Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެކްސްޕޯޓުގެ އަގު ރާއްޖެއިން ކޮންޓްރޯލުކުރި ޒަމާން

ދިވެހިރާއްޖެ، ދެކުނު އޭޝިއާގެ އެކްސްޕޯޓުގެ އަގު ކޮންޓްރޯލުކުރި ޒަމާން، 17ވަނަ ޤަރުނުގެ މާޒީގެ ތެރޭގައި!

އެމެރިކާއަށް ވިއްކަން ޑަޗު މީހުން، އަޅުން ގަންނަން ފައިސާގެ ގޮތުގައި ބޭނުންކުރާ ބޮލި ގަންނަނީ ދިވެހިރާއްޖެއިން

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2020 | ހޯމަ 11:47
އިހުގެ މާލޭގެ މަންޒަރެއް - ދިވެހިރާއްޖެއަކީ، 17 ވަނަ ގަރުނުގައި ދެކުނު އޭޝިއާގެ އެކްސްޕޯޓުކުރާ މުދަލުގެ އަގު ކޮންޓްރޯލުކުރި ފައިސާގެ މަރުކަޒީ ބެންކޭ ބުނެވިދާނެ

އިހުގެ މާލޭގެ މަންޒަރެއް - ދިވެހިރާއްޖެއަކީ، 17 ވަނަ ގަރުނުގައި ދެކުނު އޭޝިއާގެ އެކްސްޕޯޓުކުރާ މުދަލުގެ އަގު ކޮންޓްރޯލުކުރި ފައިސާގެ މަރުކަޒީ ބެންކޭ ބުނެވިދާނެ

މިއަދު ދިވެހިރާއްޖޭގެ ބޭރުގެ ދަރަންޏަކީ، ޖީޑީޕީގެ ބޮޑު އިންސައްތަ އެކެވެ. އެއީ ގާތްގަނޑަކަށް 70 އިންސައްތައަށް ވުރެންވެސް މަތީ މިންވަރެކެވެ. މިއަދު ރާއްޖޭގެ މައިގަނޑު އިގްތިސާދު ބިނާވެފައި އޮތީވެސް، އެކްސްޕޯޓަކަށް ނޫނެވެ. ފަތުރުވެރި ކަމަށެވެ. ބޭރުން ލިބެން އޮތް ތަނަވަސް ކަމެއްގެ މައްޗަށެވެ. އެކަމަށް އަންނަ ކޮންމެ ހީނަރު ކަމެއްގެ ހިތިރަހަ، ކޮންމެ ދިވެއްސެއްގެ އަރުތެރޭގައި ލައެވެ. ހިތި ބޭހެއް ބޯލާފަދައިން، މި ޙަގީގަތް މިއަދު އޮތީ، ހިތާ ދެކޮޅަށްވެސް ޤަބޫލުކުރަން ޖެހިފައެވެ. އެހެން ނަމަވެސް އެއީ މިއަދުގެ ޙަގީގަތެވެ. ދިވެހީންގެ މާޒީގެ ޙަގީގަތެއް ނޫނެވެ. މާޒީގައި ދިވެހީން އުޅުނު "އުސްއަކުޒަމާން" (އެންމެ ތަނަވަސް ޒަމާން) ދިވެހީންނާއި އަލްވަދާޢުކީ، ކީއްވެ؟ ކޮން ސަބަބުތަކަކާއި ލައިގެން ހެއްޔެވެ؟ މިއީ މި ރިޕޯޓު ހުޅުވާލަދޭ މައިގަނޑު ސުވާލެވެ. އެހެން ކަމުން އޭގެ ޖަވާބަކީ ކޮބައިކަން ބަލައިލަމާ ހެއްޔެވެ؟

އެމެރިކާ ޑޮލަރާއި ޔޫރޯ މިއަދު، ދުނިޔޭގެ އިގްތިސާދާ ވިޔަފާރީގައި އަދާދާކުރަމުން ގެންދާ ދައުރު، 17 ވަނަ ޤަރުނުގައި، އޭޝިއާ ބައްރުގައި އަދާކުރި ކަރަންސީއަކީ، ނުވަތަ ފައިސާއަކީ، ދިވެހި ފައިސާއޭ، ދަންނަވައިފިނަމަ، ކިއުންތެރިޔާ ޙައިރާނެއް ނުވާނަން ހެއްޔެވެ؟ ސުވާލެއް ނުއުފައްދާނަން ހެއްޔެވެ؟ އެހެން ކަމުން މި ދެންނެވި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރި ލިއުންތެރިންނާއި، ބިދޭސީ މާލިމީން، އެމީހުންގެ ފޮތްތަކާއި ޑައިރީތަކުގައި، މިކަމަށް ދައްކައިދީފައިވާ ހެކިތަކަށް ބަލައިލަމާ ހެއްޔެވެ؟. ކިއުންތެރިޔާގެ ޙައިރާން ކުރަނިވި، ސުވާލަށް، ތަސައްލީއެއް ލިބޭފަދަ ޖަވާބެއް ލިބޭތޯއެވެ!

"އެޒަމާނުގައި ދުނިޔޭގެ ފައިސާއަކީ، ދިވެހީންގެ ބޮލި" މިލާދީން 1248ގެ ދުވަސްވަރު، ރާއްޖެއަށް ވަޑައިގެން އުޅުއްވި، އިބްނު ބަތޫތާ، އޭނާގެ ސަފަރު ނާމާގައި، ލިޔުއްވާފައިވެއެވެ.

ހަމަ އެހެންމެ، މީލާދީން 6 ވަނަ ގަރުނުގައި ދުނިޔޭގައި އުޅުއްވި، ނިޔަމި ކަމަށް މަޝްހޫރު ބޭކަލެއް ކަމުގައިވި، "ކޮސްމަސް އިންޑިކޯ" ގެ ލިޔުމެއްގައި، ރާއްޖޭގަ ވާހަކަ ލިޔުއްވާފައި އޮވެއެވެ. އޭނާއަކީ، އެ ޒަމާނުގައި އިންޑިއާ ކަނޑުގަ ދަތުރުކޮށް އުޅުއްވި ބޭކަލެކެވެ. އޭނާގެ ނިޔަމިކަމާބެހޭ ފޮތުގައި، ރާއްޖޭގެ ޕޮޒިޝަންވެސް ކިޔައިދިފައި އޮވެއެވެ. އޭނާ ލިޔުއްވި ވާހަކަ ތަކުގެ ތެރެއިން، އެންމެ ޚާއްސަ އެއް ވާހަކަ އަކީ، އެ ޒަމާނުގައި ދިވެހިރާއްޖެއަކީ، ބޮއްޔާ މާވަހަރުގެ މާކެޓެއް ކަމަށް ލިޔުއްވާފައި އޮތް އޮތުމެވެ. އެހެން ކަމުން މީލާދީން، 6 ވަނަ ޤަރުނުގެ ތެރޭގައިވެސް، ރާއްޖޭގެ ބޮއްޔަކީ، އެކްސްޕޯޓުގެ ބޮޑު ދައުރެއް އަދާކުރަމުން ގެންދިޔަ އެއްޗެއްކަން އެނގެއެވެ. އަދި އެ ބޮލި ގަންނަ މީހުން، އޭގެ ބޭނުންކޮށް އުޅެނީ ބައިނަލް އަގުވާމީ ފައިސާއެއްގެ ގޮތުގައި ކަންވެސް އެނގެއެވެ. މީގެ ހެކި ލިބޭން އޮތް އެއް ސަރަޙައްދަކީ، ޗައިނާގެ މެދުތެރޭގެ ސަރަހައްދުގައި ފައިސާގެ ގޮތުގައި ބޮލި ބޭނުންކޮށް އުޅުނުކަން ޗައިނާގެ ތާރީޚުން އޮޅުން ފިލާން އޮތް އޮތުމާއި، އެމީހުން، ބޮލި ގަންނަ ތަނަކީ، ރާއްޖެކަންވެސް އެގެން އޮތް އޮތުމެވެ.

ދިވެހިރާއްޖޭގެ މާޒީގެ ޒަމާންތައް، މެޑިޓަރޭނިއަން ސަރަޙައްދުގެ ލިއުންތެރިންނާއި، ފާރިސީ ލިޔުންތެރިންނާއި ޢަރަބި ދަތުރުވެރިންގެ ޤަލަމުން، ގެންނަވާފައި އެބަ އޮތެވެ. މިދެންނެވި ލިއުންތެރިން، އެއް ކަމަކަށް އިއްތިފާޤުވާ އެކައްޗަކީ، ދިވެހީންގެ ބޮލީގެ ވިޔަފާރިއެވެ. އެ ވިޔަފާރިން ދިވެހީންނަށް ލިބޭ ނަފާއެވެ. މިވާހަކަ ފާރިސީ ލިޔުންތެރިއެއް ކަމުގައިވި، ސުލައިމާނީވެސް، (ފާރީސީ ބަހުން) ރާއްޖެއާބެހޭ ގޮތުން ލިޔުއްވާފައި ވެއެވެ. އޭނާ ސިފަކުރެއްވި ކަމަށް، ދިވެހި ބަހުގެ އެކަޑަމީން ޝާއިޢު ކޮށްފައިވި "ތަރިކަ13" ގައި، ސުލައިމާނީއާއި ޙަވާލާދީ ބުނެފައިވާ ބުނުން، ތިރީގައި ނަކަލު ކޮށްފައި އެވަނީއެވެ.

ސުލައިމާނީ، އެ ކިޔައިދޭ ޤައުމު "ދީބާޖާތު"އަކީ، އެޒަމާނުގެ ލިއުންތެރިން ދިވެހިރާއްޖެއަށް، ކިޔައިއުޅޭ ނަމެވެ. ޖޯގްރަފީގެ މާހިރުން، ދީބާޖާތުގެ ގޮތުގައި، ދުނިޔޭގެ ޗާޓުން ދައްކައިދީފައި އޮންނަ ގައުމެވެ. އެހެން ކަމުން، އެ ދީބާޖާތުގައި، ބޮލީގެ ވިޔަފާރީގެ ކާރޫބާރު ހިނގަމުން ދިޔަ ގޮތަށާއި، ބޮލި ދުނިޔޭގެ ފައިސާގެ ގޮތުގައި ބޭނުންކުރެވޭ ގޮތުގެ ތަފްސީލެއް، ކިއުންތެރިޔާއަށް ހުށަހަޅައި ދިނުމަކީ، މިތާނގައި މުހިންމު ކަމެއްކަމުގައި ދެކެމެވެ.

މިދެންނެވި މަންޒަރު ސިފަވާ އެއް ވާހަކަ ފެންނާން އޮތީ، އިބްނުބަތޫތާ 1248 މީލާދީގައި، ރާއްޖެއަށް ވަޑައިގެން، ލިޔުއްވާފައި އޮތް ލިޔުމެކެވެ. އޭނާގެ ނަޒަރުގައި، އެޒަމާނުގައި ދުނިޔޭގެ ފައިސާއަކީ ދިވެހި ބޮއްޔެވެ. ބޮލީގެ އެކްސްޗޭންޖު ރޭޓު ކަމަށް ލިޔުއްވާފައި އޮތީ، 100 ބޮއްޔަކީ 1 "ސިޔަ" އެވެ. 700 ބޮއްޔަކީ – 1 "ޕަލް" އެވެ. 12000 ބޮއްޔަކީ – 1 "ބުސްތޫ" އެވެ. އެއީ 1 "ރަންދީނާރު" އެވެ. އޭރު، އެފްރިކާގައި 1150 ބޮއްޔަށް 1 ދިނާރު ރަން ލިބެއެވެ.

ދެން މި ބަލައިލަނީ، އިންޓަރނޭޝަނަލް ކަރަންސީއެއްގެ ގޮތުގައި ބޭނުންކުރި މިދަންނަވާ ބޮލި، ރާއްޖެއިން އެކްސްޕޯޓުކޮށް އުޅުނު މިންވަރަށެވެ. މީލާދީން 1683 ގައި، "ޗާލްސް" ނަމަކަށް ކިއުނު ނަވެއް، ބޮލިގަންނަން ރާއްޖެއަށް އައި ވާހަކަ، ތާރީޚުން ހެކި ލިބެން އޮވެއެވެ. މި ދަންނަވާ ނައު، ބޮލިގަންނަން އައި އިރުވެސް، މާލޭގެ ބަނދަރުގައި، ބޮލި ގަންނަން 10 ނައު އޮތް ކަމަށް ވެއެވެ. ޗާލްސް ނަވުން، އެފަހަރު ރާއްޖެއިން 6 ހާސް ޕޭސޯ (ސްޕޭން ފައިސާ) ދީފައި ، 5000 ކޮއްޓޭ ބޮލި ގަތް ކަމަށް ވެއެވެ. އެމީހުން ދުއްކަމަށް ބުނާ ގޮތުންނަމަ، ރަސްގެފާނުގެ ޚަޒާނާގައި އޭރުން ހުރި ބޮލިވަޅުތަކުގެ ތެރެއިން ބޮލިވަޅެއްގައި، 100 ކޮއްޓޭ ބޮލި ހުރެއެވެ!

މިދެންނެވި މަންޒަރު، ކިއުންތެރިޔާގެ ހިތްޕުޅަށް ގެންނަވާށެވެ. ސްޕެއިން ފައިސާގެ 6 ހާސް ޕޭސޯ، ރާއްޖެއަށް އެ ލިބުނީ އެންމެ 5 ހާސް ކޮއްޓޭ ބޮއްޔަށެވެ. އޭރު ހުންނަ ބޮލިވަޅު ތަކުގެ ތެރެއިން ވަޅެއްގައި 100 ކޮއްޓޭ ބޮލި ހުންނަ ކަމަށް ބުނެފައި އޮތް އިރު، އެންމެ ބޮލި ވަޅަކީވެސް ލިބޭނެ އާމްދަނީ ކިހާ ބޮޑު ހެއްޔެވެ؟

މި ދަންނަވާ މުއްސަނދި، ދިވެހިރާއްޖޭގެ ވާހަކަ، 17 ވަނަ ގަރުނުގައި، ލިޔުއްވި އަނެއް ބޭފުޅަކީ، ޕިރާޑެވެ. އޭނާއަކީވެސް، އިބްނު ބަތޫތާ ފަދައިން، ރާއްޖެއަށް ވަޑައިގެން އުޅުއްވި ބޭފުޅެކެވެ. މާލޭގައިވެސް ހުންނެވި ބޭފުޅެކެވެ. ދިވެހި ރަސްކަން ހިނގަމުން ދިޔަ ގޮތާއި، އޭރުގެ ފުދުންތެރި ދިވެހިރާއްޖެ، އޭނާގެ ލޯފުޅުން ދެކެވަޑައިގަތެވެ. ޕިރާޑު ސިފަކުރެއްވި ދުވަސްވަރަކީ، ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރެވެ. އެއީ މީލާދީން 1602ން 1609ގެ ދުވަސްވަރެވެ. އޭނާ ލިޔުއްވާގައި އޮންނަ ގޮތުގައި، އޭރު ރާއްޖެއިން އަހަރެއްގެ މައްޗަށް ސާޅީހަކަށް ނައުގެ ބޮލި، އެކްސްޕޯޓު ކުރަމުން ގެންދިޔައެވެ.

ހަމައެކަނި އެންމެ ނަވަކުން، ސްޕޭން ފައިސާގެ 6 ހާސް ޕޭސޯ ދިފައި 5 ހާސް ކޮއްޓޭގެ ބޮލި ގަތްކަމަށް ފެންނާން އޮތް އިރު، އަހަރެއްގެ މައްޗަށް ސާޅީހަކަށް ނައު، ބޮލިން ބަރުކޮށްގެން ފުރާއިރު، ރާއްޖެއަށް ލިބޭނެ ފައިސާގެ މިންވަރު، ހިތްމައްޗަށް ގެންނާކަށް ދައްޗެއް ނޫނެވެ. ގައުމުގެ މުއްސަނދި ކަމުގެ ބޮޑުބަޔަކީ، ބޮއްޔަށް ވެފައި އޮތްނަމަވެސް، އޭރުވެސް ރާއްޖޭގެ އެކްސްޕޯޓުގައި، އެހެން ބާވަތްތައްވެސް ހިމެނެއެވެ. ކާއްޓާއި، ރާއްޖޭގައި ވިޔެފައި ހުންނަ ފޮއްޗާއި، ހިކި ކަނޑުމަހާއި، ދިޔާހަކުރާއި، ރޯނަކީވެސް، އޭރު ރާއްޖެއިން، އެކްސްޕޯޓުކުރާ ބާވަތްތަކެވެ. އެހެންކަމުން، ކިޔުންތެރިޔާއަށް، ސިފަކޮށްދެމުން މިގެންދާ، އޭރުގެ މުއްސަނދި ދިވެހިރާއްޖޭގެ ރައްޔިތުންނަކީވެސް، ތަނަވަހުގައި އުޅުނު ބައެއްކަމުގައި ދަންނަވަން ޖެހެއެވެ.

17 ވަނަ ގަރުނުގެ ތެރޭގައި ފެންނާން އޮތް، ދިވެހިރާއްޖޭގެ "އުސްއަކުރުޒަމާން" ހިނގަމުން ދިޔައިރު، ޕޯޗުގީޒުންގެ ބާރު، މި ސަރަޙައްދުން ފަނޑުވެ، ޑަޗްމީހުންގެ ބާރުގެ ދަށަށް ސްރީލަންކާ، ބަންގްލަދޭޝް، އަދި އެފްރިކާ ބައްރު އޮތީ ގެނެސްފައެވެ. ޑަޗް މީހުންނަކީ، ރާއްޖޭގެ ބޮލީގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިންނެވެ. އެމީހުން، އެފްރިކާއިން އަޅުން ގަނެގެން، އެމެރިކާއަށް ވިއްކަމުން ގެންދިޔައިރު، ފައިސާގެ ގޮތުގައި އެފްރިކާއަށް ދީ އުޅުނީވެސް ބޮއްޔެވެ. އިންޓަރނޭޝަނަލް ކަރަންސީ އަކަށް، ބޮލި ވެފައި ނެތްނަމަ، އެފްރިކާއިން 100 ރާތާ ބޮއްޔަށް، އަޅެއް ގަންނާނީ ކިހިނަކުންތޯއެވެ؟

ދިވެހިރާއްޖެއިން ބޮލި ވިއްކައިގެން ހޯދި ނަފާ ގެއްލެންފެށީ، އިނގިރޭސިންގެ ބާރު، އެފްރިކާއަށާއި ލަންކާއަށާއި އިންޑިއާއަށް ގަދަވެ، ދިވެހީންގެ "ބިޒިނަސް ޕާޓްނަރ" ޑަޗު މީހުން، މިސަރަޙައްދު ދޫކޮށް، ދާން ޖެހުމުންނެވެ. އެއީ 18 ވަނަ ގަރުނުގެ ތެރޭގައެވެ. ބޮއްޔަށް ހީނަރުކަން އަންނަން ފެށީ، އިނގިރޭސިން އެފްރިކާއަށް ވެރިވުމާއެކު، އިންސާނުން ގަނެވިއްކުމުގެ ވަގުފާރި ހުއްޓާލަން ޑަޗް މީހުންނަށް މަޖުބޫރުވީމައެވެ. ހަމަ އެއާއެކު، މި ސަރަޙައްދުން ޑަޗް މީހުންގެ ބާރު ކެނޑި، ބަންގްލާދޭޝުންވެސް، އެމީހުން ފައިބަން ޖެހުމުންނެވެ. އެހާތަނާ ޖެހެންދެން، ބަންގްލަދޭޝްގެ ރަސްރަސްކަލުންގެ ޚަޒާނާއަކަށް ވެފައި އޮތީވެސް، ރާއްޖެއިން ގަނެގެން ގެންދާ ބޮއްޔެވެ. "ތަރިކަ 13- ދިވެހި ވިޔަފާރި" މި ފޮތުގައި، ބުނެފައިވާ ގޮތުންނަމަ، އެއީ އެންމެ ގިނައިން އޭރު، ރާއްޖެއިން ބޮލިގަތް ގައުމެވެ.

ކޮންމެ އަކަސް 18 ވަނަ ޤަރުނާއި ހަމައަށް އައިރު، މި ސަރަޙައްދުގެ ޤައުމު ތަކުން، މުދާ އެކްސްޕޯޓު ކުރި ފަރާތްތަކުގެ ޢާންމު ފައިސާއަކީ، ބޮއްޔަށް ވެފައި އޮތުމުން، ރާއްޖެއިން ބޮލި ގަންނަން އޭރަކު ލިބެން އޮތް އަގަކާއި، މުދާ ގަންނަން ލިބޭ މިންވަރާއި އޮތީ ވަރަށް ބޮޑަށް ގުޅިފައެވެ. މިއަދުވެސް ޑޮލަރު މަދުވުމުން ބްލެކްމާރކެޓުގައި ޑޮލަރުގެ އަގު ބޮޑުވާ ގޮތަށް، އަދި އޭގެ ސަބަބުން މުދަލުގެ އަގު މައްޗަށްދާ ބީދައިން، ބޮލި ރާއްޖެއިން ލިބުން މަދުވެއްޖެނަމަ، ނުވަތަ ބޮލި ރާއްޖެއިން ގަންނަން ލިބޭ އަގު ބޮޑުވެއްޖެނަމަ، މި ސަރަހައްދުގެ ވިޔަފާރިއަށް އޭގެ އަސަރު ކުރެއެވެ.

އެހެންކަމުން ދިވެހިރާއްޖެއަކީ، އެ ޒަމާނުގައި ދެކުނު އޭޝިއާގެ އެކްސްޕޯޓުކުރާ މުދަލުގެ އަގު ކޮންޓްރޯލުކުރި "ކަރަންސީ" ނުވަތަ ފައިސާގެ މަރުކަޒީ ބެންކޭ ދެންނެވި ދާނެއެވެ. ނަމަވެސް އެ ފަޚުރުވެރި، އަދި ސަރަޙައްދީ ވިޔަފާރީގެ މައްޗަށް އޮތް ނުފޫޒުގަދަ ޒަމާން، 18ވަނަ ޤަރުނާއި ހަމައިން، ދިވެހީންގެ އަތުން އެވަނީ ބީވެފައެވެ. މިއަދު މިއީ، އާޖެންޓީނާއަށް ދެފަހަރަކު ވޯލްޑުކަޕް ލިބިފައިވި، ވާހަކަ، ފަޚުރެއްގެ ގޮތުގައި އެމީހުންގެ ފުޓުބޯޅައިގެ މާޒީގެ ތާރީޚުގައި ލިޔެފައިވާ ފަދައިން، ދިވެހިރާއްޖޭގެ މާޒީގެ ތާރީޚުގައި ލިޔެފައިވި ފަޚުރެކެވެ. ތާރީޚީ މުއައްރިޚުން މުއްސަނދި"ދީބާޖާތު"ގެ ގޮތުގައި،އެޒަމާނުގައި ސިފަކުރި ދިވެހިރާއްޖެ، މިއަދު ފެންނާން މި އޮތީ، ވިޔަފާރިއާއި އިގްތިސޯދު ބޭރަށް ބަރޯސާވެ، ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވެ، އަދި އެބަ އެއްގެ އެކްސްޕޯޓު، ވަރަ ބިނދިފައި އިން ދޫންޏެއް ފަދައިން، ފެންނާން އޮތް، މިއަދުގެ ދިވެހިރާއްޖެއެވެ.

އެހެން ނަމަވެސް ދިއްލިފައިވި އުންމީދީ ހުޅު ކޮޅަކީ، އިއްޔެ ފަދައިން، މިއަދުވެސް ޕްރައިވެޓް ސެކްޓަރުން ހިތްވަރާއެކު މަސައްކަތްކުރާ، ނޫކަށިފުރައިގެ ޒުވާނުން ވިޔަފާރިވެރިންގެ އިސްނެގުމެވެ. ބަދަލުވެފައިވާ ޒަމާނީ ވިޔަފާރީގެ އައު ސިނާޢަތު ބިނާކުރާ، މިދެންނެވި އަތްތަކުގެ ހިތްވަރެވެ. އިތުރު އަތްތަކަކަށް ބޭނުންވެފައި މި އޮތީ، އިއްޔެ ފަދައިން، ރާއްޖޭގެ އެކްސްޕޯޓުގެ އައު ބާބެއް، ކުރަހާނެ ދަރިންތަކަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

06 ޖޫން 2017
އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

04 ޖޫން 2017
ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

01 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު