ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!
23 އޮކްޓޯބަރު 2026 | ހުކުރު 11:44ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޕީއެންސީގެ 13 މެންބަރަކާ ރައީސް މުއިއްޒު ވަކިވަކިން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ވިސްނުން ބަދަލުކުރެއްވުމަށް އެދިވަޑައިގެންފައިވޭ. މި ބައްދަލުވުންތަކުގައި ބައެއް މެންބަރުން ވަނީ ރަށްރަށުގެ މަޝްރޫއުތައް މަޑުޖެހިފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައި. ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ މި މަޝްރޫއާ މެދު ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ވެސް ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައި


ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ބައެއް މެންބަރުންނާ ވަކިވަކިން ރައީސް މުއިއްޒު ބައްދަލުކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބޭ | ރާއްޖެއެމްވީ ގްރެފިކްސް
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ބައެއް މެންބަރުންނާ ވަކިވަކިން ބައްދަލުކުރައްވައި، ރަސްމާލެ މަޝްރޫއާ މެދު ގެންގުޅުއްވާ ވިސްނުން ބަދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިއްޖެ އެވެ.
މި ނޫހަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް މުއިއްޒު ބައްދަލުކުރެއްވި މެންބަރުންނަކީ ރަސްމާލެ މަޝްރޫއާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކަވަމުން ގެންދަވާ މެންބަރުންނެވެ. ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް މުއިއްޒު ވަނީ ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު އެ މެންބަރުން ދެކޭގޮތް ބަދަލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ފުރާވަޑައިގަތުމުގެ ކުރިން މާލޭގައި ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި، ޖުމްލަ 13 މެންބަރަކާ ވަކިވަކިން ބައްދަލުކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެ މެންބަރުންގެ ތެރޭގައި މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤް، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އަޙްމަދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް، ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރަކް، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހިމެނިވަޑައިގަންނަވަ އެވެ.
މަޝްރޫއުތަކާ ގުޅޭގޮތުން ކަމަށް ބުނެ ބޭއްވި މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރަސްމާލެ މަޝްރޫއަށް ތާއީދު ހޯދުމާ ގުޅޭގޮތުންނެވެ. ނަމަވެސް، ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ކުރިއަށް ނުދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މެންބަރުން ވަނީ ގިނަ ޝަކުވާތަކެއް މި ބައްދަލުވުމުގައި ހިއްސާކުރައްވާފަ އެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. ނަމަވެސް، މި މަޝްރޫއު ކުރިއަށްދާ ގޮތާމެދު ސަރުކާރަށް ތާއީދުކުރާ ބައެއް މަޖިލިސް މެންބަރުންގެ މެދުގައި ވެސް ކަންބޮޑުވުންތަކެއް ހުރިކަމުގެ ވަހަކަތައް ދަނީ ފެންމަތިވަމުންނެވެ. ރައީސް މިފަދަ ބައްދަލުވުންތަކެއް މި ބޭއްވެވީ އެ މެންބަރުންގެ ވިސްނުން ސަރުކާރާ އެއްގޮތް ކުރެއްވުމުގެ ބޭނުމުގައި ކަމަށް ބެލެވެ އެވެ.
ރައީސް މުއިއްޒު ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު ޚަލީލު ވެސް ވަނީ މި މަޝްރޫއާ ގުޅިގެން ގިނަ ސުވާލުތަކެއް އުފައްދަވާފަ އެވެ.











