Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހިންގެ ސިއްޙީ ޚިދުމަތުގެ މާޒީ

ދިވެހިންގެ ސިއްޙީ ޚިދުމަތުގެ މާޒީ: އެއީ ކޮންފަދަ ނާމާން ކަނޑެއްގައިވި، މަތިވެރި ޤުރުބާނީއެއް ހެއްޔެވެ!

ވާ ނޮޅި ފަހައިދިން، ދިވެއްސަށް، ރަޝިއާ ޑޮކްޓަރުން ދިނީ އައްސަރިބަހާ ސާބަސް

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 16 މާރިޗު 2020 | ހޯމަ 11:44
އިހުގެ މާލޭގެ މަންޒަރެއް

އިހުގެ މާލޭގެ މަންޒަރެއް

އެއީ ކަޅުފޮއި ރެއެކެވެ. މަންޒަރުން ފެންނާން އޮތީ، ރާއްޖޭގައި އޮތް އެންމެ ކުޑަ އަތޮޅު ހުރަސްވާ މާ ކަނޑެވެ. ދެ ފަޅުވެރި އަކާއެކު، އަތޮޅުވެރިއާ އާއި ޖަމާޢަތުގެ ސިއްޙީ އެހީތެރިއާ، ފަލި ޖަހަމުން އެދަނީ، ކުޑަވަރެއްގެ ދޯންޏެއްގައެވެ.

ފަހަރަކު ރަށަކަށް އަރައި، ރައްޔިތުންނަށް ކޮލެރާވެކްސިން ދެމުން ގޮސް، އިރު އެރިއިރު، ފެންނަމުންދަނީ، މި ކުޑަކުޑަ އަތޮޅަށް، ވެކްސިންދީ ނިންމަމުން އަންނަ މަންޒަރެވެ.

މި ބުނާ ވެކްސިން، ޖަމާޢަތުގެ ސިއްޙީ އެހީތެރިޔާ ހޯދީ، އަތޮޅުގައި އޭރު އޮތް ރިސޯޓުގައި ތިބި ޓޫރިސްޓުންނަށް، ވެކްސިން ދޭން ރިސޯޓުގެ ވެރިފަރާތުން ބޭނުންވެގެން، އެކަން ކުރެވެން އޮތް ގޮތަކީ ކޮބައިތޯ ބެލުމަށެވެ. ސިއްޙީ އެހީތެރިއާ އާއި ސުވާލު ވެވުނު ހިނދެވެ. އޭނާ ދިން ޚިޔާލަކީ، ސްރީލަންކާއިން، ވެކްސިން ލިބޭނެ ކަމަށާއި، އެ އޯޑަރުގައި، އަތޮޅަށް ފުދޭވަރު ކޮށްލައި ދިނުމެވެ.

މި ދަންނަވާރޭ، ކަނޑުމަތިން އެ ފެންނަ ކުޑަ އޮޑިއަކީ، ސިއްޙީ އެހީތެރިޔާ ރިސޯޓުގެ ފަތުރުވެރިންނަށް ވެކްސިން ދިނުމަށްފަހު، "ވެކްސިން ބޮކްސް" ގެ ފިނި ނުކެނޑެނީސް، އަތޮޅުގެ ރަށްރަށަށް ވެކްސިން ދީ ނިންމުމަށް ދަތުރުކުރަމުން ގެންދާ އޮޑިއެވެ. އިރު އަރަމުން ދާއިރު، އަތޮޅެއްގެ ރައްޔިތުން އެ ނޭވާލަނީ، ކޮލެރާއިން އަމާން ޖައްވަކަށެވެ.

މި ފެންނަނީ، ދިވެހި ތާރީޚުގެ ތެރެއަށް ގެއްލިފައިވާ، އަދި އެއްވެސް ފަތެއްގައި ލިޔެވިފައި ނުވާ، ކޮންފަދަ މަތިވެރި ގައުމީ ޚިދުމަތް ހެއްޔެވެ؟ އެކަން ދެނެހުރީ، ކާކު ހެއްޔެވެ؟

މިއީ ޤައުމީ ޚިދުމަތަކަށް ވީތީ، އޭގެ މެޑަލް، މި ޚިދުމަތަށް ނިކުތް އެކަކުވެސް ބޭނުމެއް ނުވިއެވެ. އެހެން ކަމުން މިވާހަކަ، ރާއްޖެއެމްވީގައި މިއަދު ލިއެވުމާ ހަމައަށް، އެވަނީ، މާޒީގެ ތެރޭގައި ނިދާފައި އޮތް ސިއްރެއްގެ ގޮތުގައެވެ.

އަނެއްކައިވެސް އަރި އަތޮޅެވެ. ފެންފުށިން ޖަމާޢަތުގެ ސިއްޙީ އެހީތެރިޔާއާއި ހަމައަށް ގެނައި މާބަނޑު މީހާގެ ދަރިފުޅު އޮތީ މަރުވެފައެވެ. އެ ޒަމާނަސް ބަލާއިރު، މި ފަދަ ޙާލަތުގައި ފެނިފައި އޮތީ މައިމިހާވެސް ފުރާނަ ދާތަނެވެ. ދެމައިން ވަޅަށް ތިރިކުރަމުންދިޔަ މަންޒަރު ތަކެވެ.

މިދެންނެވި މަންޒަރު ބަދަލުވެގެން އެދަނީ، ސިއްޙީ އެހީތެރިޔާގެ ހުޝިޔާރު ކަމުންނެވެ. ނެގެން އޮތް ގޮތަކަށް ބަނޑުގައި އޮތް ދަރިފުޅު ނަގައި، މައިމިހާގެ ފުރާނަ ސަލާމަތް ކުރިއެވެ. އެތާކު ތިއޭޓަރެއް ނެތެވެ. ސިޒޭރިއަން ހެދޭނެ ފަދައެއް ނެތެވެ.

ވިހެއުމުގެ ތެރޭގައި މަސްތުރަ ނުވެގެންނާއި، ލޭ މަނާނުވެގެން މަރުވަމުންދިޔަ މައިންގެ އަދަދު މަދުކުރުމުގައި، "މެނުއަލް" ކޮށް، ސިއްޙީ އެހީތެރިން ކޮށްދިން ޚިދުމަތުން، ފުރާނަ ސަލާމަތްވީ އެތައް މަންމައަކާއި ކުދިންނެވެ.

ދެން، ފެންނާން އޮތީވެސް ތަފާތު މަންޒަރެކެވެ. ރަށަކީ ބޯފެން ނަގާ ވަޅެއްހުރި ރަށެއް ނޫނެވެ. ފެން ބޮއިއުޅެނީ ރަށުތެރޭގައި ކުދިކުދި ވަޅުތައް ކޮނެގެންނެވެ. ޙާލަތުގެ ގޮތުން ބޯފެން ކްލޮރީން ކުރަން މަޖުބޫރެވެ. އެހެންކަމުން ރަށުގައި އެފަދަ ވަޅެއް ބަހައްޓަން ފުރަތަމަ އުދެލީގައި އެ ހިފަނީ އަތޮޅުވެރިންނެވެ. ދެން ޖަމާއަތުގެ ސިއްޙީ އެހީތެރިއާއެވެ. އިރުކޮޅަކުން ރައްޔިތުންނެވެ.

ރޭގެ ފަތިސްދަންމަތި ވެގެންދާއިރު، އެ ފެންނަނީ ބެހެއްޓި ވަޅަށް ފެން އެރުމުން، ވަޅަށް ކްލޮރީން އަޅަން ދަސްކޮށްދީ، އެވަޅުން ނޫނީ ރައްޔިތުން ފެން ނުބޯން ދެމުންދިޔަ އިރުޝާދެވެ. ކިޔަމަންކަމާއެކު، އެ އަޑު އަހާން ތިބީ، ފަރުދީ ޒިންމާ އުފުލައިގެން، ދުޅަހެޔޮ ދުވަހަކަށް އިރު އަރާތަން ދެކެން ތިބި ރައްޔިތުންނެވެ.

އަނެއްކައިވެސް، ރާއްޖޭގެ އުތުރު ރަށެއްގެ އަތިރިމަތީގެ މަންޒަރެކެވެ. ވަގުތަކީ މަޝްހޫރު ކާޑުބަލީގެ އަލާމަތްތައް، މުޅި ރާއްޖޭން ފެންނަމުންދިޔަ ދުވަސްވަރެވެ. އިރަށް ދޮންވަމުން ދިޔައިރު، ޖަމާއަތުގެ ސިއްޙީ އެހީތެރިއާ، ޙަރަކާތްތެރިވާތީ ފެންނަނީ، އަތިރިމައްޗަށް ބޮޑުކަމުދާ ކުދިންގެ ނަޖިހުން، ފެންނާންހުރި ފަނީގެ އަލާމާތްތައް ބެލުމުގައި އުޅޭތަނެވެ. މިއީ، ބައެއް ފަނީގެ ބަރުދަން 300 ގްރާމް ވާހައި ބޮޑެތި ފަނިތަކެވެ.

ކާޑުބަލީގެ ކުދިން ސިފަކުރެވޭނީ، އާދަޔާޚިލާފަށް ބަނޑު ސިނގުވެފައި ތިބޭ ކުދިންތަކެއްގެ ގޮތުގައެވެ. އެކުދީންގެ ހަށިގަނޑު އެހާމެ ނިކަމެއްޗެވެ. އެހެން ކަމުން މިދެންނެވި ތަޙުލީލު ތަކަށްފަހު، އެކުދީންނަށް ފަނިބޭސް ދިނުންފަދަ ތަފާތު ފަރުވާއާއިގެން އެނާ މަސްއޫލު ވިއެވެ.

ރައްޔިތުންގެ ހޭލުންތެރިކަމެއް، އުފައްދަން ފަތްޕިލާވެއްޔާއި ތަރުކާރީއާއި މޭވާގެ ބާވަތްތައް، ކެއުމުގައި ހިމަނަން، ރައްޔިތުނަށް މަޢުލޫމާތު ދިނުމުގެ ސިލްސިލާތައް ފެށިއެވެ. ދުވަސް ވަރަކީ، ފަޅޮލެއް ދޮންވެ، ގަހުގައި އިނދެ ކާޅު ކާއިރުވެސް، ފަޅޯފަދަ ބާވަތްތައް ކާން، ޢާންމުން އެހާ ޝައުގުވެރި ދުވަސްވަރެއް ނޫނެވެ. ސާފުތާހިރުކަމަށް ހޭލުންތެރިކަން ގެންނަން އޮތް ގޮންޖެހުން ވަކީން ބޮޑެވެ.

ކޮންމެ އަކަސް، މި މަންޒަރު ނިމެނީ، 13 އަހަރުގެ ޚިދުމަތަށްފަހު، އޭނާ ހަޔާތުގެ އެހެން ކަމަކަށް، އެނބުރިލުމާ ހަމައިންނެވެ. އޭރު ފެންނާން އޮތީ، ކާޑުބަލި ކޮންޓްރޯލު ކުރެވިފައިވާ މުޖުތަމަޢެކެވެ. ރަނގަޅު ކާނާގެ ހޭލުންތެރިކަން ލިބިފައިވި ރައްޔިތެކެވެ. ދުޅަހެޔޮ ކުދިން ތަކެކެވެ.

މި މަންޒަރުން މި ބުނެދެނީ، ސިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި ހެލްތުވޯކަރުންގެ މަތިވެރި ގުރުބާނީނޫން ކޮން އެއްޗެއް ހެއްޔެވެ؟ އަދި އިރުޝާދު އަހައި އެއަށް ޢަމަލުކުރި މުޖުތަމައަކުން ދައްކާލި ދުޅަހެޔޮ ކަމުން ފެންނާން އެ އޮތީ، ރައްޔިތުންގެ އެއްބައިވަންތަ ކަން ނޫން ދެން ކޮން މަންޒަރެއް ހެއްޔެވެ؟

އަނެއްކައިވެސް، އެހެން ރަށެކެވެ. މަންޒަރުގައި މަރަށް ތެޅެމުންދަނީ، އަމިއްލައަށް މަރުވާން ކަރުގާ ވަޅި އެޅި ޒުވާނެކެވެ. ހޮސްޕިޓަލެއް، ތިއޭޓަރެއް ނެތެވެ. ވާނޮޅީގެ ބޮޑުބައި އެވަނީ ބުރިވެފައެވެ. މާލެއާ ހަމައަށް ފޮނުވާނެ އިންޖީނުލީ އޮޑިއެއްވެސް ނެތެވެ.

އެހެންކަމުން އެއީ ރިސްކު ނަގަން ޖެހުނު ވަގުތެވެ. ސިއްޙީ އެހީތެރިއާ ފެމިލީ ހެލްތުވޯކަރުގެ އެހީތެރިކަމާއެކު، ވާނޮޅި ފަހަންފެށިއެވެ. އެއަށްފަހު، މަސްގަނޑު ފެއްސެވެ. ދެން އޭނާ، ފެމިލީ ހެލްތުވޯކަރާއެކު، މާލެއަށް ފުރުވާލިއެވެ. ގަވަރުމެންޓު ހޮސްޕިޓަލުގައި ތިއްބެވި، ރަޝިއާގެ އޮޕަރޭޝަން ޑޮކްޓަރުންނާ ހަމައަށެވެ.

މާލެއަށް ދިޔަ ދޯނިން އޭނާ އާއިއެކު، ރަށަށް އައި ފެމެލީ ހެލްތުވޯކަރު ގެނެސްދިނީ، ރަޝިއާ ޑޮކްޓަރުން ދެއްވި ރިޕޯޓެވެ. އޭގައި ބުނެފައިވަނީ، ހެލްތުވޯކަރު ކުރެއްވި އޮޕަރޭޝަން ނޫން، އެހެން ކަމެއް ނުކުރަމެވެ. ހެލްތުވޯކަރު ކުރެއްވި މަސައްކަތަށް، ޝުކުރާ، ތަޢުރިފާ، އައްސަރި ބަހެވެ.

ދަންނަވައި ދެވޭތޯ މިބަލަނީ، 1969ން ފެށިގެން 90ގެ އަހަރުތަކާ ހަމައަށް އަންނަންދެން، ރައްޔިތުންގެ ދުޅަހެޔޮކަމަށް، ސިއްޙީ ދާއިރާގެ ޚިދުމަތްތެރިން އުފުލި މަތިވެރި ޤުރުބާނީ ތަކުގެ ހެކިތަކެވެ. އޭރު ސިއްޙީ މަރުކަޒުގާ އިތުރު މީހުންނެއް، ޒަމާނީ ވަސީލަތްތަކެއް ނުހުރެއެވެ.

އިންޖެކްޝަން ޖަހަން ގެންގުޅޭ ކަށި ކޮންމެ ފަހަރަކުމެ، ކައްކައިގެން ނޫނީ ސްޓްރެލައިޒް ކުރެވޭކަށް ނެތެވެ. އެ ކަށި ކޮށިވުމުން އައު ކައްޓެއް ލިބޭކަށް ނުހުރެއެވެ. ދެން ޖެހެނީ ހިލައިގާ ކަށި ގާނައިގެން ތޫނު ކުރާށެވެ. މިފަދަ ބައެއް ކަށިތައް ގާނަން ޖެހުނު ވަރުން، މަސްގަނޑަށް، އިންޖެކްޝަން ނުޖެހޭވަރަށް، ކަށި ކުރުވެގެންވެސް ދިޔައެވެ.

އަހަރެމެންގެ މިއަދުގެ ޖީލާ ހަމައަށް، ދިވެހިރާއްޖެ ގެނެސްދިނީ، އެކަކު އަތުން އަނެކާގެ އަތަށް، އުފުލެމުންދިޔަ ޤުރުބާނީގެ ދަންމަރެއް ފަދައިންނެވެ. އަތްއަތް މަތިން އުފުލައިދިން އަމާނާތެއްގެ ގޮތުގައެވެ. އޭގެ ފަހަތުގައި ވަނީ ކޮންފަދަ ގުރުބާނީ ތަކެއްކަން، ހާމަވަމުން މިދަނީ، ފަސްއެނބުރި، މާޒީއަށް ލޯދީ ބަލައިލުމުންނެވެ.

މިދެންނެވި އަމާނާތް އުފުލައިދިން، ކޮންމެ ޖީލެއްގެ ދަރިންނާއިވެސް، ގޮންޖެހުންތައް ކުރިމަތިވިއެވެ. ބައެއް ފަހަރު ބަލިމަޑުކަމެވެ. އަނެއްބައި ފަހަރު ހަނގުރާމަ ތަކާއެވެ.

ކޮންމެއަކަސް، ދިވެހިރާއްޖެ ދުއް، ކޮންމެ ބަލިމަޑުކަމެއްގެ އިސް ސަފުގާ ތިބި، ސިއްޙީ ޚިދުމަތްތެރިން އެކި ޒަމާންތަކުގާ ވެދިން ޤުރުބާނީ ތަކުގެ ސިއްރަކީ، މިއަދުގެ ދުޅަ ހެޔޮ ޖީލެވެ. އެ ޖީލެއް އުފަންވި ޖީލުން ނައްތާލަދިން، ރޯނާވުމާއި، ދޮންފޫޑު ބައްޔާއި ކާޑު ބައްޔެވެ. ހޯ ގޮވާ ކެއްސުމާއި، ހިމަބިއްސާއި، ލެޕްރަސީއާ، ފައިލޭރިއާއެވެ. ޓައިފޮއިޑާއި ޓީބީއެވެ.

ޑަބްލިއު އެޗް އޯގެ ތައުރީފު، ދިވެހިރާއްޖެއަށް އޮހިގަތީ، މި ޖަޒީރާގެ ރައްޔިތުންގެ ވެކްސިން ކަވަރޭޖުގެ ފަޚުރުވެރި ކާމިޔާބީއަށެވެ. ކުރިމަތިވި އިންފުލުއެންޒާއާއި، ކޮލެރާއާއި، ޝިގެއްލާ ފަދަ، ބަލިތަކުން އަރައިގަތްލެއް ހުޝިޔާރު ކަމަށެވެ.

މިއަދަކީ، ކޮވިޑް19 ގެ ނުރައްކާތެރި ވައިރަހާ، ދިވެހި ސިއްޚީ ޚިދުމަތްތެރިން ކުރިމަތިލާން ޖެހިފައިވި ދުވަހެވެ. ދައްކައިދެމުން އެދަނީ، އިއްޔެގެ މާޒީންވެސް ވިދުވާލަދިން، ތާރީޚީ ފަޚުރުވެރި ހިތްވަރެވެ. ކެރުމެވެ. ޢަޒުމެވެ.

އެހެންކަމުން ރާއްޖެ ދުއް، ސިއްޚީ ޚިދުމަތްތެރިންގެ ޚިދުމަތް، އަނެއްކާވެސް، ދިވެހި ތާރީޚު އުފުލާނީ ޝުކުރުގެ އަތްދަނޑިމަތީގައެވެ! " އަހަރެން ގައުމަށް ކޮށްދޭނީ ކޮން ޚިދުމަތެއްތޯ؟ އަހައި، ޚިދުމަތުގެ ކަމަރު ބަނދެލި ދަރިންތަކެއްގެ ގޮތުގައެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

25 ސެޕްޓެމްބަރު 2018
ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!

ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!

04 ސެޕްޓެމްބަރު 2018
އެއީ އަދީބުގެ ވެސް ބްރިޖެއް ނޫން!

އެއީ އަދީބުގެ ވެސް ބްރިޖެއް ނޫން!

30 އޯގަސްޓު 2018
ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017
 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު