Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

25 އޮކްޓޯބަރު 2026 | އާދީއްތަ 09:44

އީރާނުގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ގާބިލުކަން އެމެރިކާއަށް ލިބިގެންނުވާ ކަމަށް ބުނެ ތެހްރާނުން ވަރުގަދަ އިންޒާރުތަކެއް ދީފައިވާއިރު، މަސްރަހު ގޯސްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި. މި ނުތަނަވަސްކަމާ ގުޅިގެން ސަރަހައްދީ ބާރުތަކުން އިސްތަންބޫލުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާއިރު، އީރާނުން ބުނަމުންދަނީ ބޮންއެޅުމާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި ތިބެގެން ދެން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް

ނިއުސް ޓީމް
ނިއުސް ޓީމް | 25 އޮކްޓޯބަރު 2026 | އާދީއްތަ 09:44
އެމެރިކާގެ ވައިގެ ސިފައިިންގެ އެފް-16ސީ މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކެއް ތަމްރީނުތަކެއް ފުރިހަމަކުރަނީ

އެމެރިކާގެ ވައިގެ ސިފައިިންގެ އެފް-16ސީ މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކެއް ތަމްރީނުތަކެއް ފުރިހަމަކުރަނީ | ސެންޓްކޮމް

އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ހަމަލާދިނުމަށް އެ ޤައުމުގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށް އީރާނުން ބުނެފައި ވަނިކޮށް، އީރާނާ ދެކޮޅަށް އާ ހަމަލާތަކެއް ދިނުމާމެދު ނުވަތަ ފިއްތުންތައް ދެމެހެއްޓުމާމެދު އަދިވެސް ގޮތެއް ނުނިންމާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ވޮޝިންގޓަނާއި ތެހްރާނާ ދެމެދު ބަދަލުކުރެވެމުންދާ މި ވަރުގަދަ އިންޒާރުތަކާއެކު، މުޅި މެދުއިރުމަތީގެ މަސްރަހު އަނެއްކާ ވެސް ނުރައްކާތެރި ހާލަތަކަށް ވަނީ ވެއްޓިފަ އެވެ.

ހުކުރު ދުވަހު ފްލޮރިޑާގައި ބޭއްވި ކެންޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ފެށުނުއިރު އީރާނަށް އަމާޒުކޮށް ހިންގި ވަރުގަދަ ބޮންއެޅުމުގެ އޮޕަރޭޝަނަށް އިޝާރާތްކުރައްވައި، އެމެރިކާގެ އަސްކަރިއްޔާއިން 'އެޕިކް ފިއުރީ' ފަދަ އިތުރު އޮޕަރޭޝަނެއް ހިންގަފާނެ ކަމަށެވެ. މީގެ ކުރިން އޭނާ ވަނީ، އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީގެން ހަނގުރާމަ އަވަހަށް ނިންމާލުމާމެދު ނުވަތަ ކަނޑުގެ މަގު ބަންދުކޮށް، ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ތެހްރާނަށް ދެމުންދާ ފިއްތުންތައް ދެމެހެއްޓުމާމެދު ސުވާލު އުފައްދަވާފަ އެވެ.

Advertisement - worldAdvertisement

ނަމަވެސް، އީރާނުގެ ސިފައިންގެ ޗީފް އޮފް ޖެނެރަލް ސްޓާފް ޢަލީ ޢަބްދުﷲހީ ހޮނިހިރު ދުވަހުގެ ހެނދުނު ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސަރަހައްދުގެ ކޮންމެ އުޅަނދަކަށް ވެސް ހަމަލާދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، އެމެރިކާގެ އަސްކަރީ ކަނޑުގެ ސިފައިންނަށް އީރާނުގެ ސަރަހައްދީ ކަނޑުގެ ސަރަހައްދަށް ނުވަތަ އޭގެ ކައިރިއަށް ވެސް އަލުން ވަނުމުގެ އެއްވެސް ކުޅަދާނަކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމެރިކާގެ ރައީސަށް އޮތީ އެ ޤައުމުގެ ސިފައިންނާއި އަސްކަރިއްޔާ އަލުން ފާރިސީ ކަނޑުއޮޅިއަށް ވަންނަތަން ދެކުމަށް ހުވަފެން ދެކެވަޑައިގަތުން. އެ މީހުން [އެމެރިކާ] އެ އެދުން ހިފައިގެން ދާނީ އަބަދުގެ އަބަދަށް ކަށްވަޅަށް،" ޢަބްދުﷲހީ ވިދާޅުވި އެވެ.

