Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟

އެމެރިކާ އިން އީރާނަށް ހަމަލާދިނުމުން އެތައް ނަތީޖާ އެއް ނުކުމެދާނެ ކަމަށް ބެލޭ އިރު، މީގެ ސަބަބުން ކަންކަން އާޚިރުގައި ނިމޭނެ ގޮތެއް ނޭނގި، އަދި އޭގެ ނޭދެވޭ އަސަރު މުޅި ދުނިޔެ އަށް ފޯރާފާނެ ބޮޑު ހަނގުރާމައެއް ފެށިގެން ވެސް ހިނގައިދާނެ ކަމަށް ބެލޭ.

ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 08:56
މި ފޮޓޯ އިލަސްޓްރޭޝަނުން ފެންނަނީ އިޒްރޭލުގެ ދިދަ ސްކްރީނެއްގައި ހުންނަ އިރު އޭގެ ފަހަތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ތިއްބަވާ މަންޒަރު.

މި ފޮޓޯ އިލަސްޓްރޭޝަނުން ފެންނަނީ އިޒްރޭލުގެ ދިދަ ސްކްރީނެއްގައި ހުންނަ އިރު އޭގެ ފަހަތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ތިއްބަވާ މަންޒަރު. | ގެޓީ އިމޭޖަސް

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ކަމަށް ބެލެވެ އެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި އެމެރިކާ އިން ހަމަލާ އަމާޒުކުރާނެ ތަންތަނަކީ ގާތްގަނޑަކަށް ލަފާކުރަން އެނގޭ ތަންތަން ކަމަށް ވީނަމަވެސް، މި ހަމަލާތަކުގެ ނަތީޖާ ނުކުންނާނެ ގޮތެއް އެއްވެސް ފަރާތަކަށް ޔަގީނެއް ނޫނެވެ.

އެހެންކަމުން، އީރާނުގެ ވެރިރަށް ތެހެރާނާއެކު އެންމެ ފަހު ވަގުތުވެސް އެއްބަސްވުމަކަށް ނާދެވި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަމަލާދިނުމަށް އެމެރިކާގެ ސިފައިންނަށް އަމުރުކޮށްފިނަމަ، ދެން ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި ހެއްޔެވެ؟

މިކަމުގައި ނަތީޖާ ނުކުމެދާނެ ހަތް ގޮތެއް ތަޖުރިބާކާރުން ވަނީ ފާހަގަ ކޮށްފަ އެވެ.

1. ޓާގެޓް ކުރާ ވަކިތަންތަނަށް ހަމަލާދީ ވެރިކަން ވައްޓާލުން

އެމެރިކާގެ ވައިގެ އަދި ކަނޑުގެ ސިފައިން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާއި، އެ ޖަމާއަތުގެ ދަށުން ހިންގާ ބަސީޖް ފޯސްގެ އަސްކަރީ މަރުކަޒުތަކަށާއި، ބެލިސްޓިކް މިސައިލް ފޮނުވާ އަދި ރައްކާކުރާ ތަންތަނުގެ އިތުރުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އަމާޒުކޮށް ވަކި ހުދޫދެއްގެ ތެރޭގައި ވަރުގަދަ ހަމަލާތަކެއް ދީފާނެ އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، މިހާރުވެސް ފިއްތުންތައް ކުރިމަތިވެފައިވާ އީރާނުގެ ސަރުކާރު ވެއްޓި، ހުޅަނގުން ގަބޫލު ކުރާ ވެރިކަމެއް ގާއިމުވެ، ދުނިޔޭގެ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އީރާނަށް ލިބިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

މިއީ އެމެރިކާ އާއި އެމެރިކާ ގެ ބައިވެރިންނަށް ކަން ހިނގައިދާނެ ކަމަށް ބެލެވޭ އެންމެ އުންމީދީ ގޮތެވެ. ނަމަވެސް އިރާގާއި ލީބިޔާ އަށް ހުޅަނގުގެ އަސްކަރިއްޔާ އިން އަރައިގަނެ ހިންގި އޮޕަރޭޝަންތަކުން ފެނުނީ އޮމާންކަމާ އެކު އެ އުއްމީދު ކުރި ޑިމޮކްރަޓިކް ނިޒާމަކަށް ބަދަލުވި މަންޒަރެއް ނޫނެވެ. އެ ދެ ގައުމުގައި އޮތް ވެރިކަން ނިމުމަކަށް އައި ނަމަވެސް، އޭގެ ފަހުން އެތައް އަހަރެއް ވަންދެން އެ ގައުމުތަކުގައި އޮތީ ހަމަނުޖެހުމާއި ލޭއޮހޮރުވުމެވެ.

ހުޅަނގުގެ އަސްކަރީ އެހީތެރިކަމާ ނުލައި 2024 ވަނަ އަހަރު އަމިއްލަ އަށް އިންގިލާބެއް ގެނެސް، ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލި ސީރިއާގެ ހާލަތު މިހާތަނަށް ފެންނަނީ މިއަށްވުރެ ރަނގަޅުކޮށެވެ.

2. ވެރިކަން ދެމި އޮވެ ސިޔާސަތުތައް ބަދަލު ކުރުން

މިއީ "ވެނެޒުއޭލާ މޮޑެލް" އަށް ކަން ހިނގައިދިއުން ކަމަށް ބެލެވިދާނެ އެވެ. އެއީ އެމެރިކާގެ އަވަސް އަދި ވަރުގަދަ އަސްކަރީ ފިޔަވަޅުތަކާ އެކު ވެސް އީރާނުގެ ސަރުކާރު ނުވެއްޓި ދެމިއޮތުމެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވެދާނެ އެވެ.

އީރާނުގެ ހާލަތަށް ބަލާއިރު، މީގެ މާނަ އަކީ އިސްލާމިކް ރިޕަބްލިކްގެ ވެރިކަން ދެމިއޮތުމެވެ. މިއީ އެމެރިކާ އާއި އެމެރިކާގެ ބައިވެރިން އަދި އީރާނުގެ ވެރިކަމާ ދެކޮޅު އެ ގައުމަށް ނިސްބަތްވާ ފަރާތްތައް ބޭނުންވާނެ ގޮތެއް ނޫނެވެ. ނަމަވެސް، މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަން ހުއްޓާލުމަށާއި، ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތައް މަޑުޖައްސާލުމުގެ އިތުރުން، މުޒާހަރާކުރާ މީހުންނަށް ދޭ ކަމަށް ބުނާ އަނިޔާތައް ހުއްޓާލަން އީރާނަށް މަޖުބޫރުވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

އެހެން ނަމަވެސް، މިގޮތައް މިކަން ނިމިގެން ދިއުމުގެ ފުރުސަތުވެސް ހަނި ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ވޭތުވެދިޔަ 47 އަހަރު ދުވަހު އީރާނުގެ ލީޑަޝިޕުން ދައްކާފައި ވަނީ އެއްވެސް ބަދަލަކަށް ފުރުސަތު ނުދީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކަށާއި އިޒްރޭލަށް ގޮތްދޫނުކުރުމުގެ ސިޔާސަތެކެވެ. މިހާރުވެސް އެ ސިޔާސަތު ބަދަލުކޮށްފާނެ ކަމަކަށް ނުބެލެވެ އެވެ.

3. ވެރިކަން ވެއްޓި އަސްކަރީ ވެރިކަމެއް ފެށުން

އީރާނުގެ ސަރުކާރަށް ދިގު މުއްދަތަކަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރު ބަލިކަށިވަމުން ދިޔަ ނަމަވެސް، މިހާރު އޮތް ހާލަތު ދެމެހެއްޓުމަށް ބޭނުންވާ ވަރުގަދަ ސަލާމަތީ ބާރުތަކެއް އެ ގައުމުގައި އެބައޮތެވެ.

ހުޅަނގުގެ ގައުމުތަކާއި އެމެރިކާ އިން ހިތްވަރު ދީގެން ހިންގި ނުރައްކާތެރި މުޒާހަރާތަކުން ސަރުކާރު ވައްޓާލެވިފައި ނުވާ މައިގަނޑު ސަބަބަކީ، ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ ތެރެއިން މުޒާހަރާގެ ބައިވެރިންނާ ގުޅުނު މުހިންމު ފަރާތްތަކެއް ނެތުމެވެ.

