މި އަހަރު އެއްކޮށް ނިންމާލެވޭނެ ކަމަށް ވިދާޅުވި ތިލަމާލެ ބުރިޖު ގެ މަސައްކަތް މިއަހަރު ނުނިމޭނެ ކަމަށް މުއްތޮލިބު ވިދާޅުވެއްޖެ
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތޮލިބު ވިދާޅުވީ ގްރޭޓާ މާލެ ބްރިޖުގެ މަސައްކަތް ބޭނުންވާ ސްޕީޑުގައި ނުދާ ކަމަށާއި، މި އަހަރު ނިމޭއިރަށް ވިލިމާލެއާ ހަމައަށް ގުޅާލެވޭނެ ކަމަށް. މިއީ ކުރިން ދިން ތާރީހަށްވުރެ އެއް އަހަރުގެ ލަސްވުމެކެވެ. އެކަމަކު އޭނާ ވިދާޅުވީ އިންޑިއާ ސަރުކާރާ ގުޅިގެން މަޝްރޫއު އަވަސްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް.


ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު | ސޯޝަލް މީޑިއާ
މާލެ އިން ފެށިގެންް ތިލަފުއްޓާ ހަމައަށް ގުޅާލާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް މިހާރު ލަފާކުރެވެނީ އަންނަ އަހަރު ކަމަށް ކޮންސްޓްރަކްޝަން, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ބޭނުންވާ ސްޕީޑުގައި ނޫން ކަމަށެވެ. އަދި ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމުގައި ކޮންޓްރެކްޓަރަށް ވެސް ދަތިތައް އެބަހުރި ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
މި ސަރުކާރުގެ ކުރީކޮޅު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، މާލެއިން ފެށިގެން ވިލިމާލެއާ ހަމައަށް ގުޅާލުން، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އަދި ވިލިމާލެ އިން ގުޅިފަޅަށް ގުޅާލުން، 2025 ވަނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް ނިމޭނެ ކަމަށް މިނިސްޓާރު ވިދާޅުވި އެވެ. ބްރިޖްގެ ބާކީ ބައި އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓާރު ވިދާޅުވީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އެހެންނަމަވެސް ޕީއެސްއެމް އިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، މިހާރު ކުރިއަށް ދާ ސްޕީޑުން މި އަހަރު ނިމޭއިރަށް ވިލިމާލެ އާއި ހަމަ އަށް ގުޅާލެވޭނެ ކަމަށެވެ. އެއީ މިނިސްޓަރު ކުރިން ވިދާޅުވި ތާރީހަށްވުރެ ގާތްގަނޑަކަށް އެއް އަހަރުގެ ލަސްވުމެކެވެ.
މިހާރު އޮތް ގޮތުން ވިއްޔާ މި އަހަރު ނިމޭއިރަށް ގާތްގަނޑަކަށް ވިލިމާލެއާ ހަމައަށް ގުޅާލެވޭނެ ކަމަށް ބަލަނީ. ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ މިހާރު ގުޅިފަޅު ވެސް އާބާދުވަމުން އަންނާތިއްޔާ އެއްކޮށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ އެކީ މަސައްކަތްކޮށްގެން ވީހާ ވެސް އަވަހަކަށް ކުރަން... އެފަރާތާ ވާހަކަ ދައްކައިގެން މަސައްކަތް އަވަސް ކުރާނެ މަގެއް ފެނޭތޯ އިންޑިއާ ސަރުކާރުންވެސް އަދި އަޅުގަނޑުމެން ވެސް ކުރެވޭތޯ މިބަލަނީ ކޮންޓްރަކްޓަރާ ވާހަކަ ދައްކައިގެން. ދެން އެއަށް އަލިމަގެއް ލިބޭތޮ މިބަލަނީ އެހެންނަމަވެސް ޕްރޮޖެކްޓް ނުހުއްޓި ކުރިއަށް އެބަދޭ. މިހާރު ދާގޮތަށް ދާކަމުގަ ވާނަމަ 2027 ވަނަ އަހަރު މި ޕްރޮޖެކްޓް ނިމޭނެމިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު
މުއްތޮލިބު ވިދާޅުވީ އިންޑިއާ ސަރުކާރާ ގުޅިގެން މަޝްރޫއު ވީހާ ވެސް އަވަސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރަށް ވުރެ ވެސް މަސައްކަތް އަވަސްކުރެވޭނެ ގޮތްތައް ހުރިތޯ ބަލަމުން އަންނަ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން، އެގައުމުގެ ލޯނު އަދި ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މި ބިޔަ މަޝްރޫއު ޝެޑިއުލުން ކައްސާލާފައިވާ އިރު އެންމެ ފަހުން މިސަރުކާރުން ދިން ތާރީހަށް ވެސް ނިމެނޭކަމުގެ އުންމީދެއް ނެތެވެ.








