Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

14 ނޮވެމްބަރު 2026 | ހޮނިހިރު 08:25

ރަޝިއާގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ އުމްރާނީ ވަސީލަތްތައް ސުންނާފަތިވެ، ފިނިމޫސުމުގައި ކުރިމަތިވެދާނެ އިންސާނީ ކާރިސާއަކުން ސަލާމަތްވުމަށް ޓަކައި މަޝްވަރާގެ މޭޒަށް ދިއުމަށް ރައީސް ޒެލެންސްކީއަށް ވަނީ މަޖުބޫރުވެފައި. މި ދަނޑިވަޅުގައި ހުޅަނގުގެ ޤައުމުތަކުގެ މެދުގައި ބައިބައިވުން އުފެދި، ރަޝިއާއާއެކު ސުލްހަވުން ނޫން ގޮތެއް ނެތް ކަމަށް ގިނަ ލީޑަރުން ގަބޫލުކުރަން ފަށާފައިވާ ކަން އަބޫ ދާބީގައި ކުރިއަށްދިޔަ މަޝްވަރާތަކުން ހާމަވޭ

ނިއުސް ޓީމް
ނިއުސް ޓީމް | 14 ނޮވެމްބަރު 2026 | ހޮނިހިރު 08:25
ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ އެމެރިކާގެ ޚާއްސަ މަންދޫބުން ކަމަށްވާ ޖެރަޑް ކުޝްނަރ އަދި ސްޓީވް ވިޓްކޮފާއެކު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ

ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ އެމެރިކާގެ ޚާއްސަ މަންދޫބުން ކަމަށްވާ ޖެރަޑް ކުޝްނަރ އަދި ސްޓީވް ވިޓްކޮފާއެކު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ | ގެޓީ އިމޭޖަސް

އަބޫ ދާބީގައި މި ހަފުތާގައި ކުރިއަށްދިޔަ ޔޫކްރެއިން، ރަޝިއާ އަދި އެމެރިކާގެ މަޝްވަރާތަކުން އަވަސް ނަތީޖާއެއް ނުނިކުތް ނަމަވެސް، އަހަރުތަކަކަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ނިމުމަކާ ގާތްވަމުންދާ ކަމުގެ ސާފު އިޝާރާތްތައް ފެންނަން ފަށައިފި އެވެ. ރަޝިއާގެ ވަރުގަދަ ވައިގެ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ މައިގަނޑު ސިނާއަތްތަކާއި އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި، ހުޅަނގުގެ ޤައުމުތަކުން ވެސް ދަނީ މޮސްކޯއިން އަހަރުތަކެއް ވަންދެން ކުރިމަތިކުރަމުން އައި ސަލާމަތީ ޝަރުތުތަކާމެދު އަލުން ވިސްނަން ފަށާފައި ކަމަށް، ލެޓްވިއާގެ ވެރިރަށް ރީގާގައި ދިރިއުޅުއްވާ މިނިވަން ނޫސްވެރިޔާ ލިއޮނިޑް ރަގޯޒިން ނޮވެންބަރު 14 ގައި ޝާއިޢުކުރެއްވި ދިރާސާ ރިޕޯޓެއްގައި ފާހަގަކުރައްވަ އެވެ.

ދެ ފަރާތުގެ ދެމެދުގައި އޮތް ސިޔާސީ އަދި ޖަޒުބާތީ ފަރަގު ބޮޑުކަން ހާމަވަނީ، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަދިވެސް ދުނިޔޭގައި ހުންނެވީތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ މި ހަފުތާގައި ކޯޕަންހޭގަންގައި ދެއްކެވި ވާހަކަފުޅުންނެވެ. ނަމަވެސް، ޔޫކްރެއިނަށް ކުރިމަތިވެފައިވާ ހިތި ހަގީގަތްތަކުގެ ސަބަބުން، އެންމެ ބޮޑު ދުޝްމަނާއެކު ވެސް ހިތްނޭދޭ ފަދަ އެއްބަސްވުމަކަށް ވަޑައިގެންނެވުމަށް ޒެލެންސްކީއަށް ވަނީ މަޖުބޫރުވެވަޑައިގަންނަވާފަ އެވެ. އެންމެ ނާޒުކު އަދި ނުތަނަވަސް ދަނޑިވަޅެއްގައި ކީވްއިން މަޝްވަރާގެ މޭޒަށް ދާން ޖެހުނީ، ބޮޑެތި ރަށްތަކުގެ އަސާސީ އުމްރާނީ ވަސީލަތްތައް ސުންނާފަތިކުރަމުންދާ ރަޝިއާގެ ވައިގެ ހަމަލާތައް ހުއްޓުވޭނެ މާ ބޮޑު ގޮތެއް ނެތުމުން ކަމަށް ރަގޯޒިން ވިދާޅުވި އެވެ.

Advertisement - worldAdvertisement

ޒެލެންސްކީގެ ޕާލަމެންޓްރީ ފެކްޝަންގެ ލީޑަރު އަދި ޔޫކްރެއިންގެ އިސް ނެގޯޝިއޭޓަރު ޑޭވިޑް އަރަޚާމިއާ ވިދާޅުވީ، 2022 ވަނަ އަހަރުން ފެށިގެން އޭނާ ބައިވެރިވެވަޑައިގެންނެވި މަޝްވަރާތަކުގެ ތެރެއިން މި ފަހަރުގެ މަޝްވަރާތަކަކީ އެންމެ އުނދަގޫ އެއް މަޝްވަރާ ކަމަށެވެ. ރަޝިއާގެ ވަފުދުން އައީ ވަރަށް ހަރުކަށި އިރުޝާދުތަކަކާއެކު ކަމަށާއި، މަޝްވަރާގެ ރާގު މަޑުމައިތިރިކުރަން އުނދަގޫވި ކަން އަރަޚާމިއާ ފާހަގަކުރެއްވި އެވެ. މިއިން ދޭހަ ވަނީ ބާރުގަދަ މަގާމެއްގައި އޮވެ މަޝްވަރާކުރުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ރަޝިއާއިން ދެކޭކަން ކަމަށް ރަގޯޒިން ލިޔުއްވާފައިވެ އެވެ.

އަނެއްކޮޅުން، މަޝްވަރާތަކުގެ ނަތީޖާއާމެދު މޮސްކޯއިން ވަނީ އުންމީދީ ވާހަކަތަކެއް ދައްކާފަ އެވެ. މި މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމު ސުލްހައާ ގާތްވެފައިވާ ކަމަށް ޕުޓިންގެ އެހީތެރިޔާ ވްލަދިމިއަރ މެދިންސްކީ ވިދާޅުވިއިރު، އަހަރު ނިމުމުގެ ކުރިން ހައްލަކާ ހަމައަށް ވާސިލުވުމުގެ ދުވެލި ހުރި ކަމަށް އަރަޚާމިއާ ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

ނަމަވެސް، އެއްބަސްވުމުގެ އަސާސީ އޮނިގަނޑަށް ރަޝިއާއިން އެއްވެސް ބަދަލެއް ގެނައުމުގެ ނިޝާނެއް ނެތި މި އުންމީދު ފާޅުކުރާ ކަން ފާހަގަކުރައްވަމުން ރަގޯޒިން ވިދާޅުވީ، ޔޫކްރެއިނަކީ ވަކިފަރާތަކަށް ނުޖެހޭ، އަސްކަރީ ބާރު ކުޑަކޮށްފައިވާ އަދި ރަޝިއާ ބަހުން ވާހަކަދައްކާ އާބާދީގެ ހައްގުތައް ކަށަވަރުކޮށްދޭ ޤައުމަކަށް ވާންޖެހޭނެ ކަމަށް ކްރެމްލިނުން ކުރިންސުރެ ގެންގުޅޭ ހަރުކަށި ސިޔާސަތުގައި އަދިވެސް ސާބިތުވެ އޮތް ކަމަށެވެ.

ހުޅަނގުގެ އުންމީދުތަކާއި ފިނި މޫސުމުގެ ބިރުވެރިކަން

މި ބަދަލުތައް ހުޅަނގުގެ ގިނަ ބަޔަކަށް ކުއްލި ސިހުމަކަށް ވީ، މި އަހަރުގެ ބޮޑުބައިގައި ހުޅަނގުގެ ސިޔާސީ ލީޑަރުންނާއި މީޑިއާތަކުން ހަނގުރާމައިގެ އޮއިވަރު ޔޫކްރެއިން ކޮޅަށް އެނބުރެމުންދާ ކަމަށް ބުނަމުން ގޮސްފައިވާތީ އެވެ. ރަޝިއާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ޔޫކްރެއިނުން ދިން ދުރު-ރާސްތާ ހަމަލާތަކާއި، ހަނގުރާމައިގެ މައިދާނުގައި ރަޝިއާ ސިފައިން ކުރިއަށްދާ ދުވެލި މަޑުޖެހުމަކީ އެ އުންމީދުތަކުގެ އަސްލެވެ. ސެޕްޓެންބަރު މަހާ ހަމައަށް ވެސް ލިތުއޭނިއާގެ ރައީސް ގިޓާނަސް ނައުސޭދާ ވިދާޅުވީ، "ނަމެއްގައި ނޫން ގޮތަކަށް ބަލާނަމަ، ރަޝިއާ މިހާރު ވެސް ވަނީ ހަނގުރާމައިން ބަލިވެފައި" ކަމަށެވެ.

ހަމަ އެ ދުވަސްވަރު ހުޅަނގުގެ ދިފާޢީ އިއްތިހާދުގެ (ނޭޓޯ) ސެކްރެޓަރީ ޖެނެރަލް މާކް ރުތޭ ވެސް ވިދާޅުވީ ޔޫކްރެއިންގައި ރަޝިއާގެ ހާލަތު ރަނގަޅު ނޫން ކަމަށެވެ. މީގެ އިތުރުން، ޖުލައި މަހު ތުރުކީވިލާތުގެ އަންކަރާގައި ބޭއްވި ނޭޓޯގެ ސަމިޓުގައި، ހަނގުރާމައިގެ މައިދާނުގައި ކުރިހޯދާފައި ވަނީ ޔޫކްރެއިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ގަބޫލުފުޅު ކުރެއްވި ފަދަ މަންޒަރެއް ފެނިގެންދިޔަ ކަން ރަގޯޒިން ފާހަގަކުރެއްވި އެވެ.

ނަމަވެސް، ވިލާތުގެ މާލީ އެހީތެރިކަމާއި އެމެރިކާގެ ޖާސޫސީ މަޢުލޫމާތުގެ އެހީގައި ޔޫކްރެއިނުން ދިން ހަމަލާތަކަށް ރަޝިއާއިން ރައްދު ދިނީ، ޔޫކްރެއިނަށް ކެތްނުކުރެވޭ ވަރުގެ މެދުކެނޑުމެއް ނެތް ވައިގެ ހަމަލާތަކަކުންނެވެ. ޔޫކްރެއިނާއި ހުޅަނގުން ރަޝިއާއަށް ދޭ ކޮންމެ ގެއްލުމެއްގެ ބަދަލުގައި، އަލުން އާރާސްތުކުރަން އެތައް ދަހަރެއް ނަގާ ފަދަ ބޮޑު ސުންނާފަތިކަމެއް ޔޫކްރެއިނަށް ކުރިމަތިކުރުވާނެ ކަމުގެ އަނިޔާވެރި މެސެޖެއް މޮސްކޯއިން ދިން ކަމަށް ރަގޯޒިން ވިދާޅުވި އެވެ. ކުރިއަށް އޮތް ފިނިމޫސުމަކީ މުޅި ޤައުމަށް ކުރިމަތިވާނެ ބޮޑު އިންސާނީ ކާރިސާއެއްގެ ފެށުމެވެ. ހަކަތައިގެ ވަސީލަތްތަކަށް ރަޝިއާއިން ދިން ހަމަލާތަކުގެ ސަބަބުން ކަރަންޓާއި ހޫނުފެން ފޯރުކޮށްދޭ ނިޒާމުތައް ވަނީ ބޮޑުތަނުން ހަލާކުވެފަ އެވެ.

ޚާއްސަކޮށް ބޮޑެތި ރަށްތަކުގެ އެޕާޓްމަންޓް ބްލޮކްތަކުގައި ދިރިއުޅޭ އެތައް މިލިޔަން ބަޔަކު ބަރޯސާ ވަނީ މަރުކަޒީ ހޫނުކުރާ ނިޒާމުތަކަށް ކަމަށްވާއިރު، އެ ޚިދުމަތް ނެތި އެ ގެތަކުގައި ދިރިއުޅުމަކީ މުސްތަހީލު ކަމަކަށް ވާނެ އެވެ. ޖަނަރޭޓަރު ބޭނުންކޮށްގެން ވަގުތީ ގޮތުން ކަރަންޓު ހޯދުނު ނަމަވެސް، އޭގެ ސަބަބުން ހަނގުރާމައިގެ ޚަރަދު ޔޫކްރެއިނަށާއި އެ ޤައުމަށް ފަންޑުކުރާ ހުޅަނގުގެ ޓެކުސް ދައްކާ ރައްޔިތުންނަށް އިންތިހާއަށް ބޮޑުވެގެންދާ ކަމަށް ރިޕޯޓުގައިވެ އެވެ. ޓްރަމްޕްގެ ސަރުކާރުގެ ޕްރެޝަރަށްވުރެ ބޮޑަށް ޔޫކްރެއިނަށް މަޝްވަރާއަށް ވަންނަން މަޖުބޫރުވީ މި ނާޒުކު ހާލަތުގެ ސަބަބުން ކަމަށާއި، މިހާ ބޮޑު ފިއްތުމެއް ނެތް ނަމަ ޒެލެންސްކީ ކުރިއަށްއޮތް ބަހާރު މޫސުމާ ހަމައަށް މަޑުކުރެއްވީސް ކަމަށް ރަގޯޒިން ދެކެވަޑައިގަންނަވަ އެވެ.

ވިލާތުގެ ސަލާމަތީ އޮނިގަނޑާއި ބިމުގެ މައްސަލަ

ޔޫކްރެއިންގެ ހަމަލާތަކުން މޮސްކޯގެ ސުލްހައިގެ ޝަރުތުތަކަށް ކުޑަ ވެސް ބަދަލެއް ނައި ނަމަވެސް، ހަނގުރާމައިގެ ހަގީގަތްތަކާ މެދު ހުޅަނގުން ދެކޭ ގޮތަށް ބޮޑު ބަދަލެއް އައިސްފައިވާ ކަން އަބޫ ދާބީގެ މަޝްވަރާތަކުން ހާމަވެ އެވެ. މި ބަދަލުގެ ފުރަތަމަ ނިޝާނަކީ، ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ހުޅަނގުގެ ބޮޑު ބަޔަކު ހަނގުރާމައަށްފަހު ވިލާތުގެ ސަލާމަތީ އޮނިގަނޑު އޮންނާނެ ގޮތަކާ މެދު މަޝްވަރާކުރަން ތައްޔާރުވުމެވެ. އެމެރިކާގެ ޚާއްސަ މަންދޫބު ޖެރަޑް ކުޝްނަރ މި މައުޟޫއު ފުރަތަމަ ނެންގެވުމުން ހަނގުރާމައަށް ތާއީދުކުރާ ފަރާތްތަކުގެ ބޮޑު ނުރުހުމެއް އަމާޒުވި ނަމަވެސް، އަބޫ ދާބީގެ މަޝްވަރާތަކަށްފަހު މެދިންސްކީ ވިދާޅުވީ އެޖެންޑާގެ އެންމެ މައިގަނޑު މައުޟޫއަކީ އެއީ ކަމަށެވެ.

މިއީ، ޔޫކްރެއިނާއި އެމެރިކާއިން އިސްތިރާޖީ ގުޅުމުގެ ޗާޓަރެއްގައި ސޮއިކުރުމާ ގުޅިގެން، ފުރިހަމަ ހަނގުރާމަ ފެށުމުގެ މަދު މަސްތަކެއް ކުރިން 2021 ޑިސެންބަރު މަހު މޮސްކޯއިން ހުށަހެޅި އެޖެންޑާއާ ގުޅިފައިވާ މައުޟޫއެކެވެ. ފާއިތުވި ހަތަރު އަހަރަށްވުރެ ގިނަ ދުވަހު މޮސްކޯއާއެކު ވިލާތުގެ ސަލާމަތީ އޮނިގަނޑާ ބެހޭގޮތުން ވާހަކަދެއްކުމަކީ ހުޅަނގުގައި މަނާ ކަމެއްގެ ގޮތުގައި އޮތް ނަމަވެސް، މިހާރު އެ ހުރަސް ވަނީ ނެތިގެން ގޮސްފަ އެވެ.

އަޖައިބުވާންޖެހޭ ކަމަކީ، ކުޝްނަރ ވިދާޅުވި ގޮތުގައި، މި ފުޅާ މައުޟޫއަށްވުރެ މަޝްވަރާތަކުގައި އެންމެ ބޮޑަށް ހުރަސްއެޅުނީ ބިމުގެ މައްސަލައަށެވެ. މަޝްވަރާތައް ކާމިޔާބުވުމަށް ޓަކައި ދޮނެޓްސްކް ސަރަހައްދުގެ ބާކީ އޮތް ބައިން ޔޫކްރެއިން ސިފައިން ފައިބަންޖެހޭނެ ކަމަށް މޮސްކޯއިން އަންނަނީ ކުރިންސުރެ ޝަރުތުކުރަމުންނެވެ. ނަމަވެސް، ބިމުގެ މައްސަލައިގައި ދޫނުދޭން މޮސްކޯއިން ދައްކާ ހަރުކަށިކަމަކީ، އެ ޤައުމަށް އެންމެ މުހިންމު ޖިއޯޕޮލިޓިކަލް މަގުސަދުތައް ހާސިލުކުރުމަށް ގެންގުޅޭ އުކުޅަކަށް ވެދާނެ ކަމަށާއި، ސްލޮވިއަންސްކް އަދި ކްރަމަތޮރްސްކް ފަދަ ރަށްތަކަށް ކްރެމްލިނުން ދަޢުވާކުރަނީ ހަމައެކަނި ޕްރޮޕެގެންޑާގެ ރަމްޒީ ބޭނުމަކަށް ކަމަށް ރަގޯޒިން ވިދާޅުވި އެވެ.

ވިލާތުގެ ބައިބައިވުމާއި ހަރުކަށި ސިޔާސަތު ގެންގުޅޭ އިސްވާރުން އެކަހެރިވުން

ބަދަލުވަމުންދާ މަސްރަހުގެ ދެވަނަ ނިޝާނަކީ، ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ވިލާތުގެ ސަރުކާރުތަކުން ކުރަމުންދާ މަސައްކަތްތަކާއެކު، ހަރުކަށި ސިޔާސަތު ގެންގުޅޭ ފަރާތްތަކާއި އެއްބަސްވުމަކަށް އައުން ނޫން ގޮތެއް ނެތް ކަމަށް ގަބޫލުކުރާ ފަރާތްތަކާ ދެމެދު އުފެދިފައިވާ ބައިބައިވުން ފާޅުވުމެވެ. ވިލާތުގެ އިއްތިހާދުގެ (އީޔޫ) ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޔާ ކައްލާސް ފަދަ ބޭފުޅުން ހަރުކަށި ވިސްނުމުގައި ތިއްބެވިއިރު، އެއްބަސްވުމަކަށް އައުން މަޖުބޫރު ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ފިންލެންޑުގެ ރައީސް އެލެގްޒެންޑަރ ސްޓަބް އަދި ނޯވޭގެ ބޮޑުވަޒީރު ޔޯނަސް ގާރ ސްޓޯރޭ ހިމެނިވަޑައިގަންނަވަ އެވެ. އަބޫ ދާބީގެ މަޝްވަރާތަކުގެ ކުރިން، ވިލާތުގެ އިއްތިހާދުގެ އިސްވާރުންގެ ބައެއް ބޭފުޅުންގެ ސިއްރު ރުހުމާއެކު، އެ ދެ ބޭފުޅުން ވަނީ  އޮކްޓޫބަރު 27 ގައި ޕުޓިންއާ ފޯނުން ގުޅުއްވައި ދިގު މަޝްވަރާތަކެއް ކުރައްވާފަ އެވެ.

ކުރިއަށް އޮތް ބުރުގައި ވިލާތުގެ ފަރާތުން އެއް މަންދޫބަކު ބައިވެރިކުރުމަށް އެމެރިކާއާއި ޔޫކްރެއިނުން ފަހަކަށް އައިސް ހުށަހަޅާފައިވާއިރު، ކުރިއަށް އޮތް މަޝްވަރާތަކުގައި ވިލާތުގެ މަންދޫބުން ބައިވެރިކުރުމަށް ޕުޓިން އެއްބަސްވެވަޑައިގަންނަވައިފި ކަމަށް އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ނޮވެންބަރު 12 ގައި ވިދާޅުވި އެވެ. ރަޝިއާއިން އެ ކަން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވާއިރު، ޕުޓިންގެ ތަރުޖަމާނު ދްމިތުރީ ޕެސްކޯވް ވިދާޅުވީ ވިލާތުގެ އިއްތިހާދު ބައިވެރިކުރުމުގެ ފުރުސަތު ބިނާވާނީ އެ އިއްތިހާދުން ކަނޑައަޅާ މަންދޫބެއްގެ ޝަޚުސިއްޔަތުގެ މައްޗަށް ކަމަށެވެ.

އަބޫ ދާބީގެ މަޝްވަރާތަކުން ފެނުނު އެންމެ ފާހަގަކޮށްލެވޭ އަނެއް ބަދަލަކީ، ވިލާތުގައި ހުންނަވާ ނޭޓޯގެ ސުޕްރީމް ކޮމާންޑަރު އެލެކްސަސް ގްރިންކެވިޗް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމެވެ. މި ހަނގުރާމައަކީ ނޭޓޯއާ ދެކޮޅަށް ކުރެވޭ ޕްރޮކްސީ ހަނގުރާމައެއްގެ ގޮތުގައި ދެކޭ ކްރެމްލިނުން ވަނީ އެ ކަމަށް މަރުހަބާ ކިޔާފަ އެވެ. ހަމަމިއާއެކު، ރަޝިއާއާމެދު އެންމެ ހަރުކަށި ސިޔާސަތެއް ގެންގުޅުނު ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުގެ ސަރުކާރުތަކުގެ ރާގު ވެސް ދަނީ ފާޅުކަން ބޮޑު ގޮތެއްގައި ބަދަލުވަމުންނެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަޓްޒް ވަނީ ކުރިއަށް އޮތް ޖީ20 ސަމިޓުގައި ޕުޓިންއާ ވާހަކަދެއްކެވިދާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. އަދި، އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރު ވެސް ސްޓްރީޓިންގ ވަނީ ކުއްލި ގޮތަކަށް ރަޝިއާއާއެކު މުއާމަލާތްކުރުމުގެ ދޮރުތައް ހުޅުވާލުމަށް ގޮވާލައްވާފަ އެވެ.

މި ހަލުވި ބަދަލުތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ގެއްލި، ކައްލާސްއާއި ޑެންމާކުގެ ބޮޑުވަޒީރު މެޓޭ ފްރެދެރިކްސަން ފަދަ އިސްވާރުން ދަނީ އެކަހެރިވެވަޑައިގަންނަވަމުންނެވެ. ހުޅަނގުގެ އެހީތެރިކަން ކުޑަވަމުންދާތީ އެންމެ ފަހުގެ ބަޔާންތަކުގައި އިންތިހާއަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވާ ޒެލެންސްކީ ވެސް އޮންނެވީ ހަމަ އެ ފަދަ އެކަހެރި ހާލަތެއްގައި ކަމަށާއި، ނަމަވެސް އިތުރު އިޚުތިޔާރެއް ނެތުމުން އެމެރިކާ މެދުވެރިވެގެން ކުރިއަށްގެންދާ ސުލްހައިގެ މަރުހަލާގައި ކުރިއަށް ވަޑައިގެންނެވުން ނޫން ގޮތެއް އޭނާ ނެތް ކަމަށް ރަގޯޒިން ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

ޔޫކްރެއިން-ރަޝިޔާއަބޫދާބީވްލަޑިމިއަރ ޕުޓިންވުލަޑިމިއަރ ޒެލެންސްކީނޭޓޯޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

2

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

3

އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފި

4

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

5

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2026

އެމެރިކާއިން 2026 ވަނަ އަހަރު ރެކޯޑު އަދަދަކަށް މީހުން ޑީޕޯޓުކޮށް، ހައްޔަރުކޮށްފި

14 ނޮވެމްބަރު 2026
އެމެރިކާއިން 2026 ވަނަ އަހަރު ރެކޯޑު އަދަދަކަށް މީހުން ޑީޕޯޓުކޮށް، ހައްޔަރުކޮށްފި
14 ނޮވެމްބަރު 2026

މުވާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ގަޑިއިރުތަކަކަށް ހުއްޓާލި އެމެރިކާގެ ވައިގެ އުދުހުންތައް އަލުން ފަށައިފި

14 ނޮވެމްބަރު 2026
މުވާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ގަޑިއިރުތަކަކަށް ހުއްޓާލި އެމެރިކާގެ ވައިގެ އުދުހުންތައް އަލުން ފަށައިފި
14 ނޮވެމްބަރު 2026

އަބޫ ދާބީ މަޝްވަރާތަކަށްފަހު ރަޝިއާއާއި ޔޫކްރެއިނުން ބަދަލުކުރި ހަމަލާތަކުގައި 10 މީހުން މަރުވެއްޖެ

14 ނޮވެމްބަރު 2026
އަބޫ ދާބީ މަޝްވަރާތަކަށްފަހު ރަޝިއާއާއި ޔޫކްރެއިނުން ބަދަލުކުރި ހަމަލާތަކުގައި 10 މީހުން މަރުވެއްޖެ
14 ނޮވެމްބަރު 2026

ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި ޓްރަމްޕާއި ޝީ އަދި ޕުޓިން ބައްދަލުކުރައްވަނީ

14 ނޮވެމްބަރު 2026
ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި ޓްރަމްޕާއި ޝީ އަދި ޕުޓިން ބައްދަލުކުރައްވަނީ
14 ނޮވެމްބަރު 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "މި ވަގުތަށް" އަލުން ފަށަން ޓްރަމްޕް ބޭނުންފުޅު ނުވޭ، ނަމަވެސް މަޝްވަރާތަކުން ވެންސް އެކަހެރިކުރައްވައިފި

14 ނޮވެމްބަރު 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "މި ވަގުތަށް" އަލުން ފަށަން ޓްރަމްޕް ބޭނުންފުޅު ނުވޭ، ނަމަވެސް މަޝްވަރާތަކުން ވެންސް އެކަހެރިކުރައްވައިފި
13 ނޮވެމްބަރު 2026

ވެރިކަން ނިމުމުގެ ކުރިން ކިއުބާގެ ސަރުކާރު ވައްޓާލަން ޓްރަމްޕް ވިސްނަވަނީ

13 ނޮވެމްބަރު 2026
ވެރިކަން ނިމުމުގެ ކުރިން ކިއުބާގެ ސަރުކާރު ވައްޓާލަން ޓްރަމްޕް ވިސްނަވަނީ
13 ނޮވެމްބަރު 2026

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

13 ނޮވެމްބަރު 2026
ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
13 ނޮވެމްބަރު 2026

ސުލްހައިގެ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިކުރަން ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެ

13 ނޮވެމްބަރު 2026
ސުލްހައިގެ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިކުރަން ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެ
13 ނޮވެމްބަރު 2026

100 އަށްވުރެ ގިނަ އުޅަނދާއި މިސައިލް ޓެސްޓަކާއެކު ޗައިނާއިން ޓައިވާން ވަށައިގެން ބޮޑު ތަމްރީނެއް ހިންގައިފި

13 ނޮވެމްބަރު 2026
100 އަށްވުރެ ގިނަ އުޅަނދާއި މިސައިލް ޓެސްޓަކާއެކު ޗައިނާއިން ޓައިވާން ވަށައިގެން ބޮޑު ތަމްރީނެއް ހިންގައިފި
13 ނޮވެމްބަރު 2026

ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް ކުރިއަށް ގެންދަން އެމެރިކާގެ މަންދޫބުންނާއި ޕުޓިން އެއްބަސްވެވަޑައިގަންނަވަފި

13 ނޮވެމްބަރު 2026
ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް ކުރިއަށް ގެންދަން އެމެރިކާގެ މަންދޫބުންނާއި ޕުޓިން އެއްބަސްވެވަޑައިގަންނަވަފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް