އިންޑިއާ ގައި ހަރުފަ ދަތްއަޅައިގެން އަހަރަކު 50،000 މީހުން މަރުވޭ
އިންޑިއާގައި ކޮންމެ އަހަރަކު ހަރުފަ ދަތްއެޅުމުގެ ސަބަބުން ގާތްގަނޑަކަށް 50،000 މީހުން މަރުވަމުންދާއިރު، މިއީ ދުނިޔޭގެ ނިސްބަތުން މި ސަބަބުގައި މަރުވާ މީހުންގެ ދެބައިކުޅަ އެއްބައި މަރު ކަމަށް ތަފާސްހިސާބުތަކުން ދައްކާ. ސިއްހީ ވަސީލަތްތައް މަދުވުމާއި، އެކަށީގެންވާ ތަމްރީނާއި ފެންވަރު ރަނގަޅު "އެންޓިވެނަމް" ނުލިބުމުގެ ސަބަބުން މި މައްސަލަ ބޮޑުވެފައިވާއިރު، މިކަން ހައްލުކުރުމަށް އިންޑިއާ ސަރުކާރުން މިހާރު ވަނީ 2030 ވަނަ އަހަރާ ހަމައަށް މިފަދަ މަރުތައް ދެބައިކުޅަ އެއްބަޔަށް މަދުކުރުމުގެ ގައުމީ މަޝްރޫއެއް ފަށާފައި.

ކަލްކަތާގައި ހުންނަ ބެންގޯލް ކެމިކަލް އެންޑް ފާމަސޫޓިކަލް ކޮމްޕެނީގައި، ހަރުފަ ވިހައަށް ފަރުވާދޭ އެންޓި-ވެނަމް ތައްޔާރުކުރުމަށްޓަކައި، އިންޑިއާގެ ހަރުފަ ހިފުމުގެ މާހިރެއް ކަމަށްވާ ދީޕަކް މިތުރާ "ޗަންދްރާ ބޯޑާ" (ރަސެލްސް ވައިޕާ) ހަރުފައެއްގެ ވިހަ ނަގަނީ - ޑިސެމްބަރު 6، 2003. | ގެޓީ އިމޭޖަސް
އިންޑިއާ ގައި ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު ހަރުފަ ދަތްއެޅުމުގެ ސަބަބުން މަރުވަމުންދާ މައްސަލަ ބޮޑުވެ، އެކަން ބޮޑު ކާރިސާއަކަށް ވަނީ ވެފަ އެވެ.
އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ ދެވެންދުރަ، އޭނާ ގަހަކުން ފަތް ބިންނަން ހުއްޓާ ފައިގައި ހަރުފަ އެއް ދަތްއެޅި ހަނދާންތައް އަދިވެސް އެބަހުއްޓެވެ.
ހަރުފަ ދަތްއެޅުމުގެ ސަބަބުން މަރުވާ މީހުންނާއި ލިބޭ އަނިޔާތައް މަދުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ އެއް ކަމަށްވާ "ގްލޯބަލް ސްނޭކްބައިޓް ޓާސްކްފޯސް" (ޖީ.އެސް.ޓީ) އިން ނެރުނު ކުރު ފިލްމެއްގައި ދެވެންދުރަ ބުނެފައި ވަނީ، އޭނާ ހޮސްޕިޓަލަށް ދިޔައީ ހަރުފަ ދަތްއެޅިތާ ހަތަރު ދުވަސް ފަހުން، ތަދު ކެތްނުކުރެވޭ ވަރުވުމުން ކަމަށެވެ. ނަމަވެސް، ފަރުވާ ލަސްވުމުގެ ސަބަބުން އޭނާގެ ފައި ބުރިކޮށްލަން ޖެހުނު ކަމަށް އޭނާ ކިޔައިދިނެވެ.
އެހެންނަމަވެސް، ދެވެންދުރައަކީ ހަރުފަ ދަތްއެޅުމަށް ފަހު ފުރާނަ ސަލާމަތްވި މަދު މީހުންގެ ތެރެއިން މީހެކެވެ. އިންޑިއާގެ ފެޑަރަލް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކޮންމެ އަހަރަކު އެ ގައުމުގައި ގާތްގަނޑަކަށް 50،000 މީހުން ހަރުފަ ދަތްއެޅުމުގެ ސަބަބުން މަރުވެ އެވެ. މިއީ މުޅި ދުނިޔޭގައި މި ސަބަބާ ހުރެ މަރުވާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަ އެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި މި އަދަދު މިއަށްވުރެ މަތިވުން އެކަށީގެންވެ އެވެ. އެގޮތުން 2020 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި، 2000 އިން 2019 އަށް އިންޑިއާގައި 1.2 މިލިއަން މީހުން ހަރުފަ ދަތްއެޅުމުގެ ސަބަބުން މަރުވެފައިވެ އެވެ. މިއީ އަހަރަކު އެވްރެޖްކޮށް 58،000 މީހުންނެވެ.

ޖީ.އެސް.ޓީ އިން ނެރުނު އާ ރިޕޯޓެއްގައިވާ ގޮތުން، އިންޑިއާގެ ސިއްހީ ޚިދުމަތްތެރިންގެ 99 އިންސައްތަ މީހުންނަށް، ހަރުފަ ވިހަ ކަނޑުވައިދޭ "އެންޓިވެނަމް" ދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ އެވެ. އިންޑިއާ، ބްރެޒިލް، އިންޑޮނޭޝިއާ އަދި ނައިޖީރިއާ ފަދަ ހަރުފަ ދަތްއެޅުމުގެ މައްސަލަ އެންމެ ބޮޑު ގައުމުތަކުގެ 904 ސިއްހީ މާހިރުންގެ މެދުގައި ކުރި ދިރާސާއަކުން އެނގުނު ގޮތުގައި، އިންފްރާސްޓްރަކްޗާ ދަށްވުމާއި، އެންޓިވެނަމް ލިބުމުގެ ދަތިކަމާއި، އެކަށީގެންވާ ތަމްރީނު ލިބިފައި ނެތުމަކީ ހުރިހާ ގައުމެއްގައި ވެސް ކުރިމަތިވާ ހުރަސްތަކެވެ.
މި ދިރާސާގައި ބައިވެރިވި ސިއްހީ ޚިދުމަތްތެރިންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ބުނި ގޮތުގައި، ފަރުވާ ލަސްވުމުގެ ސަބަބުން ބަލިމީހުންގެ ގުނަވަންތައް ބުރިކުރަން ޖެހުމާއި، އޮޕަރޭޝަންތައް ކުރަން ޖެހުމުގެ އިތުރުން، އުމުރަށް ނުކުޅެދުންތެރިކަން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވެފައިވެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން 2017 ވަނަ އަހަރު ވަނީ، ހަރުފަ ދަތްއެޅުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ގިނަވުމާ ގުޅިގެން، އެއީ "އެންމެ އިސްކަންދޭންޖެހޭ އަޅާނުލެވި އޮތް ޓްރޮޕިކަލް ބައްޔެއް" (ހަޔަސްޓް ޕްރިއޯރިޓީ ނެގްލެކްޓެޑް ޓްރޮޕިކަލް ޑިޒީޒް) ގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފަ އެވެ. ޑަބްލިއު.އެޗް.އޯ ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކޮންމެ އަހަރަކު މުޅި ދުނިޔޭގައި 5.4 މިލިއަން މީހުންގެ ގައިގައި ހަރުފަ ދަތްއަޅާއިރު، އޭގެ ތެރެއިން 100،000 އަށްވުރެ ގިނަ މީހުން މަރުވެ އެވެ.
އަދި ހަރުފަ ދަތްއެޅުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވަނީ އާމްދަނީ މަދު ގައުމުތަކުގެ ފަގީރު އަދި ރަށުބޭރުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ކަމަށްވެސް އެ ޖަމިއްޔާ އިން ބުނެ އެވެ. އިންޑިއާގެ މެދުތެރެ އާއި އިރުމަތީ ސަރަހައްދުތަކުގައި ހަރުފަ ދަތްއެޅުމުގެ ސަބަބުން މަރުވާ މީހުންނާއި އަނިޔާވާ މީހުންގެ އަދަދު އިތުރުކަމަށް، ޖީ.އެސް.ޓީގެ މެންބަރެއް ކަމަށްވާ ޑރ. ޔޯގޭޝް ޖެއިން ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ދަނޑުވެރިކަމުގައި މަސައްކަތްކުރާ މީހުންނާއި، ފަގީރު ގަބީލާތަކުގެ މީހުންނަކީ މި ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ މީހުންނެވެ.
2024 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ "ނޭޝަނަލް އެކްޝަން ޕްލޭން ފޯ ޕްރިވެންޝަން އެންޑް ކޮންޓްރޯލް އޮފް ސްނޭކްބައިޓް އެންވެނޮމިންގް" (ނެޕްސީ) އިފްތިތާހުކޮށްފަ އެވެ. މި މަޝްރޫއުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ހަރުފަ ދަތްއެޅުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކުރުމެވެ. މި ޕްލޭންގެ ދަށުން ބަލި މޮނިޓަރކުރުމާއި، އެންޓިވެނަމް ލިބޭނެ އިންތިޒާމު ރަނގަޅުކުރުމާއި، ދިރާސާކުރުމާއި، ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ރަނގަޅު މިސްރާބަކަށް އެޅުނު ފިޔަވަޅެއް ކަމަށް މާހިރުން އެއްބަސްވި ނަމަވެސް، މި ޕްލޭން ތަންފީޒުކުރުމުގައި އެއްގޮތް އުސޫލުތަކެއް ނުގެންގުޅޭކަން ވަނީ ފާހަގަކުރެވިފަ އެވެ.
"އިންޑިއާގައި ހަރުފަ ދަތްއެޅުމަކީ ހަމައެކަނި ފަގީރުންނަށް ދިމާވާ މައްސަލައެއްގެ ގޮތުގައި ވަނީ ބެލެވިފައި،" ޑރ. ޖެއިން ވިދާޅުވި އެވެ. "އެހެންވެ، ރައްކާތެރިވެވޭނެ މިފަދަ މަރުތަކާ މެދު އެކަށީގެންވާ ވަރަށް އަޑުއުފުލައި ފިޔަވަޅެއް ނޭޅެނީ. ހަރުފަ ދަތްއެޅުމަށް ފަރުވާ ދިނުމުގައި ކޮންމެ ސިކުންތަކީ ވެސް ވަރަށް މުހިންމު އެއްޗެއް."
އޭނާ ތަފްސީލުކޮށްދެއްވި ގޮތުގައި، ހަރުފަ ދަތްއެޅުމުން މަދު މިނެޓްކޮޅެއްގެ ތެރޭގައި އޭގެ ވިހަ ލޭގެ ތެރެއަށް ފެތުރި، ނާރުތަކަށާއި، ސެލްތަކަށް ނުވަތަ ލޭ ދައުރުކުރާ ނިޒާމަށް ހަމަލާދެއެވެ. އެންޓިވެނަމް ދިނުން ލަސްވެއްޖެނަމަ، ނޭވާލާ ނިޒާމު ހުއްޓުމާއި، ވާގިނެތުމާއި، ގުނަވަންތަކުގެ ސެލްތައް މަރުވުން ނުވަތަ ގުނަވަންތައް ފެއިލްވުން ފަދަ ކަންކަން މެދުވެރިވެ އެވެ.
އެހެންނަމަވެސް، އިންޑިއާގެ ރަށްފުށު ސަރަހައްދުތަކުގައި މަގުތައް ހަލާކުވެފައިވުމާއި، ހޮސްޕިޓަލްތައް ދުރުގައި ހުރުމާއި، އެމްބިއުލާންސްގެ ޚިދުމަތް މަދުވުމުގެ ސަބަބުން ހޮސްޕިޓަލަށް ދިއުން ލަސްވުމަކީ އާންމު ކަމެކެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ގުޖުރާތު ސްޓޭޓްގައި މާބަނޑު އަންހެނަކު ހޮސްޕިޓަލަށް ގެންދަނިކޮށް މަރުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އެ އަންހެންމީހާ ދިރިއުޅޭ އަވަށަށް އެއްވެސް އުޅަނދަކަށް ނުދެވޭތީ، އޭނާގެ އާއިލާއިން އޭނާ އުފުލީ ފޮތިގަނޑެއްގެ އެހީގައި 5 ކިލޯމީޓަރުގެ ރާސްތާއަކަށެވެ.
ޑރ. ޖެއިން ވިދާޅުވީ ބައެއް ސްޓޭޓްތަކުގެ ސިއްހީ މަރުކަޒުތަކުގައި އެންޓިވެނަމް ރައްކާކޮށްގެން ޚިދުމަތް ރަނގަޅުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެންޓިވެނަމް ރަނގަޅު ގޮތުގައި ދިނުމަކީ އަދިވެސް ބޮޑު ގޮންޖެހުމެކެވެ.
ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން ގިނަ މީހުންނަކީ އެކަމަށް ތަމްރީނުވެފައިވާ މީހުންނަށް ނުވާއިރު، އެންޓިވެނަމް ދިނުމުން ބައެއް ފަހަރު ބަލިމީހާގެ ހަށިގަނޑުން ނޭދެވޭ އަސަރުތަކެއް ފެނިދާނެތީ އެމީހުން އެކަމަށް ބިރުގަނެ އެވެ.
"އެންޓިވެނަމް ދެނީ ސަލައިންއާ އެއްކޮށްގެން އެއް ގަޑިއިރު ވަންދެން ލޭގެ ނާރުގެ ތެރެއަށް ފޮނުވައިގެން. ނަމަވެސް ގިނަ މަރުކަޒުތަކުގައި އޭގެ ސައިޑް-އިފެކްޓްސް ނުވަތަ ނޭދެވޭ އަސަރުތައް މެނޭޖްކުރާނެ ވަސީލަތްތަކެއް ނެތް،" ޑރ. ޖެއިން ވިދާޅުވި އެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގެ ރަށްފުށުގެ ގިނަ މީހުން އަދިވެސް ބަރޯސާވަނީ ފަންޑިތަވެރިންނަށާއި އަމިއްލަ ބޭސްވެރިކަމަށެވެ. އެމީހުން ހޮސްޕިޓަލަށް ދަނީ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ކަމަށާއި، މިއީ ފުރާނައަށް ނުރައްކާވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކަރްނާޓަކާ ސްޓޭޓްގައި އިންސާނުންނާއި ހަރުފައާ ދެމެދު ހިނގާ ކުރިމަތިލުންތައް މަދުކުރުމަށް މަސައްކަތްކުރާ 'ދަ ލިއާނާ ޓްރަސްޓް' ގެ ކޯ-ފައުންޑަރ ގެރީ މާޓިން ފާހަގަކުރައްވާ ގޮތުގައި، މިކަމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު އެންޓިވެނަމް (ވިހަޔަށް ދޭ ފަރުވާ) ލިބުމުގެ ދަތިކަމެވެ.
މިހާރު އިންޑިއާގައި ބޭނުންކުރާ އެންޓިވެނަމް އަކީ ހަމައެކަނި "ބިގް ފޯ" ނުވަތަ އެންމެ ނުރައްކާތެރި ހަތަރު ބާވަތުގެ ހަރުފައަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެކެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮބްރާ، ކޮމަން ކްރައިޓް، ރަސަލްސް ވައިޕަރ އަދި ސޯ-ސްކޭލްޑް ވައިޕަރެވެ. މާޓިން ކިޔައިދެއްވި ގޮތުގައި މި ފަރުވާ އުފައްދަނީ އަސްތަކުގެ ގަޔަށް ހަރުފަވިހަ ޖަހައިގެން، އޭގެ ހަށިގަނޑުން އުފައްދާ އެންޓިބޮޑީސް ބޭނުންކޮށްގެންނެވެ.
ނަމަވެސް، އިންޑިއާގައި އުޅޭ އެހެނިހެން އެތައް ބާވަތެއްގެ ވިހަގަދަ ހަރުފަތަކަށް ޚާއްޞަ އެންޓިވެނަމްއެއް ނެތެވެ. މީގެ ތެރޭގައި އުތުރުގެ ހިމާޗަލް ޕްރަދޭޝްއިން ފެންނަ ގްރީން ޕިޓް ވައިޕަރާއި، ދެކުނުގެ ސްޓޭޓްތަކުން ފެންނަ މަލަބާރް ޕިޓް ވައިޕަރާއި ހަމްޕް-ނޯސްޑް ވައިޕަރުގެ އިތުރުން އިރުއުތުރުގެ ސްޓޭޓްތަކުގައި އުޅޭ ތަފާތު ބާވަތްތައް ހިމެނެއެވެ.
މި މައްސަލައިގެ ސީރިއަސްކަން ހާމަވެގެންދިޔައީ މިދިޔަ އަހަރު ރާޖަސްތާންގެ ޖޯދުޕޫރުގައި ހުންނަ 'އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް' (އެއިމްސް) އިން ކުރި ދިރާސާއަކުންނެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި، ހަރުފަ ވިހަވެގެން ފަރުވާ ދިން 105 މީހަކަށް (ކޮން ބާވަތެއްގެ ހަރުފައެއްކަން ނޭނގޭ ހާލަތްތަކުގައި) ސޯ-ސްކޭލްޑް ވައިޕަރަށް ޚާއްޞަ އެންޓިވެނަމް ދިނުމުން، އޭގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންގެ ހަށިގަނޑުން އެ ފަރުވާއަށް އެދެވޭ އިޖާބައެއް ނުލިބުނެވެ.
އެ ދިރާސާގެ ނަތީޖާގައި ބަޔާންކޮށްފައިވަނީ ހުޅަނގު އިންޑިއާގެ ސަރަޙައްދުތަކަށް ޚާއްޞަ އެންޓިވެނަމް އުފެއްދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށެވެ.
ވޭތުވެދިޔަ ފަސް އަހަރު ދުވަހު 'ދަ ލިއާނާ ޓްރަސްޓް' އިން އަންނަނީ މިދެންނެވި ހަތަރު ބާވަތް ނޫން އެހެން ހަރުފަތަކުގެ ވިހަ ދިރާސާކޮށް، އެއަށް ފަރުވާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މާޓިން ވިދާޅުވީ، މިއީ ވަރަށް ގިނަ ވަގުތާއި ބުރަ މަސައްކަތް ބޭނުންވާ ކަމަކަށްވާތީ، މިކަމުގައި ކުރިއެރުން ލިބެމުންދަނީ ވަރަށް ލަހުން ކަމަށެވެ.
މަސްދަރު: ބީބީސީ





