"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!
25 އޮކްޓޯބަރު 2026 | އާދީއްތަ 07:28އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ކެމްޕޭނުގައި ބަރާކް އޮބާމާ ބައިވެރިވެވަޑައިގަންނަވައި، ރައީސް ޓްރަމްޕްގެ ސަރުކާރަކީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުމުގައި ހައްދުފަހަނަޅާފައިވާ ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. މި އިންތިޚާބަކީ ޓްރަމްޕްގެ ސިޔާސަތުތައް ހުއްޓުވުމަށް ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވެ، އޮބާމާ ވަނީ ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުތަކަށާއި ވައިޓް ހައުސްގެ މަރާމާތަށް ވެސް މަލާމާތް ކުރައްވާފައި


ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު ޢަބްދުލް އަލް-ސައްޔިދަށް ތާއީދު ހޯއްދެވުމަށް ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ ވާހަކަފުޅު ދައްކަވަނީ | ރޮއިޓަރސް
އެމެރިކާގެ ކޮންގްރެސްގެ މިޑްޓަރމް އިންތިޚާބުގައި ވޯޓު ކަރުދާހުގައި ޚުދު އޭނާގެ ނަންފުޅު އޮތް ކަމަށް ބަލައިގެން ވޯޓުލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ސަޕޯޓަރުންނަށް ބާރުއަޅުއްވަމުން ގެންދަވަނިކޮށް، ކުރީގެ ރައީސް ބަރާކް އޮބާމާ ކެމްޕޭނު މައިދާނަށް ނުކުމެވަޑައިގަންނަވައި ޓްރަމްޕްގެ ސިޔާސަތުތަކަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ.
ވާދަވެރިކަން ބޮޑު ކޮންގްރެސްގެ ކޮންޓްރޯލް ލިބޭނެ ޕާޓީއެއް ކަނޑައެޅުމަށް ބާއްވާ އިންތިޚާބަށް ބާކީ ދިހަ ދުވަހަށް ވެފައި ވަނިކޮށް، ހޮނިހިރު ދުވަހު އޮބާމާ ވަނީ ރިޕަބްލިކަން ޕާޓީގެ ރައީސް ޓްރަމްޕްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރައްވައި، އީރާނާ ދެކޮޅަށް ގެންގުޅުއްވާ އިސްތިރާޖަށް މަލާމާތްކުރައްވައި، އަދި ވައިޓް ހައުސް މަރާމާތުކުރެއްވުމުގައި ބޭނުންކުރައްވާފައިވާ ވިދުންގަދަ، ރަންދަވާދުލީ ދަޅަދެއްކުމުގެ ޑިޒައިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ކްލީވްލެންޑާއި ޑިޓްރޮއިޓްގައި ބޭއްވި އެއްވުންތަކުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ކެމްޕޭނު ކޮށްދެއްވަމުން އޮބާމާ ވަނީ ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތައް ވަރަށް ބޮޑަށް ފަލީހަތްކުރައްވާފަ އެވެ.
ސަރކިޓް ބްރޭކަރެއްގެ ބޭނުންތެރިކަން
މިޝިގަން ސްޓޭޓްގެ ސެނެޓްގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުލް އަލް-ސައްޔިދަށް ތާއީދު ހޯއްދެވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން، އޮބާމާ ވަނީ ނޮވެންބަރު 3 ގައި ބާއްވާ މި ވޯޓަކީ ޓްރަމްޕްގެ ވެރިކަމުގެ "މޮޔަ ކަންތައްތަކުގެ ތެރެއިން މަދުވެގެން ބައެއް ކަންކަން ނަމަވެސް ހުއްޓުވުމަށް ޓަކައި" ބޭނުންކުރެވޭނެ "ސަރކިޓް ބްރޭކަރެއް" ފަދަ ވަސީލަތެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
"އަޅުގަނޑުމެން އެ ސަރކިޓް ބްރޭކަރު ޖައްސަން (ފްލިޕްކުރަން) އެބަޖެހޭ. މި ސަރުކާރު ޖަވާބުދާރީ ކުރުވަން އެބަޖެހޭ،" އެއްވެފައިވާ އާންމުންނާ މުޚާތަބުކުރައްވައި އޮބާމާ ވިދާޅުވި އެވެ.
2009 އިން ފެށިގެން 2017 ގައި ޓްރަމްޕްގެ ފުރަތަމަ ދައުރު ފެށުމާ ހަމައަށް އެމެރިކާގެ ރައީސްކަން ކުރެއްވި އޮބާމާއަކީ އަދިވެސް ޑިމޮކްރެޓުންގެ މެދުގައި އެންމެ މަގުބޫލު އެއް ޝަޚުސިއްޔަތެވެ. އެ ޕާޓީން އުންމީދު ކުރަނީ އޮބާމާގެ ބައިވެރިވެވަޑައިގަތުމާއެކު، އެމެރިކާގެ ކޮންގްރެސްގެ ކުރީގެ މެންބަރެއް ކަމަށްވާ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖަރސްއާ ދެކޮޅަށް އަލް-ސައްޔިދު ވާދަކުރައްވާ ވާދަވެރި ސެނެޓް ރޭހުގައި ސަޕޯޓަރުންގެ ފޯރި އިތުރުވެގެންދާނެ ކަމަށެވެ.
ވައްކަމާއި މަސްލަހަތު ފުށުއެރުމުގެ ތުހުމަތުތައް
މިޝިގަންގެ އެއްވުމުގައި އޮބާމާ ވަނީ ޑިމޮކްރެޓުން އަބަދު ވެސް ޓްރަމްޕަށާއި، އަދި އޭނާގެ ފަހަތްޕުޅުގައި ސަފުހަދައިގެން ތިބި ރިޕަބްލިކަނުންނަށް އަމާޒުކުރާ ފާޑުކިޔުންތައް ތަކުރާރުކުރައްވާފަ އެވެ.
"ރައްޔިތުންގެ ފައިސާއިން މި ފަދަ ގޮތަކަށް ސީދާ ވައްކަމާއި މަކަރުހެދުމުގައި ކުރިއަރައިގެން ގޮސްފައިވާ ރައީސަކު އަޅުގަނޑުމެން މީގެ ކުރިން ދުވަހަކުވެސް ނުދެކެން،" އޮބާމާ ވިދާޅުވި އެވެ. "މި ފަދަ ގޮތަކަށް ނާޖާއިޒު ފައިދާތައް ވިއްކުމަށް މިހާ ބޮޑަށް އަމާޒު ހިފާފައިވާ ރައީސަކު ދުވަހަކު ވެސް ފެނިފައެއް ނުވޭ. މިހާރު އެ ޕާޓީ ސިފަވަނީ ކޮރަޕްޓު ސަރުކާރެއް، ނުވަތަ ގާބިލުކަމެއް ނެތް ސަރުކާރެއް، ނުވަތަ އަސްލު ސަރުކާރެއް ވެސް ނެތް ފަދަ ޕާޓީއެއްގެ ގޮތުގައި."
އޮބާމާގެ މި ތުހުމަތުތަކާ ގުޅިގެން ބަހެއް ހޯދުމަށް އެދުމުން ވައިޓް ހައުސްއިން އެއްވެސް ޖަވާބެއް ދީފައެއް ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިދިޔަ އަހަރު ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެންނެވި ފަހުން، އޭނާއާއި އޭނާގެ އާއިލާއިން ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ނަހަމަ ގޮތުގައި މާލީ މަންފާ ހޯދަމުންދާ ކަމަށް އެމެރިކާގެ %63 ރައްޔިތުން ގަބޫލުކުރާ ކަމަށް 2026 އޮގަސްޓު މަހު ނެގި ރޮއިޓަރސް/އިޕްސޮސްގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ވަނީ ދައްކާފަ އެވެ. މިއާއެކު، އޭނާގެ އަމިއްލަ ވިޔަފާރީގެ މުއާމަލާތްތަކުގެ ނުފޫޒު ސަރުކާރުގެ ސިޔާސީ ނިންމެވުންތަކަށް ފޯރާ ކަމަށް %69 މީހުން ގަބޫލުކުރާ ކަމަށް ވެސް އެ ސާވޭއިން ވަނީ ހާމަވެފަ އެވެ.
އީރާނުގެ މައްސަލައާއި ވައިޓް ހައުސްގެ މަރާމާތު
ހަމަމިއާއެކު، އީރާނާ ދެކޮޅަށް ކާމިޔާބީ ހޯދިފައިވާ ކަމަށް ބުނެ ޓްރަމްޕްގެ ސަރުކާރުން ދައްކާ ވާހަކަތަކަށް ވެސް އޮބާމާ ވަނީ މަލާމާތް ކުރައްވާފަ އެވެ. އެނޭ ފާހަގަކުރެއްވި ގޮތުގައި މި ހަނގުރާމައިގެ ސަބަބުން އީރާނަށް އިގުތިސާދީ ގޮތުން އިތުރު ނުފޫޒެއް ވަނީ ލިބިފަ އެވެ. ސަބަބަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމަށް ބުނެ އީރާނުން ދޭ އިންޒާރުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެޔޮ ފޮނުވާ ފަރާތްތަކަށް ބޮޑެތި ނުތަނަވަސްކަމެއް ކުރިމަތިވެފައި ވުމެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތެޔޮ ފޮނުވާ ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް ވީޓޯ ކުރުމުގެ ބާރު މިހާރު އޮތީ އީރާނަށް،" އޮބާމާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޓްރަމްޕްގެ ސަރުކާރުން އަހައްމިއްޔަތުކަން ކުޑަ ކަންކަމަށް އިސްކަންދޭ ކަމަށް ވިދާޅުވެ ވެސް ކުރީގެ ރައީސް ފާޑުވިދާޅުވި އެވެ. މި ގޮތުން، އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތަކީ "އަޅުގަނޑުމެންގެ ސިފައިންގެ ދަތްދޮޅީގެ ބައްޓަމާއި ޓެސްޓޮސްޓަރޯންގެ މިންވަރު ފަދަ މުހިންމު ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ބޭފުޅެއް" ކަމަށް ވިދާޅުވެ މަލާމާތް ކުރެއްވި އެވެ. އަދި ވައިޓް ހައުސް މަރާމާތުކޮށްފައިވާ ގޮތަކީ ފެންވަރު ދަށް، ދަޅަދެއްކުމެއް ކަމަށް ވިދާޅުވެ ވެސް މަލާމާތުގެ ބަސްތައް ރައްދުކުރެއްވި އެވެ.
"އެމަނިކުފާނު [ޓްރަމްޕް] ވައިޓް ހައުސް ބަދަލުކުރައްވާފައި އެ ވަނީ ޞައްދާމް ހުސައިން 'ޗީޒްކޭކް ފެކްޓްރީ'އެއް ހުޅުވުމުން ފެންނާނެ ފަދަ ގޮތަކަށް،" އޮބާމާ ވިދާޅުވި އެވެ. އޮބާމާ މި މޭރުމުން ވިދާޅުވެ، ޓްރަމްޕަށް މަލާމާތް ކުރައްވާފައި މި ވަނީ، ވައިޓް ހައުސްއަށް އޭނާ ގެންނަވަމުން ގެންދަވާ ބަދަލުތަކަށް އިޝާރާތް ކުރެއްވުމުގެ ގޮތުންނެވެ.
އަދި، ޞައްދާމް ހުސައިންއަށް އިޝާރާތް ކުރައްވާފައި މި ވަނީ، އިރާޤުގައި އޭނާ ވެރިކަން ކުރެއްވި ދުވަސްވަރު، އޭނާގެ ގަނޑުވަރުތައް ބިނާކުރައްވާފައިވާ ޝާހީ ގޮތްގަނޑާއި ޓްރަމްޕާ ގުޅުއްވުމުގެ ގޮތުންނެވެ. އެމެރިކާގެ ރެސްޓޯރެންޓް ޗެއިނެއް ކަމަށްވާ 'ޗީޒްކޭކް ފެކްޓްރީ' އަކީ ވެސް، އެ ކުންފުނީގެ ރެސްޓޯރެންޓުތައް ރަނުގެ ކުލަތަކުން ޖަރީކުރުމަށް އިސްކަންދޭ ކުންފުންޏެކެވެ.
މަސްދަރު: ރޮއިޓަރސް











