ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!
22 އޮކްޓޯބަރު 2026 | ބުރާސްފަތި 08:51ރަޝިޔާއާއި ޔޫކްރެއިނުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި އާންމުން މަރުވެ، ހަކަތައާއި ދަތުރުފަތުރުގެ އުމްރާނީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. މި ހަމަލާތައް ވަރުގަދަވެފައި މި ވަނީ، އެމެރިކާ މެދުވެރިވެގެން އަންނަ މަހު ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ދެ ގައުމުން އެއްބަސްވެފައިވާ ދަނޑިވަޅެއްގައި


ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާތަކެއްގައި އާންމުން ދިރިއުޅޭ ސަރަހައްދަކަށް ލިބިފައިވާ ގެއްލުންތައް ދެ ފުލުހުން ބަލައިލަނީ | ރޮއިޓަރސް
ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން އެންމެ ފަހުން ކުރި މެދުވެރިވުމުގެ މަސައްކަތްތަކާއެކު ވެސް ދެ ފަރާތުން ދެމުންދާ ވަރުގަދަ ހަމަލާތައް ކުރިއަށްދަނިކޮށް، ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޔޫކްރެއިންގެ ވެރިރަށް ކީވްއަށް މިސައިލް ހަމަލާތަކެއް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އަދި، ރޭގަނޑުގެ ވަގުތުގައި ޔޫކްރެއިނުން ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯއާ ދިމާލަށް އެތައް ސަތޭކަ ޑްރޯނެއް ފޮނުވާލާފަ އެވެ.
ޔޫކްރެއިންގެ ވެރިރަށުގައި އޮންނަ ދްނީޕްރޯ ކޯރު ހުރަސްކޮށް އަޅާފައިވާ ސަދަން ބްރިޖުގެ ސަބްވޭ ބިނާރަށް ގެއްލުންވެ، އެ ސަރަހައްދުގެ ދަތުރުފަތުރަށް ބުރޫއަރައި، ރަޝިޔާއިން ދިން ހަމަލާތަކުގައި 15 މީހަކު ޒަޚަމުވެފައިވާ ކަމަށް ކީވްގެ ކަމާބެހޭ އިދާރާތަކުން ބުންޏެވެ. މި ހަމަލާތައް ދީފައި ވަނީ، ބުދަ ދުވަހުގެ ހަވީރު އެ ސިޓީއަށް ދިން ހަމަލާތަކެއްގައި ހަ މީހަކު ޒަޚަމުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މީގެ އިތުރުން، ޔޫކްރެއިންގެ އިރުއުތުރު ޚަރްކީވް ސަރަހައްދަށް ރަޝިޔާއިން ދިން ހަމަލާއެއްގައި އަންހެނަކު މަރުވެ، އިތުރު ހަތަރު މީހަކު ޒަޚަމުވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު އޮލެހް ސިންޔެހުބޮވް ވިދާޅުވި އެވެ. ހަމަމިއާއެކު، އިތުރު ތަފުސީލެއް ދެއްވުމަކާ ނުލައި، ޕޮލްތަވާ ސަރަހައްދުގެ ކްރެމެންޗުކް ސަރަހައްދުގެ ހަކަތައިގެ ބިނާރަށް ޑްރޯން ހަމަލާއެއް އަރާފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ދްނިޕްރޯ ކޯރުގެ އައްސޭރީގައި އޮންނަ ކްރެމެންޗުކަކީ ސިނާއީ މުހިންމު މަރުކަޒެއްގެ އިތުރުން، ޔޫކްރެއިންގެ އެންމެ ބޮޑެތި ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ ތެރެއިން އެއް ކާރުޚާނާ ހިންގާ ސިޓީ އެވެ. އަދި، އެ ސަރަހައްދަށް ތަކުރާރުކޮށް ރަޝިޔާގެ ހަމަލާތައް އަމާޒުވެފައިވެ އެވެ. އޭގެ ތެރެއިން އެއް ހަމަލާގައި، ޝޮޕިންގ މޯލަކުން 21 މީހުން މަރުވި އެވެ.
ރަޝިޔާގެ ވެރިރަށަށް އަމާޒުކޮށް ރޭގަނޑުގެ ވަގުތުގައި ފޮނުވާލި 630 ޑްރޯނާ ގުޅިގެން މޮސްކޯ ކައިރިން ދެ މީހަކު ޒަޚަމުވެފައިވާ ކަމަށް، އެ ސިޓީގެ މޭޔަރު ސަރްގޭ ސޮއިބިޔާނިން ވިދާޅުވި އެވެ. އަދި، އޭގެ ތެރެއިން ގިނަ ޑްރޯންތައް ދުރު-ރާސްތާއިން ވައްޓާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޮސްކޯގެ ދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އޮންނަ، އަދި ދަގަނޑު އުފައްދާ ބޮޑު ކާރުޚާނާއެއް ހުންނަ ލިޕެތުސްކް ސިޓީގެ އެޕާޓްމަންޓް އިމާރާތްތަކަކަށާއި ސިއްހީ ޚިދުމަތްދޭ މަރުކަޒަކަށް ޑްރޯންތައް އަރައި ފިރިހެނަކު ޒަޚަމުވެފައިވާ ކަމަށް، އެ ސަރަހައްދުގެ ގަވަރުނަރު އީގޯ އާޓަމޮނޯވް ވިދާޅުވި އެވެ.
ރަޝިޔާގެ ދެކުނުގެ އަވައްޓެރިޔާގެ އަތުން ކްރައިމިޔާ ޕެނިންސިއުލާ އަތުލައިގަތްތާ އަށް އަހަރު ފަހުން، 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމާ އެކު، ދެ ޤައުމު ވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތު ބައްރުގައި ހިނގި އެންމެ ގިނަ ބަޔަކު މަރުވި ނުރައްކާތެރި ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ. މި ފަހަރުގެ ހަމަލާތައް އަމާޒުވެފައި މި ވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމުގެ ގޮތުން، އެމެރިކާގެ އިސް މަންދޫބު ސްޓީވް ވިޓްކޮފް މި ހަފުތާގައި ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ އަދި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއެކު މަޝްވަރާތައް ބާއްވަވާފައި ވަނިކޮށެވެ.
ރަޝިޔާއާއި އެމެރިކާ އަދި ޔޫކްރެއިން ހިމެނޭހެން، ވާހަކަދައްކާ މަންދޫބުންގެ ފެންވަރުގައި ވީ އެންމެ އަވަހަކަށް ތިން ފަރާތުގެ މަޝްވަރާތައް ބޭއްވުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ޔޫކްރެއިނުން ތާއީދުކުރާ ކަމަށް ބުދަ ދުވަހު ޒެލެންސްކީ ވިދާޅުވި އެވެ. އަދި، އެމެރިކާ މެދުވެރިވެގެން ކީވްއާއެކު ބާއްވާ ސުލްހައިގެ މަޝްވަރާތައް އަންނަ މަހުގެ ތެރޭގައި ވީހާވެސް އަވަހަކަށް އަލުން ފެށުމަށް ޕުޓިން އެއްބަސްވެވަޑައިގަންނަވާފައިވާ ކަމަށް ކްރެމްލިނުން ބުންޏެވެ.
މަސްދަރު: ރޮއިޓަރސް











