އެމެރިކާގެ އަސްކަރިއްޔާ އިން ވެނެޒުއޭލާ އާ ގުޅުންހުރި ހަތް ވަނަ ތެޔޮ ޓޭންކަރު ހިފަހައްޓާފައިވާކަން އިޢުލާނު ކޮށްފި
ޓްރަމްޕާއި އޭނާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ބައިނަލްއަޤްވާމީ ބާޒާރުގައި ވެނެޒުއޭލާގެ ތެޔޮ ވިއްކާނެ ގޮތް ނިންމާނީ އެމެރިކާ އިން.

ޖެނުއަރީ 20، 2026 ގައި ރިލީޒް ކުރި މި ސްކްރީން ފޮޓޯ އިން ފެންނަނީ އެމެރިކާގެ ސަދަން ކޮމާންޑުން އަތުލައިގަތް ސަޖިޓާ ނަމަކަށް ކިޔާ އުޅަނދު. | ސްކްރީން އިމޭޖް
އެމެރިކާގެ އަސްކަރިއްޔާ އިން ވެނެޒުއޭލާ އާ ގުޅުންހުރި ހަތްވަނަ ތެޔޮ ޓޭންކަރު ހިފަހައްޓާފައިވާކަން އިޢުލާނުކޮށްފި އެވެ.
މިއީ އެ ޤައުމުގެ މުއްސަނދި ތެލުގެ ވަސީލަތްތައް އުފެއްދުމާއި ވިއްކުމުގެ މައްޗަށް އެމެރިކާ އިން ބާރުފޯރުވުން އިތުރުކުރަމުންދާ ދަނޑިވަޅެއްގައި ހިނގި މިބާވަތުގެ އިތުރު ހާދިސާއެކެވެ.
ލެޓިން އެމެރިކާގެ އަސްކަރީ ކަންކަން ބަލަހައްޓާ އެމެރިކާގެ ސަދަން ކޮމާންޑް (ސައުތުކޮމް) އިން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ވެނެޒުއޭލާ އަށް ވަންނަ އަދި އެ ޤައުމުން ނުކުންނަ ތެޔޮ އުޅަނދުފަހަރު ހުއްޓުވުމަށް ހިންގާ ބްލޮކޭޑްގެ ދަށުން "މޮޓޯ ވެސެލް ސަޖިޓާ" ނަމަކަށް ކިޔާ އުޅަނދު ވަނީ އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.
"ރައީސް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ކަރަންޓީނުގެ އަމުރާ ޚިލާފަށް ދަތުރުކުރި އިތުރު ޓޭންކަރެއް ހިފެހެއްޓުމުން ހާމަވަނީ، ވެނެޒުއޭލާ އިން ބޭރުކުރާ ކޮންމެ ތެޔޮ ޝިޕްމަންޓަކީ އެކަށީގެންވާ ޤާނޫނީ އުސޫލުތަކުގެ ތެރެއިން ކުރިއަށްދާ ކަމެއްކަން ކަށަވަރު ކުރުމަށް އަހަރެމެން ކުރާ މަސައްކަތުގެ ވަރުގަދަކަން،" ސަދަން ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަދި މި އުޅަނދު ހިފެހެއްޓުމުގެ ތެރޭގައި އެއްވެސް ކުރިމަތިލުމެއް ހިނގާފައި ނުވާކަމަށް އެމެރިކާ އިން ބުނެ އެވެ. މި ހާދިސާ އާ ގުޅޭގޮތުން އެމެރިކާގެ ސިފައިން ހެލިކޮޕްޓަރުގައި ގޮސް އެ އުޅަނދަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް ވަނީ އާންމުކޮށްފަ އެވެ. އެމެރިކާ އިން މިފަދަ ޓޭންކަރުތައް ހިފަހައްޓަން ފަށާފައި ވަނީ، ވެނެޒުއޭލާ އަށް ޕްރެޝަރު ބޮޑުކުރުމުގެ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.
އެމެރިކާ އާއި ވެނެޒުއޭލާގެ ގުޅުން އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަސްކަރީ އޮޕަރޭޝަނަކަށް ހުއްދަ ދެއްވި ހިސާބުންނެވެ.
މި އޮޕަރޭޝަނުގެ ކުރިންވެސް، ޓްރަމްޕާއި އޭނާގެ އަރިސް ބޭފުޅުން ވަނީ ވެނެޒުއޭލާގެ ތެލުގެ މައްޗަށް އެމެރިކާގެ ޙައްޤުތަކެއްވާކަމަށް ބުނެ ވާހަކަދައްކަވާފަ އެވެ. އެއީ 20 ވަނަ ޤަރުނުގެ ކުރީކޮޅު އެމެރިކާގެ ކުންފުނިތަކުން އެތަނުން ތެޔޮ ހޯދުމުގެ މަސައްކަތް ކޮށްފައިވާތީ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް 1971 ވަނަ އަހަރު ވެނެޒުއޭލާ އިން ވަނީ އެ ޤައުމުގެ ތެލުގެ ސިނާޢަތަކީ އެ ގައުމުގެ ދައުލަތުގެ މިލްކެއް ކަމަށް ކަނޑައަޅާފަ އެވެ.
ޓްރަމްޕްގެ ސަރުކާރުން ދެކޭގޮތުގައި ވެނެޒުއޭލާގެ ތެލަކީ އެމެރިކާގެ ވެރިންގެ އަތުން "ވަގަށް ނަގާފައިވާ" އެއްޗެކެވެ. އެހެންނަމަވެސް، ޤާނޫނީ މާހިރުން ބުނާގޮތުގައި އެމެރިކާގެ މި ދަޢުވާތަކަކީ ވެނެޒުއޭލާގެ ސިޔާދަތީ މިނިވަންކަމާ ޚިލާފު ކަމެކެވެ.
ޓްރަމްޕް ވަނީ ވެނެޒުއޭލާގެ ތެޔޮ އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ސަރުކާރަށް ބިރުދެއްކުމުގެ ގޮތުން އަސްކަރީ ޙަމަލާތަކުގެ އިންޒާރުވެސް ދެއްވާފަ އެވެ. މީގެ އިތުރުން، ވެނެޒުއޭލާގެ އިޤްތިޞާދަށް ދަތިކުރުމުގެ ގޮތުން އެމެރިކާ އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.
އެމެރިކާ އިން ބުނާގޮތުގައި ތެޔޮ ޓޭންކަރުތައް ހިފަހައްޓަނީ މި ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގޮތުންނެވެ. ނަމަވެސް، އިޤްތިޞާދީ ފިޔަވަޅުތައް ތަންފީޒުކުރުމަށް އަސްކަރީ ބާރު ބޭނުންކުރުމުގެ ޤާނޫނީ ސައްޙަކަމާމެދު ސުވާލު އުފެދެ އެވެ.
ޓްރަމްޕާއި އޭނާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ބައިނަލްއަޤްވާމީ ބާޒާރުގައި ވެނެޒުއޭލާގެ ތެޔޮ ވިއްކާނެ ގޮތް ނިންމާނީ އެމެރިކާ އިން ނެވެ. އަދި އެ ތެޔޮ ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާނީ އެމެރިކާގެ ބާރުގެ ދަށުގައިވާ ބޭންކު އެކައުންޓަކަށެވެ. މީގެ އިތުރުން، ވެނެޒުއޭލާގެ ތެލަށް ބަރޯސާވެފައިވާ ކިއުބާއަށް ޕްރެޝަރު ކުރުމަށްވެސް ޓްރަމްޕް ގެންދަވަނީ މި ބާރު ބޭނުންކުރައްވަމުންނެވެ.
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، ވެނެޒުއޭލާ އިން މިހާތަނަށް 50 މިލިއަން ފީފާ ތެޔޮ އަތުލާފައިވާ ކަމަށެވެ. "އަދިވެސް މިލިއަނުން ފީފާ އެބަހުރި. އަޅުގަނޑުމެން މިދަނީ އެ ތެޔޮ ބާޒާރުގައި ވިއްކަމުން. މީގެ ސަބަބުން ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށްދާނެ،" އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ވެނެޒުއޭލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ، ފަހަކަށް އައިސް ވިއްކި ތެލުން އެ ޤައުމަށް 300 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ދިނުމަށްޓަކައި އެ ޤައުމުގެ ތެލާބެހޭ ޤާނޫނުތަކަށް އިޞްލާޙު ގެންނާނެ ކަމުގެ އިޝާރާތެއް ވެސް އެކަމަނާ ވަނީ ކުރައްވާފަ އެވެ.







