މަދޫރޯ ހައްޔަރު ކުރުން: ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތިބި ވެނެޒުއެލާގެ ރައްޔިތުން އުފާ ފާޅު ކުރަނީ
އދ ގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަންގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް، 7.7 މިލިއަން ވެނެޒުއެލާގެ ރައްޔިތުން ވަނީ ކާބޯ ތަކެތީގެ ދަތިކަމާއި، ޤައުމުން ބޭރުގައި ދިރިއުޅުމަށް ފަސޭހަ ފުރުސަތު ހޯދުމުގެ ގޮތުން ޤައުމު ދޫކޮށް ގޮސްފައި. އެއީ ގާތް ގަނޑަކަށް ވެނެޒުއެލާގެ އާބާދީގެ 20 އިންސައްތަ ކަމަށް ފާހަގަ ކޮށްފައިވޭ.


މަދޫރޯ ހައްޔަރު ކުރުމުގެ އުފާ ފާޅު ކުރި ބަޔަކު ވެނެޒުއެލާގެ ދިދަ ހިފައިގެން
އެމެރިކާ އިސްވެ އޮވެ ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކޮށްފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތިބި ވެނެޒުއެލާގެ ރައްޔިތުން އެކަމުގެ އުފާ ފާޅު ކޮށްފި އެވެ.
ވެނެޒުއެލާގެ ރައީސް ކަމުގެ މަޤާމަށް މަދޫރޯ ވަޑައިގެންނެވި ފަހުން، އެ ޤައުމުގައި ދިރިއުޅޭ އެތައް ބަޔަކު ވަނީ ޤައުމު ދޫކޮށް އެހެން ސަރަހައްދު ތަކަށް ހިޖުރަ ކޮށްފަ އެވެ. ދުނިޔޭގެ އެކި ޤައުމު ތަކުން ވަނީ މަދޫރޯގެ ވެރިކަން ބަަލައި ނުގަންނަން ނިންމައިފަ އެވެ. ގިނަ ޤައުމު ތަކުން ބުނަމުން އައިސްފައި ވަނީ މަދޫރޯގެ ވެރިކަމަކީ ޣައިރު ޤާނޫނީ ވެރިކަމެއް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް ހޮނިހިރު ދުވަހު އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ މަދޫރޯ ހައްޔަރު ކޮށްފަ އެވެ. އެއާ އެކު، އެކަމުގެ އުފާ ފާޅު ކުރި އެއް ޤައުމަކީ ޗިލީ އެވެ. ޗިލީގެ ވެރި ރަށް ސެންޓިއާގޯގެ މަގު ތަކުގައި މަދޫރޯ ހައްޔަރު ކުރުމުގެ އުފާ ފާޅު ކުރުމަށް، ވެނެޒުއެލާގެ ރައްޔިތުން ވަނީ އެއްވެފަ އެވެ.
ޗިލީގައި ދިރިއުޅެމުން އަންނަތާ ހަތް އަހަރުވެފައިވާ ވެނެޒުއެލާގެ ރައްޔިތެއް ކަމަށްވާ ކާޓީ ޔާނޭޒް ބުނީ، އެ މީހުންނަށް މިހާރު މިނިވަން ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އަދި މިހާރު އެ މީހުން އަދި ވެނެޒުއެލާ އަކީ މިނިވަން ޤައުމެއް ކަމަށާއި، މިނިވަން ޤައުމެެއް ލިބިފައިވާތީ އެންމެން ވެސް އުފާ ކުރާ ކަމަށެވެ.
މީގެ އިތުރުން މަދޫރޯ ބަލި ކުރެވިފައި ވަނީ އެތައް އަހަރު ތަކެއް ފަހުން ކަމަށް އޭނާ ބުންޏެވެ. އެގޮތުން އެތައް ގިނަ ކުރިމަތިލުން ތަކަށް ފަހު، އަދި އެތައް ބައެއްގެ ގިނަ މސައްކަތް ތަކަށް ފަހު، އެންމެ ފަހުން މަދޫރޯގެ ބާރުވެރިކަން ނިމުމަކަށް އައިސްފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އެހެންކަމުން، މިހާރު މިއީ ވެނެޒުއެލާގެ ރައްޔިތުން މިނިވަންކަން ފާހަގަ ކުރަންވީ ދުވަސް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
މީގެ އިތުރުން އެހެން ފަރާތްތަކުން ބުނެފައި ވަނީ، މިއަދު އެ މީހުންގެ ލޮލުން ކަރުނަ އަންނަ ކަމަށެވެ. އެހެން ނަމަވެސް، އެއީ އުފާވެރި ކަމުގެ ކަރުނަ ކަމަށާއި، އެތައް ދުވަހެއްގެ ހިތްދަތިކަމާއި، ބިރުވެރި ކަމަށް ނިމުން އައިސްފައިވާތީ، އެންމެނަށް ވެސް އުފަލުން ރޮވޭ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. މަދޫރޯ ހައްޔަރު ކުރުމާ އެކު، ވެނެޒުއެލާގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް އެކަމުގެ އުފާ ފާހަގަ ކުރަމުންނެވެ.
އދ ގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަންގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް، 7.7 މިލިއަން ވެނެޒުއެލާގެ ރައްޔިތުން ވަނީ ކާބޯ ތަކެތީގެ ދަތިކަމާއި، ޤައުމުން ބޭރުގައި ދިރިއުޅުމަށް ފަސޭހަ ފުރުސަތު ހޯދުމުގެ ގޮތުން ޤައުމު ދޫކޮށް ގޮސްފަ އެވެ. އެއީ ގާތް ގަނޑަކަށް ވެނެޒުއެލާގެ އާބާދީގެ 20 އިންސައްތަ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
އެންމެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ ވެނެޒުއެލާގެ ކައިރީގައި އޮންނަ ކޮލަމްބިއާ ގައި ކަމަށް ވާއިރު، އެއީ ގާތް ގަނޑަކަށް 2.8 މިލިއަން ރައްޔިތުންނެވެ. މީގެ އިތުރުން 1.7 މިލިއަން ރައްޔިތުން ޕެރޫގައި ދިރިއުޅެމުން އަންނަ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.
ޕެރޫގެ ވެރި ރަށް ލީމާގައި ވެސް އެތައް ހާސް ވެނެޒުއެލާގެ ރައްޔިތުން ވަނީ މަގު ތަކަށް ނިކުމެ އުފާ ފާޅު ކޮށްފަ އެވެ. މަދޫރޯގެ ވެރިކަން ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެ، އެ މީހުން ވަނީ ވެނެޒުއެލާގެ ދިދަ ހިފައިގެން އަޑު އުފުލައިފަ އެވެ. ޕެރޫ އަށް ހިޖުރަ ކޮށްފައިވާ ވެނެޒުއެލާގެ ރައްޔިތެއް ކަމަށްވާ މިލަގްރޯސް އޯޓޭގާ ބުނީ، އޭނާ ގެ މައިންބަފައިން އަދި ވެސް ދިރިއުޅެމުން އަންނަނީ އަމިއްލަ ޤައުމުގައި ކަމަށެވެ. އެހެންކަމުން، ކޮންމެ ވެސް ދުވަހަކު އަމިއްލަ ޤައުމަށް ދެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ މަދޫރޯގެ ވެރިކަން ވައްޓާލައި، އޭނާ ހައްޔަރު ކުރި މަންޒަރު ހަމަ ލޮލުން ފެނުމުގެ ނަސީބު އޭނާ ގެ ބައްޕަ އަށް ލިބިފައިވާ ކަމީ އެންމެ އުފާ ކަންތައް ކަމަށެވެ. އެއީ ވަރަށް ޖަޒުބާތީ ކަމެއް ކަމަށާއި، މިހާރު އެންމެ ބޭނުން ވަނީ ބައްޕަގެ މޫނު ވީ އެންމެ އަވަހަކަށް ދެކިލުން ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން ޕެރޫގެ ރައީސް ޖޯސް ޖެރީ ވިދާޅުވެފައި ވަނީ، ޕެރޫ އަށް ހިޖުރަ ކޮށްފައިވާ ވެނެޒުއެލާގެ ރައްޔިތުން އަލުން އަނބުރާ ޤައުމަށް ދިޔުމަށް ފަސޭހަ އިންތިޒާމު ތަކެއް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އެކަމުގައި އެއްވެސް މީހެއްގެ ޙާލަތަށް ބެލުމެއް ނެތި، ލުއި ފަސޭހަ ގޮތް ތަކަށް ހޯއްދަވައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސްޕެއިން ގައި ދިރިއުޅެމުން އަންނަ ބައެއް މީހުން ވަނީ އެކަމުގެ އުފާ ފާޅު ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނީ، މި ޙާލަތުގައި އުފާވެރިކަމާއި، ހިތްދަތިކަމާ ދެމެދު އެ މީހުން މަޑުކޮށްލަން ޖެހުނު ކަމަށެވެ. ވެނެޒުއެލާގެ ވެރި ރަށް ކަރަކާސްގައި އާންމުންނަށް ކުރިމަތިވާނެ ޙާލަތު އިނގޭ ކަމަށާއި، މިވަގުތު ހިތްދަތި ކަމެއް އޮތް ކަމަށް ވިޔަސް، މިނިވަން ކަމުގެ އުފާ އެތަައް ގުނަ އަކަށް ބޮޑު ކަމަށް އެ މީހުން ބުންޏެވެ.
މަސްދަރު: ރޮއިޓާސް






