އަންވަރު ފަދަ ބޭފުޅުންގެ މަސައްކަތްފުޅުތަކުން ހިތްވަރު ލިބިގަންނަން ޖެހޭ: ޑރ ޖަމީލް
16 މެއި 2018 | ބުދަ 14:21އަންވަރަކީ އިސްލާހީ މަސައްކަތްތައް ކުރުމުގައި ލާމަސީލު ލީޑަރެއް

ކުރީގެ ނައިބް ރައީސް ޑރ ޖަމީލު
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު އަންވަރު އިބްރާހިމް ފަދަ ބޭފުޅުންގެ މަސައްކަތްފުޅު ތަކުން ހިތްވަރު ލިބިގަންނަން ޖެހޭ ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ ބޮޑު ވަޒީރުގެ ކުރީގެ ނައިބު އަންވަރު މިނިވަންކުރުމާއި ގުޅިގެން މަރުހަބާ ދަންނަވާ ކުރައްވާފައިވާ ޓްވީޓެއްގައި ޑރ ޖަމީލު ވިދާޅުވީ އަންވަރަކީ އިސްލާހީ މަސައްކަތްތައް ކުރުމުގައި ލާމަސީލު ލީޑަރެއް ކަމަށެވެ.
ޑރ ޖަމީލު ވިދާޅުވީ ޑިމަކްރަސީއާ، އިންސާނީ ހައްގުތައް ދެމެހެއްޓުމަށް އަންވަރު ކުރައްވާފައިވާ މަސައްކަތްތަކުން ބާރާއި، ހިތްވަރު ލިބިގަންނަންޖެހޭ ކަމަށެވެ. އަދި މުސްލިމް އުންމަތްތަކުން އަންވަރު ކަހަލަ ބޭފުޅުން ނަމޫނާ އަކަށް ބަލަންޖެހޭ ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ.
މީގެ އިތުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަންވަރު މިނިވަންވުމާއި ގުޅިގެން މަރުހަބާ ދަންނަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ކަމެއް ހާސިލް ކުރުމަށް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަމަށެވެ.
މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު ދެވަނަ ފަހަރަށް ޖަލަށް ލެއްވީ 2015 ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގްގެ ވެރިކަމުގަ އެވެ. އަންވަރުގެ މައްޗަށް ޖަލު ހުކުމް އިއްވީ އޭނާގެ ސިޔާސީ ހަޔާތް ނިމުމަކަށް ގެންނެވުމަށް ނަޖީބު ބޭނުންފުޅުވެގެން ކަމަށާއި، ހިންގީ ސިޔާސީ ޝަރިއަތެއް ކަމަށް އަންވަރު ވަނީ ވިދާޅުވެފައެވެ.
މެލޭޝިއާގެ އާންމު އިންތިހާބުގައި އެގައުމުގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެން ރާއްޖޭގެ ސިޔާސީ އިދިކޮޅި ފަރާތްތަކުން ވަނީ އުފާފާޅު ކުރައްވާފައެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވައިފިނަމަ ލިބިވަޑައިގަންނަވާނީ ހަމަ އެ ނަތީޖާ ކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.







