ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް
20 އޮކްޓޯބަރު 2026 | އަންގާރަ 09:12ޗައިނާގެ ހުއްދަ ނެތި އެމެރިކާގެ އަސްކަރީ މަނަވަރެއް ސްޕްރެޓްލީ ޖަޒީރާތައް ކައިރިއަށް ވަނުމުން، އެއީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ޗައިނާއިން އިންޒާރު ދީފި. މި އަމަލަކީ ޤައުމީ ސިޔާދަތަށް އަރައިގަތުން ކަމަށް ސިފަކޮށް، މި ފަދަ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ޗައިނާގެ އަސްކަރިއްޔާއިން ވަނީ އެމެރިކާއަށް ގޮވާލާފައި


އެމެރިކާގެ އަސްކަރީ މަނަވަރު ޔޫއެސްއެސް ޗާލްސްޓަން | ޔޫއެސް ނޭވީ
އެމެރިކާގެ އަސްކަރީ މަނަވަރެއް ދެކުނު ޗައިނާ ކަނޑުގައިވާ ޚިޔާލުތަފާތުވުން ބޮޑު ސްޕްރެޓްލީ ޖަޒީރާތައް ކައިރީގެ ކަނޑުގެ ސަރަހައްދަށް ޣައިރުޤާނޫނީ ގޮތުގައި ވަދެފައިވާ ކަމަށާއި، މި އަމަލުގެ ސަބަބުން ކަނޑުގެ ސަލާމަތާއި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމަށް ބުނެ ޗައިނާއިން އަންގާރަ ދުވަހު އިންޒާރުކޮށްފި އެވެ.
އެމެރިކާގެ މަނަވަރު 'ޔޫއެސްއެސް ޗާލްސްޓަން' އަންގާރަ ދުވަހުގެ ހެނދުނު، ބެއިޖިންގގެ ހުއްދައެއް ނެތި، ޗައިނާގެ ނަންޝާ ގުންދާއޯ ނުވަތަ ސްޕްރެޓްލީ ޖަޒީރާތަކުގެ ޝިއާންބިން ޖިއާއޯއާ އިންވެގެންވާ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީގެ (ޕީއެލްއޭ) ސަދަން ތިއޭޓަރ ކޮމާންޑުގެ ތަރުޖަމާނު ބުންޏެވެ. އަދި، ކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެމެރިކާގެ މަނަވަރުގެ ހަރަކާތްތައް ޓްރެކްކޮށް މޮނިޓަރު ކުރުމަށް ޓަކައި ޗައިނާގެ ކަނޑުގެ ސިފައިން ފޮނުވި ކަމަށް ތަރުޖަމާނު ބުންޏެވެ.
"ނަންޝާ ގުންދާއޯއާއި އެ ސަރަހައްދާ އިންވެގެންވާ ކަނޑުގެ ސަރަހައްދުތަކުގެ މައްޗަށް ޗައިނާގެ އޮތީ ބަހުސެއް ނެތް ސިޔާދަތީ ހައްގެއް،" ތަރުޖަމާނު ބުންޏެވެ. އެމެރިކާގެ އެ ހަރަކާތަކީ "ޗައިނާގެ ސިޔާދަތީ ހައްގުތަކާއި މަސްލަހަތުތަކަށް އަރައިގަނެ، ކަނޑުގެ ސަލާމަތަށް ނުރައްކާވާ، އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ގެއްލުންދެނިވި ކަމެއް،" ކަމަށް ވެސް ތަރުޖަމާނު ބުންޏެވެ.
ޤައުމީ ސިޔާދަތާއި ސަލާމަތް ދިފާޢުކުރުމަށް ޓަކައި ޗައިނާގެ އަސްކަރިއްޔާ އޮތީ ފުރިހަމަ ތައްޔާރީ ހާލަތެއްގައި ކަމުގެ އިންޒާރު ދެމުން، މި ފަދަ އޮޕަރޭޝަންތައް ވަގުތުން ހުއްޓައިލުމަށް ބެއިޖިންގުން ވޮޝިންގޓަނަށް ގޮވައިލި އެވެ . ހަމަމިއާއެކު، ސަރަހައްދީ ސުލްހައާއި ހަމަޖެހުން ދަމަހައްޓަމުން، ޗައިނާގެ ސަރަހައްދީ އިމުގެ ދައުވާތައް ހިމާޔަތްކުރުމުގައި ސަދަން ތިއޭޓަރ ކޮމާންޑުން ދެމިއޮންނާނެ ކަމަށް ވެސް ތަރުޖަމާނު ބުންޏެވެ.
ސްޕްރެޓްލީ ޖަޒީރާތަކަކީ އެއްކޮށް ނުވަތަ ބައެއްގެ ގޮތުގައި ޗައިނާގެ އިތުރުން ފިލިޕީންސް، ވިއެޓްނާމް، މެލޭޝިޔާ، ބްރުނާއީ އަދި ޓައިވާނުން ވެސް މިލްކުވެރިކަމަށް ދައުވާކުރަމުން އަންނަ ސަރަހައްދެކެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











