އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް: އެމްޑީޕީ
ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓުންގެ ފޯމް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ހުސެއިން ވިދާޅުވީ އޮންލައިންކޮށް ފޯމް ހުށަހެޅޭ ގޮތް ހެދީ ފަސޭހައަކަށް ކަމަށް އީސީން ބުނި ނަމަވެސް އެކަމުގައި ރައްޔިތުންނަށް ތުރާ ޖައްސާފައިވާ ކަމަށް.


އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ލޯކަލް ކައުންސިލަށް ކުރިމަތިލާ ކެނޑިޑޭޓުން ފޯމު ހުށަހަޅާ "މައި ޕޯޓަލް" އަށް ސަރުކާރުގެ ޕާޓީ، ޕީއެންސީއަށް އެކްސަސް އެބައޮތް ކަމަށް އެމްޑީޕީން ބުނެފި އެވެ.
ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުންނާއި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.
ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓުންގެ ފޯމް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ހުސެއިން ވިދާޅުވީ އޮންލައިންކޮށް ފޯމް ހުށަހެޅޭ ގޮތް ހެދީ ފަސޭހައަކަށް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނި ނަމަވެސް އެކަމުގައި ރައްޔިތުންނަށް ތުރާ ޖައްސާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އޭގެ ސަބަބުން އިތުރު ދަތިތަކެއް ކެންޑިޑޭޓުންނަށް ކުރިމަތިވޭ. މިދެންނެވީ އަވަސްވާން ޖެހޭ. އެހެން ނަމަވެސް އެޕްލިކޭޝަނެއް ހުށަހެޅީމަ އޭގައި މައްސަލައެއް އޮތަސް އަދި ނެތަސް އޭތި ރިޖެކްޓް ކުރުން އޭތި ބަލައިމިގަންނަނީ ފަސް ދުވަސް ފަހުން. އެއީ އެކަން ވެގެންވާނެ ގޮތެއް ނޫން. އޮންލައިންކޮށް ރަށެއްގައި ހުރި ކެންޑިޑޭޓަކު އެޕްލިކޭޝަން ހުށަހެޅީމަ އަދި ޕާޓީން އޭނާ އެންޑޯސް ކުރީމަ އެ އެޕްލިކޭޝަން ވީހާވެސް އަވަހަށް ބަލައިގަންނަން ޖެހޭ. އެދުވަހުން ދުވަހަށް ބަލައިގަންނަން ޖެހޭ. އަޅުގަނޑުމެންނަށް ފެނިގެންދިޔަ މިއަހަރު ފެށިގެން ދިޔައިރު ޕާޓީން ވަގުތުން ވަކި ވެވޭނެކަން ޕޯޓަލް މެދުވެރިކޮށް. ކީއްވެގެންތޯ އެޕްލިކޭޝަނެއް މިގޮތަށް ކެންޑިޑޭޓުން ހުށަހެޅީމަ އެހައި ލަސްވެގެން ދަނީ.އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން
މީގެ އިތުރުން ހުސެއިން ވިދާޅުވީ އީސީގެ މައި ޕޯޓަލް އަށް ހުށަހަޅާ ފޯމާއި، އެ މައުލޫމާތުތައް ޕީއެންސީއަށް ލިބޭ ކަމަށާއި، މިއީ ވަރަށް ބޮޑު މައްސަލަ އެއް ކަމަށެވެ. އެހެންކަމުން އެ ޕާޓީ އަށް މި ޕޯޓަލްގެ އެކްސެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މައުލޫމާތު ލީކުވާ ކެންޑިޑޭޓުން އަމިއްލައަށް އައިސް އެ ވާހަކަތައް ހިއްސާ ކުރާ ކަަމަށެވެ.
މިސާލަކަށް ދަންނަވާކަމަށް ވާނަމަ ކެންޑިޑޭޓުން އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދުކޮށް އީފާސް މެދުވެރިކޮށް ތާއީދު ދިނުމުން އެ މައުލޫމާތު ވަގުތުން ޕީއެންސީއަށް އެބަދޭ. އެޕްލިކޭޝަން ހުށަހަޅާފައި އޭނާއަށް ތާއީދު ދީ އަމިއްލަ މީހަކު ތާއީދު ދިނުމުން އެ މައުލޫމާތު ޕީއެންސީއަށް އެނގުމަކީ ވަރަށް ބޮޑު މައްސަލައެއް. އޭގެ މާނައަކީ އެބޭފުޅުންގެ ޕޯޓަލްއަށް އެބޭފުޅުންގެ އިލެކްޝަންގެ މިޕޯޓަލްއަށް އެކްސެސް އެބައޮތޭ ޕީއެންސީއަށް.އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން
ހުސެއިން ވިދާޅުވީ އިންތިޚާބު ކައިރިވަމުންދާ ވަރަކަށް ވަރަށް ގިނަ މައްސަލަތައް ފެންމަތިވާ ކަމަށާއި، މިކަމުން ވެސް ޕީއެންސީ އަށް އީސީން ކަންކަން ފަހިކުރަމުންދާ މިންވަރު ހާމަވާ ކަމަށެވެ.
ތ.ވިލުފުއްޓަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓެއް އޭނާއަށް ތާއީދުދީ ބައެއް މީހުންގެ މައުލޫމާތު ޕީއެންސީއަށް ލިބިފައި އެބަހުރި. މިހެއްކާއެކު އަޅުގަނޑު މިދަންނަވަނީ. މިވާހަކަތައް އަޅުގަނޑު މިގޮތަށް ފެތުރޭ.އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން
މީގެ އިތުރުން އީސީގެ ރައީސް މުހައްމަދު ޒާހިދު ރައީސް މުއިއްޒުއާ 23 ޑިސެންބަރު 2025 ގައި ސިއްރުން ބައްދަލު ކުރެއްވުމަށް ވެސް ހުސެއިން ފާޑު ވިދާޅުވެފައިވެ އެވެ.
އީސީގެ ރައީސް އާއި ނައިބު ރައީސް އަކީ ރައީސް އައްޔަން ކުރައްވާ ގޮތަށް ގާނޫނު އަސާސީ މިސަރުކާރުން ބަދަލުކުރީ ދުރާލައި ރޭވިގެން ކަމަށާއި، އިންތިޚާބުތަކަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވުމުގެ މަގުސަދުގައި ކަަމަށް އޭނާ ވިދާޅުވި އެވެ.








