މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!
ރައީސް މުއިއްޒު ބައިވެރިވެވަޑައިގެން ނ. ވިހަފަރު ހިއްކަން ފެށި އިރު ތިމާވެއްޓާ ބެހޭ ގާނޫނުގައި ބުނާ ލިޔުންތައް އީއާރުއޭ އަށް ހުށަހަޅާފައި ނުވާކަމަށާއި އެހެންކަމުން ގާނޫނީ ހުއްދަ ލިބިފައި ނުވާކަން ފާހަގަކުރެވޭ. މަސައްކަތް ކުރެވުނީ ކިސަޑު ކޮންޓްރޯލު ކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅައިގެން ނޫން ކަމަށް ވުމާއެކު މުޅި ސަރަހައްދަށް ކިސަޑުތައް އޮތީ ފެތުރިފައި. ގާނޫނުން ބުނާ ގޮތުން އީއައިއޭ ރިޕޯޓު ހުށަހެޅުމާ ނުލައި މަސައްކަތް ކުރުމަކީ އަދަބު ދެވޭނެ ކުށެއް ކަމަށާއި މި ސަރުކާރުން ތިމާވެށީގެ ގާނޫނާ ޚިލާފުވެފައިވާ މިއީ ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކުރެވޭ.

ނ. ވިހަފަރުގައި އެއަރޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭއްވި އިވެންޓުގައި މުޅި ސަރަހައްދަށް ކިސަޑު ފެތުރިގެންދާތަން ފެނޭ. | ސްކްރީން އިމޭޖް
ރަައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު ގެ ބާރު ކަނޑުވާލައި، ނ. އަތޮޅުގެ ވިހަފަރު ހިއްކަން ފަށައިފި އެވެ.
އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު މުއިއްޒު ޝަރަފްވެރި ކޮށްދެއްވި ރަސްމިއްޔާތެއްގައި ވިހަފަރު ހިއްކަން ފެށި އިރު ގާނޫނު ބުނާ އެއްވެސް ލިޔުމެއް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ހުށަހަޅާފަ އެއް ނުވެއެވެ. އަދި އޭގެ ނަތީޖާ އެއްގެ ގޮތުން ގާނޫނު ގައި ބުނާ އެއްވެސް ހުއްދަ އެއް ދީފަ އެއް ނުވެ އެވެ.
ސަރުކާރުގެ ޓީވީ އިން ވަގުތުން ދުރައް ދައްކަމުން ދިޔަ މަންޒަރުތަކުން ފެންނަ ގޮތުގައި ނ. ވިހަފަރު ހިއްކަން ފެށި އިރު ދެ ހައިމާކު ބާއްވައިގެން އެތަން ކޮނެ ވެލި އަޅަމުން ގެންދިޔައީ ކިސަޑު ކޮންޓްރޯލު ކުރުމަށް އެއްވެސް ފިޔަވަޅެއް ވެސް އަޅައިގެންނެއް ނޫނެވެ. އޭގެ ސަބަބުން މުޅި ސަރަހައްދަށް ކިސަޑުތައް ފެތުރި ފަރުމައްޗަށް ކިސަޑުތައް ފައިބައިގެން ދިޔަ މަންޒަރު ވަނީ ޓީވީއެމް އިން ދައްކާފަ އެވެ.
މި ނޫހުގެ ފަރާތުން އީއާރުއޭގެ ވެބްސައިޓް ބެލި އިރު ވިހަފަރު ތަރައްގީ ކުރުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށް ތައްޔާރު ކޮށްފައިވާ އީއައިއޭ ރިޕޯޓު ވެސް އަދި އެކަމަށް ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް ވެސް ފެންނަން ނެތްކަން ފާހަގަ ކުރެވެ އެވެ.
ނ. ވިހަފަރު ފަޅު ހިއްކައި އެ ތަނުގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ވިހަފަރު ހިއްކަން ފެށި އިރު ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ރާއްޖޭގެ ތިމާވެއްޓަށް ފާހަގަ ކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން، އެކަމަކުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދައި، ހުށަހަޅަންވާނެ ކަމަށެވެ.
