މި މަޝްވަރާއަށްފަހު ނިންމަވާފައިވަނީ، އެންޑިއޯމެޓްރޯސިސް އަދި ޕިސީއޯއެސްއަށް އާސަންދައިގެ ތެރެއިން ފުލް ކަވަރޭޖް ލިބޭގޮތަށް


ޕޯލިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އާއި އެންޑޮމެޓްރިއޯސިސްގެ ހުރިހާ ފަރުވާ އާސަންދައިން ހަމަޖެއްސުމަށް ވަނީ ނިންމާފައި
އަންނެހުންނަށް ދިމާވާ ސިއްހީ ބައެއް މައްސަލަތައް ކަމަށްވާ ޕޯލިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް)އާއި އެންޑޮމެޓްރިއޯސިސްގެ ހުރިހާ ފަރުވާ އާސަންދައިން ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާއި ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، އަންހެނުންނަށް ދިމާވާ އެންޑިއޯމެޓްރޯސިސް އަދި ޕިސީއޯއެސް ފަދަ މައްސަލަތަކަށް ޚާއްސަ ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި ކަރުދާސް ހުށަހެޅި، މަޝްވަރާކުރެވިފައި ވާކަމަށެވެ.
އަދި މި މަޝްވަރާއަށްފަހު ނިންމަވާފައިވަނީ، އެންޑިއޯމެޓްރޯސިސް އަދި ޕިސީއޯއެސް ބައްޔަށް އާސަންދައިގެ ތެރެއިން ފުލް ކަވަރޭޖް ލިބޭގޮތަށް ހަމަޖެސުމަށް ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެންޑިއޯމެޓްރޯސިސް އަދި ޕިސީއޯއެސް ފަދަ ސިއްހީ މައްސަލަތަކަށް، ޑައިގްނޯޒްކުރެވޭ ގޮތަކުން އާސަންދައިގެ ތެރެއިން ފުރިހަމަ ކަވަރޭޖް މިހާރު ނުލިބޭކަމަށެވެ.
ފިރުޒުލް ވިދާޅުވީ މިއިން ބައެއް ކަންކަމުގައި އާސަންދައިގެ ތެރެއިން ބައެއް ކަންކަމަށް ފަރުވާ ލިބުނުނަމަވެސް، ކުރިން އޮތް ގޮތުން، ދަރިމައިވުމާގުޅޭ ފަރުވާތަކަށް އާސަންދަ ކަވަރޭޖް ލިބިގެން ނުދާތީ، އެންޑިއޯމެޓްރޯސިސް އަދި ޕިސީއޯއެސްއަކީ އޭގެ ޒާތުގައި ޑައިގްނޯޒް ކުރެވޭގޮތުން ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ކަމެއް ކަމުގައިވާނަމަ، އާސަންދައިގެ ތެރެއިން އެ ފަރުވާގެ ހިދުމަތްތަކުގެ ކަވަރޭޖް ލިބިގެން ނުދާކަމަށެވެ.
ފިރުޒުލް ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ނިންމުމާއެކު އެންޑިއޯމެޓްރޯސިސް އަދި ޕިސީއޯއެސްއަށް އާސަންދައިގެ ތެރެއިން ފުރިހަމަ ކަވަރޭޖް ލިބިގެންދާނެކަމަށެވެ.