ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ފެށުން، އެމްޑީޕީ އަށް ވޯޓު ދިނުން މުހިންމު: ފުވައްމުލައް ސިޓީގެ މޭޔަރ
ފުވައްމުލައް ސިޓީ މޭޔަރ އިސްމާއިލް ރަފީޤު ވިދާޅުވީ ކައުންސިލް އިންތިޚާބަށް ވިސްނުންތެރިކަމާ އެކު ތައްޔާރުވާން ޖެހޭ ކަމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވުމާއި މަސައްކަތްތައް ކުރިއަށް ނުދިއުމުން ރައްޔިތުން ހިތްހަމަ ނުޖެހޭކަން ދެއްކޭނީ އެމްޑީޕީއަށް ވޯޓުދީގެން ކަމަށް.


ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއިލް ރަފީޤު | ރާއްޖެއެމްވީ
ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ފެށުން ކަމަށާއި މި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީ އަށް ވޯޓު ދިނުން މުހިންމު ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢިލް ރަފީޤް ވިދާޅުވެއްޖެ އެވެ.
އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މި އިންތިޚާބަށް ތައްޔާރު ވާން ވާނީ ވަރަށް ވިސްނުންތެރިކަމާއި އެކުގައި ކަމަށެވެ. ޕާޓީ އެއްގެ ހައިސިއްޔަތުން މިއީ އެމްޑީޕީ އިން އަޅާނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވުމާއި މަސައްކަތްތައް ކުރިއަށް ނުދިއުމާއި މެދު ރައްޔިތުން ހިތްހަމަ ނުޖެހޭކަން ދައްކަން ލިބޭ މި ފުރުސަތު ގެ ބޭނުން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަން ކުރެވޭނީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ވޯޓުދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮން ކަމެއް ކުރަންތޯ ސަރުކާރު ކެނޑިޑޭޓުން އިންތިޚާބަށް ނުކުންނަނީ؟ މި ސަރުކާރާއި އެކު ކައުންސިލްތަކުގެ ނިޒާމް ފަހަތަށް ދަނީ. ކައުންސިލްގެ ބާރުތައް ނަގަނީ. މި ފިކުރުގެ ބަޔަކަށް ކައުންސިލްތައް ދޭން ޖެހޭ ސަބަބެއް ނެތް." އިސްމާއިލް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ދޭން ވީ ލާމަރުކަޒީ ނިޒާމް ޤަބޫލުކުރާ ބަޔަކަށް ކަމަށާއި އެ ބަޔަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި އެވެ. މާޒީ އަށް ބަލާ އިރު އެމްޑީޕީ ނޫން ބަޔަކަށް މި ނިޒާމުގައި ކަންކަން ހިނގަން ޖެހޭ ގޮތަށް ކަންކަން ކުރުމަށް ކައުންސިލްތަކަށް ބާރު ދޭތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ރަށް ރަށުގެ ތަރައްޤީ އެންމެ ބޮޑަށް ހުއްޓޭ ސަބަބަކީ ވެސް ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އިހުތިރާމް ނުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލްތަކުގެ ބަޖެޓު ވެސް މި ސަރުކާރުން އިންތިހާ އަށް ކުޑަ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިސްމާއިލް ވިދާޅުވީ އެކަންކަން ކުރަނީ ސަރުކާރުން ކައުންސިލްތަކަށް ފިއްތުންތައް ކުރިމަތި ކުރުވާ ކައުންސިލް ގެ ޚިދުމަތްތަކަށް ހުރަސް އެޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ރައްޔިތުންގެ ބާރުވެރިކަމާއި މެދު ސަރުކާރަށް މެސެޖެއް ދޭން ލިބޭ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ ބާރު ގަބޫލު ނުކުރާ ބަޔަކަށް ރައްޔިތުންނަށް ޚިދުމަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.







