އިޒްރޭލުން ހިސޯރު ކޮށްފައިވާ ހުޅަނގު އައްސޭރީ ގައި އިލެކްޓްރޯނިކް ޓެގް ބޭނުން ކުރަން ނިންމައިފި
ވަކި ސަރަހައްދުތަކަށް ދިއުން މަނާކޮށްފައިވާ މީހުންގެ ހަށިގަނޑުގައި މި ވަސީލަތް ހަރުކުރުމުގެ ހުއްދަ ސަލާމަތީ ބާރުތަކަށް ލިބިދީފައިވާއިރު މި ޑިވައިސް އަމިއްލަ އަށް ނައްޓާލުމަކީ ވެސް ކުށެއް ކަމަށް ބުނޭ.

އިޒްރޭލު ސިފައިން 28 އޮގަސްޓް 2024 ގައި އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީ ގެ ތުލްކަރަމް ސިޓީ ކައިރީ ގައި އޮންނަ ނޫރު ޝަމްސް ކޭމްޕްގައި ހިންގި ރެއިޑެއް ގައި ފަލަސްތީނުގެ ދެ މީހަކު ހައްޔަރު ކުރަނީ
އިޒްރޭލުން ހިސޯރު ކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީ (ވެސްޓް ބޭންކް) ގައި އިލެކްޓްރޯނިކް ޓެގް ބޭނުން ކުރަން ނިންމައިފި އެވެ.
އިޒްރޭލުގެ ސިފައިން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ މީހުންގެ ހަރަކާތްތައް ކޮންޓްރޯލްކޮށް ބެލެހެއްޓުމަށްޓަކައި އާ ޓެކްނޮލޮޖީގެ ނިޒާމެއް ތައާރަފުކުރަން ވަނީ ނިންމާފައެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ފިޔަވަޅުގެ މައިގަނޑު މަގްސަދަކީ އެ ސަރަހައްދުގައި ވަޒަންވެރިވެފައިވާ ޔަހޫދީން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓުވުމެވެ.
އިޒްރޭލު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހުޅަނގު އައްސޭރީގެ ވަކި ސަރަހައްދުތަކަކަށް ދިއުން މަނާކޮށް އަމުރު ނެރެފައިވާ ފަރާތްތައް މޮނިޓަރ ކުރުމަށްޓަކައި، އެމީހުންގެ ހަށިގަނޑުގައި ޓެކްނޮލޮޖީގެ ވަސީލަތެއް ހަރުކުރުމުގެ ހުއްދަ ސަލާމަތީ ބާރުތަކަށް މިހާރު ލިބިފައިވާ ކަމަށެވެ. މި ނިޒާމުގެ އެހީގައި، އެ ފަރާތްތަކުން އެމީހުންގެ މައްޗަށް ނެރެފައިވާ އަމުރުތަކާ ޚިލާފުވޭތޯ ދެނެގަނެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓްކުރި ގޮތުގައި، މި ފިޔަވަޅު އަޅަން ނިންމީ އިޒްރޭލުގެ ދާޚިލީ ސަލާމަތީ އިދާރާ (ޝިން ބެޓް) ގެ އިސްވެރިޔާ ޑޭވިޑް ބާނިއާގެ އެދުމަކަށެވެ. އެއީ ހުޅަނގު އައްސޭރީ ގައި ވަޒަންވެރިވެފައިވާ ޔަހޫދީން ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ ދެކޮޅުވެރިކަމުގެ އަމަލުތައް އިންތިހާ އަށް އިތުރުވަމުން ދާތީ ކަމަށް ބުނެފައިވެ އެވެ. މިގޮތުން ބޭނުން ކުރާނީ އިލެކްޓްރޯނިކް އަތުކުރި ބޭންޑުތަކެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.
އޭއެފްޕީ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އިޒްރޭލު ސިފައިން ބުނީ، މި ފިޔަވަޅަކީ އިޒްރޭލު މީހުންނާއި ފަލަސްތީނު މީހުންގެ މައްޗަށް ވެސް އެއް ހަމައަކުން ހިންގޭނެ ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، ހަގީގަތަކީ 1967 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެފައިވާއިރު، މިހާރު އެ ބިންތަކުގައި 5 ލައްކަ އަށް ވުރެ ގިނަ ޔަހޫދީން ވަޒަންވެރިވެގެން އުޅޭއިރު، 3 މިލިއަނެއްހާ ފަލަސްތީނު ރައްޔިތުން ދަނީ އިޒްރޭލުގެ އަނިޔާވެރިކަމުގެ ދަށުގައި ދިރިއުޅެމުންނެވެ.
ސިފައިންގެ ބަޔާނުގައިވާ ގޮތުން، ހަށިގަނޑުގައި ހަރުކުރެވޭ މި ވަސީލަތް ނައްޓާލުމަކީ ކުށެކެވެ. އަދި އެފަދަ އަމަލެއް ހިންގައިފި ނަމަ ޖިނާއީ ދައުވާ އުފުލޭނެ އެވެ. އިޒްރޭލުގެ ހަރުކަށި ފިކުރުގެ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތެއް ކަމަށްވާ "ހޮނޭނޫ" އިން ވަނީ މި ނިންމުމާ ދެކޮޅަށް ކޯޓަށް ދާނެ ކަމަށް ބުނެފަ އެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި މިއީ ޑިމޮކްރަސީއާ ޚިލާފު، އަނިޔާވެރި ނިޒާމުތަކުން ހިންގާ ފަދަ އަމަލެކެވެ.
"އެޑްމިނިސްޓްރޭޓިވް އޯޑަރ" ތަކުގެ ދަށުން، ހުޅަނގު އައްސޭރީ ގައި ދިރިއުޅޭ މީހުން ވަކި ސަރަހައްދުތަކަށް ދިއުން ނުވަތަ ވަކި ބަޔަކާ މުއާމަލާތް ކުރުން މަނާކުރެވެ އެވެ. މީގެ އިތުރުން "އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން" ނުވަތަ އެއްވެސް ދައުވާއަކާ ނުލައި 6 މަސް ދުވަހަށް ބަންދުގައި ބެހެއްޓުމުގެ ނިޒާމަކީ ވެސް އިޒްރޭލުން ބޭނުންކުރާ އަނިޔާވެރި އުސޫލެކެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު މަގާމާ ހަވާލުވި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޓްޒް، ޔަހޫދީންނާ ދެކޮޅަށް މި އުސޫލު ބޭނުން ކުރުން ހުއްޓާލާފައިވީ ނަމަވެސް، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އަދިވެސް މި އުސޫލު ދަނީ ހިންގަމުންނެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ ގައި ހަނގުރާމަ ފެށުނު ފަހުން، ހުޅަނގު އައްސޭރީގައި ވެސް އިޒްރޭލުގެ އަނިޔާވެރިކަން ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިޒްރޭލު ސިފައިންނާއި ހަރުކަށި ޔަހޫދީން ވަނީ ހުޅަނގު އައްސޭރިން 1,000ށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ކުޑަކުދިން ހިމެނެ އެވެ.






