އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި
މި އުޅަނދު ސްކޮޓްލޭންޑާއި އައިސްލޭންޑާ ދެމެދު ދަތުރު ކުރަމުންދާއިރު އެމެރިކާގެ އަސްކަރީ ބާރުތަކާއި ރަޝިޔާގެ ބާރުތައް ކައިރިވެ ނުތަނަވަސްކަން ވަނީ އުފެދިފައި.

ބެލާ 1 އިން ދާދި ފަހުން މެރިނޭރާ އަށް ނަން ބަދަލުކޮށް ރަޝިޔާގެ ދިދަ ނަގާފައިވޭ. | ރޮއިޓަސް
އެޓްލާންޓިކް ކަނޑުގެ ތެރެއިން އެމެރިކާގެ އަސްކަރިއްޔާ އިން ހިފަހައްޓަން މަސައްކަތް ކުރާ ތެޔޮ ޓޭންކަރަކަށް ހިމާޔަތް ދިނުމަށް ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި ކަމަށް ސީ.ބީ.އެސް ނިއުސްއާ ހަވާލާދީ ބީ.ބީ.ސީ އިން ރިޕޯޓުކޮށްފިއެވެ.
މި ވަގުތު އެއްވެސް މުދަލެއް ބަރުކޮށްފައި ނުވި ނަމަވެސް، މީގެ ކުރިން ވެނެޒުއޭލާގެ ތެޔޮ އުފުލުމުގައި ބޭނުންކުރި މި އުޅަނދު އަންގާރަ ދުވަހު އޮތީ ސްކޮޓްލޭންޑާއި އައިސްލޭންޑާ ދެމެދުގެ ސަރަހައްދެއްގަ އެވެ.
ވެނެޒުއޭލާ އިން ތެޔޮ ބޭރުކުރުމާއި އެތެރެކުރުން ހުއްޓުވުމަށްޓަކައި އެ ގައުމާ ދެކޮޅަށް "ބްލޮކޭޑް" އެއް ނުވަތަ ހުރަސްއެޅުމުގެ އަމުރެއް ނެރުއްވާފައިވާނޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު ވިދާޅުވެފައިވެ އެވެ. ވެނެޒުއޭލާ ސަރުކާރުން މި ނިންމުން ސިފަކޮށްފައިވަނީ "ވައްކަމެއް" ގެ ގޮތުގަ އެވެ.
ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަަސް މަދޫރޯ އެމެރިކާގެ ބާރުގެ ދަށަށް ގެނައުމުގެ ކުރިން، ޓްރަމްޕް ވަނީ އެ ގައުމުގެ ސަރުކާރުން އުޅަނދުފަހަރު ބޭނުންކޮށްގެން އެމެރިކާ އަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވާފަ އެވެ.
މިދިޔަ މަހު ކެރީބިއަން ކަނޑުގެ ތެރެއިން "ބެލާ 1" ނަމަކަށް ކިޔާ މި އުޅަނދު ވެނެޒުއޭލާ އަށް ދަތުރުކުރަނިކޮށް، އެމެރިކާގެ ކޯސްޓްގާޑުން އެ އުޅަނދަށް އެރުމަށް މަސައްކަތްކުރި އެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް އީރާނުގެ ތެޔޮ އުފުލި ކަމުގެ ތުހުމަތުގައި އެ އުޅަނދު ހިފެހެއްޓުމުގެ އަމުރެއް އެމެރިކާ އިން އޮތީ ނެރެފަ އެވެ.
އޭގެ ފަހުން މި އުޅަނދު ވަނީ ކުއްލިއަކަށް ދަތުރުކުރާ މިސްރާބު ބަދަލުކޮށް، އުޅަނދުގެ ނަން "މެރިނޭރާ" އަށް ބަދަލުކޮށްފައެވެ. އަދި ގަޔާނާގެ ދިދައިގެ ބަދަލުގައި ރަޝިޔާގެ ދިދަ މިހާރު ވަނީ ނަގާފަ އެވެ.
މި އުޅަނދު ޔޫރަޕާ ގާތްވަމުންދާ ވަގުތަކީ އެމެރިކާގެ އަސްކަރީ މުދާ އުފުލާ 10 ބޯޓާއި ހެލިކޮޕްޓަރުތަކެއް އެ ސަރަހައްދަށް އައިސްފައިވާ ވަގުތެކެވެ. ރަޝިޔާ އިން ބުނަމުންދަނީ އެ އުޅަނދާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސް ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ސީ.ބީ.އެސް އަށް މައުލޫމާތު ދިން ގޮތުގައި، އެމެރިކާގެ ސިފައިން ރާވަމުން ދަނީ އެ އުޅަނދު ފައްތާލުމުގެ ބަދަލުގައި އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށެވެ.
މިކަމާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާގެ ސަަދަން ކޮމާންޑުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދުފަހަރާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާގެ އިދާރާތަކަށް އެހީތެރިވުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށެވެ.
އަންގާރަ ދުވަހުގެ ރޭ "މެރިނޭރާ" އޮތީ ސްކޮޓްލޭންޑާއި އައިސްލޭންޑާ ދެމެދުގައެވެ. ނަމަވެސް އެ ސަރަހައްދުގެ މޫސުން ހުރިގޮތުންނާއި ދުރުމިނުގެ ސަބަބުން އެ އުޅަނދަށް އެރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އިނގިރޭސިވިލާތުގެ ސަރަހައްދެއް ބޭނުންކޮށްގެން އެމެރިކާ އިން އެއްވެސް އަސްކަރީ ހަރަކާތެއް ހިންގާ ނަމަ، އެކަން އެމެރިކާ އިން އިނގިރޭސިވިލާތަށް އަންގާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އިނގިރޭސި ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ އެހެން ގައުމުތަކުގެ އަސްކަރީ ހަރަކާތްތަކާ ގުޅޭގޮތުން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.
މިދިޔަ މަހުވެސް އެމެރިކާގެ މެރިންސް އަދި ހާއްސަ ފައުޖުތަކުން ވަނީ ވެނެޒުއޭލާ އިން ފުރައިގެން ދިޔަ "ދަ ސްކިޕަރ" ނަމަކަށް ކިޔާ ބޮޑު ތެޔޮ ޓޭންކަރެއް ހިފަހައްޓާފަ އެވެ.
ބައިނަލްއަގުވާމީ ގާނޫނުތައް ބުނާގޮތުން އުޅަނދެއްގައި ނަގާފައިވާ ދިދައަކީ އެ ގައުމެއްގެ ހިމާޔަތް އެ އުޅަނދަކަށް ލިބިގެންވާ ކަމުގެ ރަމްޒެކެވެ. ނަމަވެސް ކަނޑުދަތުރުފަތުރުގެ މާހިރުން ބުނާގޮތުގައި އުޅަނދުގެ ނަމާއި ދިދަ ބަދަލުކުރުމަކުން އެމެރިކާގެ ފިޔަވަޅުތަކުން ސަލާމަތެއް ނުވެވޭނެ އެވެ. ސަބަބަކީ އެމެރިކާއިން ބަލަނީ އުޅަނދުގެ އަސްލު އައިޑެންޓިޓީ (IMO ނަމްބަރު) އަދި އެ އުޅަނދު ކޮންޓްރޯލްކުރާ ފަރާތްތަކަށެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެ އުޅަނދު ދަތުރުކުރަމުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ރަޝިޔާގެ ދިދައިގެ ދަށުން ކަމަށެވެ. އަދި އެއްވެސް ހަތިޔާރެއް ނެތް އުޅަނދަކަށް އެމެރިކާ އާއި ނޭޓޯގެ އަސްކަރިއްޔާ އިން މިހާ ބޮޑު ސަމާލުކަމެއް ދެނީ ކީއްވެގެންކަން ނޭނގޭ ކަމަށްވެސް ރަޝިޔާ އިން ބުނެފައިވެ އެވެ.
މި ނުތަނަވަސްކަން އުފެދިފައި މިވަނީ، އެމެރިކާގެ ސިފައިން ވެނެޒުއޭލާގެ ވެރިރަށް ކަރަކާސް އަށް ބޮން އަޅައި، އެ ގައުމުގެ ކުރީގެ ރައީސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހަތިޔާރާއި މަސްތުވާތަކެތީގެ ތުހުމަތުގައި ހިފަހައްޓާފައިވާ ދަނޑިވަޅެއްގަ އެވެ.







