ކަރެކްޝަން ގެ މުސާރަ ވަޒީރު އިހުސާން ވިދާޅުވި ގޮތަށް ޖެނުއަރީ މަހު ބޮޑެއް ނުކުރެވުނު! ކުރިން ވަޒީރު ވިދާޅުވީ ޖެނުއަރީގައި މުސާރަ ބޮޑު ނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހޯމް މިނިސްޓަރ އަލީ އިހުސާން ކަރެކްޝަންސް އޮފިސަރުންނާ ބައްދަލުކުރައްވައި މި އަހަރުގެ ޖެނުއަރީގެ ނިޔަލަށް މުސާރަ ބޮޑުކުރާނެ ކަމަށް ވައުދުވި ނަމަވެސް ޖެނުއަރީ މަހުގައި މުސާރަ ބޮޑުނުވޭ. މުސާރައިގެ ކަންކަން އޮތީ ޕޭ ކޮމިޝަންގައި ތާށިވެފައި.


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ "ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް"ގެ ސެންޓްރަލް ސީސީޓީވީ މޮނީޓަރިންގ ރޫމް ހުޅުވުން، ކަރެކްޝަންސް މުވައްޒަފުން ތިބީ މުސާރަ ބޮޑު ނުކުރެވި ލަސްވާތީ މާޔޫސްވެފައި | މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވި ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ގެ މުސާރަ ޖެނުއަރީ މަހު ބޮޑުކޮށް ނުދެވި ސަރުކާރު އަނެއްކާ ވެސް ފެއިލްވެއްޖެ އެވެ.
މިދިޔަ އަަހަރު ގެ ނޮވެމްބަރު މަހު، ޕްރިޒަންސް އޮފިސަރުން ގެ ކަންބޮޑުވުންތައް ސަރުކާރުން އަޑު ނާހާތީ އެކަން މީޑީއާ އަށް ތިލަވުމުން އެކަން ހައްލުކުރުމަށް ވަޒީރު އިހުސާން ވަނީ ކަރެކްޝަންސް ގެ އޮފިސަރުންނާއި ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. ތަފާތު އެކި ސަބަބުތަކާއި ހުރެ، ސަރުކާރަށް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް އެ އޮފިސަރުންނާއި ބައްދަލުކުރައްވާ އިހުސާން ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގަންނަވާފަ އެވެ.
އޭރު އޮފިސަރުންނާއި ބައްދަލުކުރައްވާ އިހުސާން ވިދާޅުވީ މި އަހަރު ގެ ފެބްރުއަރީ ގެ ނިޔަލަށް ކަރެކްޝަންސް ގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް އެއް ހަމަ ކުރުމު ގެ ސިޔާސަތު ގެ ދަށުން ބޮޑު މުސާރަ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި މެޑިކަލް ސްކީމަށް ބަދަލު ގެނެސް މައިންބަފައިންނާއި އާއިލާގެ އިތުރު ބައެއް ފަރާތްތަކަށް މެޑިކަލް ސްކީމް ގެ ދަށުން ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސާ ދޭނެ ކަަމަށް ވިދާޅުވި އެވެ.
އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ ޖެނުއަރީ މަހުގެ މުސާރަ ކުރިން ވައުދު ވި ގޮތަށް ބޮޑު ނުވާކަން އެއްވެސް ވަރަކަށް މުވައްޒަފުންނަށް ނާންގާ ކަމަށެވެ. އެހެންކަމުން ގިނަ ބަޔަކު ތިބީ މި ފަހަރު މުސާރަ ލިބޭ އިރު ލިބޭނީ ބޮޑުވާ މުސާރަ ކަމަށް ވިސްނައިގެން، ވަރަށް އުއްމީދުގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"އޭރު އިހުސާން ވިދާޅުވީ އެ ވައުދު ޖެނުއަރީ މަހު ފުދޭނެ ކަމަށް އިހުސާން ވިދާޅުވި ނަމަވެސް އެއީ ސީދާ ރައީސްގެ ވައުދުފުޅެކޭ. މުސާރަ ބޮޑު ނުވީ ކީއްވެ ތޯ ތިމަންނަ އާ ސުވާލު ކުރާށޭ. ނުވާނަމަ އިސްތިއުފާދެއްވާނަމޭ." ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން ފަރާތުން ކިޔާދިނެވެ.
މިކަމާއި ގުޅިގެން އިހުސާން މަޤާމުން އިސްތިއުފާ ދެއްވާނަންތޯ އަދި ކުރިން އިންތިޒާމްތައް ހަމަޖެހިފައި ހުރި ކަމަށް ވިދާޅުވި މުސާރަ ނުލިބި ވާ ސަބަބާއި މެދު ސުވާލުކުރުމަށް ގުޅުމުން އިހުސާން ފޯނަށް ޖަވާބުދެއްވާފަ އެއް ނުވެ އެެވެ. އަދި މެސެޖު މެދުވެރިކޮށް އިހުސާން އާއި މި ނޫހުން ވާނީ ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ސުވާލަށް ވަޒީރު ޖަވާބެއް ނުދެއްވަ އެވެ.
ވައުދުވި ގޮތަށް މުސާރަ ބޮޑުނުކުރުމުން މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާއި ގުޅުން ހުރި ފަރާތްތަކާއި މީސްމީޑީއާގައި ހިއްސާކޮށްފައި ވެ އެވެ. އެ ހިސާބުން ވީހާ އަވަހަކަށް މުސާރައިގެ ކަންކަން ހަމަ ޖެހޭނެ ކަމަށް ބުނެ މުވައްޒަފުންނަށް އެންގުމެއް އަންގާފަ އެވެ.
31 ޖެނުއަރީގައި އެންގި މި އެންގުމުގައި ވަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އެއް ހަމަ އަކުން ކަނޑައެޅުމުގެ ގޮތުން ނެޝަނަލް ދައުލަތުގެ ޕޭ ފްރޭމްވަރކާއި އެއްގޮތަށް މުސާރަ އާއި އިނާޔަތް ބޮޑުކުރުމަށް ހަމަޖެހިފައި ވާ ކަމަށް ބުނެފަ އެވެ. މި ކަމާއި ގުޅުން ހުރި ލިޔެ ކިޔުންތައް ޕޭ ކޮމިޝަނާއި މޯލްޑިވްސް ކަރެކްޝަންސް އާއި ދެމެދު ބަދަލުކުރެވިފައިވާ ކަމަށް މުވައްޒަފުންނަށް ކަރެކްޝަނުން ވަނީ އަންގާފަ އެވެ. މިހާރު ކުރަމުން ދަނީ މި މަސައްކަޓާއި ގުޅިގެން ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ވެސް ކަރެކްޝަނުން ބުނެ އެވެ.
ރާއްޖެ އެމްވީ އިން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މިހާރު ވެސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ކުޑަ ވުމުން އެ އިދާރާ ދޫކޮށް ދާ މުވައްޒަފުންގެ އަދަދު ގިނަ ވުމުން އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ވައުދުވީ އެވެ. ނަމަވެސް ޖަލުތައް ކެޓަގަރައިޒް ކޮށް، އެލޮކޭޓް ކުރުމުގައި އިދާރީ ގޮތުން ބައެއް މައްސަލަތައް ދިމާވަމުންދާ ކަމަށް ވަނީ އެނގިފަ އެވެ.
މިހާރު ކަރެކްޝަން މުވައްޒަފުންގެ މުސާރައިގެ ކަންކަން އޮތީ ޕޭ ކޮމިޝަންގައި ތާށިވެފަ އެވެ. އަދި މުސާރަ ދިނުމުގައި ދިމާވާ ދަތިތައް ދިމާވަނީ، މުސާރަ ބޮޑުކުރުމަށް ހުށަހަޅި ބައެއް އަދަދުތަކަށް، ފިނޭންސް މިނިސްޓްރީ އިން އެއްބަސް ނުވާތީ ކަމަށް ބައެއް އޮފިސަރުންނަށް މީގެ ކުރިން ކަމާއި ގުޅުން ހުރި އިދާރާތަކުން މައުލޫމާތު ދިން ކަން މި ނޫހަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެކަމުގެ މައުލޫމާތު ސާފުކޮށް ނުދޭތީ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ލަސް ވާ ސަބަބު ސާފު ނުވާ ކަމަށް މި ނޫހާއި ވާހަކަ ދެއްކި ފަރާތްތަކުން ވަނީ ބުނެފަ އެވެ.







