މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވަނީ، އިންފެކްޝަނެއްގެ ސަބަބުން ލޮލަށް ލޭ އަރާފައި ހުރުމުން
ލޮލުގެ އިންފެކްޝަންގެ ސަބަބުން، މެކްރޮންގެ ލޮލަށް ލޭ އަރާފައިވާތީ އެކަން ފޮރުވުމަށް އަވި އައިނު އަޅުއްވައިގެން މި ދުވަސް ކޮޅު އާންމުންގެ ތެރޭގައި މެކްރޮން އުޅުއްވަނީ. ލޮލަށް ލިބިވަޑައިގެންނެވި އަނިޔާއާ ގުޅޭ ގޮތުން މެކްރޮން ވިދާޅުވީ، އެއީ ވަރަށް ކުޑަ އަނިޔާއެއް ކަމަށާއި، އެކަމުގައި މާ ބޮޑު ސީރިއަސް ކަމެއް ނެތް ކަމަށް.


ވޯލްޑް އިކޮނޮމިކް ފޯރަމްގައި ފްރާންސްގެ ރައީސް މެކްރޮން | ރޮއިޓަސް
ސްވިޒަލެންޑުގެ ޑާވޮސްގައި އަންގާރަ ދުވަހު ކުރިއަށް ދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމް އަށް ވަޑައިގެންނެވިއިރު، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އައިނެއް އަޅުއްވައިގެން ހުންނެވުމުން އެތައް ބައެއްގެ ސަމާލުކަން އެކަމަށް ލިބިއްޖެ އެވެ.
އެ ފޯރަމް ބާއްވާފައި ވަނީ ބަންދު ކޮށްފައިވާ އިމާރާތެއްގެ ތެރޭގައި ކަމަށްވާއިރު، ނޫކުލައިގެ އޭވިއޭޓާ އަވި އައިނެއް އަޅުއްވައިގެން މެކްރޮން ވަޑައިގެންނެވުމުން އެތައް ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ. އެ ފޯރަމްގައި މެކްރޮން ތަޤުރީރު ކުރެއްވީ ވެސް، އެ އައިނު އަޅުއްވައިގެން ހުންނަވަ އެވެ.
އެ އަވި އައިނުގައި މެކްރޮން އެންމެ ފުރަތަމަ ފެނިފައި ވަނީ އާދީއްތަ ދުވަހު އެވެ. އެގޮތުން ފްރާންސްގެ ވެރި ރަށް ޕެރިހުގައި ހުންނަ ރިޔާސީ ގަނޑުވަރު، އެލްސީ ޕެލަސްގައި އޮތް ބައްދަލުވުމެއްގައި މެކްރޮން އެ އައިނު އަޅުއްވައިގެން އިންނަވަނިކޮށް ވަނީ ފެނިފަ އެވެ. އެކަމާ ގުޅޭ ގޮތުން މެކްރޮން ވިދާޅުވެފައި ވަނީ، އަވި އައިނު އަޅުއްވައިގެން ހުންނެވީ ލޮލުގެ އިންފެކްޝަނެއްގެ ސަބަބުން ކަމަށެވެ.
އެގޮތުން ލޮލުގެ އިންފެކްޝަންގެ ސަބަބުން، މެކްރޮންގެ ލޮލަށް ލޭ އަރާފައިވާތީ އެކަން ފޮރުވުމަށް އަވި އައިނު އަޅުއްވައިގެން މި ދުވަސް ކޮޅު އާންމުންގެ ތެރޭގައި އުޅުއްވަނީ އެވެ. ލޮލަށް ލިބިވަޑައިގެންނެވި އަނިޔާއާ ގުޅޭ ގޮތުން މެކްރޮން ވިދާޅުވީ، އެއީ ވަރަށް ކުޑަ އަނިޔާއެއް ކަމަށާއި، އެކަމުގައި މާ ބޮޑު ސީރިއަސް ކަމެއް ނެތް ކަމަށެވެ.
ޑޯވާސްގައި ކުރިއަށް ދިޔަ ފޯރަމްގެ ތެރެއިން މެކްރޮން ވަނީ ބައެއް ޤައުމު ތަކުގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް، ޤައުމުގެ ތަކުގެ ލީޑަރުންނާ ބައްދަލު ކުރެއްވިއިރު ވެސް، މެކްރޮން ހުންނެވީ އަވި އައިނު އަޅުއްވައިގެންނެވެ. މެކްރޮން އަޅުއްވައިގެން ހުންނެވި އަވި އައިނަކީ ލުއިސް ވިޓާންގެ ޕައިލޮޓް އެޓިޓިއުޑް އަވި އައިނެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ 2009 ވަނަ އަހަރުގެ ފަހު ކޮޅު ނެރެފައިވާ އައިނެއް ކަމަށް ބުނެފައިވެ އެވެ.
އަވި އައިނެއް އަޅުއްވައިގެން ދުނިޔޭގެ ލީޑަރުންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން މެކްރޮން ތަޤުރީރު ކުރައްވާފައިވާއިރު، މިއީ ފްރާންސްގެ ލީޑަރަކު މިގޮތަށް އައިނު އަޅުއްވައިގެން ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2007 ވަނަ އަހަރުން، 2012 ވަނަ އަހަރަށް ފްރާންސްގެ ރައީސްކަން ކުރެއްވި ނިކޮލަސް ސާކޯޒީ ވަރަށް ގިނައިން ރޮލެކްސް ގަޑިތަކާއި، ރޭބޮން އަވި އައިނު އަޅުއްވައިގެން އުޅުއްވި އެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކު ސާކޯޒީ އަށް ނަން ދީފައި ވަނީ، "ވިދާ ބަބުޅާ" ރައީސްގެ ނަމުންނެވެ.
އަވި އައިނު އަޅުއްވައިގެން މެކްރޮން ވަޑައިގެންނެވުމުން ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ އަންނަނީ ވަރަށް ގަދަ އަށް ދެކެވެމުންނެވެ.
މަސްދަރު: ދި ނޭޝަނަލް







