ފަހު ވަގުތު މޮޅުވެ ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
މޮޅާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 19 މެޗުން 49 ޕޮއިންޓާ އެކު. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން، ދެ ވަނައިގައި ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 42 ޕޮޮއިންޓު. ދެ ޓީމުގެ ދެ މެދުގައި ހަތް ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ރެއާލް އަށް އެބަ އޮތް.


މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ސްޕެނިޝް ލީގުގައި އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ އެސްޕަންޔޯލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ބާސެލޯނާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސް ކުރި ނަމަވެސް، އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ބާސެލޯނާގެ ޖޫލްސް ކޫންޑޭ ފޮނުވާލި ބޯޅަ އެސްޕަންޔޯލްގެ ގޯލު ކީޕަރު މަތަ ކުރިއިރު، ލަމީން ޔަމާލް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. މެޗުގައި ލަނޑު ޖަހަން އެސްޕަންޔޯލް އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާތައް ބާސެލޯނާގެ ގޯލު ކީޕަރު ޖޯން ގާސިއާ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޑެނީ އޮލްމޯ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ފާމިން ލޮޕޭޒް އެވެ. އޭގެ ފަހުން މެޗުގެ 90 ވަނަ މިނެޓުގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ރޮބާޓް ލެވަންޑޯސްކީ ޖެހީ ވެސް ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މޮޅާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 19 މެޗުން 49 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން، ދެ ވަނައިގައި ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 42 ޕޮޮއިންޓެވެ. ދެ ޓީމުގެ ދެ މެދުގައި ހަތް ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ރެއާލް އަށް އެބަ އޮތެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައި ވަނީ، އެ މެޗުން ބާސެލޯނާ އަށް ލިބުނީ ހައްގު ތިން ޕޮއިންޓު ނޫން ކަމަށެވެ. ފްލިކް ބުނީ ތިން ޕޮއިންޓު ހައްގުވާ މިންވަރަށް ބާސެލޯނާ އަށް މެޗުގައި ނުކުޅެވޭ ކަމަށާއި، އޭނާ ވާހަކަ ދައްކާނީ ހަގީގަތަށް ކަމަށެވެ. މެޗުން ބާސެލޯނާ ސަލާމަތް ކޮށްދިނުމުގައި ކީޕަރު ގާސިއާ ތަފާތު ކުޅުމެއް ދެއްކިކަން ފާހަގަކޮށް ފްލިކް ވަނީ، ގާސިއާ އަށް ޝުކުރު އަދާ ކޮށްފަ އެވެ. އަދި ގާސިއާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކީޕަރު ކަމަށް ފްލިކް ބުންޏެވެ.
ނަމަވެސް، ފަހު ވަގުތު މޮޅުވެ ތިން ޕޮއިންޓު ލިބުމަކީ ރަނގަޅު ކަމެއް ކަމަށް ފްލިކް ބުންޏެވެ. އޭނާ ބުނީ ލީގު ވާދަވެރި ވެފައި، ޓީމު ތަކުން މިހާރު ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، މި ކަހަލަ މެޗު ތަކުން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އިތުރަށް އޭނާ ބުނީ ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން ފާހަގަ ވަމުން އަންނަ ކަމަށާއި، އެކަންކަން ރަނގަޅު ކުރުމަށް އިތުރު ހިތްވަރެއް ލައިގެން މަސައްކަތް ކުރާނެ ކަމަށެވެ.






