މަދޫރޯ އަކީ ޤާނޫނީ ރައީސެއް ނޫން: ސްޓާމާ
ސްޓާމާ ވިދާޅުވެފައި ވަނީ، މަދޫރޯ ހައްޔަރު ކުރުމަށް އެމެރިކާ އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އިނގިރޭސިވިލާތުން އެއްވެސް މިންވަރަކަށް ބައިވެރިވެފައި ނުވާނެ ކަމަށް. ހަމަ އެހެންމެ، މަދޫރޯ ހައްޔަރު ކުރުމަށް އެމެރިކާ އިން ކުރިއަށް ގެންދިޔަ އަަސްކަރީ އޮޕަރޭޝަންގެ އެއްވެސް މައުލޫމާތެއް ޓްރަމްޕް ހިއްސާ ކުރައްވާފައި ނުވާ ކަމަށް ސްޓާމާ ވިދާޅުވި.


އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ
އެމެރިކާގެ އަސްކަރިއްޔާ އިން ހައްޔަރު ކޮށްފައިވާ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އަކީ ޤާނޫނީ ރައީސެއް ނޫން ކަމަށް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް އެ ޤައުމުގެ އަސްކަރިއްޔާ އިން ވަނީ، ހޮނިހިރު ދުވަހު މަދޫރޯ އާއި އޭނާ ގެ އަނބިކަނބަލުން ހައްޔަރު ކޮށްފަ އެވެ. ހަމަ އެ ދުވަހު ބީބީސީ އަށް ސްޓާމާ އިންޓަވިޔުއެއް ދެއްވާފައިވާއިރު، އެ އަމަލަކީ އެމެރިކާ އިން ހިންގި ޤާނޫނާ ޚިލާފު އަމަލެއް ކަމަށް ވިދާޅުވާން ސްޓާމާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
ސްޓާމާ ވިދާޅުވީ އޭނާ ގެންދަވަނީ ހުރިހާ މައުލޫމާތެއް ސާފު ކުރުމުގެ މަސައްކަތް ކުރައްވަމުން ކަމަށާއި، އެހެން ނަމަވެސް ފަސް އެނބުރި ބެލެން ނެތް ކަމަށެވެ. އަދި ވިދާޅުވީ އޭނާ އަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ހައްގުގައި އަބަދު ވެސް ވަކާލާތު ކުރައްވާ މީހެއް ކަމަށް ސްޓާމާ ވިދާޅުވި އެވެ.
މީގެ އިތުރުން ސްޓާމާ ވިދާޅުވެފައި ވަނީ، މަދޫރޯ ހައްޔަރު ކުރުމަށް އެމެރިކާ އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އިނގިރޭސިވިލާތުން އެއްވެސް މިންވަރަކަށް ބައިވެރިވެފައި ނުވާނެ ކަމަށެވެ. ހަމަ އެހެންމެ، މަދޫރޯ ހައްޔަރު ކުރުމަށް އެމެރިކާ އިން ކުރިއަށް ގެންދިޔަ އަަސްކަރީ އޮޕަރޭޝަންގެ އެއްވެސް މައުލޫމާތެއް ޓްރަމްޕް ހިއްސާ ކުރައްވާފައި ނުވާ ކަމަށް ސްޓާމާ ވިދާޅުވި އެވެ.
ހަމަ އެ ދުވަހު، ސްޓާމާ އޭނާ ގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މަދޫރޯ އަކީ އިނގިރޭސިވިލާތުން ޤަބޫލު ކުރާ ވެރިއެެއް ނޫން ކަމަށެވެ. އޭނާ އަކީ ޤާނޫނީ ރައީސެއް ނޫން ކަމަށް ފާހަގަ ކުރައްވައި ސްޓާމާ ވިދާޅުވީ، މަދޫރޯގެ ވެރިކަން ނިމުމަކަށް އައި ނަމަވެސް، އިނގިރޭސިވިލާތުން އެއްވެސް ވަރަކަށް ހިތާމަ ނުކުރާނެ ކަމަށެވެ.
އެ ޕޯސްޓުގައި ސްޓާމާ ވިދާޅުވީ ވެނެޒުއެލާގެ ރައްޔިތުން އަންނަނީ ޤާނޫނީ ސަރުކާރަކަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންނެވެ. ސަލާމަތާއި، ސުލްޙަވެރި ގޮތެއްގައި އެ މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އެމެރިކާ އާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ސްޓާމާ ވިދާޅުވެފައިވެ އެވެ.
ވެނެޒުއެލާގައި ގާތް ގަނޑަކަށް އިނގިރޭސިވިލާތުގެ 500 ރައްޔިތުން ދިރިއުޅެމުން އަންނަ ކަމަށް ލަފާ ކޮށްފައިވާއިރު، އިނގިރޭސިވިލާތުގެ ސަރުކާރުން އަންނަނީ އެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވެނެޒުއެލާގެ ވެރި ރަށް ކަރާކަސްގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ އާއި، ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީގެ އޮފީހުން ވަނީ، މިވަގުތު ވެނެޒުއެލާ އަށް ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި މިވަގުތު ތިބި ތަނުގައި މަޑު ކުރުމަށް، ނުވަތަ ރާވާފައިވާ ޕްލޭން ބަދަލު ކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެމެރިކާ އިން މަދޫރޯ ހައްޔަރު ކޮށްފައިވާއިރު، އެކަމާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ވާހަކަ ދައްކަމުންނެވެ. ނަަމަވެސް، އެމެރިކާއާ ބައިވެރިވާ ޤައުމުތަކާއި، މަދޫރޯގެ ސަރުކާރު ޤަބޫލު ނުކުރާ ޤައުމު ތަކުން އަންނަނީ އެކަމަށް ހިތްވަރު ދީ ވާހަކަ ދައްކަމުންނެވެ.
މަސްދަރު: ބީބީސީ






