"ބޯހިޔާވަހިކަން އެންމެންނަށް" އިއުލާންކުރުން: ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ވަޒީރު އިއްވީ އެންމެ 5 މިނިޓުގެ ބަޔާނެއް!
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު ވަނީ 5 މިނިޓުގެ ބަޔާނެއް އިއްވުމަށް ފަހު ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ހަރަކާތް ނިންމަވާލައްވައިފައި. ނޫސްވެރިންނަށް ފޮނުވި މެސެޖުގައި ޕްރެސް ބްރީފިން ކަމަށް ބުނެފައިވި ނަމަވެސް ސުވާލުކުރަން ފުރުސަތު ނުދިނުމާއި ލައިވް ކުރަން ވެސް ފުރުސަތު ނުދިނުމުން ނޫސްވެރިން ނުރުހުން ފާޅުކޮށްފައި.


މ. މުލި - ނާލާފުށި ކޯޒްވޭގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ މުއްތަލިބް (ވ) ރައީސް މުއިއްޒު އަރިހުގައި | ރައީސް އޮފީސް
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ސްކީމް އިއުލާން ކުރުން، ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ، ހައުސިން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު ކުރު ބަޔާނަކުން ނިންމަވާލައްވައިފި އެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުން އިއުލާން ކުރުން އޮތީ އާދިއްތަ ދުވަހު ހެނދުނު 08:00 އަށް ތާވަލްކޮށްފަ އެވެ.
މިނިސްޓަރ އާއި އެހާ ގިނައިން ނޫސްވެރިންނާއި ބައްދަލު ނުވާތީ ނޫސްވެރިން ތިބީ އާދިއްތަ ދުވަހު ވަޒީރާއި ސުވާލުކުރުމަށް ފުރުސަތު ދޭނެ ކަމަށް އުންމީދުކޮށްގެންނެވެ. އެހެންނަމަ ވެސް ވަޒީރު އަމަލުކުރެއްވި ގޮތުން ބައެއް ނޫސްވެރިން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. 08:00 އަށް ނޫސްވެރިންނަށް ކިޔުމަށް ފަހު ވަޒީރު ވަޑައިގަތީ ވެސް 08:30 ވަނިކޮށެވެ. އޭގެ ފަހުން ވަޒީރު ވަނީ 5 މިނިޓުގެ ބަޔާނެއް އިއްވުމަށް ފަހު އިތުރު ސުވާލެއް ކުރުމަށް އެއްވެސް ނޫސްވެރިއަކަށް، ފުރުސަތު ނުދީ ވަޒީރު ވަނީ ނޫސްވެރިން ތިބި ސަރަހައްދުން އަވަހަށް ދުރަށް ވަޑައިގަންނަވާފަ އެވެ. މިނިސްޓަރ އިއްވި ބަޔާނަކީ ވެސް ލިޔެފައިވާ ލިޔުމެއް ބައްލަވައިގެން ދެއްވި ބަޔާނެކެވެ.

މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު
ނޫސްވެރިންނަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ މިއީ ވަޒީރު ދެއްވާ ޕްރެސް ބްރީފިން އެއް ކަމަށެވެ. ދުރާލާ އެތަނަށް ދާ ނޫސްވެރިންގެ ނަމާއި، މީޑިއާގެ މައުލޫމާތު ހޯދައިގެން ކުރިއަށް ދިޔަ މި ބަޔާން އިއްވުމުގެ ހަރަކާތް ލައިވް ކުރަން ވެސް މީޑިއާތަކަށް ފުރުސަތު ދީފަ އެއް ނުވެ އެވެ.

ވަޒީރު މިފަދައިން އަމަލު ކުރުމުން ސަރުކާރުގެ ބޯހިޔާވަހިކަމާއި މެދު އޮޅުން އަރާ ގިނަ ކަންކަން، ސާފުކުރުމަށް ނޫސްވެރިންނަށް ފުރުސަތު ލިބިފައި ނުވާކަން ފާހަގަކޮށްލެވެ އެވެ. ވަޒީރު މުއްތަލިބު އާއި ބައްދަލުކުރަން އެޕޮއިންޓްމެންޓް ނުލިބުމަކީ އާއްމުން މިހާރު ވެސް ކުރާ ޝަކުވާއެކެވެ.