އޭގެ އިތުރުން ގާނޫނުގެ 6 ވަނަ މާއްދާ ގައި ހިންގަމުންދާ ޕްރޮޖެކްޓެއްގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާކަމަށް ފެނިއްޖެ ހިނދެއްގައި، އެޕްރޮޖެކްޓެއް ހުއްޓުވުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ލިބިގެންވާ ކަމަށާއި މިގޮތުން ހުއްޓުވޭ ޕްރޮޖެކްޓަކަށް ބަދަލެއް ނުދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވައިދުގެ 7 ވަނަ މާއްދާގައި، ތަރައްގީގެ މަސައްކަތެއް ފެއްޓުމުގެ ކުރިން ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުން ހޯދުމަށް މަޝްރޫއު ކުރިއަށް ގެންދާ ފަރާތުން އެންވަޔަރަންމަންޓް މިނިސްޓްރީ އަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ހުށަހަޅަން ވާނެ ކަމަށް ސާފު ކޮށް ބުނެފައިވެ އެވެ.
މި ގަވައިދުގައި ބުނާ ގޮތުގައި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ހަދަން ޖެހޭ ހާލަތެއްގައި އެފަދަ ރިޕޯޓެއް ހަދާފައި ނުވާ ނަމަ ދެ ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރެވޭނެ އެވެ. އަދި ފިޔަވަޅު އަޅާ ފަރާތުގެ މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ގަވައިދުގައި ސާފު ކޮށް ބުނެފައިވާ ގޮތުގައި ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ގޮތުގެ ރިޕޯޓާ މެދު ނިންމި ގޮތުގެ ލިޔުން ނެތި މަޝްރޫއު ހިންގުމަކީ އަދަބު ދެވޭނެ ކުށެކެވެ.
ވިހަފަރުގެ މަސައްކަތް ގާނޫނާއި ގަވަައިދާ ޚިލާފަށް ރައީސް މުއިއްޒު ހާޒިރުވެ ހުންނަވާ ފެއްޓެވި އިރު، މިއީ ތިމާވެށީގެ ގާނޫނާ މި ސަރުކާރުން ޚިލާފުވި ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކުރެވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނ. ވެލިދޫގެ ސިނާއީ ސަރަހައްދު ހިއްކުމުގެ މަސައްކަތާއި، ށ. ކޮމަންޑޫ އެއަރޕޯޓު މަޝްރޫ އަށް ބިން ހިއްކުމުގެ މަސައްކަތް ވެސް ފަށާފައިވަނީ ގާނޫނާ ޚިލާފަށެވެ.
މީގެ އިތުރުން ހުޅުމާލެ ފޭސް ތިނެއް ހިއްކި އިރު އެ ސަރަހައްދަށް ކުނި އެޅި މައްސަލަވެސް ވަނީ ފެންމަތިވެފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ޑްރެޖަރުތައް ގެނެސް ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާ އިރު އެއިން އެއްވެސް ތަނެއްގައި ތިމާވެށި ރައްކައުތެރި ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމުގެ ސަބަބުން ކިސަޑުތައް މާ ދުރަށް ފެތުރެމުންދާ މަންޒަރުތައް ވަނީ އާންމު ވެފަ އެވެ.
ތިމާވެއްޓަށް ބެލުމެއް ނެތި ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާތީ އެ ސަރަހައްދުގައި އޮންނަ ޓަކީ ޖޯސް (މިޔަރު ފަރު) ނަމަކަށް ކިޔާ ރާއްޖޭގެ އެންމެ މުހިންމު އެއް ރާޅާ އަޅާ ސަރަހައްދު ހަލާކުވަމުންދާތީ އެކަމާ ދެކޮޅަށް ކަނޑުމަތީގައި އިހުތިޖާޖު ކުރުމުން ވެސް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ނ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މި މަޝްރޫޢުގެ ދަށުން، 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް، 1.6 މީޓަރުގެ އުސްމިނުގައި ހިއްކޭނެ އެވެ. ބުރާސްފަތި ދުވަހުގެ ރަސްމިއްޔާތުގައި ޢަމަލީ ގޮތުން މިމަޝްރޫޢު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.





