ގިިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އަނެއްކާ ވެސް ބަދަލު ގެނެސް ގުރު ނަގަން ފަށައިފި
ލޭންޑް ޔޫސް ޕްލޭނަށް ބަދަލު އައުމާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ގުރު ނަގާފައިވޭ. އަދި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އަމަލީ މަސައްކަތް 30 ޖެނުއަރީ 2026 ގައި ވަނީ ފަށާފައި.


ގިިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރު ނަގަނީ | ހައުސިންގ މިނިސްޓްރީ
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގިިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އަނެއްކާ ވެސް ބަދަލު ގެނެސްފައިވާތީ، އެތަނުން ގޯތި ލިބުނު މީހުންގެ ގުރު ނެގުން ފަށައިފި އެވެ.
ހޮނިހިރު ދުވަހު ހައުސިން މިނިސްޓްރީން ބުނީ، ގިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭން އަށް ބަދަލު ގެނެވި، އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރު ކުރެވިފައިވާތީ، އެ ޕްލޭންއަށް ރިއާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރު ކަނޑައެޅިފައިވާ ކަމަށެވެ.
މި ބަދަލާއި ގުޅިގެން ގިރާވަރު ފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި އައު ޕްލޮޓް އެލޮކޭޓް ކުރުމަށްޓަކައި ގުރުއަތުލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ލޭންޑް ޔޫސް ޕްލޭނަށް ބަދަލު އައުމާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ގުރު ނަގާފައިވެ އެވެ.
ގިރާވަރު ފަޅުން ދޫކޮށްފައިވާ ގޯތީގެ އަދަދާއި ބޮޑުމިން
- 1250 އަކަފޫޓުގެ 2605 ގޯތި
- 1650 އަކަފޫޓުގެ 1213 ގޯތި
- 2050 އަކަފޫޓުގެ 253 ގޯތި
- 2450 އަކަފޫޓުގެ 1 ގޯތި
ހައުސިން މިނިސްޓްރީން ބުނީ، މި ބަދަލާއިއެކު ގިރާވަރު ފަޅުން ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރުގައި އެކަމަށް ކަނޑައަޅާފައިވާ މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ގިރާވަރު ފަޅުން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުލާ ހޯލަށް، ބިން ލިބިފައިވާ ފަރާތް / ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް 01 ފަރާތަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި ގުރުއަތުލާއިރު ޕްލޮޓް އެލޮކޭޓްކުރެވޭ ފަރާތްތަކަށް ވަގުތުން އެފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސް.އެމް.އެސް ގެ ޒަރިއްޔާއިން ލިބޭނެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ، ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުން ތަކާގުޅޭ މައުލޫމާތު މިނިސްޓްރީ އިން ފަހުގެ ތާރީޚެއްގައި ހިއްސާކުރާނެ ކަމަށެވެ. އަދި ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރު ނަގަން ފަށާފައިވާއިރު، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އަމަލީ މަސައްކަތް 30 ޖެނުއަރީ 2026ވީ ހުކުރު ދުވަހު ވަނީ ފަށާފަ އެވެ.
ގިރާވަރު ފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެވެ. މީގެ ކުރިން ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެތަނުން ހިއްކިފައި ވަނީ ގާތްގަނޑަކަށް 54 ހެކްޓަރުގެ ބިމެވެ.
މީގެ އިތުރުން އެމީހަކަށް ގޯތި ދީފައި އޮތް ތަނަކުން ދީފައި އޮތް މިންވަރަކަށް ގޯތި ދެއްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވީ ވައުދާ ޚިލާފުވެ ގިރާވަރު ފަޅުން ދޭން ނިންމި 1000ށް ވުރެ ގިނަ ގޯތި ގުޅީފަޅަށް ވަނީ ބަދަލު ކޮށްފަ އެވެ. މީގެ ތެރޭގައި އަމިއްލައަށް އެދިގެން ގޯތި ބަދަލުކުރި މީހުން ތިބި ކަމަށް ސަރުކާރުން ބުނެ އެވެ. އަދި ބައެއް ގޯތިތައް ރަސްމާލެ އަށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ދިނުމާ ގުޅިގެން އެކަމާ ދެކޮޅަށް ގިރާވަރު ފަޅުން ގޯތި ލިބުނު މީހުން މީގެ ކުރިން މުޒާހަރާ ކޮށްފައިވެ އެވެ.