އެމެރިކާގެ ހަމަލާތަކަށްފަހު އުފެދޭ ހަލަބޮލިކަމުގެ ތެރޭގައި، އައި.އާރް.ޖީ.ސީގެ އިސްވެރިން ހިމެނޭ ވަރުގަދަ އަސްކަރީ ސަރުކާރެއްގެ ދަށަށް އީރާނު ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

4. އީރާނުން އެމެރިކާގެ ފައުޖަށާއި ކައިރީގައި ހުރި އަސްކަރީ ބޭސް ތަކަށް ހަމަލާ ދިނުން

އެމެރިކާގެ ކޮންމެ ހަމަލާއަކަށް ރައްދު ދޭނެ ކަމަށް ބުނެ އީރާނުން ވަނީ އިންޒާރު ދީފަ އެވެ. އެ ގައުމުން ބުނެފައި ވަނީ އެ މީހުން ތިބީ "ބަޑީގެ ޓްރިގަރ ގައި އިނގިލި އަޅައިގެން" ކަމަށެވެ.

އެމެރިކާގެ ކަނޑުގެ އަދި ވައިގެ ސިފައިންގެ ވަރުގަދަ ބާރާ ކުރިމަތިލުމުގެ ގާބިލުކަން އީރާނަށް ލިބިފައި ނުވި ނަމަވެސް، ހޮހަޅަތަކާއި ބިމުގެ އަޑީގައި އަދި ފަރުބަދަތަކުގެ ތެރޭގައި ފޮރުވާފައިވާ ބެލިސްޓިކް މިސައިލާއި ޑްރޯންތައް ބޭނުންކޮށްގެން އީރާނުން ރައްދު ހަމަލާ ދީފާނެ އެވެ.

ގަލްފް ސަރަހައްދުގައި، ހާއްސަކޮށް ބަހްރޭނާއި ގަތަރުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް އެބަހުއްޓެވެ. މީގެ އިތުރުން، އެމެރިކާގެ ހަމަލާގައި ބައިވެރިވާ ކަމަށް އީރާނަށް ގަބޫލުކުރެވޭ އުރުދުން ފަދަ ގައުމުތަކުގެ މުހިންމު ވަސީލަތްތަކަށް ވެސް އީރާނުން ހަމަލާދީފާނެ އެވެ.

2019 ވަނަ އަހަރު ސައުދީ އަރަމްކޯގެ ތެޔޮ ސާފުކުރާ މަރުކަޒުތަކަށް ދިން މިސައިލް އަދި ޑްރޯން ހަމަލާތަކުން، އީރާނުގެ މިސައިލްތަކުގެ ކުރިމަތީގައި ސައުދީ އަރަބިއްޔާގެ ވަސީލަތްތައް ނުރައްކަލަށް ހުށަހެޅިފައިވާ މިންވަރު ވަނީ ހާމަވެފަ އެވެ. އެ ހަމަލާއަކީ އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތަކުން ދިން ހަމަލާއެއް ކަމަށް ވަނީ ބެލެވިފަ އެވެ.

އެމެރިކާގެ ބައިވެރިން ކަމަށްވާ އީރާނުގެ އަވަށްޓެރި އަރަބި ގައުމުތަކުން މިހާރު ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެއީ އެމެރިކާ އިން ދޭ އަސްކަރީ ހަމަލާއެއްގެ ނޭދެވޭ އަސަރު އެ ގައުމުތަކަށް ފޯރާފާނެތީ އެވެ.

5. އީރާނުން ގަލްފް ސަރައްދުގައި މައިން އެޅުން

މިއީ 1980 އިން 1988 އަށް ހިނގި އީރާނު-އިރާގު ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ދުނިޔޭގެ ކަނޑުދަތުރުފަތުރަށާއި ތެލުގެ ސަޕްލައި އަށް އޮތް ބޮޑު ބިރެކެވެ. އެ ދުވަސްވަރު އީރާނުން ކަނޑުގެ މަގުތަކުގައި މައިން ވަޅުލުމުން، އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީން ވަނީ އެތަންތަން ސާފުކުރުމުގައި އެހީތެރިވެފަ އެވެ.

އީރާނާއި އޮމާން އާ ދެމެދު އޮންނަ ހޯރްމޫޒް ކަނޑުއޮޅި އަކީ ދުނިޔޭގެ އިގްތިސާދަށް ނުހަނު މުހިންމު ތަނެކެވެ. ދުނިޔޭގައި ބޭރުކުރާ ގުދުރަތީ ގޭހުގެ (އެލް.އެން.ޖީ) 20 އިންސައްތަ އަދި ތެލާއި ތެލުގެ އުފެއްދުންތަކުގެ 20 އިންސައްތަ އާއި 25 އިންސައްތައާ ދެމެދުގެ މިންވަރެއް ކޮންމެ އަހަރަކު ވެސް ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.

ކަނޑުގައި ވަރަށް އަވަހަށް މައިން ވަޅުލުމުގެ ތަމްރީނުތައް އީރާނުން ވަނީ ހަދާފަ އެވެ. އީރާނުން މިފަދަ ފިޔަވަޅެއް އަޅައިފިނަމަ، ދުނިޔޭގެ ވިޔަފާރިއަށާއި ތެލުގެ އަގަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ އެވެ.

6. ގަލްފް ގައި އޮތް އެމެރިކާގެ މަނަވަރުފަހަރަށް އީރާނުން ހަމަލާ ދިނުން

ގަލްފް ސަރަހައްދުގައި އޮތް އެމެރިކާގެ މަނަވަރެއްގައި ހުރި ކެޕްޓަނަކު ބީބީސީގެ ނޫސްވެރިއަކަށް ކިޔައިދިން ގޮތުގައި، އީރާނުގެ ފަރާތުން އޭނާ އެންމެ ބޮޑަށް ބިރުގަންނަނީ "ޑްރޯން އައިނެއް" ނުވަތަ ގިނަ އަދަދެއްގެ އުޅަނދުތައް އެއްފަހަރާ ބޭނުންކޮށްގެން ދީފާނެ ހަމަލާތަކަށް ކަމަށެވެ.

މިއީ އީރާނުން އެއްފަހަރާ ގިނަ އަދަދެއްގެ ޑްރޯންތަކާއި ބާރު ދުވެލީގައި ދަތުރުކުރާ ޓޯޕިޑޯ ބޯޓުތައް ބޭނުންކޮށްގެން އެމެރިކާގެ މަނަވަރުތަކަށް ހަމަލާދިނުމެވެ. މިފަދަ ހަމަލާއެއްގައި އެމެރިކާގެ ވަރުގަދަ ދިފާއީ ނިޒާމުތަކަށް ވެސް ހުރިހާ ހަމަލާ އެއް އެއްފަހަރާ ހުއްޓުވުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ.

ގަލްފް ސަރަހައްދުގައި އީރާނުގެ އާދައިގެ ކަނޑުގެ ސިފައިންގެ ބަދަލުގައި މިހާރު ހަރަކާތްތެރި ވަނީ އައި.އާރް.ޖީ.ސީގެ ކަނޑުގެ ސިފައިންނެވެ. މީގެ ކުރިން އީރާނުގެ ޝާހުގެ ދުވަސްވަރު ބައެއް ކޮމާންޑަރުންނަކީ އިނގިރޭސިވިލާތުގެ އަސްކަރިއްޔާ އިން ތަމްރީނު ހޯދާފައިވާ މީހުންނެވެ.

އީރާނުގެ ކަނޑުގެ ސިފައިން މިހާރު ތަމްރީނު ހޯދަނީ އެމެރިކާގެ ފިފްތު ފްލީޓް ފަދަ ވަރުގަދަ އަސްކަރީ ބާރުތަކުގެ ޓެކްނޮލޮޖީ އަށް ވުރެ ކުރިހޯދޭނެ ފަދަ އާދަޔާ ހިލާފު ހަނގުރާމައިގެ އުކުޅުތަކަށެވެ.

އެމެރިކާގެ މަނަވަރެއް ފައްތާލައި، އޭގެ ފަޅުވެރިން އަސީރުންގެ ގޮތުގައި ހިފަހައްޓައިފި ނަމަ، އެއީ އެމެރިކާ އަށް ލިބޭނެ ވަރަށް ބޮޑު ލަދަކަށް ވާނެ އެވެ.

މިއީ ވެދާނެ ކަމެއް ނޫން ކަމަށް ބައެއް މީހުން ބުނި ނަމަވެސް، 2000 ވަނަ އަހަރު އަލްގައިދާ އިން ޔަމަނުގެ އަދަން ބަނދަރުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އެމެރިކާގެ ބިލިއަން ޑޮލަރުގެ މަނަވަރު "ޔޫ.އެސް.އެސް ކޯލް" އަށް ބޮޑެތި ގެއްލުންތަކެއް ދީ، 17 ސިފައިން މަރާލާފައިވެ އެވެ.

އޭގެ ކުރިން 1987 ވަނަ އަހަރު އިރާގުގެ ޖެޓަކުން އޮޅިގެން ދިން ދެ މިސައިލް ހަމަލާއެއްގައި އެމެރިކާގެ "ޔޫ.އެސް.އެސް ސްޓާކް" މަނަވަރުގެ 37 ސިފައިން މަރުވެފައިވެ އެވެ.

7. ވެރިކަން ވެއްޓި މުޅި ގައުމު ހަމަ ނުޖެހުމަށް ދިއުން

މިއީ ވަރަށް ބޮޑު ނުރައްކަލެކެވެ. އަދި ގަތަރާއި ސައުދީ އަރަބިއްޔާ ފަދަ އަވަށްޓެރި ގައުމުތަކުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް ކަމަކީވެސް މިއީ އެވެ.

ސީރިއާ، ޔަމަން އަދި ލީބިޔާ އިން ފެނުނު ފަދަ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓި، އީރާނުގައި އުފެދޭ ހަލަބޮލިކަމުގެ ތެރޭގައި ކުރުދީންނާއި ބަލޫޗީން ފަދަ މައިނޯރިޓީ ގްރޫޕްތަކުގެ މެދުގައި ހަތިޔާރު އެޅި ހަމަލާ ބަދަލުކުރުންތައް ފެށިދާނެ އެވެ. މީގެ ސަބަބުން މުޅި ގައުމުގައި ބާރުގެ ހުސްކަމެއް އުފެދިދާނެ އެވެ.

އީރާނުގެ އިސްލާމިކް ރިޕަބްލިކްގެ ވެރިކަން ނިމުމަކަށް އައުމަކީ މެދުއިރުމަތީގެ ގިނަ ގައުމުތަކުން އުފާކުރާނެ ކަމެކެވެ. ހާއްސަކޮށް އިޒްރޭލުން މިކަމަށް ވަރަށް ބޮޑަށް ބޭނުންވެ އެވެ. އިޒްރޭލުން މިހާރުވެސް ދަނީ އީރާނުގެ އެހީތެރިކަން ލިބޭ ޖަމާއަތްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެ ގައުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އިޒްރޭލުން ދެކެއެވެ.

ނަމަވެސް، މެދުއިރުމަތީގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ 93 މިލިއަން މީހުންގެ އީރާނު، ހަމަނުޖެހުމުގެ ތެރެއަށް ވެއްޓި، އިންސާނީ ބޮޑު ކާރިސާއެއް އުފެދި، ރެފިއުޖީންގެ މައްސަލަ ބޮޑުވުމަކީ އެއްވެސް ގައުމަކުން ބޭނުންވާނެ ގޮތެއް ނޫނެވެ.

މިވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ، އީރާނުގެ ބޯޑަރު ކައިރިއަށް އެމެރިކާގެ ވަރުގަދަ ލަޝްކަރެއް ޖަމާކޮށްފައިވުމުން، ރައީސް ޓްރަމްޕްގެ އަގު ހިފެހެއްޓުމަށްޓަކައި ހަމަލާދޭން ނިންމުމެވެ. މީގެ ސަބަބުން ކަންކަން އާޚިރުގައި ނިމޭނެ ގޮތެއް ނޭނގި، އަދި އޭގެ ނޭދެވޭ އަސަރު މުޅި ދުނިޔެ އަށް ފޯރާފާނެ ބޮޑު ހަނގުރާމައެއް ފެށިގެން ވެސް ހިނގައިދާނެ އެވެ.

އީރާންއެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްހޯމޫޒް ހަނިކަނޑުއީރާން-އެމެރިކާއީރާން-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރު މެދުކެނޑުމެއްނެތި ދަށަށް ދިއުން ހުއްޓި، ނޮވެމްބަރު މަހަށްފަހު އެއް ދުވަސް ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައި

ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރު މެދުކެނޑުމެއްނެތި ދަށަށް ދިއުން ހުއްޓި، ނޮވެމްބަރު މަހަށްފަހު އެއް ދުވަސް ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައި

29 ޖެނުއަރީ 2026
ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

29 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް "މީގެ ކުރިން ދުވަހަކު ވެސް ދެކިފައި ނުވާނެ" ވަރުގަދަ ރައްދެއް ދޭނެ ކަމަށް، އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ މިޝަނުން ބުނެފި

އެމެރިކާ އިން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް "މީގެ ކުރިން ދުވަހަކު ވެސް ދެކިފައި ނުވާނެ" ވަރުގަދަ ރައްދެއް ދޭނެ ކަމަށް، އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ މިޝަނުން ބުނެފި

28 ޖެނުއަރީ 2026
އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި

ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު