ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ
13 ނޮވެމްބަރު 2026 | ހުކުރު 12:35ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކަށް ގެއްލުންދިން ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. މި މައްސަލައާ ގުޅިގެން ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، ބެނާތައް ކެނޑުމަކީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު މުޒާހަރާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ވަނީ ނިންމާފައި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ | ރާއްޖެއެމްވީ
ރަސްމާލެއިން ބޭރު މީހުންނަށް ދާއިމީކޮށް ބިން ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ މާލެ ސިޓީ ކައުންސިލްގެ ހެންވޭރު އުތުރު ދާއިރާގެ ކުރީގެ ކައުންސިލަރު އަދި ޕީއެންސީ މެންބަރު މުހައްމަދު ފިޝާވިން ބުނެގެން ކަމަށް އެ ބެނާތައް ކެނޑި މީހުން އެއްބަސްވެއްޖެ އެވެ.
ބެނާތައް ކެނޑުމުގައި އުޅުނު ދެމީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެގޮތުން ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް އެ މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަމަށެވެ.
މި މައްސަލާގައި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އާއްމު ރައްޔިތުންގެ އެހީތެރިކަމާއެކު ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގަ އެވެ.
ރާއްޖެއެމްވީއަށް، މަންޒަރު ދުށް ފަރާތްތަކުން ބުނީ ރަސްމާލެ މަޝްރޫއާ ދެކޮޅު ހެދުމުގެ ގޮތުން މާލޭގެ އެކި މަގުތަކުގައި ހަރުކޮށްފައިހުރި ބެނާތަކަށް އެކިވަރުގެ ގެއްލުން ދީފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ވެސް ގެއްލުން ދެމުން ދިޔަ ނަމަވެސް ފުލުހުން ބަލަހައްޓައިގެން ތިބީ ކަމަށާއި، އެމީހުން ހައްޔަރު ކުރުމަށް މަސައްކަތް ވެސް ނުކުރާ ކަމަށެވެ.
އޭގެފަހުން ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ވަގުތު ދެ މީހަކު ދިގު ދަނޑިއެއްގައި ތޫނު އެއްޗެއް ހަރުކޮށްގެން ބެނާތައް ކަނޑަމުން ދަނިކޮށް އާއްމުންގެ ބަޔަކު ފަހަތުން ގޮސް އެމީހުން އަތުލައިގަތީ ކަމަށާއި، އޭގެފަހުން ފުލުހުން އައިސް އެ މީހުންގެ ފުލުހުންގެ ކާރަށް އަރުވައިގެން ގެންދިޔައީ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ބެނާތައް ކަނޑަން ގެންގުޅުނު ދަނޑި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެނެ އެވެ. އަދި އެވަގުތު އެތަނަށް އެއްވެ ތިބި އާއްމު ރައްޔިތުން ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ.
އެ ދެ ފިރިހެނުންނަކީ މިސަރުކާރުގެ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ ދެ މީހުން ކަމަށާއި، އެމީހުން އެ މަސައްކަތް ކުރީ ސަރުކާރުން ފައިސާ ދީގެން ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި އެކަމުގައި އުޅުނު މީހަކު ވަނީ އެކަން ކުރީ މުހައްމަދު ފިޝާވިން ބުނެގެން ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން މިމައްސަލައާ ގުޅިގެން ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި މިމައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
ފާޑު ކިޔާ ފަރާތްތަކުން ބުނީ، ބެނާތައް ކެނޑުމުން އެކަނި ވެސް މިކަމަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމަށާއި، މި މަޝްރޫއަށް ގިނަ ރައްޔިތުން ތާއީދު ނެތްކަން ސަރުކާރަށް އެނގޭތީ ރައްޔިތުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ބެނާތައް ކަނޑައި، ގެއްލުން ދިން ނަމަވެސް އަލުން ބެނާތައް ދަމައި، މި މަޝްރޫއާ ގުޅިގެން ގައުމާއި ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ހާމަކުރާނެ ކަމަށެވެ.
ރަސްމާލެ މަޝްރޫއުގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދާއިމާކޮށް ދޭ މައްސަލައާ ދެކޮޅަށް ގައުމީ ހަރަކާތުން އިސްވެ އޮވެ ބާއްވާ ބޮޑު މުޒާހަރާ ހުކުރު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެ އެވެ.











