ކުރިއަށް އޮތް އޭއެފްސީ ކަޕުގައި ރާއްޖެ ތަމްސީލުކުރާ ދެ ކުލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ކުލަބު އީގަލްސްއަށް ބޮޑު ގެންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ކުލަބުތަކުން ބުނެފިއެވެ.
އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގައި ރާއްޖޭގެ ޓީމުތައް ވާދަކުރާއިރު، ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މާޒިޔާއަވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ. އަދި ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ކޮލިފައިންގައި ވާދަކުރާނީ އީގަލްސްއެވެ.
އެގޮތުން ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ އީގަލްސް ވާދަކުރަން ޖެހޭއިރު، އެ މެޗު ކުޅޭނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު މާލޭގައެވެ. އަދި އޭއެފްސީން ތާވަލުކޮށްފައިވާ ގޮތުން ދެކުނު އޭޝިއާ ގްރޫޕުގެ ޕްރިލިމިނަރީ ބުރާއި ޕްލޭއޮފް ބުރަށްފަހު، ގްރޫޕް ސްޓޭޖުގެ މެޗުތައް ރާއްޖޭގައި ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮލިފައިން މެޗަށް ބާކީ ދެ ހަފުތާވެސް ނެތްއިރު، ކުލަބުތަކުގެ ތައްޔާރީތަކަށް ހުރަސްއެޅިފައިވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައި އޮތުމާ ގުޅިގެންނެވެ. އެގޮތުން ފަރިތަކުރުންތައް ކުރިއަށްގެންދިޔުމުގެ ހުއްދަ އޮތް ނަމަވެސް، ރަސްމީ މެޗެއް ނުކުޅެ އޭއެފްސީ ކަޕުގެ ކޮލިފައިންނާ ކުރިމަތިލުމަކީ އީގަލްސްއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
އަންގާރަ ދުވަހު ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ އަންނަ މަހު ހަތެއްގައި އީގަލްސްއިން ކޮލިފައިންގައި ތިމްޕޫ ސިޓީއާ ދެކޮޅަށް ނުކުންނައިރު، އެ މެޗަށް ތައްޔާރުވާން އޮތީ ގާތްގަނޑަކަށް 12 ވަރަކަށް ދުވަސް ކަމަށެވެ. އެކަމަކު އެ މެޗު ރާއްޖޭގައި ކުޅެވޭކަން އަދިވެސް ނޭނގޭ ކަމަށާއި، އެޗްޕީއޭއެިން ހުއްދަދޭތޯ ބަލަން އޭއެފްސީން މަޑުނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެކަމުގެ ސަބަބުންވެސް އީގަލްސްއަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށް މުފާ ވަނީ ވިދާޅުވެފައެވެ.
ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުން އީގަލްސް މޮޅުވެއްޖެނަމަ، ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ. މި އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ރާއްޖޭގައި ބާއްވާއިރު، އޭއެފްސީން ތާވަލުކޮށްފައިވާ ގޮތުން ދެކުނު އޭޝިއާ ގްރޫޕުގެ ޕްރިލިމިނަރީ ބުރާއި ޕްލޭއޮފް ބުރަށްފަހު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެކަމަކު ދާދި ފަހުން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަޙްމަދު ނާސިރު ވިދާޅުވީ އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ބާއްވަން ޖެހޭކަމުގެ ވާހަކައެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައިނުވާ ކަމަށާއި، އެކަން ހިއްސާކުރުމުން، އަމަލުކުރާނެ ގޮތެއް އެޗްޕީއޭއިން ކަނޑައަޅާނެ ކަމަށެވެ. އެކަމަކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި މަހުގެ 10 ވަނަ ދުވަހު އޭއެފްސީ ކަޕުގެ މެޗުތަކުގެ މަޢުލޫމާތު އެޗްއީއޯސީއަށް ފޮނުވާފައިވާކަން ފަހުން އެނގުމާއެކު، ނާސިރު ވަނީ ކުރިން އެ މަޢުލޫމާތު ލިބިފައި ނެތް ކަމަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ވިދާޅުވެފައެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބް (ވައްކޭ) ވިދާޅުވީ ވާދަވެރި މެޗުތަކެއް ނުކުޅޭ ޓީމަކާއި، ގަވާއިދުން މެޗުތަކެއް ކުޅެގެން އަންނަ ޓީމަކާ ތަފާތުތަކެއް ހުންނާނެކަން ފުޓްބޯޅަ ދަންނަ ކޮންމެ ބަޔަކަށްވެސް އެނގޭނެ ކަމަށާއި، އެ ގޮތުން ވިސްނާއިރު ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި މި އޮތް މުއްދަތުގައި، ސަރަޙައްދުގެ އެހެން ގައުމުތަކުން ލީގާއި، ޤައުމީ ޓީމުތަކުގެ މެޗުތައް ކުޅޭއިރު، އެ މީހުންގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ. އެހެންކަމުން ގްރޫޕް ސްޓޭޖުގައި މާޒިޔާއަށް ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.
އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ބާއްވާއިރު، އެ މުބާރާތް ބޭއްވުމާ ގުޅޭ ގޮތުން އެފްއޭއެމުން މީގެ ކުރިން ވަނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާވެސް ބައްދަލުކޮށް، މަޝްވަރާކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅެން ޖެހޭތީ، ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން ގްރޫޕް ސްޓޭޖުގެ މެޗެއް ލ. ގަން ޒޯން ސްޓޭޑިއަމުގައި ކުޅެން އެފްއޭއެމުން އަންނަނީ މަސައްކަތްކުރަމުންނެވެ.
މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭއެފްސީން ނިންމީ ކޮވިޑް-19 ގެ ހާލަތުން އަދި މިހާތަނަށް އެއްކޮށް އަރައިގަނެވިފައި ނުވާތީއެވެ. އޭއެފްސީ ކަޕުގެ ބިޑް ރާއްޖެއިން ކާމިޔާބުކުރިއިރު، އަވައްޓެރި އިންޑިއާއިންވެސް ވަނީ މި މުބާރާތް ބާއްވަން ބިޑްކޮށްފައެވެ.