޮށް މި ސަރުކާރަށް ދެއަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު މި މައްސަލައަށް ދާއިމީ ހައްލެއް ހޯދާދެވިފައިނުވާ ކަމަށާ އަދި ކުރީ ސަރުކާރުގައި ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއު ހުއްޓުވާފައިވާ ކަމަށް ވެސް އައްޑޫ ރައްޔިތުން ދަނީ ބުނަމުންނެވެ.
މީގެ އިތުރުން މި ސަރުކާރުން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެ ހޯދައިދިނުމަށް މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށާއި، ކަރަންޓަށް މައްސަލައެއް ދިމާވާއިރަށް ކޮންމެވެސް ދިމާލަކުން ބޭނުން ކޮށްފައިވާ ޖަނަރޭޓަރެއް ގެނެސް، ވަގުތީ ހައްލެއް ގެންނަ ކަމަށް ވެސް އެ ސިޓީ ގެ ރައްޔިތުން ދަނީ ބުނަމުންނެވެ.
ނިޒާރު ވެސް ވިދާޅުވީ މިހާރު އައްޑޫގެ ރައްޔިތުން ތިބެނީ ކޮންމެ ވަގުތަކު ވެސް ކަރަންޓު ކެނޑިދާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ލިބެންޖެހޭ ކަމަށާއި، މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށެވެ.








