ކ. މާލެ
|
27 ޖެނުއަރީ 2022 | ބުރާސްފަތި 06:44
ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަހުމަދު މަހްލޫފް ވާހަކަދައްކަވަނީ
ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަހުމަދު މަހްލޫފް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މަހުލޫފްގެ ޝަރީއަތް ކުރިއަށް ނުދާ މައްސަލަ
މަހުލޫފްގެ މައްސަލައިގައި ކޯޓުގެ އަމަލުތައް ހުރީ ދެފުށް ފެންނަ ގޮތަށް ނޫން، އެކަމާއި ކަންބޮޑުވަން: ޓްރާންސްޕޭރެންސީ
2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށްގެން ދިޔުމުގެ ގަވާއިދެއް ކޯޓުން އެކުލަވާލާފައިވޭ
މަހުލޫފްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ކޯޓުން ކުރިޔަށްގެންދަނީ ދެފުށް ފެންނަ ގޮތަކަށް ނޫންކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަހުލޫފްގެ މައްސަލައިގެ ޝަރީޢަތާއި ގުޅޭގޮތުން ކޯޓުން ބުނެފައިވަނީ އެމައްސަލައިގެ ޝަރީޢަތް ކުރިޔަށްގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުންކަމަށެވެ.

އެކަމާއި ގުޅިގެން ޓްރާންސްޕޭރެންސީން ބުނެފައިވަނީ ޝަރީއަތްތައް ކުރިޔަށް ގެންދިޔުމާމެދު ކޯޓުން ގެންގުޅޭ ގައިޑްލައިންގައި ހަމަނުޖެހޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. ވަކިން ޚާއްސަކޮށް މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ ސީރިޔަސް މައްސަލައެއްގެ ދައުވާއަކަށް ވާއިރު އަދި ކޯޓުން 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިޔުމުގެ ގަވާއިދެއް އެކުލަވާލާ އެއަށް އަމަލުކުރަމުން އަންނަކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ. މަހުލޫފްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގައި ކަންވެސް ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވެއެވެ.

މަހުލޫފްގެ މައްޗަށް ދައުވާކުރުމަށް ފޮނުވުމުގެ ކުރިން 2021 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 6 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ބުނެފައިވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ސަރުކާރުގެ މީހެއް މަގާމުން ދުރުކުރާނީ އޭނާގެ މައްޗަށް ޝަރީޢަތްކުރުމަށް ދައުވާ އުފުލާހިސާބުން ކަމަށެވެ. ޓްރާންސްޕޭރެންސީން ވަނީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން މަހުލޫފް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސަސްޕެންޑް ކޮށްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކެބިނެޓް ވަޒީރެއްގެ މައްޗަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވި އެ މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ މަގާމުން ވަކިކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެގޮތަށް މަހްލޫފްއާ މެދު އަމަލުކޮށްފައި ނުވެއެވެ.

ކޮރަޕްޝަނާއި ދެކޮޅަށް ރައީސް ކަނޑައެޅުއްވި "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތާއެކު، ހިޔާނާތުގެ ތުހުމަތުވާ ސަރުކާރުގެ އިސްވެރިންނަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުން އޮތް ނަމަވެސް އުސޫލަށް ބަދަލު ގެނެސް، މަހްލޫފުގެ ސަސްޕެންްޝަން އުވާލިއިރު މިހާތަނަށް ވެސް އެ އުސޫލު އާންމެއް ނުކުރެއެވެ.

އެހެންކަމުން ލިޔެފައި ނެތް ގައިޑްލައިންތަކެއްގެ ސަބަބުން އެކަމުގައި ދެފުށް ނުފެންނާތީ ޓްރާންސްޕެރަންސީން ބުނެފައިވަނީ ސަރުކާރުގެ މި އަމަލުގެ ސަބަބުން ކޮރަޕްޝަން ހިންގާ މީހުންނަށް އެމީހުންގެ މަގާމުގެ ބާރު ބޭނުންކޮށްގެން ހެކި ނައްތާލުމާއި ކޮރަޕްޝަން އިތުރުވާނެ ކަމަށެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު އޭނާގެ ނަމުގައި ބީއެމްއެލް ގައި ހުޅުވާފައިވާ އެކައުންޓަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ހ އާ ހަވާލާދީ އެމާއްދާގެ ށ ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

- ކޮމެންޓް