ކައުންސިލް މެންބަރުން ހޮވުމުގަ ބަލަންވީ ލާމަރުކަޒީ ނިޒާމު ދަންނަނީ ކޮންބައެއް ތޯ: ނިޔާޒް
ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ 2019 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުން ކައުންސިލްތައް ބާރުވެރިކޮށް ކުންފުނިތައް އުފައްދައިގެން އާމްދަނީ އިތުރުކުރެވޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް. މިހާރު ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ ހިންގޭނެ ކައުންސިލްތައް އެބަހުރި ކަމަށާއި އެހެންވީމަ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި.


އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ
ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް މެންބަރުން ހޮވުމުގައި ބަލަންވީ އެ ކެންޑިޑޭޓުން ލާމަރުކަޒީ ނިޒާމް ދަންނަނީ ކިހާ މިންވަރަކަށް ތޯ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ އެމްޑީޕީ ސަރުކާރުން 2019 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު ކައުންސިލްތައް ބާރުވެރި ކުރެވޭނެ ގޮތްތަކެއް ހޯދައިދީފައިވާ ކަމަށެވެ.
އެގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ކުންފުނިތައް އުފައްދައިގެން އާމްދަނީ އިތުރުކުރެވޭނެ މަގުފަހި ކޮށްދިނުމާއި އެހެން ވިިޔަފާރިތަކާއެކު ޕާޓްނާޝިޕް ހަދައިގެން ވިޔަފާރި ކުރެވޭނެ މަގު ވެސް ކައުންސިލްތަކަށް ގާނޫނަށް އިސްލާހު ގެނަސްގެން ފަހި ކޮށްދީފައި ވާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ އެއާއެކު ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، ދައުލަތުން އެއްވެސް އެއްޗެއް ނުދިނަސް ހިންގޭނެ ކައުންސިލްތައް މިހާރު އެބަހުރި ކަމަށެވެ. އެއީ ކައުންސިލްތައް ބާރުވެރިކުރެވިފައިވާ މިންވަރު ގެ ކުޑަ މިސާލެއް ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
ސަރުކާރުން އޮޅުވާލަން އުޅުނަސް، މީގެ 6 އަހަރު ކުރިން އެމްޑީޕީގެ ސަރުކާރުގަ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ކޮށްފަ ހުރި މަސައްކަތްތައް ރައްޔިތުން ދަނޭ. އެހެންވީމަ އެމްޑީޕީ އިން އެންޑޯޒް ކުރާ ކެންޑިޑޭޓަކު ކައުންސިލް ހިންގުމަށް ލުމަކުންނެއް ރައްޔިތުންނަށް ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ. މިދިއަ 2 އަހަރަށް ބެލިއަސް އެކަން ސާބިތުވާނެ،ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު
އެހެންކަމުން ރަށްރަށުގެ ތަރައްގީ އަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ނިޔާޒް ވަނީ ލާމަރުކަޒީ ގާނޫނުގެ އަސްލު ރޫހަކީ ސަރުކާރަށް ބަރޯސާ ނުވެ، ރައްޔިތުން އަމިއްލައަށް ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭންތައް ތަންފީޒުކުރުން ކަމަށް މީގެ ކުރިންވެސް ވިދާޅުވެފަ އެވެ. އަދި ރަށްވެހި ޚިދުމަތްތައް ތަރުތީބުކޮށް ހިންގުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރެއް ކަމަށް ނިޔާޒް ފާހަގަކުރައްވާފައިވެ އެވެ.
ނިޔާޒް މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ބާރު ސްޕީޑްގައި ތަރައްގީ ގެނައުމަށް ޕީއެންސީ ގެ ކެންޑިޑޭޓުން އިންތިހާބު ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށެވެ.