އެމެރިކާގެ ފުށުއެރުންތަކާއި ހަނގުރާމައިގެ ބަދަލުހިފުން

ހަނގުރާމައާ ގުޅޭގޮތުން އެމެރިކާއިން ދައްކާ ވާހަކަތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ޢަބްދުﷲހީ ވިދާޅުވީ، ހަނގުރާމައިގެ ތެރޭގައި އީރާނުގެ އަސްކަރީ ގާބިލުކަން ނައްތާލެވިފައިވާ ކަމަށް އެމެރިކާއިން ދައުވާކުރި ނަމަވެސް، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި އެހީތެރިވާ އުޅަނދުތައް އީރާނުގެ ސަރަހައްދާ ކައިރިކުރަން ފަސްޖެހުމަކީ އެ ދައުވާތައް ބާތިލުވާ ކަމެއް ކަމަށެވެ.

މިއާއެކު، ފެބްރުއަރީ 28 ގައި ކުއްލި ގޮތަކަށް އީރާނަށް ދިން ހަމަލާއާ ގުޅިގެން، އަށް މަސްދުވަހުގެ ހަނގުރާމައެއް ފެށި މުޅި ސަރަހައްދު ހަލަބޮލިވެފައިވާއިރު، އެމެރިކާއާއި އިސްރާއީލް "ޗަކަސްގަނޑެއްގެ ތެރެއަށް ޣަރަގުކޮށްލަން" އީރާނުގެ ބާރުތައް އޮތީ އަޒުމް ކަނޑައަޅައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުރްމުޒު ކަނޑުއޮޅީގެ ނުރައްކަލާއި ތެލުގެ ބާޒާރު

ހުރްމުޒު ކަނޑުއޮޅިއާއި އެ ސަރަހައްދުގެ ވަށައިގެން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ދެމުންދާ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. އަލުން ހަނގުރާމަ ވަރުގަދަވެދާނެ ކަމަށް ބެލެވޭ ފުރުސަތުތަކާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. މި ގޮތުން ބްރެންޓްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ އޭޕްރީލް މަހަށްފަހު އެންމެ މައްޗަށް ގޮސް، ގާތްގަނޑަކަށް 117 އެމެރިކާ ޑޮލަރަށް އުފުލިފަ އެވެ.

އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯއިން (އައިއާރްޖީސީ) ބުނީ، ބުރާސްފަތި ދުވަހުގެ ރޭގަނޑުން ފެށިގެން ހަތް ތެޔޮ ޓޭންކަރަކަށް ހަމަލާދީ ނުވަތަ މައިންތަކުގައި ޖެހިފައިވާ ކަމަށެވެ. ހަމަމިއާއެކު، ހުކުރު ދުވަހު އިތުރު ދެ ސުޕަރޓޭންކަރެއް މައިންތަކުގައި ޖެހިފައިވާ ކަމަށް ވެސް އައިއާރްޖީސީން ދައުވާކުރި އެވެ.

އީރާނުގެ ބާރުގަދަ އިސްލާމީ އިންގިލާބީ ލަޝްކަރުގެ (އައިއާރްޖިސީ) ސިފައިންގެ މީހަކު ވެރިރަށް ތެހެރާނުގައި ފޯރިމަރަނީ

އީރާނުގެ ބާރުގަދަ އިސްލާމީ އިންގިލާބީ ލަޝްކަރުގެ (އައިއާރްޖިސީ) ސިފައިންގެ މީހަކު ވެރިރަށް ތެހެރާނުގައި ފޯރިމަރަނީ | އޭޕީ

އެ ލަޝްކަރުގެ އަސްކަރީ ސިޔާސަތުތައް މިހާރު ކުރިއަށްވުރެ ބޮޑަށް ހަމަލާދިނުމުގެ އުސޫލަށް ބަދަލުވެފައިވާ ކަމަށް ބުނެފައިވާއިރު، ސައުދީ އަރަބިއްޔާގައި ތިބި ގިނަ އަދަދެއްގެ ޑިޕްލޮމެޓިކް މުވައްޒަފުން އެ ޤައުމުން ފޭބުމަށް ވޮޝިންގޓަނުން ވަނީ އަންގާފަ އެވެ. އަދި ސަރަހައްދުގެ އެހެން ޤައުމުތަކުގައި ތިބި މުވައްޒަފުން ވެސް ފޭބުމަށް ދަނީ ތައްޔާރުވަމުންނެވެ.

ސަރަހައްދީ އެހެން މައިދާންތަކުގެ ނުތަނަވަސްކަން

ޔަމަނުގައި އީރާނާ ބަޔިއަތުހިފާފައިވާ ހޫޘީންނާއި ސައޫދީ އަރަބިއްޔާއާ ދެމެދު ވެސް ހަމަލާތައް ބަދަލުކުރުން ދަނީ ކުރިއަށެވެ. ހޮނިހިރު ދުވަހު އަނެއްކާ ވެސް ރިޔާޟަށް ހަމަލާދީފައިވާއިރު، ފަހަކަށް އައިސް ދައްމާމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށާއި ޝައިބާ ތެޔޮވަޅަށް ވެސް ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ. މީގެ ބަދަލެއްގެ ގޮތުން ސައުދީ ސިފައިން ވަނީ ހޫޘީންގެ ބާރުގެ ދަށުގައިވާ މައުރިބާއި ތަޢިއްޒުގެ އިތުރުން ޔަމަނުގެ އެތައް ޕްރޮވިންސަކަށް ބޮންއަޅާފަ އެވެ.

ދެކުނު ލުބުނާނުގައި ހުކުރު ދުވަހު އަލް-ނަބަޠިއްޔާގެ ވަށައިގެން އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީފައިވާއިރު، ޒައުތަރު އަލް-ޝަރުޤިއްޔާ ކައިރިއަށް ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އީރާނުން ވަނީ މި މައިދާނަކީ އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅިފައިވާ ކަމެއް ކަމަށް ބުނެފަ އެވެ. އަދި، ވޮޝިންގޓަނާއެކު ވެވޭ ކޮންމެ އެއްބަސްވުމެއްގައި ލުބުނާނު ވެސް ހިމަނަންޖެހޭނެ ކަމަށް މީގެ ކުރިން އީރާނުން ވަނީ ޝަރުތުކޮށްފަ އެވެ.

އެމެރިކާގެ މިޑްޓަރމް އިންތިޚާބު ނޮވެމްބަރު 3 ގައި ބޭއްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، އޮކްޓޫބަރު 27 ގައި އިންތިޚާބަކާ ކުރިމަތިލައްވަން ޖެހިފައިވާ ޔަހޫދީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރި ފުރަބަންދު ކުރުމަށް އަމުރުކޮށްފަ އެވެ. މިއީ، އަލް-ޚަލީލުގައި ފަލަސްތީނުގެ ހަމަލާއެއްގައި ދެ ޔަހޫދީ ސިފައިން މަރުވުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ. މީގެ އިތުރުން، ޣައްޒާއާއި ހުޅަނގު އައްސޭރީގެ ހާލަތާ ގުޅުވައިގެން ހޫޘީން ވެސް ދަނީ އިސްރާއީލަށް ހަމަލާތައް ދެމުންނެވެ. މިއިން ހާމަވަނީ މުޅި ސަރަހައްދުގެ ސުލްހަ ބިނާވެފައި ވަނީ ލުބުނާނާއި ހުޅަނގު އައްސޭރި އަދި ޣައްޒާ ހިމެނޭ އެކި މައިދާންތަކުގެ މައްޗަށް ކަމެވެ.

"ޑެޑް ހޭންޑް" ޑޮކްޓްރިނާއި އިންޓެލިޖެންސްގެ އިންޒާރު

އީރާނުގެ ސަރުކާރު ވައްޓާލުމަށް ބޭނުންވާކަމަށް ނަތަންޔާހޫ ތަކުރާރުކޮށް ބުނަމުން ގެންދިޔުމާ ގުޅިގެން، އީރާނުގެ ދައުލަތާ ގުޅުންހުރި މީޑިއާތަކުންނާއި ދާރިސުން ބުނަމުން ދަނީ ތެހްރާނުން "ޑެޑް ހޭންޑް" ޑޮކްޓްރިން އެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ. މިއީ، ހަނގުރާމަ ފެށުނުއިރު ކަން ހިނގި ފަދައިން އީރާނުގެ އިސް ވެރިން އަވަހާރަކޮށްލި ނަމަވެސް، އެ ޤައުމުގެ 31 ޕްރޮވިންސުން އެމެރިކާއާއި އިސްރާއީލް އަދި ސަރަހައްދީ މަސްލަހަތުތަކަށް އަމާޒުކޮށް އަސްކަރީ ހަމަލާތައް މެދުކެނޑުމެއްނެތި ދިނުމުގެ ފުރުސަތު ފަހިކޮށްދޭނެ ސިޔާސަތެކެވެ.

ހަމަމިއާއެކު، އެމެރިކާއާއި އިސްރާއީލުން އީރާނުގެ މަދަނީ ވަސީލަތްތަކަށް އަލުން ހަމަލާދީފިނަމަ، ކަނޑުގެ އަޑީގައި އަޅާފައިވާ އިންޓަނެޓާއި މުވާސަލާތީ ސަބްމެރިން ކޭބަލްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް އައިއާރްޖީސީން ވަނީ ދީފަ އެވެ. އެމެރިކާގެ 'އެކްސިޔޮސް' ނޫހުން ހޮނިހިރު ދުވަހު އެމެރިކާގެ ޖާސޫސީ މައުލޫމާތާ ހަވާލާދީ ބުނީ، މެދުއިރުމައްޗާއި އެހެނިހެން ސަރަހައްދުތަކުގައި ތިބި އެމެރިކާގެ އޮފިޝަލުންނަށް އަމާޒުކޮށް ހަމަލާދިނުމުގެ މަސައްކަތްތައް އީރާނުގެ އިދާރާތަކުން "ވަރަށް ބޮޑަށް އިތުރުކޮށްފައިވާ" ކަމަށެވެ.

އިސްތަންބޫލުގެ މަޝްވަރާތަކާއި ޚާރިޖީ ވިސްނުންތައް

އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިން ބައިވެރިކޮށް ކުރިއަށްދާ މަޝްވަރާތަކުން އަދިވެސް އެދެވޭ ނަތީޖާއެއް ނުފެނެ އެވެ. ނަމަވެސް، ސަރަހައްދީ އަދި ވިލާތުގެ ބާރުތަކުން ހުކުރު ދުވަހު ތުރުކީވިލާތުގެ އިސްތަންބޫލުގައި ބައްދަލުވުމެއް ބާއްވައި، ހަނގުރާމައިގެ ކުރިމަގާ މެދު އެ ޤައުމުތަކުގެ އުންމީދުތައް ވަނީ އިއުލާނުކޮށްފަ އެވެ. މި ބައްދަލުވުމުގައި ތުރުކީވިލާތާއި ސައުދީ އަރަބިއްޔާއާއި ޕާކިސްތާން އަދި މިޞްރުގެ އިސް ޑިޕްލޮމެޓުން ވަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތް އަދި އިޓަލީވިލާތުގެ މަންދޫބުންނާ ބައްދަލުކުރައްވާފަ އެވެ. ނަމަވެސް، މި ބައްދަލުވުމުގައި އެމެރިކާ ނުވަތަ އީރާނުން ބައިވެރިއެއް ނުވެ އެވެ.

"އީރާނަށް އަލުން ހަމަލާދިނުމަކީ ހަނގުރާމަ އިތުރަށް ފުޅާވެ، މުޅި ސަރަހައްދަށް ހަމަނުޖެހުން ފެތުރިގެންދާނެ ކަމެއް ކަމަށް އަޅުގަނޑުމެން އެއްބަސްވަން. އީރާނަށް އަސްކަރީ ގޮތުން ވަނުމަކީ އެއްވެސް ހައްލެއް ނޫން. އަދި، މި ދަނޑިވަޅުގައި އެ ކަމަށް އެއްވެސް ފަރާތަކުން ތާއީދެއް ނުކުރޭ،" ބައްދަލުވުމަށްފަހު ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވި އެވެ.

މިއާ ޚިލާފަށް، ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ޔޯހަން ވާޑެފޫލް ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ޒިންމާ އޭނާގެ ސަރުކާރުން އަޅުވަނީ އީރާނާއި ހޫޘީންގެ ކޮނޑުގައި ކަމަށެވެ. ނަމަވެސް، ސަރަހައްދީ ހަތަރު ޤައުމުގެ ޚާރިޖީ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ބަޔާންކުރައްވާފައި ވަނީ، "ސަރަހައްދާއި އެއަށްވުރެ ބޭރުގެ ހަމަނުޖެހުންތަކުގެ މައިގަނޑު އަސްލަކީ އިސްރާއީލުގެ އިސްތިއުމާރު" ކަމަށެވެ.

އީރާނުުގެ ބާރުގަދަ އިސްލާމީ އިންގިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) ސިފައިން އަސްކަރީ ޕެރޭޑެއްގައި ބައިވެރިވަނީ

އީރާނުުގެ ބާރުގަދަ އިސްލާމީ އިންގިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) ސިފައިން އަސްކަރީ ޕެރޭޑެއްގައި ބައިވެރިވަނީ | އިރާޤީ ނޫސް އޭޖެންސީ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހައްލުކުރުމުގެ ގޮތުން، މި ހަތަރު ޤައުމުން ވަނީ ޖޫން މަހު ސޮއިކުރި އިސްލާމްއާބާދު އެއްބަސްވުމަށާއި މަޝްވަރާގެ މަގުން މައްސަލަ ހައްލުކުރުމަށް ތާއީދުކޮށްފަ އެވެ. އަދި، ހުރްމުޒު ކަނޑުއޮޅިން އެއްވެސް ހުރަހެއްނެތި ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ގޮވާލާފަ އެވެ. މީގެ އިތުރުން އާންމު ރައްޔިތުންނަށާއި ވިޔަފާރި އުޅަނދުތަކަށް ދޭ ހަމަލާތަކާ ދެކޮޅުހަދައި، ސައުދީ އަރަބިއްޔާއަށާއި ރަތް ކަނޑުގެ އުޅަނދުތަކަށް ހޫޘީން ދޭ ހަމަލާތައް އެ ޤައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލާ ގުޅުން އޮންނަ "ނޫރް ނޫހުން" ހޮނިހިރު ދުވަހު ޝާއިއުކުރި ދިރާސާއެއްގައި ބުނީ، އިސްތަންބޫލުގެ ބައްދަލުވުމުން ހާމަވީ "ޑިޕްލޮމެޓިކް ދައުވާތަކާއި މައިދާނުގެ ހަގީގަތްތަކާ ދެމެދު އޮތް ފަރަގު" ކަމަށެވެ. އެ ނޫހުން ފާހަގަކުރި ގޮތުގައި، ދޫދޭން ޖެހެނީ އީރާނުން ނޫން ކަމަށާއި، ފުރަތަމަ ދޫދޭން ޖެހޭނީ އެމެރިކާއާއި ވިލާތުގެ ބާރުތަކުންނެވެ. އަދި، ހުރްމުޒު ކަނޑުއޮޅި އަލުން ހުޅުވާލުން ގުޅިފައި ވަނީ އީރާނާއި ޔަމަނަށް ހަމަލާދިނުމުގެ ޒިންމާ އެމެރިކާއިން އުފުލައި، ތެހްރާނުގެ ޝަރުތުތައް ގަބޫލުކުރުމުގެ މައްޗަށް ކަމަށްވެސް އެ ނޫހުން ބުންޏެވެ.

އީރާނުގެ މަސްރަހައި "ދެން ފުދިއްޖެ" ސިޔާސަތު

އީރާނުގެ ގިނަ ނޫސްތަކުން ހޮނިހިރު ދުވަހު ބޮޑު ސަމާލުކަމެއް ދީފައި ވަނީ ތެލުގެ އަގު އުފުލުން ހިމެނޭހެން ހަނގުރާމައިގެ ނިޝާންތަކަށެވެ. މި ގޮތުން، ހަރުކަށި ފިކުރުގެ "ވަތަން-އެ އެމްރޫޒް" ނޫހުގެ ބޮޑު ސުރުޚީގައި، ބްރެންޓް ތެޔޮ ފީފާއެއްގެ އަގު 117 ޑޮލަރަށްވުރެ މައްޗަށް ދިއުމަކީ "ޓްރަމްޕަށް ލިބުނު ލަދުވެތިކަމެއްގެ ހެކި" ކަމަށް ބަޔާންކޮށްފައިވެ އެވެ. އިސްލާހީ ފިކުރުގެ "އިޢުތިމާދު" ނޫހުން ބުނީ، އެމެރިކާއާއި އިސްރާއީލުން އަމަލުކުރަމުންދާ ގޮތުން ދައްކުވައި ދެނީ ހަނގުރާމައިގެ ވަރުގަދަ އާ ބުރެއްގެ "ޒީރޯ އަވަރ" ނުވަތަ ސުންގަޑި ކައިރިވަމުން އަންނަކަން ކަމަށެވެ.

ތެހްރާނުގައި ހުންނަވައިގެން ޚާރިޖީ ސިޔާސަތު ދިރާސާކުރައްވާ އަދި އެ ޤައުމުގެ ޚާރިޖީ ވުޒާރާއާ ގުޅުން އޮންނަ ދާރިސެއް ކަމަށްވާ ރެޒާ ނަސްރީ ވިދާޅުވީ، އެމެރިކާއިން އެތައް އަހަރެއް ވަންދެން ދިން ހަމަލާތަކާއި، ނިއުކްލިއަރ ރޭވުންތައް ފަނާކުރުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި، އެއްބަސްވުންތަކާ ޚިލާފުވުމުގެ ސަބަބުން، އީރާނުގެ އިސްތިރާޖު މިހާރު ބަދަލުވެފައިވަނީ "ދެން ފުދިއްޖެ"، މި އުސޫލަށް ކަމަށެވެ.

"އީރާނުން މިހާރު ވަނީ ގޮތް ނިންމާފައި. ބޮންއެޅުމުގެ ދަށުގައި ތިބެގެން އިތުރަށް މަޝްވަރާއެއް ނުކުރާނެ. އަދި، އަނެއް ފަރާތުން ބޭނުން ގޮތަކަށް އަމަލުކުރާ އެއްބަސްވުންތަކަކަށް އިހުތިރާމެއް ވެސް ނުކުރާނެ. ސިޔާސަތުގެ އާދައިގެ ވަސީލަތެއްގެ ގޮތުގައި އެ ޤައުމުގެ ކުޑަކުދިން ޝަހީދުކުރުމާއި ރައްޔިތުން ނިކަމެތިކޮށްލުން ބަލައެއް ނުގަންނާނެ،" ނަސްރީ ވިދާޅުވި އެވެ. "އީރާނުން މި ދައުރު ނިމުމަކަށް ގެންނާނެ. އަދި، އެ ކަން ކުރާނީ ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން."

މަސްދަރު: އަލް ޖަޒީރާ

ޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިއީރާން-އިސްރާއީލުބެންޖަމިން ނަތަންޔާހޫއީރާން

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2026

"އެއްވެސް ހާލަތެއްގައި ގަލްފަށް އެމެރިކާ ސިފައިންނަކަށް ނުވަދެވޭނެ": އެމެރިކާއަށް އީރާނުގެ އާ އިންޒާރުތަކެއް!

25 އޮކްޓޯބަރު 2026
"އެއްވެސް ހާލަތެއްގައި ގަލްފަށް އެމެރިކާ ސިފައިންނަކަށް ނުވަދެވޭނެ": އެމެރިކާއަށް އީރާނުގެ އާ އިންޒާރުތަކެއް!
25 އޮކްޓޯބަރު 2026

ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ

25 އޮކްޓޯބަރު 2026
ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ
25 އޮކްޓޯބަރު 2026

ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

25 އޮކްޓޯބަރު 2026
ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
25 އޮކްޓޯބަރު 2026

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

25 އޮކްޓޯބަރު 2026
"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!
25 އޮކްޓޯބަރު 2026

އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް

25 އޮކްޓޯބަރު 2026
އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް
25 އޮކްޓޯބަރު 2026

އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި

25 އޮކްޓޯބަރު 2026
އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި
24 އޮކްޓޯބަރު 2026

އާ އުދުވާނެއް ފަށައިފިނަމަ ގަލްފުގެ ސަބްމެރިން ކޭބަލްތައް ބުރިކޮށްލަން ތެހެރާނުން ތައްޔާރުވަނީ

24 އޮކްޓޯބަރު 2026
އާ އުދުވާނެއް ފަށައިފިނަމަ ގަލްފުގެ ސަބްމެރިން ކޭބަލްތައް ބުރިކޮށްލަން ތެހެރާނުން ތައްޔާރުވަނީ
24 އޮކްޓޯބަރު 2026

ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް

24 އޮކްޓޯބަރު 2026
ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް
24 އޮކްޓޯބަރު 2026

އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އާ ބުރިޖު ހުރަސްކޮށް ޗައިނާއަށް!

24 އޮކްޓޯބަރު 2026
އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އާ ބުރިޖު ހުރަސްކޮށް ޗައިނާއަށް!
24 އޮކްޓޯބަރު 2026

ހުޅަނގު އައްސޭރި ފުރަބަންދުކޮށްފި: 15 ރަށަކަށް އިސްރާއީލު ފައުޖުތައް ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2026
ހުޅަނގު އައްސޭރި ފުރަބަންދުކޮށްފި: 15 ރަށަކަށް އިސްރާއީލު ފައުޖުތައް ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް