ވެނެޒުއޭލާގެ ރައީސް މަދޫރޯ އެމެރިކާ އިން ހައްޔަރު ކުރުމާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް
އެމެރިކާ އިން ވެނެޒުއޭލާ އަށް ހަމަލާދީ ރައީސް މަދޫރޯ ހައްޔަރު ކުރުމާ ގުޅިގެން އދ. ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި. ވެނެޒުއޭލާ އިން މިއީ އިސްތިއުމާރީ ހަނގުރާމައެއް ކަމަށް ބުނެފައިވާ އިރު އދ. ސެކްރެޓަރީ ޖެނެރަލް ވެސް މިއީ ނުރައްކާތެރި މިސާލެއް ކަމަށް ވިދާޅުވި.

ވެނެޒުއެލާ ގައި އެމެރިކާގެ އަސްކަރީ އަމަލުތަކާ ދެކޮޅަށް ޖޯޖިއާގެ އެޓްލާންޓާގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި މުޒާހަރާގެ ބައިވެރިއަކު މެސެޖެއް ހިފައިގެން - ޖެނުއަރީ 3، 2026
އެމެރިކާއިން ވެނެޒުއޭލާ އަށް ހަމަލާދީ، އެގައުމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚުދުމުޚުތާރު ވެރިކަމެއް ކުރެއްވި ރައީސް ނިކޮލަސް މަދޫރޯ މަގާމުން ދުރުކުރުމާ ގުޅިގެން، އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ސިފަކުރެއްވި ގޮތުގައި އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ މައިދާނުގައި "ނުރައްކާތެރި މިސާލެއް" ގާއިމުވެގެންދިޔަ ކަމެކެވެ.
ޚަބަރުތައް ބުނާގޮތުން، 15 މެންބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގެ މި ބައްދަލުވުމަށް އެދިފައިވަނީ ރަޝިޔާ އާއި ޗައިނާގެ ތާއީދާއެކު ކޮލަމްބިއާއިންނެވެ.
އެމެރިކާ އާއި ވެނެޒުއޭލާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުން ދިއުމާ ގުޅިގެން، މިދިޔަ އޮކްޓޯބަރު އަދި ޑިސެމްބަރު މަހު ވެސް ސަލާމަތީ މަޖިލީހުން ވަނީ މި މައްސަލައިގައި ބައްދަލުވުންތަކެއް ބާއްވާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ، ރައްކާތެރި އަދި އިންސާފުވެރި މާހައުލެއް ގާއިމުވަންދެން ވެނެޒުއޭލާގެ ކަންކަން ބަލަހައްޓާނީ ވޮޝިންގޓަނުން ކަމަށެވެ. ނަމަވެސް، ވެނެޒުއޭލާގެ ކަންކަން ޓްރަމްޕް ބަލަހައްޓަވާނީ ކޮން ގޮތަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.
ވެނެޒުއޭލާގެ ރައްދު: 'އިސްތިއުމާރީ ހަނގުރާމައެއް'
ވެނެޒުއޭލާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސެމިއުލް މޮންކާޑާ ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މިއީ އެގައުމުގެ ރައްޔިތުން އަމިއްލައަށް އިޚްތިޔާރުކޮށްފައިވާ ޖުމްހޫރީ ވެރިކަން ހަލާކުކޮށްލުމަށް ކުރާ "އިސްތިއުމާރީ ހަނގުރާމައެއް" ކަމަށެވެ. އަދި މިއީ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމުކޮށް، ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ރިޒާވް ހިމެނޭ ގޮތުން އެގައުމުގެ ގުދުރަތީ ވަސީލަތްތައް ފޭރިގަތުމަށް ހިންގާ އަމަލެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ސަފީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާ އިން ވަނީ އދ. ގެ އަސާސީ ޗާޓަރާ ކަނޑައެޅިގެން ޚިލާފުވެފައެވެ. އެ ޗާޓަރުގައިވާ ގޮތުން، އެއްވެސް ގައުމެއްގެ މިނިވަންކަމަށް ނުވަތަ ސަރަހައްދީ ރައްކާތެރިކަމަށް ބިރުދެއްކުމާއި ބާރުގެ ބޭނުން ކުރުމަކީ ބައިނަލްއަގުވާމީ ގުޅުންތަކުގައި މަނާކަމެކެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ އަސްކަރީ ހަރަކާތަކީ ނުރައްކާތެރި މިސާލެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރަށް ހުރިހާ ފަރާތްތަކުން ވެސް ފުރިހަމަ އަށް އިހުތިރާމް ކުރުމުގެ މުހިންމުކަން ސެކްރެޓަރީ ޖެނެރަލް ފާހަގަކުރައްވާ ކަމަށާއި، ގާނޫނުތަކަށް އަމަލުނުކުރެވޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ކަމަށްވެސް ޑުޖާރިކް ވިދާޅުވިއެވެ.
ޓްރަމްޕްގެ ސަރުކާރުން ފާއިތުވި މަސްތަކުގައި ވަނީ ވެނެޒުއޭލާގެ އައްސޭރިފަށާއި ލެޓިން އެމެރިކާގެ ސަރަހައްދުތަކުން މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކަށް އަމާޒުކޮށް އަސްކަރީ ހަރަކާތްތަކެއް ހިންގާފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރު ވަރުގަދަކޮށް، ވެނެޒުއޭލާގެ ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ދިޔަ ދެ އުޅަނދެއް ވެސް މިދިޔަ މަހު ވަނީ ހިފަހައްޓާފައެވެ.
މިދިޔަ އޮކްޓޯބަރު މަހު އެމެރިކާ އިން އެގައުމުގެ އަމަލުތައް ދިފާއުކުރަމުން ބުނެފައިވަނީ، އެއީ އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާއާ އެއްގޮތަށް، އަމިއްލަ ދިފާއުގައި ކުރާ ކަންތައްތަކެއް ކަމަށެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ވެރިކަން ބަދަލުކުރުމެއް ނޫން ކަމަށާއި، މިއީ އިންސާފު ގާއިމުކުރުން ކަމަށެވެ. މަދޫރޯއަކީ އެމެރިކާގެ ރައްޔިތުން މެރުމަށް ޒިންމާވާ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޓެރަރިސްޓް ޖަމާއަތެއް ހިންގާ، ގާނޫނީ ހައިސިއްޔަތެއް ނެތް ޚުދުމުޚުތާރު ވެރިއެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.







