ކ. މާލެ
|
27 މެއި 2020 | ބުދަ 02:17
ގައުމީ ޖަލްސާއެއްގައި ދިވެހި ކަނބަލުން ފާސްކުރި ހެދުމުގައި
ގައުމީ ޖަލްސާއެއްގައި ދިވެހި ކަނބަލުން ފާސްކުރި ހެދުމުގައި
ދަ އެޑިޝަން
ފާސްކުރި ހެދުން
އެ، ގާނޫނެއް ފާސްވިތާ (78އ) މާޒީ ވެދާހިނދު، ފާސްކުރި ހެދުން އަދިވެސް، އޭގެ މަޤުބޫލު ކަމުގައި!
 
ނަންބަރު ހެދުން އެންމެ ފުރަތަމަ ފެއްސެވި ނ.ތ. ޢަލިދީދީ
 
ޚާއްސަ ކޮމިޓީއަކުން، ތިން ފަރުމާއެއް އެކުލެވޭ މި ހެދުންތަކަށް، ނަންބަރު ތަކެއް ދެވުނު
 
އަންހެނުންގެ ހެދުމަކަށް ހުއްދަ ދިނުމަށް ގާނޫނެއް ފާސްކުރި

މީގެ 78 އަހަރުކުރިން، މަޝްހޫރު ފެހުންތެރިޔާ ނ.ތ.ޢަލީ ދީދީ(މަނިއްޕުޅު އަލިދީދީ) ގެ ފަހާފޮށީގެ ދަތްގަނޑުދަށުން، ފަތި ޖެހެމުންދިޔަ ރޮއްޖަކީ، މަޝްހޫރު "ފާސްކުރި ހެދުން" ނުވަތަ "ނަންބަރު ހެދުން" އަދި މި ޖީލުގެ ދަރިން ކިއާ ގޮތުންނަމަ، "ދިގުހެދުން" ވުޖޫދު ވުމުގެ ތާރީޚީ ރޮއްޖެވެ!

އަލްއަމީރު މުޙައްމަދު ފަރީދު ދީދީއާއި އައްނަބީލު މުޙަންމަދު އަމީން ދީދީ، އާއި އާމިނަތު ޙުސައިންއާއި، ޒުބޭދާ މުހައްމަދު ދީދީ، ހިމެނިވަޑައިގެންނެވި ޚާއްސަ ކޮމިޓީއަކުން، ތިން ފަރުމާއެއް އެކުލެވޭ މި ހެދުންތަކަށް، ނަންބަރު ތަކެއް ދެވުނެވެ. މި ކޮމިޓީން ފާސްކުރި ހެދުންތަކަށް، ނަންބަރު ހެދުމޭ ކިއުނީ، އެކި ދަރަޖައިގެ ބޭފުޅުން އަޅައި އުޅުމަށް، އޭރު ފާސްވި މި ތިން ފަރުމާއަށް ނަންބަރުތަކެއް ދެވިފައިވާތީ ކަމަށް ވުން، އެކަށީގެންވެއެވެ.

މުޙައްމަދު އަމީން ދީދީ، ލިއުއްވި "ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މި މަޒުމޫނުގައި، މިއަދު މިކިޔާ ފާސްކުރި ހެދުމަށް، އިޝާރަތް ކުރައްވައި "ނަންބަރު ހެދުން" މިހެން، އަމީން ލިއުއްވާފައި އެވަނީ، މިދެންނެވި ތިން ފަރުމާގެ ހެދުމަށް، ދެވިފައިވާ ނަންބަރު ތަކަށް ކުރެއްވި އިޝާރާތެއް ކަމަށްވުމީ، އެކަށީގެންވާ ކަމެކެވެ.

ދެންމެ މި އިޝާރާތް ކުރި، އަމީންދީދީގެ މަޒްމޫނުގައި މިކަމަށް އިޝާރަތް ކުރައްވައި ލިއުއްވާފައި އޮތް ޢިބާރާތް، މިތާނގައި ނަކަލު ކޮށްލުމަކީ، މުހިންމު ކަމެއްކަމުގައި ދެކެމެވެ.

"ހަމަކަށަވަރުންވެސް މިއީ، މާލޭގެ އަންހެނުންގެ ނަޒަރުގައި ވަރަށް ތާރީޚީ ދުވަހަކަށް ވާނޭކަން ކަށަވަރެވެ. ޒަމާނުއްސުރެ، އަޅުގަނޑުމެން އަންހެނުން އަޅަމުން އަންނަ، އެ ހެދުންދެކެ ޤުދުރަތީ ގޮތުން އަޅުގަނޑުމެންނަށް ލޯބިވެވިފައިވާ، ބޯވަޅުއެޅި ލިބާހާއި، ފޭއްޔާއި، ރުމާލުގެ ބަދަލުގައި، އެހެން ހެދުމެއް އެޅުމުގެ ހުއްދަ ދައުލަތުގެ ފަރާތުން ދެވުނު ދުވަހެވެ".

ދިވެހި އަންހެނުން ހެދުން އެޅުމުގެ ވައްޓަފާޅިއަށް މި ގެނެވުނު ބޮޑު ބަދަލަށް އިޝާރަތް ކުރައްވައި، މިކަމުގެ ޙުއްޖަތަކަށް އަމީން ދައްކަވާފައި ވަނީ، އޭރު ހިނގަމުން ދިޔަ ދެވަނަ ބޮޑު ހަނގުރާމައިގެ ދަތިތައް ނިޔާކުރަމުންދާ ގޮތުން، އެހެން ހެދުމެއް އެޅުމަށް ހުއްދަ ދިނުން ލާޒިމް ވީ ކަމަށެވެ.

"އަންހެނުންގެ ލިބާސް ލިބޭކަށް ނެތެވެ. ފޭލި ލިބޭކަށް ނެތެވެ. މިދެންނެވި ތާރީޚީ ދުވަހު ހުއްދަ ދެވިގެން، އެ ހުއްދައިގެ ނަތީޖާއެއްގެ ގޮތުން އުފެދުނު ހެދުންތަކަކީ، މިހާރު މި ގެންގުޅޭ ނަންބަރު ހެދުންތަކެވެ" ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި، މި މަޒްމޫނުގައި އަމީންދީދީ ލިޔުއްވާފައި ވެއެވެ.

މިދެންނެވި ޢިބާރާތުންވެސް އެނގެނީ، ނަންބަރު ތަކެއް ދެވިފައިވާ ހެދުންތަކެއް، މިދެންނެވި ކޮމިޓީން ފާސްކުރި ކަމެވެ. އަދި މި ކޮމިޓީއަށް އިޝާރަތް ކުރައްވައި ހަމަ މި މަޒްމޫނުގައި، އަމީންދީދި ލިޔުއްވާފައި ވަނީ، އަންނަނިވި ޢިބާރާތެވެ.

"އަންހެނުންގެ ހެދުމަށް އައި ބަދަލަކީ، އިސްލާޙެއް ކަމުގައި ވަނީނަމަ، އެކަމުގެ މުބާރިކުބާދީގެ ޙައްޤުވެރިންނަކީ، އެ ހެދުންތައް އުފެއްދެވި ހަތަރު ބޭފުޅުންނެވެ. އަންނަބީލާ އައިމިނަތު ޙުސައިން އާއި ޒުބައިދާ މުހައްމަދު ދީދިއެވެ. އަލްއަމީރު މުޙައްމަދު ފަރީދު ދީދީއާއި، އަލްފާޟިލް މުޙައްމަދު އަމީން" އެވެ.

ދިވެހި އަންހެނުންގެ ހެދުމުގެ ބިލް - އަންހެނުންގެ ހެދުމަކަށް ހުއްދަ ދިނުމަށް ގާނޫނެއް ފާސްކުރި

އެ ހެދުމަކަށް ހުއްދަ ދިނުމަށް ގާނޫނެއް ފާސްވެގެންދިޔަ، އަދި އެ ގާނޫނު ތަންފީޒު ކުރަން އޭރުގެ ވަޒީރުއް ދާޚިލިއްޔާއަށް ރަސްގެފާނު އެންގެވި، މިދެންނެވި ތިން ފަރުމާ ފާސްކުރެއްވި ކޮމިޓީގެ އެއް ފަރުމާއަކީ، ފާސްކުރި ހެދުމުގެ ބޯވަޅާއި ހަމައަށް މިއަދު އެ ފެންނަ ގޮއްފަތި ހުންނަ ހެދުމެވެ. އަނެއް ހެދުމުގެ ގޮއްފަތި ހުރީ، ހެދުމުގެ މެދު ބަންދާއި ހަމައަށެވެ. ތިންވަނަ ހެދުމުގެ ބޯވަޅަކީ، ވިހޭފަށެއް ފަދައިން، އިންޗިއެއްގެ ދުރުމިނުގައި ރޫ ޖައްސާފަ ހުންނަ ބޯވަޅެއް، އެކުލެވޭ ފަރުމާއެކެވެ.

ކޮންމެއަކަސް މި ތިން ހެދުން މިދެންނެވި ކޮމިޓީން ފަރުމާ ކުރެއްވުމުގައި، ޚިޔާލު ދެއްވުމުގެ ދައުރު އެންމެ އިސްކޮށް އަދާކުރެއްވި ބޭފުޅަކީ، މުޙައްމަދު ފަރީދު ދީދީ ކަމަށް، މިދެންނެވި ކޮމިޓީގައި ހިމެނިވަޑައިގެންނެވި އާމިނަތު ޙުސައިން އާއި ޙަވާލާދީ، އިތުބާރު ހުރި މަސްދަރަކުން ހާމަކޮށްފައި ވެއެވެ. އެގޮތުން މުޙައްމަދު ފަރީދުދީދީ މިދެންނެވި ކޮމިޓީގައި ހެދުންތައް ފަރުމާ ކުރެއްވުމުގައި ގޮތްފާޑު ވިދާޅުވުމުގެ އިސް ދައުރެއް، އަދާކުރެއްވި ކަމަށްވެސް ބުނެވެއެވެ.

މިއީ، ކޮމިޓީގެ މަރުޙަލާގައި އެކަން ހިނގައިދިޔަ ގޮތް ކަމަށް ވުމީ، އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ސަރުކާރު ހިނގުމުގެ އިސް ވެރިއަކަށް އޭރު ފެންނާން ހުރި އެއް ބޭފުޅަކީ، މުޙައްމަދު އަމީންދީ ކަމަށްވެފައި، މިފަދަ އުފެއްދުންތެރި ޚިޔާލުތައް، އެދުވަސްވަރު ތިލަ ކުރައްވަމުން ގެންދެވި ބޭފުޅަކީ އަމީންދީދީ ކަމަށް ވުމާއެކު، މި ހެދުން ވުޖޫދު ވުމުގެ ފަހަތުގައި ހުންނަވާނީ، އަމީންދީދީ ކަމަށް، ތާރީޚީ ދިރާސާތައް ކުރައްވާ ބައެއް ބޭފުޅުން ދެކެވަޑައި ގަންނަވައެވެ.

މިކަމަށް ބާރު ދެއްވަމުން، އައްނަބީލާ ޙަބީބާ ޙުސެއިން ހަބީބު "ރާއްޖެ.އެމްވީ"އަށް، ވިދާޅުވެފައި ގޮތުގައި، ފާސްކުރި ހެދުން، ވުޖޫދު ކުރެއްވި ބާނީއަކީ، އެކަމަނާގެ ނަޒަރުގައި، އައްނަބީލު މުޙައްމަދު އަމީން ދީދީއެވެ. މި ތިން ހެދުމުގެ ފަރުމާ ކުރެއްވުމުގައި އިސް ދައުރެއް، މުޙައްމަދު ފަރީދު، އަދާކުރައްވައިފައި އޮތުން، އެކަށީގެންވާ ކަމަށް ޙަބީބާވެސް، ދެކެވަޑައި ގަންނަވައެވެ.

ތާރީޚީ ނަންބަރު ހެދުން، އެހައިތަނުން އެ އޮތީ، ފާސްވެފައެވެ. އެއަށްފަހު، އޮތީ، އެ ތިން ފަރުމާ އޭގެ އަސްލާ އެއްގޮތަށް ފެހުމެވެ. އެހެންކަމުން ދެން ފެށުނީ،އެ ހެދުމުގެ ސިފަ ލިބިގެން ޢާންމުންނާއި ހަމައަށް ތިލަވާން އޮތް މަރުޙަލާއެވެ. މި ތާރީޚީ މަރުޙަލާއިން ދެން ފެނިގެން ދިޔައީ، އޭރު މާލޭގައި ހުންނެވި ފެހުމަށް އެންމެ ކުޅަދާނަ ފަންނާނުގެ މަސައްކަތެވެ. ނަންބަރު ހެދުން އެންމެ ފުރަތަމަ ފެއްސެވި ނ.ތ. ޢަލިދީދީގެ މަސައްކަތް ޕުޅެވެ.

ނ.ތ.ޢަލީ ދީދީ (މަނިއްޕުޅު އަލިދީދީ) - ނަންބަރު ހެދުން އެންމެ ފުރަތަމަ ފެއްސެވި

ނ.ތ. ޢަލިދީދީގެ ފައިން އަނބުރާ ފަހާފޮށީގެ ދަތްގަނޑު ދަށުން، ދިވެހިރާއްޖޭގެ އަންހެނުން، އެ ހެދުމެއްލާން، ގާނޫނަކުން ފުރަތަމަ ފާސްވި، މަޝްހޫރު "ފާސްކުރި ހެދުން" ނުވަތަ ނަންބަރު ހެދުމުގެ ސޫރަ އެޅެމުން ދިޔައިރު، މިކަމާގުޅޭ އެހެން ވާހަކައެއް، މިތާ ފާހަގަ ކޮށްލަން ޖެހެއެވެ. އެއީ، މިއަދުވެސް ދުނިޔޭގައި ހުންނެވި، ނތ.ޢަލީ ދީދީގެ ދަރިކަނބަލުން އައިމިނަތު ޢަލީ ދީދީއާއި، އޭނާގެ ބައްޕާފުޅު ޙިއްސާކުރެއްވި އެ ވަގުތުގެ ހަނދާންތަކެވެ.

"ބައްޕަ ވިދާޅުވި، އެބޭފުޅުން ( ކޮމިޓީގަ އިސްކޮށްތިއްބެވި ބޭފުޅުން) ބައްޕަ ގެންދަވާފަ، ނަންބަރު ހެދުން ފަހަންވީ ގޮތުގެ ނަމޫނާ ތަކެއް ދެއްކެވި ކަމަށް. އަދި އެ ދެއްކެވި ނަމޫނާ ތަކުގެ އެކިއެކިބައިތައް ހިމަނާންވީ ގޮތް، މުޙައްމަދު އަމީންދީދީ ބައްޕަ އަރިހުގައި ވިދާޅުވެ ދެއްވި ކަމަށް، އެއަށްފަހު، ބައްޕަ ލިލީގެއަށް ވަޑައިގެން، އެ ހެދުންތައް، ފައްސަވަންފެއްޓެވީ". އައިމިނަތު އަލީ ދީދީ، "ރާއްޖެ.އެމްވީ"އަށް، ދެއްވި ބަސްދީގަތުމެއްގައި، ވިދާޅުވިއެވެ.

ނތ.ޢަލީ ދީދީގެ ދަރިކަނބަލުން އައިމިނަތު ޢަލީ ދީދީ

އައިމިނަތު ޢަލީ ދީދީ، ވިދާޅުވި ގޮތުގައި އޭނާގެ މަންމައަށްވެސް، ނަންބަރު ހެދުމުގެ ފަރުމާއެއްގެ ހެދުންކޮޅެއް، ބައްޕަ ނ.ތ އަލީ ދީދީ ފައްސަވައިދެއްވިއެވެ. އެ ހެދުންކޮޅަކީ އޭގެ ގޮއްފަތި ހެދުމުގެ މެދު ބަންދާ އެއްވަރަށް ހުރި، ހެދުން ކޮޅެކެވެ. އަދި އެއީ އެ ކޮމިޓީން އޭރު ނަންބަރު ދެއްވި ތިން ފަރުމާގެ ތެރެއިން، އެއްފަރުމާ ފެނިގެންދާ ހެދުން ކޮޅެކެވެ.

ކޮންމެއަކަސް، މިއަދު ނަންބަރު ހެދުމުގެ މި ތާރީޚީ މުނާސަބަތަށް 78 އަހަރުފުރި، 80 އަހަރާއި ގާތްވަމުން އަންނައިރު، އެބޭފުޅެއްގެ ނަންފުޅު ތާރީޚަށް ދޫކޮށް، މި ދުނިޔެއާއި ނ.ތ. ޢަލީ ދީދީ، ވަނީ ޢުމުރުފުޅުން 79އަހަރުފުޅުގައި، އަވަހާރަ ވެފައެވެ. އެއީ 1993 ވަނަ އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް، މަޝްހޫރު ފާސްކުރި ހެދުން ފުރަތަމަ ފައްސަވަން ފެއްޓެވި ދުވަހާއި، އެ މަސައްކަތް އޭނާ އާއި މަތިވި ގޮތުގެ ތާރީޚީ ރަން ހަނދާންތައް، އޭނާ އެވަނީ، ވަނީ،" ހަވީރު" ނޫހުގެ " ހަވީރުގެތަރި" މި ޢަދަދަށާއި އަދި، މިއަދުވެސް ދުނިޔޭގައި ހުންނެވި، ދަރިކަނބަލުން އާމިނަތު ޢަލިދީދީ، އާއި ޙިއްސާ ކުރައްވައިފައެވެ! ސުވާލަކީ، އެއީ ކިހާ އުފާވެރި ކިހާ ފަޚުރުވެރި ހަނދާންތަކެއް ހެއްޔެވެ؟

އެއީ މީގެ 78 އަހަރު ކުރިން އޭރު އޮތް، ދިވެހި ޖީލާއި ބައްދަލުކުރި "މެއި" މަހެކެވެ. އިއްތިފާގުން މި ޒިކުރާ އާވެގެން މިދަނީވެސް، "މެއި" މަހެއްގެ ތެރޭގައެވެ. ނަމަވެސް އެއީ 1942 ގެ "މެއި" މަހުގެ 12 ވަނަ ދުވަހެވެ. އެ ދުވަހަކީ، ދިވެހިރާއްޖޭގައި އޭރު އޮތް ރައްޔިތުންގެ މަޖިލީހުން، ފާސްކުރި "ދިވެހި އަންހެނުން ހެދުން އެޅުމާބެހޭ ބިލް"، ފާސްވެގެންދިޔަ ތާރީޚީ ވަގުތެވެ. އެހައިތަނުން، އޭރު ހުންނެވި ރަސްގެފާނުން، އައްސުލްޠާން ޙަސަން ނޫރައްދީން(2)، މިދެންނެވި ގާނޫނު ތަސްދީގު ކުރައްވައި، އޭރުގެ ވަޒީރުއް ދާޚިލިއްޔާ އަލްއަމީރު ޙަސަން ފަރީދު ދީދީއަށް، އެ ގާނޫނަށް ޢަމަލު ކުރެއްވުމަށް އެންގެވިއެވެ. އެހެން ކަމުން، މި ގާނޫނު ތަންފީޒު ކުރެއްވުމަށް މަތިކުރެއްވީ، އޭރު ހުންނެވި ވަޒީރުއް ދާޚިލިއްޔާގެ ނައިބު އައްނަބީލު މުޙައްމަދު އަމީން ދީދީއަށެވެ. މި ދުވަސްވަރު ޢަމަލީ ގޮތުން، ސަރުކާރު ހިންގަވަމުން ގެންދެވީވެސް މުޙައްމަދު އަމީން ދީދީ، އިސްވެ ހުންނަވައިގެންނެވެ.

މުހައްމަދު އަމީން ދީދީ އާއި އަނބިކަނބަލުން ފާތިމަތު ސައީދު

މުޙައްމަދު އަމީން ދީދީއަށް މި ޒިންމާ މަތިވި ހިނދު، ނ.ތ.އަލިދީދީ (މަނިއްޕުޅު ޢަލިދީދީ)، މި މަސައްކަތަށް އިޚުތިޔާރު ކުރެއްވީ، ސަބަބުތަކަކާއި ލައިގެންނެވެ. އެ ސަބަބުތައް ދެނެގަންނަން އޮތް އެންމެ އިތުބާރުހިފޭ މަސްދަރަކީ، މަނިއްޕުޅު ޢަލިދީދީގެ ބަސްފުޅެވެ. ނުވަތަ "އިންޓަރވިއު"އެވެ. މި އިންޓަރވިއު އޭނާ ދެއްވީ "ހަވީރު" ނޫހުގެ އޭރުގެ މެނޭޖިންގ އެޑިޓަރ ކޮޕީ މުޙައްމަދު ރަޝީދަށެވެ. އެ ދުވަސްވަރު، "ހަވީރުގެ ތަރި" މި ނަމުގައި، ކޮޕީ ރަޝީދު، ގެންދެވީ ޚިދުމަތްތެރި މަސައްކަތްތެރިންނަށް، ޚާއްސަ އިންޓަރވިއު ތަކެއް، ކުރައްވަމުންނެވެ.

ދޮންބަންޑާރައިންނަކީ، އެބޭފުޅެއްގެ 5 ވަނަ ކާފާފުޅަށް ވެފައިވާ، މަނިއްޕުޅު ޢަލިދީދީ، އަކީ، ޝާހީ ޚާންދާނަކުން ވަޑައިގެން ހުންނެވި "އާރޓިސްޓު" އެކެވެ. އިންޓަރވިއުގައި ވިދާޅުވެފައިވާ ގޮތުންނަމަ، އޭނާ އެންމެ ފުރަތަމަ ފައްސަވަން ދަސްކުރެއްވީ، ބައްޕާފުޅު ނޫމަރާ ގަނޑުވަރު، ތުއްތު މަނިއްޕުޅު އަރިހުންނެވެ. އެހެން ކަމުން، ދޮންބަންޑާރައިން ވެވަޑައިގަންނަވާނީ، ތުއްތު މަނިއްފުޅު ގެ 4 ވަނަ ކާފާފުޅަށެވެ. މުޙަންމަދު އަމީން ދީދީ އާއި، މަނިއްޕުޅު ޢަލިދީދީ ތިމާގެފުޅުވަނީ، ދޮންބަންޑާރައިންގެ މި، މަތިފުށުންނެވެ.

ޢުމުރުފުޅުން ހަގުކަމާއި އަދި އެވަރުގެ އިސްކޮޅެއް އޭރު ލިބިވަޑައިގެންފައި ނެތުމުން، ފަހާފޮށި ކައިރީ އިށީދެވަޑައިގެން އިންނަވައިގެން ފެއްސެވުމަކީ، މަނިއްޕުޅު ޢަލީ ދީދީއަށް، އެންމެ ފުރަތަމަ ފަސޭހަފުޅު ކަމަކަށް ނުވިއެވެ. އެހެންކަމުން، ފުރަތަމަ ފެއްސެވީ، ކޮޅަށް ހުންނަވައިގެން ފަހާފޮށި އަނބުރާ ޖާލީގަނޑަށް، ފައިންޕުޅު ލައްވައިގެން ހުންނަވައެވެ. ނަމަވެސް، މިއީ މަނިއްޕުޅުގެ މި ފަންނުގެ ފެށުމެވެ. އެހެނެއްކަމަކު، އޭނާގެ ފުރަތަމަ ފަންނަކީ، ފެހުމެއް ނޫނެވެ.

ހަވީރު ނޫހުގެ "ހަވީރުގެތަރި" މި އަދަދަށް ނ.ތ.ޢަލީ ދީދީ ދެއްވި އިންޓަރވިއުގެ ކޮޕީ

މި ރިޕޯޓުގައި އިޝާރަތްކޮށްފައި އެވާ، މިދެންނެވި އިންޓަރވިއުގައި، މަނިއްޕުޅު ޢަލިދީދީ، ވިދާޅުވެފައިވާ ގޮތުންނަމަ، އޭނާއަކީ، އެންމެ ފުރަތަމަ ކުދިކުދި އަލަމާރި ޖައްސަވައި އުޅުއްވި، އަދި ފަންނީ ތަފާތު މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

ފެހުމުގެ ފަންނަށް ވެންނެވުނީ، ރައްޓެހިން އޭނާގެ އަރިހުން އެކަމަށް އެދެން ފެށުމުންނެވެ. އޭނާ ފައްސަވަން ފެއްޓެވުމުން، އިސާހިތަކުމެ، މަގުބޫލު ފެހުންތެރިއަކަށް ވިއެވެ. އޭރަކު، ނަންބަރު ހެދުމުގެ ޚިޔާލެއް ދިވެހިރާއްޖެއަކު ނެތެވެ. ނަމަވެސް ފެހުމާއި ފަރުމާކުރުމުގެ އެނާގެ ޚިޔާލާތު އައީ ވިދަމުންނެވެ. މަނިއްޕުޅު އަލިދީދީގެ ނަންފުޅުން މަޝްހޫރުވެފައިވާ ނ.ތ ޢަލިދީދީގެ ފެހުމުގެ ހުނަރު، މުޅި މާލެއަށްހެން ކަމުދިޔައެވެ.

ނ.ތ.ޢަލީ ދީދީ ފައްސަވައިދެއްވި ނަންބަރު ހެދުންތައް، ފައްސަވައި ނިންމެވުމުން، އެ ހެދުންތައް ގެންދެވުނީ، މާލޭގެ އަވަށު ގެ ތަކަށެވެ. އެހައިތަނުން، އެ ނަންބަރެއްގެ ހެދުން ލުމަށް، އެކަށޭނަ ފަރާތް ތަކުން، ހެދުންލައިގެން، ފާސްކުރަން ދާންޖެހުނީ، ހަތަރު އަވަށުގެ އަވަށުގެ އަށެވެ. އަވަށުގޭން އެ ހެދުން އަޅައިގެން، ފާސްވުމުން، އެއީ އެ އަންހެނަކު ލައިގެން އުޅެން، ފާސްވި ހެދުމެވެ. މިގޮތަށް ފާސްވެގެން އެދާ ދިއުމަށް އިޝާރަތްކޮށްވެސް، "ފާސްކުރި ހެދުން" މިހެން ކިޔައި އުޅުނެވެ.

ދިވެހީންގެ ޒަމާންވީ ކަނޑިއްކާއި، ލިބާހާއި، ރުމާގެ ޒަމާން، ބަދަލުވީ މި ހިސާބުންނެވެ. 1942ން ފެށިގެންނެވެ. އައު ހެދުމެއް ފާސްވި ހިސާބުންނެވެ. އެހައިތަނުން ފެނިގެންދިޔަ ރީތީގެ މުބާރާތުގައިވެސް، ނަންބަރުހެދުން ބޭނުންކުރިތަނެވެ.

މިއަދު ދިވެހިރާއްޖޭގެ ފަރާތުން ބޭރު ގައުމުތަކަށް ކަނޑައަޅާ ސަފީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަންހެން ބޭފުޅުން، ބޭރު ދައުލަތް ތަކުގެ ވެރިންނަށް، ފަތްކޮޅު އަރުވަން ވަޑައިގަންނަވަނީވެސް، މިދެންނެވި ފާސްކުރި ހެދުމުގައެވެ.

އިނގިރޭސިވިލާތުގެ ސަފީރުކަމަށް ފަރަހަނާޒް ފައިސަލް އަދި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ތިލްމީޒާ ހުސެއިން އައްޔަނުކުރުމުގެ ތެރެއިން

ރާއްޖޭގެ ރައީސުންގެ އަނބިއަނބިކަނބަލުން، ރަސްމީ ކަންކަމުގައިވެސް، އަޅުއްވާ ހެދުމަކީވެސް، ފާސްކުރި ހެދުމެވެ. ރާއްޖޭގެ ފަސްޓުލޭޑީންކުރެ، ފާސްކުރި ހެދުމުގައި އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދެވި ކަނބަލުންގެ ތެރޭގައި، އަމީންދީދީގެ އަނބިކަނބަލުން ފާތުމަތު ސަޢީދާއި، ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި، ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާއަލީ އާއި، ރައީސް ވަޙީދުގެ އަނބިކަނބަލުން އިލްހާމް ޙުސައިން އާއި، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްދީދިއާއި، ރައީސް އިބްރާހިމް މުޙަންމަދު ސާލިޙުގެ އަނބިކަނބަލުން، ފަޒްނާ އަޙުމަދު ހިމެނިވަޑައި ގަންނަވައެވެ. ރައީސް ސޯލިޙު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި، ފަސްޓުލޭޑީ ފަޒްނާ އަޙުމަދު، އަޅުއްވައިގެން ހުންނެވި ފާސްކުރި ހެދުންކޮޅަކީ، ދިވެހީންގެ ގިނަ ބައެއްގެ ތާރީފު، އެކަމަނާއަށް އޮހިގެންދިޔަ، ޖަޒީރާވަންތަ ހެދުންކޮޅަކަށް ވެގެން ދިޔައެވެ.

ރައީސް ސޯލިޙު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން - ފަސްޓުލޭޑީ ފަޒްނާ އަޙުމަދު، އަޅުއްވައިގެން ހުންނެވި ފާސްކުރި ހެދުމަށް ގިނަ ބައެއްގެ ތާރީފު ލިބުނު

ފާސްކުރި ހެދުމަކީ، ރާއްޖޭގައި ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ ރަސްމީ ރިސެޕްޝަންފަދަ، އިޙުތިފާލު ތަކުގައި، ދިވެހި ކަނބަލުން، މިއަދުވެސް ބޭނުންކުރާ ރަސްމީ ހެދުމެވެ. މި ހެދުމަކީ، ނިސްބަތުން ރާއްޖޭގެ އަންހެނުންގެ މެދުގައި، މިއަދުވެސް އެންމެ ހިނގާ، އެންމެ މަގުބޫލު ހެދުމެވެ. އެ ހެދުމަކަށް 80 އަހަރު ފުރެންދާ ފާސްކުރި ހެދުމަކީ، ރަށްފުށުގެ ޢާންމު ޢިބާރާތުން ނަމަ، މަޝްހޫރު ދިގު ހެދުމެވެ. އެ، ގާނޫނެއް ފާސްވިތާ (78އ) މާޒީ ވެ ދާހިނދު، ފާސްކުރިހެދުން އަދިވެސް، ރާއްޖޭގައި ވިދަމުންދަނީ، އޭގެ އެންމެ ލަފަތުގައި ވިދާލި މަޤުބޫލު ކަމުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
90%
0%
10%
0%
0%
ކޮމެންޓް